އޫރިދޫ ގްރޫޕުގެ ބޯޑް އޮފް ޑިރެކްޓަރސް ގެ ޗެއަރމަން، ހިޒް އެކްސެލެންސީ ޝެއިޙް ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދު އަލް ޘާނީއާއި، އޫރިދޫ ގްރޫޕުގެ ސީއީއޯ، ޝެއިޙް ސަޢުދު ބިން ނަޞީރު އަލް ޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އޫރިދޫގެ ފަރާތުން ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށްޓަކައި ޤަތަރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އޫރިދޫ ގްރޫޕުގެ ބޯޑް އޮފް ޑިރެކްޓަރސް ގެ ޗެއަރމަންވަނީ އޫރިދޫގެ ފަރާތުން އަލަށް ތަޢާރަފްކުރަން ހަމަޖެހިފައިވާ ޙިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބުއާ ހިއްސާ ކުރައްވާފައެވެ. އަދި، އޫރިދޫގެ މަޤްޞަދަކީ ރާއްޖެއަކީ "ޑިޖިޓަލް މޯލްޑިވްސް"އަށް ހެދުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ފޮރިން ރިލޭޝަންސްގެ އަންޑަރސެކްރެޓަރީ އަލްއުސްތާޛް ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވިއެވެ.