بســم اللّـه الرّحمـن الرّحيــم

ޙަމްދާއި ޝުކުރުކުރަނީ މާތް اللّـه تباركت وتعالى އަށް. ނިޢުމަތަށް ކައުކުރެއްވި محمّد نبيّا އަށް صلوات އާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނަކީ އިންސާނިއްޔަތަށް ރިވެތި މިސާލުތަކާއި މަޞްލަޙަތާއި ސުލްޙަވެރިކަން ގެނެސްދެއްވުމަށް އެންމެ މަތިވެރި ޚިދުމަތެއް ކުރައްވާފައިވާ ސާހިބާކަން އަޅުގަނޑުމެން ހަނދާނަށް ގެންނަމުން.

އާދެ، އަޅުގަނޑުމެންނަކީ، ނިޢުމަތްތަކަށް ޝުކުރުކުރާ ބައެއް. ކުރިނބީގެ ރައްޔިތުންގެ ފަރާތުން ދެންމެ ވާހަކަފުޅު ދައްކަވަމުން، މި އުފާވެރި މުނާސަބަތުގައި ކުރިނބީއަށް މިހާތަނަށް ކުރެވިފައިހުރި ކަންތައްތަކޭ ވިދާޅުވީމާ، އަޅުގަނޑުގެ މަސައްކަތް ތިޔަބޭފުޅުންނާ އެކީގައި ހިއްސާކުރާއިރު ވަރަށްބޮޑުތަން ފަސޭހަވެގެންދޭ.

އަޅުގަނޑަށް ގަބޫލުކުރެވެނީ، މިއަދުގެ ތަންކޮޅެއް ނުތަނަވަސް ގަޑިއެއްގައި އަޅުގަނޑުމެން އައުމުންވެސް އަދި މި މަހެފިލުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިންގެ އަދަދު ބަލައިލި ކަމުގައިވިޔަސް، ކުރިނބީގެ ހުރިހާ ރައްޔިތުން، ކުދި ބޮޑު އެންމެހައި ރައްޔިތުން އަޅުގަނޑަށާއި އަޅުގަނޑާއެކީ ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވާން ތިޔަ ވަޑައިގެންދެއްވީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ޝައުޤުވެރިކަމެއްގެ ސަބަބުން. އާދެ، ޝައްކެއްވެސްނެތްގޮތުގައި މި ސަރުކާރުގައި މިހނގާ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިނބީއަށް ކުރިނބީގެ ރައްޔިތުން އެދިވަޑައިގަންނަވާ ވަރަށްގިނަ ކަންތައްތަކެއް ފުދިގެންގޮސްފައިވާތީ، އެކަމުގެ ޝައުޤުވެރިކަން ތިޔަބޭފުޅުން އަޅުގަނޑުމެންނާ ތިޔަ ހިއްސާކުރައްވަމުން ގެންދަވަނީ.

އުފާވެރި ދުވަހެއް. އުފާވަނީ، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯގައި ފެނިގެންދިޔަގޮތުން އެކިއެކި އުނދަގުލުގައި، މިރަށުގެ ލަފާފުރުމުގެ ދަތިކަންތަކުގައި ތަޙައްމަލު ކުރަމުންގޮސް، އެންމެފަހުން އިރާދަކުރެއްވިއްޔާ ފަސޭހަ، މިޒަމާނުގެ ރަނގަޅު ބަނދަރެއް ލިބިގެންދާތީ. އުފާވެރިކަމުގެ ޖަލްސާއެއް. ކުރިނބީގެ ހަމަ ހުރިހާ ރައްޔިތުންނަށް ހިނިތުންވުމާއި އުފާވެރިކަން ނޫން ކަމެއް އިރާދަކުރެއްވިއްޔާ މިއަދަކު ނެތް. އަދި ހަމަ އެހެންމެ މުޅި ދިވެހިރާއްޖެއަށް ބަލާކަމަށްވަންޏާވެސް، އުފާވެރިކަމުގެ ދުވަސްތަކެއް އަޅުގަނޑުމެން ހޭދަކުރާ ދުވަސްކޮޅެއް، މި ދުވަސްކޮޅަކީ. އުފާވާން މިޖެހެނީ، އަޅުވެތިކަމުގެ އެކިއެކި ސިފަތަކުން އަޅުގަނޑުމެން ވީއްލިގެންދާތީ. އުފާކުރަން ޖެހެނީ އަޅުގަނޑުމެންގެ ތެރެއިން ބީވެގެން ގޮސްފައިވާ، ވީރާނާވަމުން މިދާ، އެކިއެކި ކަންތައްތައް އާރާސްތު ކުރަން މަސައްކަތް ކުރެވޭ ދުވަސްތަކަކަށްވާތީ. އުފާވާން މި ޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި ހަލާކުވެ މުޅިން ގެއްލިފައިވާ، އަޅުގަނޑުމެންގެ އަޚުލާޤާއި، އަދި ޢުމްރާނީ ތަރައްޤީއަށް ބެލިކަމަށްވިޔަސް، ހަލާކުވަމުންދާ ތަންތަން އަލުން އާރާސްތުކޮށް، އޭގެ ބޭނުންހިފޭތަން ފެނުނީމާ. ހަމަ އުފާކުރާ ދުވަސްތަކަކަށްވަނީ، ޒުވާން ޖީލަކަށް ހެޔޮގޮތުގައި ތަރުބިއްޔަތުވުމަށް އަޚުލާޤާއި ރިވެތި އުސޫލުތައް އަނބުރާ އިޢާދަވުމުގެ މަސައްކަތްތަކެއް ކުރެވޭ ދުވަސްތަކަށްވާތީ. އުފާކުރަން މިޖެހެނީ، ބޭރުގެ އިސްތިޢުމާރީ ނުފޫޒުތަކުން އަދިވެސް ދިވެހިރާއްޖެ ކަހަލަ ކުދިކުދި ޤައުމުތަކަށް ބަސްބުނަމުން ޖަދަލުކުރަމުންދާ ދިޔުމަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރަމުންގޮސް، އޭގެ ނަތީޖާތައްވެސް އަޅުގަނޑުމެންނާ ބައްދަލުކުރާ ދުވަހަކަށްވާތީ. އުފާވާންޖެހެނީ، އަނެއްކާވެސް އަޅުގަނޑުމެންގެ ދިވެހި ޝަޚުޞިއްޔަތަށް ބަލާކަމަށްވަންޏާ، ޤައުމުގެ ޝަޚުޞިއްޔަތަށް ބަލާކަމަށްވަންޏާ، ރާއްޖޭގެ އުތުރާއި ދެކުނު، އިރާއި ހުޅަނގު، އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ ހުރިހާ ދިމާއެއްގައި، ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ، ރާއްޖޭގެ ކޮންމެ ރަށެއްގައި، އެއް މަޝްރޫޢަށް ގިނަ މަޝްރޫޢު ހިނގަމުންދާކަން. ރައްޔިތުން އެދޭ ކަންތައްތަކަކީ މިއީ. ރައްޔިތުން އެދޭ ކަންތައްތަކެއް ފުރިހަމަވެގެންދާ ކަމަށްވަންޏާ، ރައްޔިތުންނަށް ހަމަޖެހުމެއް އަންނާނެ. ރައްޔިތުން އުފާވާނެ.

