ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ކޮމަންވެލްތްއިން ދިވެހިރާއްޖެ ވަކިވުމަށް ދިވެހި ސަރުކާރުން ނިންމަވައިފިއެވެ.
މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖެ ކޮމަންވެލްތުގެ ޤައުމެއްގެ ގޮތުގައި އޮވެގެން ކުރިއަށް ދިޔުމާމެދު ގޮތެއް ނިންމެވުމަށްޓަކައި ކުރެވުނު މަޝްވަރާގައި، ކޮމަންވެލްތްގައި ރާއްޖެ އޮތުމުން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ހަމަޔާއި އިންސާފުން ބޭރުން ދިވެހިރާއްޖެއާމެދު ފިޔަވަޅު އަޅައި، ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސަތުތަކަށް ބާރު ފޯރުވައި، ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުން ގެންދާތީ، އޭގެ ނުރަނގަޅު އަސަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ފޯރުމާއެކު، އެއީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުމަށް ލޮޅުން އެރުމަށް މެދުވެރިވާ ކަމެއްކަމަށް ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގެން، ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) ގެ ދަށުން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ދިވެހިރާއްޖެ ކޮމަންވެލްތްގެ ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
އަދި 1982 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވެ، އެ ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ދިވެހި ދަޢުލަތުގެ ފަރާތުން އިޚްލާސްތެރިކަމާއެކު، އެންމެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދިޔަ ނަމަވެސް، ދިވެހިރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުން އައި މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކޮމަންވެލްތުން ބަލައިގެންފައި ނުވާކަންވެސް ވަޒީރުންގެ މަޖިލީހުން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެ ކޮމަންވެލްތްއިން ވަކިވާން ނިންމެވި ނިންމެވުމަކީ ދަތި އުނދަގޫ ނިންމެވުމެއް ނަމަވެސް، މިއީ ދިވެހި ޤައުމުގެ ސިޔާދަތު ޙިމާޔަތްކުރުމަށްޓަކައި ނިންމުނު މުހިންމު ނިންމުމެއް ކަމަށާއި، ދިވެހިރާއްޖެ ކޮމަންވެލްތްއިން ވަކިވި ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ ތަރައްޤީއާއި އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ދިވެހި ދަޢުލަތުގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމަށް އިޙްތިރާމްކުރާ، ދިވެހި ސަރުކާރުގެ ބޭރުގެ ފަރާތްތަކާއެކު ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރުމަށް ވަނީ ނިންމަވާފައެވެ.
އަދި ދިވެހި ދަޢުލަތް ހަރުދަނާ ކުރުމަށާއި، މުޖުތަމަޢުގެ ކުރިއެރުމާއި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިޔަށްދާނޭ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އެންމެހާ ރައްޔިތުންނަށް ދެއްވައެވެ.