އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކުގެ ފަރާތުން އެ ބޭންކުގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑޮކްޓަރ ޑީ.ޖީ. ޕާންޑިއަން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި އޭ.އައި.އައި.ބީގެ ނައިބު ރައީސް ވަނީ ރާއްޖޭގައި ކުރިޔަށްގެންދިއުމުގެ ފުރުޞަތު އޮތް ބައެއް މަޝްރޫޢުތަކަށް އޭ.އައި.އައި.ބީގެ ފަރާތުން ފައިސާ ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އޭ.އައި.އައި.ބީއަކީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޢިމާރާތްކުރުމުގެ ކަންކަމުގައި މާލީގޮތުން އެހީތެރިވާ ބައިނަލްއަޤްވާމީ މުޢައްސަސާއެކެވެ.

މި ބޭންކަކީ ޗައިނާ ސަރުކާރުން އިސްނަންގަވައިގެން، މުޅި ޖުމްލަ 57 ފައުންޑިންގ މެމްބަރުންނާއިއެކު ފަށާފައިވާ ބޭންކެކެވެ.

ދިވެހިރާއްޖެއަކީ އޭ.އައި.އައި.ބީ ގެ ހުރިހާ މެމްބަރުންގެ އަޤްލަބިއްޔަތު ލިބިގެން އޭ.އައި.އައި.ބީ ގެ 23 ވަނަ ފައުންޑިންގ މެމްބަރުގެ ގޮތުގައި 31 ޑިސެންބަރު 2014 ގައި ކަނޑައަޅާފައިވާ ޤައުމެކެވެ.