ތަޢުލީމީ ދާއިރާއަށް ބަލާކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެންގެ ރަސްމީ މުޤައްރަރުގެ ތެރޭގައި ޤުރުއާނަކީ، މަޖުބޫރު މާއްދާއެއް ކަމުގައި ހަދައިގެން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ މިސާލަކާއި އަޞްލެއް މިވަނީ، ކީރިތި ޤުރުއާނުގައި. ހަމަ އެހެންމެ، ދިވެހިބަހަށް ދެވޭ ސަމާލުކަމާއި ދީނީ ތަޢުލީމަށް ދެވޭ ސަމާލުކަން އިތުރުވެގެން މިދިޔައީ މި ސަރުކާރުގައި. ހަމަ އެހެންމެ، މިކަހަލަ ކުދިކުދި ރަށްރަށުގައި އެންމެބޮޑަށް ބޭނުންވާނީ، ރަށުގައި މި އޮންނަ ކުޑަކުޑަ މުޖުތަމަޢަކީ، ހަމަޖެހިގެން ޞުލްޙަވެރިކަމާއެކީ، އެކަކު އަނެކަކަށް އިޙްތިރާމުކޮށް ހަދާ ބަޔަކަށްވެގެން. މިކަން ކުރެވޭނީ، ނޫނީއްޔާ އުފާވެރި އަޅާލުންތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، އަޅުގަނޑުމެންގެ ތެރޭގައި ވެލިއު ސިސްޓަމެއް، ގަބޫލުކުރާ އުސޫލުތަކެއް، ތަބާވާ އުސޫލުތަކެއް، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ކުރުން ނޫނީ އެކަކު އަނެކަކުގެ ޙައްޤުތަކަށް ރައްކާތެރިވާ މިންވަރު އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެވިގެން. މިކަހަލަ ތަރުބަވީ ފިލާވަޅުތަކެއް ދިނުމުގެ ބޭނުމުގައި ރާއްޖޭގެ އެތައް އަހަރަކު އިބްތިދާޢީ ތަޢުލީމާއި، މަތީ ތަޢުލީމު ދިނުމަށްފަހު މި ސަރުކާރުގައި މި ޒަޢާމަތުގައި މި ނިންމީ، ކިތަންމެ ކުޑަކުޑަ ރަށެއްގައި ނަމަވެސް، ކިޔަވައިދޭ ޓީޗަރުންނަކީ، އެންމެ ކުޑަމިނުން އެޑްވާންސް ޑިޕްލޮމާއެއް އޮންނަ ޓީޗަރަކަށް ވާންޖެހޭނެ. އަދި އިރާދަކުރެއްވިއްޔާ އިތުރު ދައުރެއް ރައްޔިތުން އަޅުގަނޑާ މަތިކުރައްވައިފި ކަމަށްވަންޏާ، އަޅުގަނޑުގެ ދައުރުގައި އަނެއްކާވެސް ހަމަޖެހިގެންދާނީ، ކިތަންމެ ކުޑަ ރަށެއްގައި ނަމަވެސް، ކިތެންމެ ދުރުގައި، ކިތަންމެ އެކަހެރި ރަށެއްގައި ނަމަވެސް، ކިޔަވައިދޭ ކޮންމެ މުދައްރިސަކީ، މަދުވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މުދައްރިސަކަށް ވެގެންދިޔުން. މިއީ އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ޢަޒުމަކީ. މިއީ، އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ ރޫޙަކީ. ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންގެ ޒުވާން ޖީލަކަށް އެންމެބޮޑަށް ބޭނުންވަނީ، އަޚުލާޤާއި އުސޫލާއި ކަންކުރުމުގެ ހުނަރުވެރިކަމާއި، އަދި ދުނިޔޭގައި ހިނގާ ކަންތައްތަކަށް ލޯހުޅުވުމުގެ ޤާބިލުކަން ލިބިގެންދިޔުން. މިކަން ލިބިގެންދާނީ، ޝައްކެއްވެސްނެތް އަޅުގަނޑުމެންނަށް ޢިލްމު އުނގެނިގެން، ކިޔެވިގެން. އަދި މަޞްލަޙަތަށް ލޯބިކުރުމާއި، އެކަކު އަނެކަކުގެ ޙައްޤުތަކާ ދޭތެރޭގައި އަޅާލުމާއި އޯގާތެރިވުމާއި، ދޮށީ ރައްޔިތުންނަށް ކަމޭހިތުމާއި އަދި ނެތިގެންމިދާ އަޚުލާޤު އަނބުރާ އިޢާދަކުރަން ކުރެވޭ މަސައްކަތް އަންނާނީ އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވި ގޮތަށް އުސޫލުތަކެއް ނުވަތަ ވެލިއު ސިސްޓަމެއް ޤާއިމުކުރެވިގެން.

