ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށާއި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވަނީ ރާއްޖެއަކީ ތަހުޒީބު މުޖުތަމަޢުއަކަށް ހެދުމަށެވެ. މިގޮތުން، ރައްޔިތުންނަށް ބޭނުންވާ މާއްދީ ވަސީލަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބާރުވެރިކުރެވިފައިވާ މިންވަރު ހާމަކުރައްވަމުން މި ކުންފުނިތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރައްވާ ސަބަބުތައް އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، މި ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާގޮތްތައް އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮންމެ ސަރުކާރަކުންވެސް އިސްކަންދޭންޖެހޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށްކަމަށް ވިދާޅުވަމުން މި ސަރުކާރުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެތެރޭގައި ފުރަތަމަ ފަހަރަށް ސައްވީސް ގަޑިއިރަށް މުޅި ރާއްޖެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމާ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ބޭސް ލިބޭނެވަސީލަތެއްކަމަށްވާ ބޭސް ފިހާރަ ޤާއިމުކުރެވިގެންދިޔުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކަނޑިތީމު ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއްވަނީ ވެދުމަށް އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުވީ ކަނޑިތީމު ކައުންސިލުގެ ރައީސް އަލްފާޟިލް ޢަލީ ރިފާޒުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުއާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ޙުސައިންއާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފްއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެސިޑެންޝަލް އެފެއާޒް އަލްއުސްތާޛް މުޙައްމަދު މުޖްތާޒްއާއި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ފަޒުލް ރަޝީދުއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.