بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


އާދެ، މި އުފާވެރި ރަސްމިއްޔާތަށް އަޅުގަނޑު އައުމުން، ފުވައްމުލަކުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން ތިޔަ ވިދާޅުވި ހޫނު ވަރުގަދަ މަރުޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ އެންމެ އިޚްލާޞްތެރި ޝުޢޫރާއެކީ، ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ޝައްކެއްވެސްނެތް، އަޅުގަނޑު ކުރި ރިޔާސީ އިންތިޚާބުގެ މަސައްކަތުގައި، އަޅުގަނޑަށް ވަރަށް ފޮނި ނަތީޖާތަކެއް ހޯއްދަވައިދެއްވުމަށް ފުވައްމުލަކުގެ ހުރިހާ ރައްޔިތުން ގިނަގުނަ، ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި، އަދި އެ ނަތީޖާ ވަނީ ދެންމެ ކޮންމެވެސް އެއް ބޭފުޅަކު ވިދާޅުވިފަދައިން، އޭ ރިޕޯޓެއްގެ ސިފައިގައި އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވާފައި. އަދި އެޔާއެކީ އަޅުގަނޑަށް ކަށަވަރުވެގެން މިދިޔައީ، ފުވައްމުލަކުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންގެ ބަދަހިކަން އިތުރުވެގެންގޮސް އަދި އޭ ރިޕޯޓް، އޭ ޕްލަސް ޕްލަސްއަށް ވެގެންދާނެ ކަމަށް. މިހުރިހާ ޚިޔާލުފުޅުތަކަށް، އޯގާތެރި ބަސްފުޅުތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަނީ، ފުވައްމުލަކަށް ޒިޔާރަތް ކުރުމަކީ އަބަދުވެސް އަޅުގަނޑުގެ ހިތުގެ ޝައުޤުވެރިކަން އޮންނަ ކަމެކޭ، ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވާލަމުން.

އާދެ، ފުވައްމުލަކަށް އަޅުގަނޑުމެން މިއަދު އައިސް ވަރަށް މުނާސަބު ދުވަހެއްގައި އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ފުވައްމުލަކުގެ ޚާއްޞަކޮށް، ޖިންސުއްލަޠީފުންގެ ހަން އިތުރަށް ދޮންވެގެންދާނެކަމުގެ އުޖާލާ ވަރުގަދަ މަސައްކަތަކަށްވެގެން އެބަދޭ.

އާދެ، މުޙައްރަމް ދިހަޔަކަށް އަލިވިލެމުންދާއިރު، އިރުއޮއްސިފައި އޮތްއިރު، އާދެ، ޢާޝޫރާޔަށް އިރުއޮއްސިފައި އޮންނައިރު، މިއީ އިންސާނިއްޔަތު ބިނާކުރެވުނު އެތަކެއް އިޙްތިފާލުތަކެއް، ނޫނީ އެތަކެއް މުނާސަބަތުތަކެއް އަޅުގަނޑުމެންގެ އިންސާނީ ދިގު ޙަޔާތުގައި ފެނިގެން ގޮސްފައިވާ މުހިންމު ދުވަހެއް. ދުނިޔެ އާރާސްތު ކުރުން، ޒަވާޖީ ޙަޔާތުތަކާއި އަދި އެކުވެރިކަން އާރާސްތު ކުރުން، ބޮޑެތި އެކިއެކި މުޞީބާތްތަކުން އިންސާނިއްޔަތު ސަލާމަތްވުން، މިކަހަލަ އެތައް އިޙްތިފާލުތަކެއް މި ދުވަސް ރަމްޒުކޮށްދޭ. އެހެންކަމުން، ފުވައްމުލަކަށް ދިމާވެފައި އޮތް އެންމެ ބޮޑެތި ދަތިކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މައްސަލައަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ފުވައްމުލައް ސިޓީގެ ޢިއްޒަތްތެރި މެންބަރުންގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިފަދައިން، އެންމެދަތި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ފެނާއި ނަރުދަމާއިން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަންޖެހޭ ފަސޭހަކަން ލިބިގެން ދިޔުން. އެހެންވީމާ، އިއްތިފާޤަކަށް މިވަނީ އުފާވެރި އިއްތިފާޤެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރާ ކަމެއްގެ ގޮތުގައި.

އާދެ، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ އެކި ހިސާބުގައި ހިންގޭ ފެނާއި ނަރުދަމާގެ އެންމެބިޔަ، އެންމެބޮޑު މަޝްރޫޢަށް. ގާތްގަނޑަކަށް ތިންސަތޭކަވަރަކަށް މިލިއަން ރުފިޔާ ޚަރަދުވެގެން މި ހިންގޭ މަޝްރޫޢަކީ، ޝައްކެއްވެސްނެތްގޮތުގައި ފުވައްމުލަކަށް އުފާވެރިކަމާއި، އުޖާލާކަމާއި އަދި އާރޯކަމާއި، އާރާސްތު ގެނެސްދޭނެ މަޝްރޫޢަކަށް ވެގެންދާނެ. އަޅުގަނޑުމެން ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެކި ދިމައިގައި ހުންނަ ބޮޑެތި ކަންކަން. ރައްޔިތުންގެ ބޭނުންތައް، އެކި ދިމައިގައި އެކިގޮތަށް މި ހުންނަނީ. އެކަމަކު ހަމަގައިމުވެސް ގަބޫލުކުރަންޖެހޭ އެއްކަމަކީ، މި ބޭނުންތަކަކީ ދުވަހަކުވެސް ފުދިގެންދާނެ ބޭނުންތަކެއް ނޫން. ހަމަ ކޮންމެ ދިމާއެއްގައިވެސް މި ހުންނަނީ ބޮޑެތި ގޮންޖެހުންތައް. ބޮޑެތި ކަންކަމަށް ބޭނުންވެފައި މި ހުންނަނީ ހުރިހާ ދިމާއެއްގައިވެސް. އަޅުގަނޑުމެން މި ރަށަށް އައިސް، މި ބޮޑު ބިޔަ މަޝްރޫޢު ފަށާއިރު އަދި މި އެނގެނީ އަދި އުޅެނީ މީގެ ބޮޑު ބިޔަ އެތައް މަޝްރޫޢުތަކެއް ފަހަތުގައިކަން. މިރަށަށް އައިސް އަޅުގަނޑުމެން ޒިޔާރަތްކުރާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، އަދި މިރަށުގައި ކުރަންހުރި ކަންތައްތައް ހިނގާށޭ ލިސްޓްކޮށްލަމާ. އޭގެތެރޭގައި ވަރަށް އާދައިގެ ބައެއް ކަންތައްތައްކަންނޭނގެ އަޅުގަނޑުމެންނަށް މި ސްޓޭޖުން އިވިގެން ދިޔައީ. އެހެންނަމަވެސް، މިއޮތް ބޮޑު ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ކުޑަ މަޝްރޫޢެއް ނޫން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ކޮންމެވެސްވަރެއްގެ އަންދާސީ ހިސާބަކަށް ބަލާކަމަށްވަންޏާ، މި މަޝްރޫޢު ވެގެންދާނީ އަނެއްކާވެސް މުޅި ރާއްޖޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ އަގުބޮޑު މަޝްރޫޢަށް. ގާތްގަނޑަކަށް މި މަޝްރޫޢުގެ އަގު އަންދާޒާ ކުރެވެނީ، ބާވީހަކަށް މިލިއަން ޔޫރޯ. ނޫނިއްޔާ ފަންސަވީހަކަށް، ސައްބީހަކަށް މިލިއަން ޑޮލަރު. ތިންސަތޭކައަށްވުރެ މަތީގެ މިލިއަން ރުފިޔާ. މި މަޝްރޫޢަށް ފައިސާ ހޯދުމުގެ މަސައްކަތްތައް މިހާރު ދިވެހި ދައުލަތުން ވަނީ ފަށާފައި. އަދި އިރާދަކުރެއްވިއްޔާ ނެދަރލެންޑްސްގެ ސަރުކާރުންނާއި، ކުވައިތު ފަންޑުގެ ފަރާތުން އަޅުގަނޑުމެންނަށް އުންމީދީ ވާހަކަތަކަކާއެކީ މި މަޝްރޫޢުގެ ކަންތައްވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ މި މަޝްރޫޢުވެސް މި ޒަޢާމަތުގެ ތެރޭގައި ފެށިގެން، ނިމިގެން އަދި އެކަމުގެ ފަސޭހަކަން ފުވައްމުލަކުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނާ ހަމަޔަށް އަންނާނެ ކަމަށް.

ބާރަހާސް ފައްސަތޭކަވަރަކަށް މީހުން އުޅޭ އާބާދީއެއްގައި ސިޓީއަކަށް ބަދަލުވެގެންދާއިރު، ޝައްކެއްވެސްނެތް، ބޭނުންތެރިކަން، ބޭނުންވާ ކަންތައްތައް މަދެއްނުވާނެ. ހަމައެކަނި ކުނީގެ ނިޒާމަށް ބެލިކަމުގައިވީނަމަވެސް، މިރަށުގެ ކުނީގެ ނިޒާމު ހަމަޖެހިގެންދާއިރު، މިއީ އަގުބޮޑު މަޝްރޫޢަކަށް ވެގެންދާނެ. ކުނިކޮށްޓަކީ ހަމަ އެންމެ ކަމެއް. އެކަމަކު އެޔާއެކީ އަޅުގަނޑަށް ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތް އުފާވެރި ޚަބަރަކީ، މިހާރު މިވަނީ ކުނި ނައްތާލުމުގެ ނިޒާމަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް އިމްޕޯޓް ކުރުމަށްޓަކައި އިމްޕޯޓަރަކާ ނުވަތަ މި އިމްޕޯޓް ކޮށްދިނުމަށްޓަކައި ބަޔަކާ ހަވާލުކުރެވިފައި. އަޅުގަނޑުމެން އުންމީދު މި ކުރަނީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގެ ތެރޭގައި، ކުނި ނައްތާލާ ނިޒާމުގެ މި މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށް.

ހަމައެހެންމެ، ފުވައްމުލަކަށް އައިސް އަޅުގަނޑުމެން ޒިޔާރަތް ކުރާއިރު، އަޅުގަނޑުމެންނަށް ފެންނަނީ ޒުވާނުންނަށް ބޭނުންވާ އެތައް ކަންތައްތަކަކަށް ޒުވާނުން ފެންބޮވާފައި ތިބިތަން. ޝައްކެއްވެސްނެތްގޮތުގައި، ފުޓްސަލް ދަނޑުތައް، ބަށިކޯޓުތައް، އަދި މިނޫންވެސް އެހެން އެތައް ކަމެއް ބޭނުންވެގެންދާނެ. ހަމައެޔާއެކީ އަޅުގަނޑުމެން ހަނދާނުން ކައްސާލައިގެން ނުވާނެ ކަމަކީ، ޒުވާނުންނަކީ ވަޒީފާގެ ފުރްޞަތު ބޭނުންވާ ބަޔަކަށްވެގެންދާނެކަން. މިތަނުގައި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން އެބަ ތިއްބެވި. އަޅުގަނޑު ހަމަ މި ކުންފުނިތަކުގެ އިސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، އެބޭފުޅުން ކުރައްވާ މަސައްކަތުގައި މިރަށުގެ ރައްޔިތުން އިތުރަށް ޝާމިލް ކުރައްވާށޭ، ބައިވެރިކުރައްވާށޭ، ވަޒީފާގެ ފުރްޞަތު ދެއްވާށޭ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، އެމް.ޕީ.އެލުން މިރަށުގެ މަސައްކަތް މިފަހަރު، މި ޒަޢާމަތުގައި ފަށައިގެން މި ދާއިރު، މިހާރު އެކަނިވެސް 38 މުވައްޒަފުންނަށް ވަޒީފާ ވަނީ ދެއްވާފައި. މިއީ ހަމަ ކޮންމެ ކުންފުންޏަކުންވެސް، ކޮންމެ ކުންފުންޏަކުންވެސް ބަލައިގަނެ، ނަކަލު ކުރައްވަންޖެހޭ ނަމޫނާއެއް. ހަމަ ކޮންމެ ކުންފުންޏަކުންވެސް މިރަށުގެ ރައްޔިތުންނަށް، މިރަށުގެ ޒުވާނުންނަށް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މި 38 މުވައްޒަފުންގެ ތެރޭގައި 95 އިންސައްތައަކީ ޒުވާނުން. ޒުވާނުންނަކީ އަޅުގަނޑުމެންގެ އުންމީދު. ޒުވާނުންނަކީ އެ ބަޔަކަށްޓަކައި އަޅުގަނޑުމެންގެ މަންމައިން، ބައްޕައިން އަދި އަޅުގަނޑުމެންގެ ދޮށީ ރައްޔިތުން. އެމީހުންގެ އުންމީދުތައް ހަވާލުކޮށްފައިވާ ބަޔަކީ ޒުވާނުން. އެހެންވެގެން ޒުވާނުންގެ އަޚްލާޤު މުހިންމުވެގެންދަނީ. އެހެންވެގެން އަބުރާބެހުން އެއީ ކޮންކަހަލަ ކަމެއްކަން ޒުވާނުންނަށް ކިޔައިދޭން ޖެހިގެން މިދަނީ. ޒުވާނުންނަށް ތަރައްޤީއަށް ހޭދަކުރާ މިންވަރާއި، ރާއްޖެ ދަރަނިވެރިވާ މިންވަރާއި އަދި އެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ރާއްޖޭގެ ސަރުކާރުން ހޯދަންކުރާ މަސައްކަތާއި، އަދި ރާއްޖެއަށް އެކި ފަރާތްތަކުން މިކުރާ ދުއްތުރާތަކާއި، ފިއްތުންތަކާ، މިކަންކަން މި އަންނަނީ ކޮން ސިފައެއްގައި، ކީއްވެގެންތޯއާއި، އަދި މިކަންކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރާ ހޭދައާއި، ސަރުކާރުން ކުރާ މަސައްކަތާ، މިއީ ދެންމެ މަސީޙު އެ ވިދާޅުވިފަދައިން، އެސްލޯނު ހޮޅިން ސިކުނޑި ބޭރަށް ނެރުނީމަ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި ފިކުރުކުރަންޖެހޭ ކަންކަން.

މި ސިޓީއަށް އައިސް އަޅުގަނޑުމެން މި ދެންނެވި ކަހަލަ އެތައް ބޮޑެތި މަޝްރޫޢުތަކެއްގެ ވާހަކަ ދައްކާއިރު، އަދިވެސް ބޭނުންތައް ހަމަ ދަނީ އިތުރުވަމުން. މިއީ ޠަބީޢީ ކަމެއް. މިއީ އިންސާނީ ޠަބީޢަތުގައި ހުރި ކަމެއް. މި ސިޓީގައި މިކަހަލަ ބޮޑެތި ބިޔަ މަޝްރޫޢުތައް ހުންނައިރު، ދެން އަޅުގަނޑުމެން ވިސްނާލަންވީ މި ސަރުކާރުގައި، ރާއްޖޭގެ އެކި ހިސާބުގައި، އިރާއި ހުޅަނގުގައި، އުތުރާއި ދެކުނުގައި ހިނގާ މަޝްރޫޢުތަކަށް، ފެނާއި ނަރުދަމާގެ ވާހަކަ ދެންމެ މިނިސްޓަރ ޠާރިޤުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. ފެނާއި ނަރުދަމާގެ ބިޔަ ބޮޑު އެތައް މަޝްރޫޢުތަކެއް އެތައް ރަށެއްގައި މިހާރުވަނީ ނިމި، އަދި އެތައް ރަށެއްގައި އޮންގޮއިންގ މަޝްރޫޢުތަކެއްގެ ގޮތުގައި، ހިނގަހިނގާ ހުރި މަޝްރޫޢުތަކެއްގެ ގޮތުގައި، މި ޒަޢާމަތުގެ ތެރޭގައި ނިމިގެންދާނެކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ދެންމެ އަޅުގަނޑުމެންނާ އެ ޙިއްޞާ ކުރެއްވީ. ހަމައެގޮތަށް އަޅުގަނޑުމެން ބަލާއިރު ފެނިގެން މިދަނީ، ރާއްޖޭގެ އެކި ހިސާބުގައި ބިޔަ ބޮޑެތި މަގުތައް ހެދިގެންދާތަން. މިތާ މި އިންނެވީ ހައްދުންމަތީގެ ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުމެން ޕާޓީގެ ނައިބު ރައީސް. އަދި ހަމައެހެންމެ އެހެން ޢިއްޒަތްތެރި މެންބަރުން އެބަ ތިއްބެވި، އަޅުގަނޑުމެންގެ މި އިޙްތިފާލުގައި، މި ޖަލްސާގައި. ކޮންމެ ދާއިރާއަކަށް ބަލައިލި ކަމުގައިވީނަމަވެސް، އިންފްރާސްޓްރަކްޗަރގެ ބޮޑެތި ބިޔަ މަޝްރޫޢުތައް މި ހިނގަނީ. މިކަންކަން މިކުރަނީ ސަރުކާރުގެ ކުންފުނިތަކުގައި ހުރި ޤާބިލުކަމާއި އަދި ބޭރުގެ ކޮންޓްރެކްޓަރުން ބޭނުންކޮށްގެން. އަޅުގަނޑުމެން ކިތަންމެ ބާރަށް މަސައްކަތް ކުރަން ބޭނުންވި ކަމުގައިވީނަމަވެސް އަދި ފައިސާ ހޯދައިގެން އެކަން ކުރަން ބޭނުންވި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް މިކަންކަން އެބްޒޯބްކޮށް، މިކަން ކުރުމުގެ ކެޕޭސިޓީ ހަމަ ޙަޤީޤަތުގައިވެސް ދިވެހިރާއްޖޭގައި މިއަދު ވަނީ އިތުރަށް ބޭނުންވެފައި. އެހެން ނުވާކަމަށްވަންޏާ، މިވާގޮތަކީ ހުރި މުދާކޮޅުގެ ބޭނުންކޮށްގެން، ނޫނީ ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން މިކަންކަން ކުރާއިރު، 20 މިލިއަން ރުފިޔާއަށް ހެދޭ ބަނދަރުގެ އަގު، 30 މިލިއަން ރުފިޔާއަށް ބޮޑުވެގެންދަނީ. އެކަމަކު ހަމަ ލިބެނީ އެއް ބަނދަރެއް. އެކަމަކު ތަކެތި ލިބުމުގައި ހުރި ދަތިތަކާއި، އަދި މަސައްކަތް އަވަހަށް ނިންމުމަށް ކުރާ މަސައްކަތުގެ ތެރޭގައި، މިދެންނެވި ގޮތަށް ރިސޯސް ކޮންސްޓްރެއިން ވެގެން ދިޔައިމަ، ނޫނީ ބޭނުންވާ ވަސީލަތްތައް އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ލިބިގެން ނުދާތީ، މުދަލުގެ އަގު، މުޅި މަޝްރޫޢުގެ އަގު ބޮޑުވެގެން މިދަނީ.