މި މަސައްކަތް ދިވެހިރާއްޖޭގައި މިއަދު ކުރެވެމުންދާތީ، އަދި އަޅުގަނޑުމެންގެ ގޭގޭގެ ސިޓިންގރޫމުގައި ހުންނަ ޓީވީތަކުން މީހުންގެ އަބުރާ ބެހުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، މިކަހަލަ އެތައްބޮޑެތި ވިޔާނުދާ ކަންތައްތަކުން ދިވެހި މުޖުތަމަޢު ސަލާމަތްކުރަމުން ގެންދާ ދުވަސްކޮޅަކަށްވާތީ، ދިވެހި ރައްޔިތުން އުފާވަނީ.

އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށް ސުވާލެއްކޮށްލާނަން. އަޅުގަނޑުމެންގެ ފަރާތުން ބަސްބުނެ ކަންތައް ނިންމާ ރަށަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުމާއި، އަދި އަޅުގަނޑުމެން ބޭނުންވާ އެހެން ކަންކަން ކުރުމަށް ބަސްބުނާ މީހުންގެ ތެރޭގައި މި ތިބެނީ ޑިމޮކްރެޓިކް ނިޒާމެއް ކަމަށްވަންޏާ ރައްޔިތުން ފަރާތުން ބަސްބުނަން އިންތިޚާބުކުރާ ބައެއް. އެއީ، ކައުންސިލަރުން ކަމުގައިވީނަމަވެސް، އެއީ، ރައްޔިތުންގެ މަޖިލީހަށް ތިޔަބޭފުޅުން ފޮނުއްވާފައި ހުންނަ މަންދޫބެއް ކަމުގައިވީނަމަވެސް، އަދި ތިޔަބޭފުޅުންގެ އެންމެ މަތީ އަމުރު ހަވާލުކުރައްވާފައި ހުންނަ، ވަލީ ހަވާލުކުރައްވާފައި ހުންނަ ރައީސް ކަމުގައިވީނަމަވެސް، އެއީ އިންތިޚާބުވެފައި ހުރި މީހެއް. ކުރިމަތީގައި މިއޮތީ ދެންނެވި ކަހަލަ އިންތިޚާބެއް. ލޯކަލް ކައުންސިލްގެ އިންތިޚާބު. މި އިންތިޚާބާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، ކޮންމެ މީހަކީވެސް، ވޯޓުލާންދާ މީހަކަށްވާން އެބަޖެހޭ. އަދި ވޯޓުލާން ދާއިރު، ކުރީ ސަފުގައި މި އިންނެވި ޢަލީ ޢާރިފު، އަޅުގަނޑުމެން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވަނީ، ކޮންމެހެންވެސް ވޯޓުލާ ދުވަހު ކުރަންޖެހޭ ކަމަކީ، ސިކުނޑި ގޭގައި ބާއްވާފައި ވޯޓުލާން ނުދައްޗޭ. ސިކުނޑި ހިފައިގެން ވޯޓުލާން ދައްޗޭ. އޭގެ މާނައަކީ، ހެޔޮގޮތް ވިސްނުމާއި، ވެފައިހުރި ކަންތައްތަކަށް ރިޢާޔަތްކުރުމާއި، އިންތިޚާބު ކުރަން މިއުޅޭ މީހެއްގެ ފަރާތުން އަންނާނީ ކިހާވަރެއްގެ ފަސޭހައެއް، ކިހާވަރެއްގެ ކުރިއަށްދިޔުމުގެ ރޫޙެއް، ކިހާވަރަކަށް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރާނެ މީހަކުތޯ ނަގަން މިއުޅެނީ. ޚިޔާލަށް ގެންނާށޭ، މިކަހަލަ ވާހަކަތަކެއް މި ހިމެނެނީ، ސިކުނޑި ހިފައިގެން ވޯޓުލާން ދައްޗޭ ބުނާބުނުމުގެ ތެރޭގައި. އަޅުގަނޑުމެންނަށް ފެނިއްޖެ، ލޯކަން ކައުންސިލް އިންތިޚާބުތައް. އަޅުގަނޑުމެން ލޯކަލް ކައުންސިލަރުން އިންތިޚާބުކޮށްގެން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ރަށުގެ ތަރައްޤީއަށް ބޭނުންވާ ކިތަންމެ ބޮޑެތި ކަންތައްތައްވެސް ސިޔާސީއާއި ފިކުރުގެ ތަފާތާހެދި ރައްޔިތުންނަށް ބޭނުންވާގޮތަށް އެކަންކަން ފުދިގެންނުދާ ކިތަންމެ ހާލަތެއް، މިދިޔަ ކުރު މާޒީގެ ތެރޭގައި އަޅުގަނޑުމެންނަށް މިހިރީ ފެނިފައި.

މިހާރު މިއަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް، އަޅުގަނޑުމެން ޚިޔާލަށް ގެންނަންވީ މިކަހަލަ ކަންކަން. މި ރަށުގެ ރައްޔިތުން ޒުވާނުން، ބަށިކޯޓުތަކާއި، ފުޓުސަލް ދަނޑާއި އަދި މިނޫންވެސް ކުޅިވަރު ކުޅޭނެތަންތަން ބޭނުންވާނެ. ސަރުކާރުން އިރާދަކުރެއްވިއްޔާ މިކަންކަމަށް ހޭދަކޮށްދޭނެ. މި ބަނދަރަކީވެސް ބޮޑު ހޭދައާއެކީ ނިމިފައި އޮތް ބަނދަރެއް. އަދި މިހާރު ދެންމެ އަޅުގަނޑުމެންނަށް ވާހަކައިގައި އިވިގެންދިޔަގޮތަށް މިރަށަށް ބޭނުންވާ ކަރަންޓުވެސް މިއޮތީ ހޯދައިދެވިފައި. އަދި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު، އަޅުގަނޑަށް އެނގިފައިވާ ގޮތުން ވެއްޖިއްޔާ، 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އެހެންވީމާ، މިރަށަށް ބޭނުންވާ ކަރަންޓުގެ ކަންތައް އެ ހިނގަނީ. ދެންމެ އަޅުގަނޑަށް އިލްތިމާސެއް އައީ، މި ރަށުގެ ނަރުދަމާގެ މައްސަލަ، އެއީވެސް ހަމަ ސަރުކާރުން ބަލައިގަންނަ ކަންކަން. އެއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ހދ. ގެ ރަށްތަކުގެ ތެރެއިން މިރަށް ހިމެނިގެން އެބަދޭ، ރައްކާތެރި ބޯފެން، ރައްކާކުރުމުގެ ނިޒާމު ޤާއިމުކުރާ ރަށްރަށުގެ ތެރޭގައި. މި މަސައްކަތް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށިގެން، މިއަންނަ އަހަރު މީގެ ފަސޭހަކަން މި ރަށަށް ލިބިގެންދާނެ.
އިރުގެ ހަކަތަ، އިރުގެ ހަކަތައިން ހަކަތަ އުފައްދާ އެނަރޖީ ހޯދުމުގެ މަސައްކަތުގައިވެސް މި ރަށް މިއޮތީ، އެ މަޝްރޫޢުގެ ތެރޭގައި ހިމެނިފައި. މިއީ ބޭރުގެ އެހީއާއެކީ އަޅުގަނޑުމެން ގެންދާ މަޝްރޫޢެއް. އެކަންވެސް އިރާދަކުރެއްވިއްޔާ މިހާރު އެއޮތީ ނިމުމުގެ ހިސާބުގައި. އިރާދަކުރެއްވިއްޔާ މި ރަށަކީ ވަރަށް ނަސީބުގަދަ ރަށަކަށްވެގެންދާނެ.

އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، މިކަހަލަ ހުރިހާ ކަމެއް ސަރުކާރަށް ކޮށްދެވޭނީ، މިރަށުގެ ރައްޔިތުންގެ ފަރާތުން، ޚާއްޞަކޮށް ރައްޔިތުން ތަމްސީލު ކުރަން ތިބޭ ކައުންސިލަރުންގެ ފަރާތުން އެއްބާރުލުން ދީގެން. އަންހެންކުދިން ކިތަންމެވަރަކަށް ބަށިކުޅެން ބޭނުންވިނަމަވެސް، ފިރިހެންކުދިން ކިތަންމެ ވަރަކަށް ފުޓުސަލް ކުޅެން ބޭނުންވިނަމަވެސް، މިކަންކަން ކުރާނެ ދަނޑު ކަނޑައިނުދޭ ކަމަށްވަންޏާ، ބިން ކަނޑައިނުދޭ ކަމަށްވަންޏާ، އެކަންކުރުމުގައި ސަރުކާރަށް ދުވަސްތަކެއް ގެއްލޭނެ. ފަސޭހައެއްނޫން ވާނީ. އެންމެ އަސާސީ ސުވާލު. އެހެންވީމާ، ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރާއެކީ މަސައްކަތްކޮށްގެން، ރައްޔިތުން ބޭނުންވާ ކަންތައްތައް ގެނެސްދެވޭވަރުގެ ޚިޔާލުހުރި ބަޔަކު މި ލޯކަލް ކައުންސިލްގައި ތިޔަބޭފުޅުން އިޚުތިޔާރުކުރަން އެބަޖެހޭ.

އަޅުގަނޑުގެ އަސާސީ ސުވާލު، މުޅި ޤައުމަށް ކުރާ ސުވާލު. އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެން ގޮވައިގެން ހިނގަން ތިބި އެންމެންނަކީ، ސިޔާސީ ލީޑަރުން. އޭގެތެރޭގައި ވަރަށް ސިޔާސަ ބޭފުޅުންވެސް އުޅުއްވާ. އަޅުގަނޑުގެ އަސާސީ ސުވާލަކީ، ރާއްޖޭގައި އެކި ހިސާބުގައި އެކި މަޝްރޫޢުތައް ހިނގަމުން މިދަނީ. ކުރިން ނުކުރެވިފައި ހުރި ކަންތައްތައް. އާބާތުރަ ފިލުވުން. އެއަށްވުރެ ބޮޑެތި ކަންކަން. ނޫނީވިއްޔާ އަމުދުން ނުކުރެވިހުރި ކަންތައްތައް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އެކަންކަން ކުރުމަށް އަޅުގަނޑުމެންނަކަށް ހުރަހެއްނެތް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ބޮޑެތި މަޝްރޫޢުތައް. އެ ވާހަކަ ދައްކާކަށް ނޫން. ރައްޔިތުން ބޭނުންވަނީ، އަދި މިކަހަލަ އާބާދީތަކުގައި ރައްޔިތުންނަށް ބޭނުންވާނީ، ރައްޔިތުން ބޭނުންވާ މިކަހަލަ ފަސޭހަތައް ލިބިގެން، އެ ފަސޭހަތަކާއެކީ ހަމަޖެހޭ މުޖުތަމަޢެއްގައި އުޅެން ބޭނުންވާނީ. ކުށް މަދު މުޖުތަމަޢެއްގައި ރައްޔިތުން އުޅެން ބޭނުންވާނީ. މި ދޭތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ކުށްގިނަ އަދި ކުށަށް އަރައިގަތުމުގެ އެއްވެސް ގޮތަކަށް އަނެކާގެ ޙައްޤަށް ހަމަ އެއްވެސް ވަރަކަށް ވިސްނަން ބޭނުންނުވާ މީހުން، ރާއްޖޭގެ އެކި ހިސާބުގައި ގިނަވަމުންދިޔަތަން. އެކަންތައްތައް ފެށިފައި އޮތީ، މީހުންގެ ކަރާމާތް ނަގާލުމުގެ ތެރެއިން، މީހުންގެ އަބުރާ ބެހުމުގެ ތެރެއިން، މުޖުތަމަޢުގެ މީހުންގެ އަގު ވައްޓާލާ މީހުންނަކީ، އެހެން މީހުންގެ ނަފުރަތު އުފެދޭފަދަ މީހުންގެ ގޮތުގައި ސިފަކޮށްދީގެން. އަދި އެއާއެކީގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އޭގެ ނަތީޖާ އެންމެފަހުން ބޮޑެތި ބޮޑެތި ޖިނާއީ މައްސަލަތަކުގައި ނޫނީ ޖިނާއީ ކުށްތަކަށް އަރައިގަތުންވެސް އެއްވެސް ކަހަލަ ޖެހިލުމެއްނެތި ކުށްކުރަމުންދިޔަތަން.
މި ސަރުކާރުން ކުރި މަސައްކަތަކީ، ތަރައްޤީއާއެކީ ރައްޔިތުންގެ ހަމަޖެހުމަކީ އެއީ، މުހިންމު އެއްޗެއް ކަމަށް މި ސަރުކާރު އަބަދުވެސް ގަބޫލުކުރޭ. މި ސަރުކާރުގެ ވިސްނުމަކީ އެއްގޮތަކަށްވެސް، މާއްދީ ތަރައްޤީ އެކަންޏެއްނޫން. މާއްދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންގޮސް އަދި އެ ތަރައްޤީގެ މާނަވީ ބޭނުމެއް ހިފޭނީ، އެޔާއެކީ ކޮލިޓީ އޮފް ލައިފް، ނޫނިއްޔާ ދިރިއުޅުމުގެ ފޭރާން ހެޔޮކޮށްގެން. އެހެންވެގެން ތަޢުލީމަށްދޭ އިސްކަމާއި، މުޖުތަމަޢުން ކުށް މަދުކުރުމަށް ދޭ އިސްކަން، މި ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވެފައި މިއޮތީ. ހަމައެކަނި ކޮންކްރީޓް ޖަންގަލިތަކެއް ހަދާފައި ރައްޔިތުން ދޫކޮށްލިއަކަސް، އެއަކުން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނޯންނާނެ. އެހެންވީމާ، ބިނާކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ، މިދެންނެވި ކަހަލަ ހޯލްސަމް، ޒިންމާދާރު ހުރިހާ ކަމަކަށް އެޑްރެސް ކުރެވިގެންދާ ހެޔޮ މުޖުތަމަޢެއް، ފޭރާންހެޔޮ ޖީލެއް ބިނާކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ.

އަޅުގަނޑު ދެންނެވި އަސާސީ ސުވާލު. ހުރިހާ ދިވެހި ރައްޔިތުންނާ އަޅުގަނޑުކުރާ ސުވާލު. ރައްޔިތުން ބޭނުންވަނީ، މިކަހަލަ ތަރައްޤީގެ ކަންކަމޭ. ރައްޔިތުން ބޭނުންވަނީ، ފޭރާންހެޔޮ މުޖުތަމަޢެއް އެ ރަށްރަށުގައި އޮވެގެންދިޔުން. ރައްޔިތުން ބޭނުންވަނީ، ފެނާއި ނަރުދަމާ، ކަރަންޓާއި އަދި މިނޫންވެސް، އެކިއެކި މަސައްކަތްތައް ފުދިގެން ދިޔުން. މި ހުރިހާ ކަމެއް ކުރަމުންދާއިރު، އަޅުގަނޑުގެ ގާތުގައި ތިޔަބޭފުޅުން މިއަދު ވިދާޅުވެދެއްވާ، އަޅުގަނޑުމެންނާ ވާދަކުރައްވާ ސިޔާސީ ލީޑަރުންގެ ތެރެއިން ކޮން ބޭފުޅަކުތޯ، މިއިން ކަމަކާ ވާހަކަފުޅު ދައްކަވަނީ. ކާކުތޯ ވާހަކަދެއްކީ. ސަރުކާރުން މިގެންދާ މަޝްރޫޢުތަކުގެ ތެރޭގައި މިވެނި ރަށެއްގެ މިވެނި މަޝްރޫޢެއް ނުލައޭ. ނޫނީ މިވެނި މަޝްރޫޢެއް ދިޔުމުގައި މިވެނި ކަންތައްތަކެއް އެބަހުއްޓޭ. މަޝްރޫޢު ޑިޒައިން ކުރެވިފައި ހުރިއިރު މިވެނި ކަހަލަ ޝޯޓު ކަމިންގްސް ނޫނީ ފޫނުބެދޭ މިވެނިމިވެނި ކަންތައްތައް އެބަހުއްޓޭ. އަޑުއެއްސެވިންތޯ. މި އިވެނީ ސަރުކާރު ވައްޓާލާ ވާހަކަ. ސަރުކާރު ޖަވާބުދާރީ ކުރާ ވާހަކަ. ކޮންކަމަކަށް ސަރުކާރު ޖަވާބުދާރީ ކުރަންވީ. ޖަވާބުދާރީ ކުރާ މީހުންނަކީ، މި ހިނގި ތިން އަހަރުގެ ބަޖެޓުގައިވެސް ރައްޔިތުންނަށް ބޭނުންވާ މިކަހަލަ ކަންކަން ހޯދުމަށް ސަރުކާރުން ޖަހާ ބަޖެޓަށް ވޯޓުވެސް ނުދޭމީހުން. އެހެންވީމާ، އެ އޮތީ ޖަވާބުދާރީ ކުރުވިފައި.