އެހެންވީމާ، މީގެކުރިން ތަންކޮޅެއް ކުޑަ އަގެއްގައި ކުރެވޭ އެތައް ކަމެއް މިދަނީ އަގުތައް ބޮޑެތިވެ، ބިޔަވަމުން މިދަނީ. އެހެންނަމަވެސް، މިއަދު ސަރުކާރުގެ ބަޖެޓަކީ ގާތްގަނޑަކަށް ބާވީސްހާސް މިލިއަން ރުފިޔާ، ފަންސަވީސްހާސް މިލިއަން ރުފިޔާ. ބާވީސް ނޫނިއްޔާ ފަންސަވީސް ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، ސަރުކާރެއް، ސަރުކާރުގެ ޒިންމާ އުފުލާފައި ވަކިވެގެން ދިޔައިރު، ދިވެހިރާއްޖޭގެ ދަރަނި، މި ސަރުކާރު ހަވާލުވިއިރު އޮތީ ތެއްތިރީސްހާސް މިލިއަން ނޫނީ ތެއްތިރީސް ބިލިއަން ރުފިޔާގެ ބޮޑު ދަރަނީގައި. މި ދަރަންޏަކީ ހަމައެކަނި ހިސާބު ފޮތެއްގައި ލިޔެފައި އޮންނަ، ފިނޭންސް މިނިސްޓްރީގައި އޮންނަ ހިސާބު ފޮތެއްގައި ލިޔެފައި އޮންނަ ދަރަންޏެއް ނޫން. މި ދަރަންޏަކީ ރާއްޖޭގެ ބޭންކްތަކުން ނަގާފައި ހުރި ފައިސާ ކަމުގައިވީނަމަވެސް، އަދި މަރުކަޒީ ބޭންކުން ނަގާފައި ހުރި ފައިސާ ކަމުގައިވީނަމަވެސް، ބައިނަލްއަޤްވާމީ ބޭންކްތަކުން ނަގާފައި ހުރި ފައިސާ ކަމުގައިވީނަމަވެސް، މި ފައިސާއަކީ އަބަދުމެ، އެ ފައިސާގެ އަގު އަދާކުރަން އަޅުގަނޑުމެން ޖެހޭ ކަމެއް. މިއަދުގެ އަޅުގަނޑުމެންގެ ޤައުމީ އުފެއްދުންތެރިކަމަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ، ނޫނީ މުޅި ބަޖެޓަށް ލިބޭ އާމްދަނީގެ ސަތޭކައަކުން ދިހައެއް މި ހޭދަކުރަނީ، މިގޮތަށް ނަގާފައި ހުރި ފައިސާ އަދާކުރުމަށްޓަކައި. އެހެންނަމަވެސް، އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ލިބޭ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްގެންވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދޭންޖެހޭނެއޭ. އެއްގޮތަކަށްވެސް ދައުލަތް ދަރަނިވެރިވަނީކީ ނޫން. އަދި މި ސަރުކާރުން މި ހިންގާ މަޝްރޫޢުތަކުގެ ނަތީޖާއެއްގެ ސަބަބުން ދައުލަތް ދަރަނިވެރިވެ، ބޮލަކަށްޖެހޭ ދަރަނި، މިކަންކަމާ ދޭތެރޭގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށްވަންޏާ، އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާނީ، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވާނީ އެ ދަރަނި އަދާކޮށްފައޭ. އެހެންވީމާ، އެ ދަރަނި އަދާކުރުމަށްޓަކައިވެސް އަދި އެބޭފުޅުންގެ އިޙްސާސްތައް އެހާ ސީރިއަސްކޮށް، އެ ހުށަހެޅުއްވީމަ އެބަ އެނގޭ، އެބޭފުޅުންގެ ތެރޭގައި އެ ދަރަނި އަދާކުރެވޭވަރުގެ މީހަކު ނެތީކަން. އެހެންވީމާ، އެ ދަރަނި އަދާކުރުމަށްޓަކައިވެސް އަޅުގަނޑު ހިތަށްއަރަނީ، އަދި އެއް ޓާރމް އަޅުގަނޑުމެންނަށް އެބަ ލިބެންޖެހެޔޭ. އޭރުން އެ ދަރަނިތައް އަދާކޮށްފައި އަދި ކުރިއަށް ދެވޭނީ ދޮއެއްތޯ.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ނަރުދަމާއާއި ބަނދަރުތައް. ފެނާއި ނަރުދަމާގެ ނިޒާމުތައް. އަދި އިތުރަށް މާލޭގެ، އަދި ރާއްޖޭގެ އެކިހިސާބަށް ބަލާކަމަށްވަންޏާ، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން މިހާރު ކުރެވޭ ހޭދަތައް ބައްލަވާ. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންކޮޅުތަކުގައި އެކި ހިސާބުގައި ކިތައް ނިކަމެތިން އެބަތިބިތޯ، ހިތުގެ ބަލިތަކަށް ފަރުވާ ބޭނުންވާ. އެކަމަކު މީގެކުރީގައި އިންތިޒާމްތައް ހަމަޖެހިފައި އޮންނަ ގޮތުން، މާލެއަށް ޒިޔާރަތްކޮށް، ދައުލަތުގެ އެހީ ލިބޭނެތޯ އިންތިޒާރުކޮށް، ދެ ހަފްތާ، ތިން ހަފްތާ ހޭދަވެގެންދާއިރު، އެމީހަކު އެއްކޮށްފައި ހުރި ލާރިކޮޅު ހުސްވާނެ. މާލޭގައި ދިރިއުޅުމަކީ އަގުބޮޑުކަމެއް. ފަސޭހަކަމެއް ނޫން. އެކަމަކު މިއަދު ކެތްލެބެއް ޤާއިމްކޮށް، އިންދިރާގާނދީ ހޮސްޕިޓަލުން ކެތްލެބެއް ޤާއިމްކޮށް، އެ މަސައްކަތް އަޅުގަނޑުމެން ކުރަން ފެށީމަ، އެވްރެޖްކޮށް ދުވާލަކު 20 ޕޭޝަންޓުން، 30 ޕޭޝަންޓުން ހިތުގެ އެކި ފެންވަރުގެ ފަރުވާ، އެކި ފެންވަރުގެ ޕްރޮސީޖަރު އެބަހަދާ. ހަމަ ޞިއްޙީ ދާއިރާގެ ހިތުގެ ޑިޕާޓްމަންޓުން އެކަނި. މި ޚިޔާލަށް ގެންނަވާ، މިއީ ކޮންފަދަ ނިޢުމަތެއްކަން. މިއީ ކުއްލިއަކަށް މި ސަރުކާރާއެކީ ހިތުގެ ބަލިތައް އުފެދުނީކީ ނޫން. ޝައްކެއްވެސްނެތް، ފުވައްމުލަކުގައި އެހާ ރީތި އަންހެންކުދިން، ޖިންސުއްލަޠީފުން ތިބި ކަމަށްވަންޏާ، ހިތުގެ ބަލިތައް އުފެދޭނެވެސްމެ. އެހެންނަމަވެސް، މިއީކީ މި ސަރުކާރާއެކީ ވާރުތަވި ހިތުގެ ބަލިތަކެއް ނޫން. މީގެ ކުރިއްސުރެ ހުރި ހިތުގެ ބަލިތައް. އެހެންނަމަވެސް، މި ބަލިތައް އަޅުގަނޑުމެންނާ ހަމަޔަށް އައިސް، ޑޮކްޓަރުންގެ ފަރުވާ، ޑޮކްޓަރުންގެ އެޓެންޝަނާ ހަމަޔަށް މި އަންނަނީ އެ ފަރުވާއަށް ބޭސް ލިބޭނެ، އެ ފަރުވާއަށް ކޮންމެވެސްކަހަލަ ޝިފާއެއް، ކޮންމެވެސްކަހަލަ ހަމަޖެހުމެއް ގެނެސްދޭނެ ފެންވަރަށް ރާއްޖޭގެ މައި ހޮސްޕިޓަލްގައި އެ ވަސީލަތްތައް ތަޢާރުފްވެގެން ދިޔައިމަ.

ދެން އަޅުގަނޑުމެންނަށް މިއަދު މި އެނގެނީ، ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެމުންދާ އެންމެ ނުރައްކާތެރި ބައްޔަކަށް މިވަނީ ކެންސަރު. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މިއަހަރުގެ ބާކީ މިއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ކެންސަރަށް ޓެސްޓް ކުރުމާއި، ކެންސަރަށް ފަރުވާ ދިނުމުގެ ނިޒާމް ނޫނީ ޑިޕާޓްމަންޓެއް އައި.ޖީ.އެމް.އެޗް.ގައި އުފެދިގެންދާނެ. މިއީ ހަމަގައިމުވެސް މީގެކުރިން އަޅުގަނޑުމެންނަށް ޚިޔާލު ފޯރާފައި ހުރި ކަންކަމެއް ނޫން. މިކަންކަމަކީ ހަމަ ގަދަ ވޭނުގައި، ރާއްޖެއިން ބޭރުގައި ޢާއިލާތައް ގޮވައިގެން، ނޫނިއްޔާ ގެންދެވުނު މީހަކު ގޮވައިގެން ގޮސް، ދިގުލައިގެންދާ ފަރުވާ ބޭނުންވާ ކަންކަން. ކާކަށްތޯ މިކަހަލަ ފަރުވާކުރަން ފަސޭހަވާނީ؟ އެހެންވީމާ، އެބަޖެހޭ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ކަންކަން ކުރާއިރު، އަޅުގަނޑުމެންގެ ސިކުނޑި، އަޅުގަނޑުމެންގެ ހަށިގަނޑާއެކީ ޝާމިލުވާން އެބަޖެހޭ. ވޯޓް ފޮށްޓަކާ ހަމަޔަށްދާއިރު، އެއީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށްވީނަމަވެސް، އަދި ޤައުމީ އެހެން އިންތިޚާބެއް ކަމުގައިވީނަމަވެސް. އަބަދުވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދީން އަންގަނީ ޝުކުރުކުރަންވާނެއޭ. އަޅުގަނޑުމެންނަށް ވަސީލަތްތައް ތަނަވަސްވެގެންދާއިރު، ﷲގެ މިންވަރުފުޅުން ރިޒުޤު ތަނަވަސްވެގެންދާއިރު، އަޅުގަނޑުމެންނަކީ ޝުކުރުކުރާ ބަޔަކަށްވާންޖެހޭނެ. އަޅުގަނޑުމެންގެ ޙާލަތު އިއްޔެއާއި މިއަދާ ދޭތެރޭގައި ހުރި ތަފާތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވާނެ. އަޅުގަނޑުމެންނަކީ މަގުމައްޗަށް ނުކުމެ ވެރިކަމުގައި ތިބޭއިރުވެސް، ވެރިކަމުން ފައިބައިގެންވެސް މުޒާހަރާކުރާ ބަޔަކަށް ވުމަކުންނެއް ރާއްޖޭގެ ހޮސްޕިޓަލްގައި ހަމަގައިމުވެސް ކެތްލެބެއް ހަދައިދީފައެއްނުވޭ. އަދި ހަމަގައިމުވެސް އެކަންކަން ކޮށްގެންނެއް އަޅުގަނޑުމެންގެ ފަޅުތަކާއި ބަނދަރުތަކާ ބޮޑުކޮށް، ބިން ދަތިވެފައި ހުރި ރަށްރަށަށް ބިމުގެ މުއްސަނދިކަން ގެނެސްދީ އަދި މި ދަންނަވާ ކަހަލަ ބޮޑެތި ފްލެޓްތަކުގެ މަޝްރޫޢުތަކެއް ހިންގިފައި ހުރި ބައެއް ނޫން އަޅުގަނޑުމެންނަކީ. މިކަންކަމުގެ ވިސްނުންހުރިކަންނޭނގެ. މިކަންކަމުގެ ފޮނި ވާހަކަ އަޅުގަނޑުމެން ދެއްކިންކަންނޭނގެ. ބްރިޖަކީވެސް އެޅޭނެ ބްރިޖެއް ނޫން. އެއީ މުޅިންވެސް ހުވަފެނީ ބްރިޖެއްގެ ގޮތުގައި ވެފައި މިއޮތީ. އެކަމަކު ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މިކުރާ މަސައްކަތުން ދިވެހިންނަކީ ނަޞީބު ރަނގަޅު ބަޔަކަށް އިރާދަކުރެއްވިއްޔާ މިވަނީ ﷲ މިންވަރު ކުރައްވާފައި. އެ ފަސޭހަ ލިބިގެންދާނީ ހަމައެކަނި މާލޭގައި އުޅޭ މާލޭ މީހުންނަކަށް ނޫން. އަޅުގަނޑަކަށް ނޭނގެ، މާލޭގައި އުޅޭ މާލޭ މީހެއް. އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑަކީވެސް ހަމަ ދެބައިކުޅައެއްބައި އަތޮޅުތެރެއަށް ނިސްބަތްވާ މީހެއް. އެހެންވީމާ، މާލޭގައި އުޅޭ މާލޭ މީހުންނެއް އަޅުގަނޑަކަށް ނޭނގެ. މާލޭގަޔާއި ހުޅުމާލޭގައި މިއުޅެނީ ދިވެހި ރައްޔިތުން.

އެހެންވީމާ، މި އެންމެންނަށް ލިބޭ ފަސޭހަކަމަކީ، އަޅުގަނޑުމެން އެންމެންނަށް ލިބޭ ފަސޭހަކަން. ހަމަގައިމުވެސް މި ސިޓީއަށް ބަލައިފި ކަމަށްވަންޏާ، ބިން އިތުރަށް ބޮޑުކުރެވޭނެ ގޮތެއް ނެތްކަންނޭނގެ. އެހެންވީމާ، އަޅުގަނޑު އަނެއްކާވެސް ހަމަ ދަޢުވަތު އަރުވަންޏާ އަޅުގަނޑަކަށް ނޭނގެ، ކޮން ޖިންސަކަށް ކަމެއް މިފަހަރު ދަޢުވަތު އަރުވަންޖެހެނީ. އެކަމަކު ހަމަ ދަޢުވަތު އަރުވަނީ، މާލެއަށް، ހުޅުމާލެއަށް ޒިޔާރަތް ކުރައްވާށޭ. ރާއްޖޭގެ އެކި ހިސާބުތަކުގައި ގެދޮރު މިހާރު ނެތިފައި ތިބި ފަރާތްތަކަށް، މި ސަރުކާރުގެ އެންމެބޮޑު އަމާޒަކަށް ވެގެން މިއުޅެނީ ޒުވާނުން ބާރުވެރިކުރުވުމާއެކީ، ޒުވާނުން ގެދޮރުވެރިކުރުވުން. ގެދޮރުވެރި އަހުލުވެރިންނަށް ޒުވާނުން ހެދުން. މި މަޤްޞަދުގައި އެތައްހާސް ފްލެޓެއް އެޅިގެން އެދަނީ. ނޫނީ އެތައްހާސް ފްލެޓެއް އެޅުމުގެ އުންމީދު އަޅުގަނޑުމެން މި ކުރަމުން މިގެންދަނީ. މިއީ ވަކި ބަޔަކަށެއް ނޫން. މިއީ ދިވެހި ރައްޔިތުންނަށް. ޚާއްޞަކޮށް، މީގެ ބޮޑުބައި މިދަނީ އަޅުގަނޑުމެންގެ ޒުވާނުންނަށް.

އަޅުގަނޑުމެން މިދެންނެވި ގޮތަށް ބަލައިލާ ކޮންމެ ދިމާއަކުން، އަރި ހުރަހަށް ބެއްޔަސް، އުތުރުން ދެކުނަށް ބެއްޔަސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަޅުގަނޑުމެން ބޭނުންވާ، ޠަބީޢީގޮތުން ބޭނުންވާ އެކިއެކި ބޮޑެތި ބޭނުންތައް، ގޮންޖެހުންތައް، އެއީ ފެނާއި ނަރުދަމާ ކަމަށްވިޔަސް، ބިން ބޮޑުކުރުން ކަމުގައިވީނަމަވެސް، ބަނދަރު ހެދުން ކަމުގައިވީނަމަވެސް، ބަނދަރު މަރާމާތު ކުރުން ކަމުގައިވިޔަސް. މިރަށުގެ ބަނދަރު މަރާމާތު ކުރުމަކީ އާދައިގެ ބޮޑު ކެޕިޓަލް އިންވެސްޓްމަންޓް ޕްރޮޖެކްޓަކަށްވުރެ ޚަރަދުބޮޑު ޕްރޮޖެކްޓެއް. އެއީ އަލަށް ފަށައިގެން އެހެން ރަށެއްގައި ހަދާ ބަނދަރަކަށްވުރެ މިރަށުގެ ބަނދަރު މަރާމާތު ކުރުމުގެ ހޭދަ ނޫނީ ޚަރަދު މާބޮޑުތަން ބޮޑު. އެހެންވީމާ، މިކަހަލަ ބޮޑެތި މަރާމާތަށް ބެއްޔަސް، މުޅި ރާއްޖޭގެ އެކި ހިސާބުގައި އަޅުގަނޑުމެންނަށް ބޭނުންވަނީ މިކަހަލަ ބޮޑެތި މަޝްރޫޢުތައް. މިއީ އަޅުގަނޑުމެންނަށް ފެންނަން ހުރި ޙަޤީޤަތަކީ.

ދެން މިއިން ދުވަހަކު ސިޔާސީ ޕޯޑިއަމެއްގައި ހުއްޓި ހުރުމުގެ ފުރްޞަތު އަޅުގަނޑަށް ނުލިބޭތީއާއެކީ، ކޮންމެވެސްވަރަކަށް ޕަރސްޕެކްޓިވަށް އަޅުގަނޑު މިދަންނަވާ ވާހަކަ ތިޔަބޭފުޅުންގެ ވިސްނުންފުޅަށް ދޫކޮށްލެވޭތޯ ބަލާނަން.

ކޮންމެ ސަރުކާރަކުންވެސް، ކޮންމެ ޒަޢީމަކުވެސް މަސައްކަތް ކުރަންވާނީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދޭން. އެ ބަޔަކު މަސައްކަތް ކުރާނީ، ހަމައެކަނި އެ ބަޔަކު ބޭނުންވާ އެކަނި ކަންކަން ކުރާކަށް ނޫން. ވެރިކަމުގެ ސްޓައިލާއި، ވެރިކަންކުރާ ގޮތާއި، ވައްޓަފާޅި، އެކަކު އަނެކަކުގެ ތަފާތު ހުންނާނެ. އަޅުގަނޑުމެން ބަލަނީ، އަޅުގަނޑާއެކީ މަސައްކަތްކުރާ ކެބިނެޓް ޓީމުން ބައްލަވަނީ ވަރަށް ހަލުއިކަމާއެކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދެވޭތޯ. އަދި އެއީ ސަރުކާރު ދަރަނިވެރިވެގެންދިޔަސް، އެ ދަރަނި ފޫބެއްދޭވަރުގެ އާމްދަނީ ހޯދޭނެ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، މި ސަރުކާރުގެ އަމާޒު. އެހެންވެގެން މާލެ ކައިރީގައި ބްރިޖް މި އަޅަނީ. މާލެ ކައިރީގައި ބްރިޖް އެޅުމުގެ ބޭނުމަކީ، އެތަނުގެ އެކަނި ދަތުރުފަތުރަށް ބެއްޔަސް، މިހާރު ހުޅުމާލޭގެ އާބާދީއަކީ ސާޅީސްހާސް ކަމަށްވެފައި، ހުޅުމާލޭގެ މި ފްލެޓްތައް ހެދިގެންދާއިރު، އެތަނުގެ އާބާދީ އެއްލައްކަޔާ ހަމަޔަށް އަރާއިރު، ހަމަގައިމުވެސް ކޮންމެ މީހެއްގެ ޖީބުން ކުރާ ޚަރަދު، ކަނޑުދަތުރުން ދަތުރު ކުރުމަށް ބެލިކަމުގައިވިނަމަވެސް، މި ބްރިޖަށްދާ ޚަރަދު ފޫބެއްދޭނެ. ނޫނިއްޔާ ބްރިޖަށް ދައުލަތުން ހޭދަކުރާވަރު ފޫބެއްދޭނެ. ވަރަށްބޮޑު ބަޔަކީ ޗައިނާ ސަރުކާރުގެ ދީލަތި އެހީ. އެހެންވީމާ، މިއީ ނުކޮށް ދޫކޮށްލާވަރު ކަމެއް ނޫން. މިއީ އަޅުގަނޑުމެން މުސްތަޤްބަލްގައި އިންވެސްޓް ކުރަނީ. މިއީ ރައްޔިތުންގެ ފަސޭހައަށާއި، ރައްޔިތުންގެ ފޯރުންތެރިކަމަށް އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓެއް.

ދެންއޮތީ ބިޔަ ބޮޑެތި މަޝްރޫޢުތަކަށް އަޅުގަނޑުމެން މިކުރާ ހޭދަ ހޯދާނެ ގޮތްތަކެއް. ހުޅުލޭގެ އެއަރޕޯޓް، މުޅިން އާ އެއަރޕޯޓަކަށްވެ، އާ ޓަރމިނަލަކަށްވެ، ދުވަހަކުވެސް ރާއްޖޭގައި ނުހިންގާވަރުގެ ބޮޑު ބިޔަ މަޝްރޫޢެއްގެ ގޮތުގައި 800 މިލިއަން ޑޮލަރުގެ ލޭބަލެއް ޖެހިގެން ހުޅުލޭގެ އެއަރޕޯޓް ހެދުމުގެ ބޭނުމަކަށްވަނީ، ޝައްކެއްވެސްނެތްގޮތުގައި، މި ދެންނެވި ވަސީލަތް އިތުރުކުރުން. އަޅުގަނޑުމެންނަށް ޤުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ލިބެން އޮތީ އަޅުގަނޑުމެންގެ ހަމަ ރީތި ދޮންވެލި ރަށްތަކުން. އެ ރަށްތައް ތަރައްޤީކޮށްގެން، އެހެން މެހްމާނުންނަށް އަޅުގަނޑުމެން މެހްމާންދާރީ އަދާކުރެވޭނެ ގޮތަކަށް، ރިޒޯޓްތައް ތަރައްޤީ ކުރެވިގެން މިކަން ކުރެވެން އަންނަނީ. މިކަން ކުރެވޭކަށް އަޅުގަނޑުމެންގެ އެއަރޕޯޓަކުން މިހާރު ޖާގައެއް ނުލިބޭ. މިކަން ކުރާކަށް އަޅުގަނޑުމެންގެ އެއަރޕޯޓުން މިހާރު ޖާގައެއް ނުލިބޭ. އަޅުގަނޑުމެންނަށް ޒިޔާރަތްކުރާ މެހްމާނުންގެ އަދަދު ދޮޅުމިލިއަނެއްހާވަރު އުޅޭކަމަށްވަންޏާ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، ދިރުމެއް ހުރީމަ، އަޅުގަނޑުމެން މި އުންމީދު ކުރަނީ، މި އަދަދަކީ 6 މިލިއަނާއި 8 މިލިއަނާ ދޭތެރޭގެ އަދަދަކަށް ޖައްސަންވާނެއޭ. މި ޖެއްސޭ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ނިންމާ މަޝްރޫޢު، ދެ އަހަރުގެ ތެރޭގައި ނިމިގެންދާއިރު، މި އުފައްދަނީ ނުވަދިހަ ހަތަރުހާސް ވަޒީފާއަށްވުރެ އިތުރު ވަޒީފާ. މިއީ ޒުވާނުންނަށް އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ.

އެހެންވީމާ، ރާއްޖޭގައި މިކުރެވޭ ކަންކަން މި ކުރެވެނީ 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން. ނޫނިއްޔާ 300 މިލިއަން ޑޮލަރުގެ ބްރިޖެއް، އޭގައި ކޮންމެވެސް ބައެއް ސަރުކާރުން ހޭދަކޮށްގެން މިކުރަނީ، އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލުގައި އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓް. ތަޢުލީމަށް ކުރާ ހޭދަޔަކީ ޚަރަދެކޭ ނުބުނާނެ. އިޤްތިޞާދީ ގޮތުން ނުބުނާނެ، ތަޢުލީމަށް ކުރާ އިންވެސްޓްމަންޓަކީ ޚަރަދެކޭ. ތަޢުލީމަށް ކުރާ އިންވެސްޓްމަންޓަކީ، ބަޖެޓްގައި ޖަހާ އަދަދަކީ ހޭދައެއް ކަމަށް ބަލަނީ. އެއީ އިންވެސްޓްމަންޓަކަށްވާތީ. އޭގެ ބަދަލުގައި، އެތައް ގުނަ ފައިދާއެއް ލިބޭތީ. ހަމައެހެންމެ، ބްރިޖަށް ކުރެވޭ އިންވެސްޓްމަންޓަކީ މިދެންނެވި ކަހަލަ އިންވެސްޓްމަންޓެއް. އެއަރޕޯޓް ހަދަން، ޓަރމިނަލް ހަދަން މިކުރާ ޚަރަދަކީ، ނޫނީ ހޭދަޔަކީ އޭގެ ބަދަލުގައި އެތައް ގުނަޔަކަށް އަޅުގަނޑުމެންނަށް މަންފާ އިތުރުވެގެންދާ މަޝްރޫޢު. މިކަންކަން ކުރުމުގެ ފުރްޞަތު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވީ، އިސްވެދިޔަ ހުރިހާ ސިޔާސީ ލީޑަރުންނަށް މަތިވެފައޭ ވަނީ. މިއީ ރައްޔިތުން ބޭނުންވާ ކަންތައްތައްކަން އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށްވަންޏާ، އެކަމާ ދޭތެރޭގައި ހަމަ ވިސްނާލަންޖެހޭ. މިއީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެއްވޭމެ، އެކަމާ ދޭތެރޭގައި ފިޔަވަޅު ނާޅާ ހުރެއްޖެ ކަމަށްވަންޏާ، އެއީވެސް އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ ކަމެއް. މިއަދަކު ނޫން މި މައްސަލަތައް އުފަންވެގެން މިއުޅެނީ. މިއަދަކު ނޫން ބަނދަރުތައް ކުޑަވެގެން މިއުޅެނީ. މިއަދަކު ނޫން މަގުހަދަން ބޭނުންވެގެން މިއުޅެނީ. މިއަދަކު ނޫން ފެނާއި ނަރުދަމާ ރައްޔިތުން ބޭނުންވެގެން މިއުޅެނީ.

އެހެންވީމާ، ހުރިހާ ސިޔާސީ ލީޑަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަޔަކީ، ކޮންމެ ބޭފުޅަކަށްމެ ސިޔާސީ ކުރިބޯށްޓާ ހަމަޔަށް ރައްޔިތުންގެ ތާއީދާއި ތަރުޙީބާއެކީ ވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްމެ، މިހުރި މައްސަލަތައް ޙައްލުކުރުމުގެ ފުރްޞަތު ރައްޔިތުން އަރުވައިފިޔޭ. އެކި ބޭފުޅުންނަށް އެކިވަރަށް މިކަން ކުރެއްވިފައި ހުރީ. ހަމަ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޤާބިލުކަމާއެކީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް، ރައްޔިތުންގެ އިޙްސާސްތައް ފުއްދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައި އެހެރީ. އެހެންވީމާ، މިއަދު މި ފުރްޞަތު ﷲގެ ރަޙްމަތާއެކީ ރައްޔިތުން ތަނަވަސްކޮށްދެއްވާފައި މިވަނީ އަޅުގަނޑަށް. މި މަސައްކަތްތައް ކުރުމުގެ ފުރްޞަތު އަޅުގަނޑަށް އެބަ ލިބެންޖެހޭ. ސިޔާސީ ވަކިވަކި ލީޑަރުންގެ އަމިއްލަ ކަންކަމާހެދި އަޅުގަނޑުމެންގެ ރާއްޖެ އަލުންބަލުން ކިލަނބުވެ ގަޑުބަޑުވާކަށް ޖާގަދޭކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. މިއީކީ ދެވޭނެ ޖާގައެއް ނޫން. އަޅުގަނޑުމެންގެ ޒުވާނުންނާއި އަޅުގަނޑުމެންގެ ކުޑަކުދިން ހަލާކުވާކަށް އަޅުގަނޑު ޖާގައެއް ނުދޭނަން. އެއީ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވާ ކަމެއް. އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، އަޅުގަނޑުމެން ޕާޓީގެ އިސްބޭފުޅުން މިކަން ގަބޫލުކުރައްވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަކީ މިހާރު މިއޮތް ޖީލާއި، އަންނަން އޮތް ޖީލަށް ޚިދުމަތް ކުރަން އައިސް ތިބި ބައެއް. ނަމޫނާ ދައްކަން އައިސްތިބި ބައެއް. އަޅުގަނޑުމެންގެ އިޤްތިޞާދީ ފޭރާން ވީދިގެން ގޮސް، ބާގަނޑުގަނޑު އަޅާ ވާހަކަ ނުދައްކަވާ ސިޔާސީ ބޭފުޅަކު ވަޑައެއްނުގަންނަވާ ސިޔާސީ ޕޯޑިއަމް ކައިރިއަށް. އެކަމަކު އެކަންކަން ޙައްލުކުރުމަށްޓަކައި، އެކަންކަން ފޫބެއްދުމަށްޓަކައި އަބުރާ ބެހުމަކީ އަޅުގަނޑުމެންގެ އޯގާތެރި މުޖުތަމަޢަކަށް އެޅޭ އެންމެބޮޑު ހުރަސް ކަމަށްވާއިރު، އަދި އިންސާނީ ކަރާމާތަށް ކުރިމަތިވާ އެންމެބޮޑު ގޮންޖެހުން ކަމަށްވާއިރު، އެކަން ކުރަން އަޅުގަނޑުމެން މި ދިމާކުރަނީ އެއީކީ އެއްގޮތަކަށްވެސް ހަމަ މަޢާފާއެކީ މި ދަންނަވަނީ އެއީކީ އެއްގޮތަކަށްވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަނީކީ ނޫން. އެކެއްގެ ޙައްޤު ފެށިގެން އަންނައިރު، އަނެކެއްގެ ޙައްޤަށް އަރައިގަނެވިގެންވާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން. މިޒަމާނުގެ ޑިމޮކްރަސީތަކުގައިވެސް އެކަން ގަބޫލެއްނުކުރޭ. އަޅުގަނޑު މިސާލެއްވެސް ދަންނަވާނަން. އޮސްޓްރޭލިއާގައި، މަގުމަތިންދާ މީހަކާ ފުރައްސާރަ ކޮށްފި ކަމަށްވަންޏާ، ފުރަތަމައިނުންވެސް އަބުރުގެ ދަޢުވާއެއް ނޫން ކުރަނީ. ފުރަތަމައިނުންވެސް ފުރައްސާރަ ކުރުމުން އޭނަލަނީ ޖަލަށް. ބެއިލް ދެއްކީމަ ދެން ގެންދަނީ ކޯޓަކަށް. ދެން ފެށެނީ ޑެފަމޭޝަން ޗާޖް، ނޫނީ އަބުރާ ބެހުމުގެ ދަޢުވާ. މިއީ ޖިނާއީ ކުށެއް. މިއީ ޖިނާއީ ޙުކުމެއް. ނޫނީ ޖިނާއީ ޢުޤޫބާތެއް އެކަމުގައި ހިމެނޭ ކަމެއް. އަޅުގަނޑުމެންގެ މިޒަމާނުގެ ޑިމޮކްރަސީއަކަށް ބަދަލުވުމަށްޓަކައި އަޅުގަނޑުމެން މަދަނީ ކުށަކަށް ހަދައިގެން މިކަން ތަޙައްމަލްކޮށްފިން. ތަޖުރިބާ ކޮށްފީމު. ތަޖުރިބާގެ ނަތީޖާ ހިތި. ޒުވާން ޖީލެއް ހަލާކުވެގެންދިޔައީ. ޒުވާން ޖީލެއް ބިކަވެގެންދިޔައީ. އަޅުގަނޑުމެންގެ ގޭގޭގައި ހުންނަ ޓީ.ވީތައް ހުޅުވާލާކަށް އަޅުގަނޑުމެންނަކަށް ނުކެރޭ. އަޅުގަނޑުމެން މި ހަލާކުކޮށްލީ ޒުވާން އަޅުގަނޑުމެންގެ ރައުސްމާލު.