އެހެންވީމާ، އަޅުގަނޑުގެ އަސާސީ ސުވާލަކީ، ދިވެހި ހުރިހާ ރައްޔިތުންނާ ކުރާ ސުވާލަކީ، ރައްޔިތުންގެ ކަންކަން ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ނިންމާ ކަމަށް ބުނެ، ޑިމޮކްރަސީ ގެންނަން ވަކާލާތުކުރާ މީހުންނާއި، ބޭފުޅުންނާއި، ލީޑަރުންނަށް އަޅުގަނޑުކުރާ ސުވާލަކީ، މި ހުރިހާކަމެއް ނިމިގެން މިއަންނަނީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުދިގެން ދިޔުމުންނޭ. މިކަން ކުރުމުގައި މިއިން އެއްވެސް ކަމެއްގެ ސުވާލު އުފައްދަވައި، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަމުގެ ވާހަކަފުޅު ދައްކަވައި މިކަންކަން ކުރައްވައިފިތޯއޭ. އަބަދުވެސް އަބުރާ ބެހޭ ބިލުގައި ހުރި އަދަބުތައް ބޮޑުވެގެން، މީހުންގެ ޙައްޤުތައް ގެއްލިގެން. ކުށްވެރިންގެ ޙައްޤުތައް ގެއްލިގެން. އެ ޙައްޤުތައް ހޯދައިދިނުމުގައި. މިކަހަލަ ކޮންމެވެސް ކަމެއްގައި މިއުޅުއްވަނީ. މުޅިންވެސް ވީރާނާކުރަނިވި ކަންކަމުގައި މިއުޅެނީ.

ހަމަޖެހުމަކީ، މުޖުތަމަޢުގެ ހަމަޖެހުމަކީ، މުޖުތަމަޢުގެ ބޮޑު އާބާދީއަކީ ކުށްނުކުރާ މަޢުޞޫމު ބައެއް. އެ މީހުންގެ މަޢުޞޫމުކަން ހަލާކުކުރަނީ ކުށްކުރާ މަދުބައެއް. މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މަދު ބައެއް. އެމީހުން މުޖުތަމަޢުގައި ހަމަޖެހޭގޮތަކަށް ގެންގުޅުމަށްޓަކައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އަދަބުގެ ނިޒާމެއް އެކަށައަޅާފައި އޮންނަނީ. އަދަބުގެ ނިޒާމަކީ، އިއްޔެއަކު އިހަކަށްދުވަހު ދިވެހިރާއްޖެއަށް އެކަނި އައިސްގެންއުޅޭ ކަމެއްނޫން. އެންމެ ޤަދީމީ ޒަމާނުން ފެށިގެން ހުރިހާ ސަގާފަތްތަކެއްގައި، ހުރިހާ ދީންތަކެއްގައި އޮންނަކަމެއް އަދަބު. އަޅުގަނޑުމެން އިސްލާމްދީނަށް ބެލިއަސް މިކަންއޮތީ މިހެން. ރާ ބުއިމާއި، ޒިނޭކުރުމާއި އަދި މިނޫންވެސް ﷲ ނަހީކުރައްވާފައި ހުރި ކަންކަމަށް އަދަބު އެހެރީ ކީއްވެގެންތޯ އައިސްފައި. އެހެންވީމާ، މިދެންނެވި ކަހަލަ ބޮޑެތި ޙައްޤުތަކަށް އަރައިގަންނައިރު، އެއްބަޔަކު އެއީ އަޅުގަނޑުމެންގެ ތެރެއިންވެސްމެ، މި ވާހަކަދައްކަނީ، މި އަދަބުތައް މާ ބޮޑެތިއްޔޭ. އެހެންވީމާ، ކުށްކުރާ މީހުން، ބޮޑަށް ސަލާމަތްކުރަންޖެހެނީ. މިތާ މިއޮންނަ ޞުލްޙަވެރި އަދި މަޢުޞޫމް ބޮޑު ރައްޔިތަކަށް ނޫން އިސްކަންދޭން މިޖެހެނީ، އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސީ މީހުން، ދިވެހިރާއްޖެ މި ހޭދަކުރާ، ކަޑައްތުކުރާ މިދެންނެވި ކަހަލަ ގޮންޖެހުންތަކާއެކީ ކުރިއަށް ދެވޭތޯ މަސައްކަތްކުރާ މިއޮތް އުނދަގޫ ދުވަސްކޮޅުގައިވެސް އަޅުގަނޑުމެންނަށް ދެކެވެނީ، މިކަހަލަ ވާހަކަ. އަޅުގަނޑުމެންގެ ތެރެއިން ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަ އަޑެއް ނާއްސަވާނެ ތިޔަބޭފުޅުންނެއް. މިދިޔަ ހަފުތާގެ ތެރޭގައިވެސް އަދި މި ބަނދަރު ހެދެމުންދިޔައިރުވެސް، ކުރިނބީގެ ބަނދަރުއޮތީ، ކޮން ސްޓޭޓަސްގައެއްތޯ. ކޮން ހާލަތެއްގައިތޯ އެކަންއޮތީ.

ދެން އަޅުގަނޑުމެން ދާން މިއޮތީ، ހިރިމަރަދުއަށް. ހިރިމަރަދޫގެ ބަނދަރަކީ، ކިހިނެއް ހެދުނު ބަނދަރެއްތޯ؟ ޚިޔާލަށްވެސް ނާންނާނެ، މިކަހަލަ ސުވާލެއްކުރާކަށް. ޚިޔާލަށްވެސް ނާންނާނެ، މިއަދު އުމުރުފުރާއަށް އަންނަ އަންހެންކުދިންނަށް ހެލްތް ސްކްރީނިންގ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހަދައިދޭން ސަރުކާރުން ނިންމާފައިއޮތްތޯ، ނެތްތޯ؟ ޚިޔާލަށްވެސް ނާންނާނެ މި ސުވާލުކުރާކަށް. ނުކުރާނެ އެ ސުވާލެއް. އެހެންވީމާ، މިއީ ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނަށް ޙައްސާސްވާ، ރައްޔިތުންނަށް ބޭނުންތެރި ބޮޑެތި ކަންކަމުގައި އަޅުގަނޑުމެންގެ ސިޔާސީ މީހުންގެ ވިސްނުން، ފުޅާމިނަށާއި ދިގުމިނަށް ދަތުރުކުރާ މިންވަރު އަޅުގަނޑު މިދަންނަވާލީ. އެހެންވީމާ، މި ސަރުކާރުން މިކުރާ މަސައްކަތްތަކަކީ، މިދެންނެވި ގޮތަށް އަޅުގަނޑުމެން ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ އިތުރަށް، ހޯލްސަމް ނޫނީވިއްޔާ އަޚުލާޤު ލިބިގެންވާ ރަނގަޅު ސުލޫކެއްގެ މަތީގައި ބިނާވެފައި އޮތް ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަ ނިންމާލަމުން ހަމަ ކުރިނބީގެ ހުރިހާ ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އަޅުގަނޑު އުންމީދުކުރަން، އިންތިޒާރުކުރަން. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއަށް އުފާވެރި ބާއްޖަވެރި ދުވަސްތަކަކަށް ﷲގެ ޙަޟުރަތުން އެދި ﷲ އަށް ދުޢާ ދަންނަވަން. ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންކުރާ މަސައްކަތް ވާންވާނީ، ޞުލްޙަވެރި މިދެންނެވި ކަހަލަ މުޖުތަމަޢެއް ބިނާކުރާ މަސައްކަތްތަކެއްކުރާ ބަޔަކަށޭ.

އަޅުގަނޑުމެންނަށް ކަންކަންކުރެވޭއިރު، ކައުންސިލަރުން އިންތިޚާބުކުރާއިރު، ރައްޔިތުންގެ މަޖިލީހަށް މީހުން ދައްކާއިރު، ރައީސްކަންކުރާ މީހުން ދައްކާއިރު، އެ މީސްމީހުންނަކީ، ރާއްޖޭގައިހުރި ޤާނޫނުތަކާ އެއްގޮތަށް ކަންކަން ކުރުމަށް ކިހާވަރެއްގެ ހިތްވަރަކާއި ޤާބިލުކަންހުރި ބައެއްތޯ، އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އެކަންކަމަށް ޚިޔާލު ނުފޯރަންޏާ، ނޫނީ އެކަންކަމަށް އެބޭބޭފުޅުންގެ ޝަރުޠު ފުރިހަމަނުވާ ކަމަށްވަންޏާ، ހަމަގައިމުވެސް ވަލިއްޔުލްއަމުރަކަށް ހުރެގެން، އެ ބޭފުޅުން ކުރައްވާ އަމުރުގެ އެއްވެސް ކަހަލަ ބަލައިގަތުމެއް ރައްޔިތުންގެ ތެރެއަކު ނޯންނާނެ.

މީހަކު ކުށެއް ކުރީމަ، އެއީ ރައީސަކަށް ހުރެގެން ކުރި ކުށަކަށްވާއިރު، އޭނާއަށް ޖަލު ޙުކުމެއް އަންނަކަމަށް އޭނާއަށް ގަބޫލުނުކުރެވޭ ކަމަށްވަންޏާ، ކިހިނެއްތޯ ދެން އެނބުރި ވެރިކަމަށް އައިސް އެހެންމީހަކަށް ޖަލު ޙުކުމެއްކުރާނީ؟ އޭގައި ކޮންކަހަލަ ބަލައިގަތުމެއްތޯ ރައްޔިތުންނާ ހަމައިގައި އޮންނާނީ؟ އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ރައްޔިތުން ވިސްނާވަޑައިގަންނަވާ. މިތަނުގައި ކައުންސިލަރުން އިންތިޚާބުކުރައްވާއިރުވެސް އަދި މިއަތޮޅުގެ އެހެން ރަށްރަށުގައި ކައުންސިލަރުން އިންތިޚާބު ކުރައްވާއިރުވެސް، ކައުންސިލަރުންނަކީ ސަރުކާރާއެކީ، ރައްޔިތުންގެ ފައިދާއަށް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތަކަށް މަގުފަހިކޮށްދޭ ފަސޭހަކަން ގެނެސްދޭ، ހަލުވިކަން ގެނެސްދޭ ޒިންމާދާރު ބައެއްގެ ގޮތުގައި ތިބުމަކީ ޝައްކެއްވެސްނެތްގޮތުގައި މިތަންތަން ތަރައްޤީކުރަން މި ސަރުކާރުން ކުރާ މަސައްކަތުގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ ފަސޭހައެއް.