އެހެންވީމާ، އަދި މީހުންގެ އަބުރާ ނުބެހުނު ކަމުގައިވީނަމަވެސް، ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދެއްކޭނެ. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން. އަޅުގަނޑަކަށް އެއްވެސް މައްސަލަ ނޫން، އެމް.އެމް.ޕީ.އާރު.ސީ.ގައި ހިނގާފައި އޮތް ބޮޑު ޚިޔާނާތުގެ ވާހަކަ ދެއްކުން. އަފްރާޝީމްގެ މަރުގެ ވާހަކަ، ޤަތުލުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑުގެ ހަމަ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އެ ވާހަކަ ދައްކަންވީ ގިނަގިނައިން. އެކަމަކު ޤަޛުފު އަރާވަރުގެ ވާހަކަ ދައްކައިފި ކަމަށްވަންޏާ، އިސްލާމީ ޝަރީޢަތުގައި އޮތް ގޮތުގެ މަތިން ހަމަ ޤަޛުފުގެ ޙައްދުޖަހާނެ. އެއީ އަބުރާ ބެހުން. ސީރިއަސް އަބުރާ ބެހުން. ދިވެހިރާއްޖޭގައި މިއޮތީ އިސްލާމްދީނަށް ތަބާވާ އެއް ސޮސައިޓީއެއް، އެއް މުޖުތަމަޢެއް ހިމެނޭ ޤައުމެއްގެ ގޮތުގައި އޮންނަ ކަމަށްވަންޏާ، އަޅުގަނޑުމެން އިސްލާމްދީން ޕްރިޒަރވްކޮށް، އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުން ދަމަހައްޓައި، އޯގާތެރި މުޖުތަމަޢެއް ދިވެހިރާއްޖޭގައި ބިނާކުރަނީ އެއްގޮތަކަށްވެސް އިމާރާތްތައް އުސްކޮށް، ޞިއްޙީ ދާއިރާއިން ލިބޭ ފަރުވާ އިތުރުކޮށްގެނެއް ނޫން. އެ ފަރުވާއަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރަންޖެހޭ. ކިތައް މީހުންނަށްތޯ، ކިތައް ބައްޕައިންނަށްތޯ، ކިތައް މަންމައިންނަށްތޯ، މަދަރުސާގެ ޓީޗަރުންނަށްވާއިރު، ނޫނިއްޔާ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ނަރުހުންނަށްވާއިރު، އެމީހުންނާ ބެހޭގޮތުން ނާޖާއިޒު ނުރަނގަޅު އެކިއެކި ތުހުމަތާއި ބަދުނާމު އެޅުވީމަ، އެމީހުންނަށް އެކަންކަމުގެ ދަތި އިޙްސާސް ކުރަންޖެހެނީ ކިތައް މީހުންނަށްތޯ؟ މި ދަތި އިޙްސާސް ކުރަނީ ހަމައެކަނި ސިޔާސީ މީހުންނެއް ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކަން ތަޙައްމަލް ކުރާނަން. އަޅުގަނޑަށް އިޙްސާސް ކުރެވޭ.

އަޅުގަނޑު ހަމަ މިރޭވެސް މަޢާފަށް އެދެން ބޭނުން. އެމް.އެމް.ޕީ.އާރު.ސީ.ގެ އެވަރުގެ ބޮޑު ޚިޔާނާތެއް ހިނގައިދިޔައީ މި ޒަޢާމަތުގައި ކަމަށްވާތީ، އެކަމަށް ރައްޔިތުންގެ އަރިހުން މަޢާފަށް އެދެން. އެހެންނަމަވެސް، ކިތަންމެވަރަކަށް ބަލަހައްޓައިގެން ކަންތައްތައް ކުރިކަމުގައިވީނަމަވެސް، ހަމަ ކުށްކުރާ މީހުން ކުށްކުރާނެ. ކުށް ހުއްޓުވެން އޮތީ ބޮޑެތި ޢުޤޫބާތް ދީގެން. ޢުޤޫބާތް ދިނުމުގައި އަދަބަކީ ކުރާ ކުށާ ނުބައްދަލޭ، ނޫނިއްޔާ އެކުރާ ކުށެއް، އެމީހާއަށް ލިބޭ އުޖޫރައާ ނުބައްދަލު ވާހަކަ ދެއްކީމަ، އެއީކީ އަޅުގަނޑަކަށް ބަލައިގަންނަން ފަސޭހަ ވާހަކައެއް ނޫން. ނޫސްވެރިންވެސް ލިޔުއްވާ ލިޔުއްވުމުގައި، އެ ނޫސްވެރިޔަކަށް ލިބެނީ ވަރަށް ކުޑަކުޑަ ޢިނާޔަތެއް. އެކަމަކު ބެހިލާ މީހެއްގެ އަބުރުގެ ޙައްޤު. ކޮބައިތޯ އޭނަގެ އިންސާނީ ކަރާމާތް؟ މީހުން މަރައި ތިރިކުރަނީ ހަމައެކަނި ހަންޖަރަކުންނެއް ނޫން. މީހުންނަށް މުޖުތަމަޢުގެ ތެރެއަށް ނުކުމެ ލޯ ހުޅުވާލައިގެން، އެހެން މީހުންނާއެކީ ފައިތިލަ ހަމަކޮށްލައިގެން ހިނގާލަން ނުކެރޭވަރަށް މީހެއްގެ އަބުރު ނަގާލައިފި ކަމަށްވަންޏާ، ތަނުގައި އުފެދޭނީ ފަސާދަ. ތަނުގައި އުފެދޭނީ ނުރައްކާތެރިކަން. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢު، އަދި އަމުދުން އިސްލާމީ މުޖުތަމަޢަކަށްވާއިރު، އަޅުގަނޑުމެން ކޮންމެހެން މިކަންކަން ޓޮލަރޭޓް ކުރާކަށް ނުޖެހޭ. މިކަންކަން ކުރުމުގެ ބޭނުމަކަށް މިވަނީ، އަޅުގަނޑުމެންގެ ޒުވާން ޖީލު، މިދެންނެވި ކަހަލަ ބޮޑެތި ވިޔާނުދާ ކަންކަމުން ސާފުކުރުން. ހަމަ ރިވެތިކަމާއެކީ އެކަކު އަނެކަކަށް އަދަބު ތަޢުޡީމާއެކީ މުޚާޠަބުކޮށް ވާހަކަ ދައްކައި އުޅުމަކީ، އަޅުގަނޑުމެން ކަހަލަ ރަށްފުށުގެ ޖަޒީރާ ޤައުމުތަކެއްގައި، ސާދާ ހިތްހެޔޮ މިޒާޖުގައި ހިމެނޭ ކަމެއް. މިއީ ދޮއެއްތޯ، އަޅުގަނޑުމެންނާ ބެހޭގޮތުން އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް އިބުނު ބަޠޫޠާގެ ޒިޔާރަތުގައި އަޅުގަނޑުމެންނާ ބެހޭގޮތުން ސިފަކުރައްވާފައި އޮތްގޮތް. ހިތްހެޔޮ، ވަރަށް އާދައިގެ މިޒާޖެއްގެ، އަދި ޒިޔާރަތްކުރާ މެހްމާނުންނަށް ވަރަށް އަޅާލައި، އޯގާތެރި ބަޔަކު ދިރިއުޅޭ. ދެން މި އޮންނަނީ ޕަރލް އޮފް ނޭޝަންސްއޭ. އެއީ އަޅުގަނޑުމެން. އެއީކީ ހުތުރު ސިފައެއް ނޫން. އެ ސިފަ އަޅުގަނޑުމެންނަށް މިއަދުވެސް ލިބޭ. އެއީ ކީއްވެގެންތޯ؟ މިއަދުވެސް އަޅުގަނޑުމެން އެންމެބޮޑު އާމްދަނީއެއް މި ހޯދަނީ ޓުއަރިޒަމުން. ޓުއަރިޒަމަކީ ކޮބައިތޯ؟ ޓުއަރިޒަމަކީ މެހްމާންދާރީ. މެހްމާންދާރީ އަދާކުރުން ޓުއަރިޒަމަކީ. މެހްމާންދާރީ އަދާނުކުރެވޭ ތަނަކަށް މީހުނެއް ނާންނާނެ. އެހެންވީމާ، މިކަހަލަ ކަންކަން ކުރުމުގެ ބޭނުމެއްވާނެ.

ހަމައެޔާއެކީވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާއިރު، ހަމަ ރައްޔިތުންނަށް ވަގުތީގޮތުން ނަމަވެސް ތަޙައްމަލް ކުރައްވަންޖެހޭ ދަތި ކަންތައްތައްވެސް އެބަ ހިނގާ. އެކަމަކު ހަމަ ދީލަތި މަޢާފަކަށް ދަންނަވަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ މި ސަރުކާރުގައޭ ރައްޔިތުންގެ ޙާލަތު މި ބަދަލުކޮށްލަނީ. އިރާދަކުރެއްވިއްޔާ މިހާރު ދިމާވާ އުނދަގޫތަކުންވެސް ހަމަ މި ސަރުކާރުން ރައްޔިތުން ސަލާމަތްކޮށްދޭނެ. އެއީ އަޅުގަނޑުގެ ވާޖިބު. ސިޔާސީ ބޭފުޅުންވެސް ގަބޫލުކުރައްވަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެން މިހާރު އެބަޖެހެޔޭ އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމާއި ފިކުރު ދޫކޮށްލަން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމީ މަޞްލަޙަތު އިސްކުރަން އަޅުގަނޑުމެން ދަސްކުރަން އެބަޖެހޭ. އަޅުގަނޑުމެން ހަމަ ކޮންމެ މީހެއްގެވެސް ޚިޔާލަށް ގެންނަން މިޖެހެނީ، އަޅުގަނޑަށް ޤައުމު ކޮށްދެނީ ކީއްތޯއޭ؟ ނޫން. މި ސުވާލެއް ނޫން ކުރަންވީ. އަޅުގަނޑަށް ކޮންކަމެއްތޯ ޤައުމަށް، އަޚާއަށް، އުޚުތަށް ކޮށްދެވޭނީ. މިއީ ދޮއެއްތޯ އެންމެ ރިވެތި މިސާލަކީ. އަޅުގަނޑުމެން އެންމެންނަކީ ޤައުމަށް ހެޔޮއެދިގެން، ޤައުމަށް ކަންތައްތައް ކޮށްދޭ ބައެއް ކަމަށްވަންޏާ، ޚާއްޞަކޮށް، ސިޔާސީ އިސްވެރިން މިކަންކަމަކީ ޤައުމަށް ހެޔޮއެދިގެން، ޤައުމަށް ކޮށްދޭ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވިގެން ކަންތައް ކުރާކަމަށްވަންޏާ، މިތާ އޮންނާނީ މަޞްލަޙަތު. މިތަން ދާނީ ކުރިއަށް. މިތަނަކަށް ދުއްޕާން ކުރާނެ އިތުރު ބަޔަކު ނާންނާނެ.
އަޅުގަނޑުމެން މި ހޭދަކުރަނީ މިނިވަން 50ގެ އަހަރުތައް. މީގެކުރީގައި ދިވެހި ރައްޔިތުން، އަޅުގަނޑުމެންގެ އިސް ރަށްވެހިން އުޅުއްވިގޮތް އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ. އަޅުގަނޑުމެންނަށް ފޮތްތަކުން ބަލައިލީމަ އެކަންކަން ފެނޭ އެބަ. އެފަދަ ތާރީޚުތައް ލިޔުއްވި ބޭފުޅުން، އަޅުގަނޑުމެންގެ ކުރީ ސަފުތަކުގައި މި ތިއްބެވީ. ކީއްކުރަންތޯ އެކަހަލަ ޒަމާނަކަށް އެހެން ނޫނިއްޔާ ދާންވީ؟ ދިވެހިރާއްޖެއަށް ޓުއަރިޒަމް އަންނަންވެސް ހަމަ މަނާ. އެއީ ރާއްޖޭގައި މިއޮތީ އައިސިސްއަށް ތަމްރީނުކުރާ ލަޝްކަރެއް. ރާއްޖޭގެ ސަރުކާރުން އައިސިސްއަށް މީހުން ތަމްރީނު ކުރަނީ. ދިވެހިރާއްޖޭގައި އެހާ ނާމާން މަގުތަކުގެ މަތީގައި. ދެން އަޅުގަނޑުމެން މި ވާހަކަ ދެއްކީމަ، މިއީ އަޅުގަނޑުމެން އަމިއްލަ ފަޔަށް ހަންޖަރު ޖެހުން ކަހަލަ ކަމެއް ދޮގެއްތޯ؟ އެހެންވީމާ، މިކަހަލަ ކަންތަކުގައި އުޅެވޭއިރު، މިކުރެވެނީ ކިހާވަރެއްގެ ކަންތައްތަކެއްތޯ ބައްލަވާ. ހަމަ ކޮންމެ މަންމަޔަކު، ބައްޕަޔަކުވެސް ބޭނުންވާނެ، އެމީހެއްގެ ދަރިފުޅު ޔުނިވަރސިޓީއަށް ފޮނުވައިގެން ތަޢުލީމު އުނގަންނައިދޭ މީހަކަށްވާން. އެކަމަކު މިކަންކަން ކުރަން ބަލާއިރު، ބޭރުގެ ބައެއް ޤައުމުތަކަށް އަޅުގަނޑުމެންނަށް ދިޔުމަކީ ފަސޭހަކަމަކަށްނުވޭ. އެއީ ކީއްވެގެންތޯ؟ އެއީ ދިވެހިރާއްޖޭގައި އެހާބޮޑަށް އިސްލާމްދީނުގެ ކަންތައްތައް ހައްދުފަހަނަޅައި ގޮސްގެން، އަޅުގަނޑުމެންނަކީ އެކިއެކި ބޭރުގައި ހިންގާ މިކަހަލަ ވަރުގަދަ ހަނގުރާމަތަކަށް މީހުން ރެކްރޫޓް ކުރާ ތަނެއްގެ ގޮތަށް ސިފަކޮށްދީފައި މިއޮތީ. ހަމަ ޒިންމާދާރު މީހުން ކޮށްދީފައި މިއޮތީ. ކޮބައިތޯ އެމީހުންގެ ޤައުމީ ޒިންމާއަކީ މިއަދު؟ އެމީހުންގެ ޤައުމީ ޒިންމާއެއް ނެތް. ފަރުދީ ޙިމާޔަތް ހޯދައިގެން ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިބެގެން މިކަހަލަ ކަންތައްތައް ކުރެވިދާނެ. އެކަމަކު ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންކަމަށްވަންޏާ، ރާއްޖޭގެ ފަސްގަނޑަށް ޒިޔާރަތް ކުރޭ. ރާއްޖޭގެ ފަސްގަނޑުގައި ތިބެގެން ނޫންގޮތަކަށް ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތެއް ނުކުރެވޭނެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލާން ބޭނުންކަމުގައިވިޔަސް، ރައްޔިތުންގެ ތާއީދު ލިބިދާނެ. ރައްޔިތުންގެ ތާއީދަކީ މިކަހަލަ ފަސާދަހުރި ވާހަކަ ދައްކައިގެން ހޯދޭ ތާއީދަކަށް ނުވާނެ. އެއަށްވުރެ ދިވެހި ރައްޔިތުން އިރާދަކުރެއްވިއްޔާ މާ ހޭލުންތެރި.

އެހެންވީމާ، ރާއްޖެއަށް މި އަންނަ މުޞީބާތްތަކާއި، ރާއްޖެ ސަލާމަތްވާން މިކުރާ މަސައްކަތްތައް، މިހާރުވެސް އަޅުގަނޑުމެންނަކީ ކޮމަންވެލްތްގެ ސީމެގްގައި އެޖެންޑާ ކުރެވިފައިވާ ބައެއް. މިއީ ކީއްކުރަން ކުރި ކަމެއްތޯ؟ މިއީ ހަމަ އަމިއްލައަށް ވެލާނާގޭ މުޙަންމައިދީ ޕިޗޯރީން ގެންނެވިފަދަ ކަމެއް ނޫންތޯ މިކުރަނީ؟ ކީއްކުރަންތޯ އަމިއްލައަށް އެދިގެން މިކަން ކުރަންވީ؟ މިއީ ބޭރުން އަޅުގަނޑުމެންނަށް އައި މައްސަލައެއް ނޫނޭ. މިއީ އަޅުގަނޑުމެންގެ ތެރެއިން އުފެއްދި މައްސަލައެއް. ހޯމްގްރޯން މައްސަލައެއް މިއީ. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ހުރީ އެހާ ގޯސްކޮށްކިޔާތީ. ކީއްވެގެންތޯ ގޯސްވަނީ؟ ގޯސްވާ ސަބަބަކީ ވިޔާނުދާ ކަންތައްތައް ކުރީމަ، އޭގެ ޙައްޤު ޢުޤޫބާތްދީ، މާލެއާއި ރާއްޖޭގެ އެކި ހިސާބުގައި މުޅި ރައްޔިތުންނާއި، މަޢުޞޫމް މީހުންނަށް ހިމާޔަތް ލިބިގެންވާ ޞުލްޙަމަސަލަސްކަން ޤާއިމުވެފައި އޮންނަ ތަނަކަށް ހަދައިދޭން ކުރާ މަސައްކަތް. މީގެކުރިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މީހުންގެ ފުރާނަ ދުއްވާލުމަށް ޖެހިލުންނުވާ އެތަކެއް ޒުވާނުން ތިބިކަން.

މިއަދު އުފަލާއެކީ އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ މިއީ މިހާރު މީހުން ސިހުންވާ މައްސަލައެއްކަން. ﷲގެ ވާގިފުޅާއެކީ، ދިވެހި ފަސްގަނޑުގައި އަޅުގަނޑުގެ ޒަޢާމަތުގައި މަރުގެ ޙުކުމް ތަންފީޛުވެގެންދާނެ. މަރުގެ ޙުކުމް ތަންފީޛުކުރާތީ، ހައިޖާނު އުފައްދައި، މަޞްލަޙަތު ނަގާލަން އުޅޭ މީހުންނަށް މިއީ އުނދަގޫ ކަމަކަށްވޭ. ޝައްކެއްވެސްނެތް، ތަންތަން ރޯކޮށް، މީހުންގެ މުދަލަށާއި، އަދި މީހުންގެ ޖިސްމަށް ގެއްލުންދޭ މީހުންނަށް މިއީ އުނދަގޫ ކަމަކަށްވާނެ. ހަޖަމު ކުރަން އުނދަގޫ ކަމަކަށްވާނެ، ޙައްޤު ޢުޤޫބާތް ލިބެންޏާ. އެހެންނަމަވެސް، ކޮބައިތޯ މަޢުޞޫމް ރައްޔިތުންގެ ޙައްޤު. މިއީ ނޫންތޯ ރާއްޖޭގެ ބޮޑު މެޖޯރިޓީއަކީ. އަބުރާ ބެހުން. ކިތައް މީހުންގެ ނަފްސާއި، ކިތައް މީހުންގެ ވިސްނުމަށްތޯ މީގެ ބޮޑެތި ބަދަލު އަންނަނީ؟ މީހެއްގެ އަބުރާ ބެހެމުން ބެހެމުން ބެހެމުން ގޮސް، އެތަނުގައި މަސައްކަތްކުރާ، ނޫނީ އެމީހަކު ހިމެނޭ ނޭބަރހުޑްގެ ގިނަ ބަޔަކަށް، މީނައަކީ ބޮޑު ކުށްވެރިއެއް ކަމަށް، މުޖުރިމެއް ކަމަށް ގަބޫލުކުރެވިއްޖެ ކަމަށްވަންޏާ، އެފަދަ މީހަކާ ދޭތެރޭގައި ކޮންމެފަދަ ނުރައްކާތެރި ޙަމަލާއެއް ދިނުމަކީ ފަސޭހަކަމެއް. ނަފްސާނީ ފޮތްތައް ބައްލަވާ. މާދުރަށް ވަޑައިގަންނަވާނެ ކަމެއްނެތް.