މިކަމާއެކީ އަޅުގަނޑުމެން ދައްކާނީ، ގެއްލިފައިހުރި ޙައްޤުތަކުގެ ވާހަކަ. މިހުރިހާ ވާހަކައެއް ދައްކަންވާނެ. އެކަމަކު އަޅުގަނޑުމެންގެ މީޒާން ބުރަވެގެންދަނީ، ހަމައެކަނި ބައެއް ކަހަލަ ވާހަކަ ދެއްކުން އެކަނި ކަމަށްވަންޏާ، އެއީ އަދި އިންސާފުވެރިކަމެއް ނޫން. އަޅުގަނޑުމެންނަށް ބޭނުންވަނީ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވަނީ މީހުންގެ ޖީބު ތަނަވަސްވެގެން ދިޔުން. އަޅުގަނޑުމެން ބޭނުންވަނީ، ޒުވާނުންނަށް ބޯހިޔާވަހިކަން ފަހިވެގެންދިޔުން. އަޅުގަނޑުމެން ބޭނުންވަނީ މިރަށްރަށަށް ބޭނުންވާ ފެނާއި ނަރުދަމާ ހަމަޖެހިގެން ދިޔުން. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ދަރިންނަކީ، ރާއްޖޭގެ ކިޔެވެލިން މަތީ ފާސް ހޯދައިގެން، ބޭރުގެ ޔުނިވަރސިޓީތަކުންވެސް ރަންވަނަ ހޯދާ ކުދިންނަށް ވެގެންދިޔުން. އަޅުގަނޑުމެން ބޭނުންވަނީ، އެކުދިންނަށް ފޮނުވާނެ ފައިސާއާއި، ތިޔާގިކަމާއި މުއްސަނދިކަން ދިވެހި ދައުލަތުގެ ޚަޒާނާގައި ހުރުން. މިކަންކަން ކުރެވޭނީ، މިކަންކަން ކުރުމުގެ ފުރުޞަތު، އެ ވަގުތަކު ހޮވިފައިހުރި ރައީސަކަށް ދީގެން.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާފައި، އަޅުގަނޑު ހަމަ މިދެންނެވި އަސާސީ ސުވާލު، ތިޔަބޭފުޅުން ބައްލަވާ! އެއްވެސް ސިޔާސީ ލީޑަރެއްގެ ފަރާތުން އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދެއްވާތޯ؟ ދެއްވާކަމަށްވަންޏާ، އެއީ ރައްޔިތުންގެ ކަންކަމާ ދޭތެރޭގައި ހޭލުންތެރި އަދި ވިސްނާ ހެޔޮއެދޭ ލީޑަރަކަށްވާނެ. އެކަމަކު ދައްކަނީ ހަމައެކަނި މަޖިލީހުގެ ތެރޭގައި ހިނގާ ކަންތައްތަކުގެ ވާހަކަޔާއި ތަރައްޤީގެ އެއްވެސް މަޝްރޫޢެއްގެ ވާހަކަ ނުހިނގި، މިތަނުގައި ކުށްވެރިންނަށް ދެވޭ އަދަބު ބޮޑުވެގެން އެވާހަކަ ވާހަކަ ދައްކަވާ ކަމަށްވަންޏާ، އެއީ އަޅުގަނޑު މިދެންނެވި ކަހަލަ، އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ކަންކަމުން ބީވެހުރެ، ދުރުވެހުރެ، ބީރައްޓެހި އަޅުގަނޑުމެންނާ ނުގުޅޭ ވާހަކަތަކެއް އެ ދައްކަވަނީ. އެއީކީ ޒިންމާދާރުކަމާއެކީ ކުރެވޭކަމަކަށް ވެގެންނުވާނެ. މިއީ ކޮންމެ ޕާޓީއެއްގައިވެސް މިކަން އޮންނާނެގޮތް. މިއީ ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެން ތަމްސީލުކުރަން ތިއްބެވި ބޭފުޅުން ކުރެއްވިޔަސް، ހަމަ މި ސުވާލު އެބަ އުފައްދަންޖެހޭ.

ކުރިނބީގެ ރައްޔިތުންނަށް މިއަދު މުހިންމުވާނީ، ހަމަޖެހޭ ތަނަކަށް ކުރިނބީ ވެގެންދިޔުން. ހަމަޖެހުން އަންނާނީ، ތިޔަބޭފުޅުންނަށް ބޭނުންވެފައި ހުރި ޚިދުމަތްތައް ލިބުމާއެކީ، މިތަނަކީ މީހުން އުޅެން ހިތްފަސޭހަ ތަނަކަށް ވެގެންދިޔުން. ހިތްފަސޭހަ ތަނަކަށް ވެގެންދާނީ، ހަމައެކަނި، ގަސްކަރަ ބޯވެގެނެއް ނޫން. ހިތްފަސޭހަ ތަނަކަށް ވެގެންދާނީ، މިތާއުޅޭ މީހުންގެ ސުލޫކުވެސް، އެގޮތަށް ބައްޓަންވެގެން ދިޔުމުން. އެކަހަލަ މުޖުތަމަޢެއް ބިނާކުރެވޭނެ ގޮތުގެ ވާހަކަ އަޅުގަނޑު މިދެންނެވީ. އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުން މަސައްކަތް ކުރައްވަނީ، މިކަހަލަ މުޖުތަމަޢެއް ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާށި! ކުރިނބީއަށް އުފާފާގަތި ދުވަސްތަކަކަށް އަޅުގަނޑުގެ އުންމީދު އޮތް ވާހަކަ ދަންނަވަމުން، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ތިޔަ ކަމޭހިއްތެވި ހިއްތެވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.