އެހެންވީމާ، އަޅުގަނޑުމެން ނުޖެހޭ ރޮކެޓް ސައިންސް ހަދާކަށް، މިކަންކަމާ ދޭތެރޭގައި ވިސްނާކަށް. މިކަންކަމުން ދުރުހެލިވެ، މި ޒުވާން ޖީލާއި، އަންނަން އޮތް ޖީލުތައް ސަލާމަތް ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު، އަޅުގަނޑު ހަމަ ހިތްދަތިވޭ، ރާއްޖޭގައި މަސްއޫލިއްޔަތާއި ޒިންމާ އުފުއްލަވާ ކަމަށް ވިދާޅުވާ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ބޭބޭފުޅުން، ލީޑަރުން މިކަންކަމާ ދެކޮޅު ހައްދަވާތީ. ހަމައެކަނި ރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން ފޮނުވާ ބަޖެޓަކަށް ނޫން އެބޭފުޅުން ދެކޮޅު ހައްދަވަނީ. މިކަހަލަ ހުރިހާ ރިވެތި ސިފަތަކާއި، އިސްލާމީ އަދި ދިވެހިވަންތަ ސިފަތައް އަށަގަންނުވަން ކުރާ މަސައްކަތަށް މިއިން ކޮންމެ ބޭފުޅަކީ ވިދާޅުވަނީ ނޫނެކޭ. އެހެންވީމާ، ދެން ތިޔަބޭފުޅުން ތިޔަބޭފުޅުންގެ ސިކުނޑިފުޅުން މިންނަވާ، ދިވެހި ރައްޔިތުންނަށް ހެޔޮއެދެނީ ކޮންބައެއްތޯ؟ އަޅުގަނޑުގެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަޅުގަނޑުގެ ޕާޓީގެ މެންބަރުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބަދަހި ސަފުތަކެކޭ މިއަދު ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން. ސަރުކާރުން ކުރާ މަސައްކަތަކީ އެތަން މިތަނަށް ގޮސް، ސަލާންޖެހުމުގެ އަތްތިލަ ދިއްކޮށްގެން ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދޭން ކުރާ މަސައްކަތް. ކޮންމެ ކަމެއް ކުރީމަ، އަޅުގަނޑުމެންގެ ސަފުތަކުން އެކަންކަމަށް ފާޑުކީމަ އަޅުގަނޑަކަށް ފަސޭހައެއް ނޫން. ކޮންމެ މެންބަރަކުވެސް ވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުރި މީހެއްގެ މެނިފެސްޓޯއަށް ތާއީދުކުރާ ކަމަށް ވިދާޅުވެ، އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސީ ސުލޫކަށް ތާއީދުކުރާ ކަމަށް ވިދާޅުވެ، އެ ދައްކަވާ ވާހަކަފުޅުގެ ނަތީޖާއަކުން ރައްޔިތުން އެބޭފުޅުންނަށް އިތުބާރު އަރުވަނީ. ފުވައްމުލައް ސިޓީގައިވެސް އެކަންއޮތީ އެހެން. ހުރިހާ ދާއިރާއެއްގައި އެކަން އޮތީ އެހެން.

އެހެންވީމާ، އެ ބުރަދަނުގެ މަތީގައި ހުންނަވައިގެން، ރައްޔިތުންގެ އިތުބާރު ހޯއްދަވާ ބޭފުޅުން މަސައްކަތް ކޮށްދެއްވަންޖެހޭނީ، ސަރުކާރާއެކީ ކަންކަން ކުރިއަށް ގެންދަން. ސަރުކާރު މަގުން ކައްސާލައިގެންދަނީ ބޮޑެތި މާއްދީ ނޫނީ ބޮޑެތި މަސްދަރުތަކާ ޚިލާފު ކަންތައްތަކުން ކަމަށްވަންޏާ، ސަރުކާރު ހަމަ މަގަށް އަޅުވަންޖެހޭނެ. އެހެން ނޫންކަމަށްވަންޏާ، ސަރުކާރު ހިންގުމުގެ ސިޔާސަތަށް މުޅި ރައްޔިތުން އިންތިޚާބުކޮށްފައި، 5 އަހަރުގެ ދައުރެއް މަތިކޮށްފައި ހުރި މީހަކީ ރައީސުލްޖުމްހޫރިއްޔާކަން ގަބޫލުކުރަންޖެހޭނެ. އަދި އެ ރައީސުލްޖުމްހޫރިއްޔާއަކީ އޭނަގެ މަސައްކަތަށް އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށްޓަކައި އެހީތެރިވާ މީހެއްކަންވެސް ގަބޫލުކުރަންވާނެ. މިއީ ދެފަރާތަށް އޮތް މުވާޞަލާތުގެ ދޮރެއް. އެހެންވީމާ، ހޮވުމަށްފަހުވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހުރިހާ މެންބަރުންވެސް މިކަންކަމަށް ސަމާލުކަން ދެއްވާށޭ. އެއްވެސް މެންބަރަކު ހޮވިވަޑައިގަންނަވަނީ، މަޢާފް ކުރައްވާތި، އެއްވެސް މެންބަރަކަށް ކުޑައިމީސް ބަހެއް، ހިތްޕުޅުހަމަނުޖެހޭ ބަހެއް ދަންނަވާކަށެއް ނޫން. އެއްވެސް މެންބަރަކު ހޮވިވަޑައިގަންނަވަނީ ހަމައެކަނި އެ މެންބަރެއްގެ ސްމާޓް ކަމަކުންނެއް ނޫން. އެ މެންބަރަކު ހޮވިވަޑައިގަންނަވަނީ، އެ މެންބަރަކު ގުޅިވަޑައިގަންނަވަނީ ކޮން ޢާއިލާއެއްގެ، ކޮން ސިޔާސީ ފިކުރެއްގެ ބަޔަކާތޯ، އަދި އެ ބަޔަކާއެކީ ކުރިއަށްދާން، ރައްޔިތުން ގޮވައިގެން ކުރިއަށް ދާން ތިބީ ސިޔާސީ ކޮން ލީޑަރުންނެއްތޯ ބަލާފައި، މިކަހަލަ އެތައް ކަމެއް މިނާފައި ރައްޔިތުން އެބޭފުޅަކަށް ވޯޓް އަރުވަނީ. އެއީ ބޮޑު އަމާނާތެއް. އެ އަމާނާތުގެ މަތީގައި ތިއްބަވާ. އަދި އަޅުގަނޑު އެހެން ސިޔާސީ ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވާ މެސެޖަކީ މިއީ.

މިރޭ ސިޔާސީ ވާހަކަ ހަމަ މި ދަންނަވާ ސަބަބަކީ، ފުވައްމުލަކަކީ ވަރަށް ބަދަހި އެކުވެރި ރައްޔިތެއް އޮތް ރަށެއް. އަޅުގަނޑަށް ގަބޫލުކުރެވޭ، އަޅުގަނޑު މިއަދު މިރަށަށް ޒިޔާރަތް ކުރީމަ، އެތައް ހާސް ބޭފުޅުންނެއް އަޅުގަނޑަށް މަރްޙަބާ ވިދާޅުވާން ވަޑައިގެންނެވި. ހަމަ ކޮޅުނެތްކޮޅަށް ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މިކަން އިންތިޒާމު ކުރެއްވި، އިސްކޮށް އިންތިޒާމު ކުރެއްވި މި ދާއިރާގެ ޢިއްޒަތްތެރި ތިން މެންބަރުން، އަދި އެބޭފުޅުންނާއެކީ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން. މިހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާއިރު، އަޅުގަނޑާ ޚިޔާލާއި ފިކުރު އިދިކޮޅު ބޭފުޅުންވެސް، އެބޭފުޅުންގެ ވަރުން، އެބޭފުޅުންގެ މިންވަރުން އަޅުގަނޑަށް މަރްޙަބާ ވިދާޅުވި. އަޅުގަނޑު ދަތުރުކޮށްފައި އައި މަގުމަތީގައި، ހަމަގައިމުވެސް އަޅުގަނޑުގެ ޒިޔާރަތަށް އެބޭފުޅުންގެ ޝައުޤުވެރިކަން ހުރިއްޔާ ނޫނިއްޔާ، އެބޭފުޅުން ބޯޑުތަކެއް ހިއްޕަވައިގެންވެސް އަދި އަޅުގަނޑުގެ އިޙްސާސާ ތޮޅެންނަމަވެސް، ވާހަކަތަކެއް ހިފައިގެން ނުނިކުންނާނެ. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ އެބޭފުޅުންގެ އުންމީދުވެސް އަޅުގަނޑާ ހަވާލުކުރައްވާފައިވާ ކަމަށް. ވަޢުދުތައް ފުއްދައިދޭށޭ އެބަ ވިދާޅުވޭ.

އެހެންވީމާ، އެ އެންމެ ބޭފުޅުންނަށްވެސް އަޅުގަނޑު ހަމަ ވަރަށް މަރްޙަބާ ދަންނަވަން، ހިތުގެ ލޯތްބާއި އިޙްތިރާމާއެކީ. އަދި ދަންނަވާލަން ބޭނުންވަނީ، ހެޔޮގޮތް ދެން އިޚްތިޔާރު ކުރައްވާށޭ. އަޅުގަނޑުމެން އިސްލާމުން، އަޅުގަނޑުމެން މުސްލިމުންގެ ގޮތަކީ ހެޔޮގޮތް އަޅުގަނޑުމެންނަށް އެނގުނީމަ، ބަދަހިކަން އަޅުގަނޑުމެންގެ ތެރެއަށް އަންނަތަން ފެނުނީމަ، އަޅުގަނޑުމެންގެ އަޚްލާޤާއި، އަޅުގަނޑުމެންގެ ކުރިއެރުމާއި، އަޅުގަނޑުމެންގެ މާދިއްޔަތާއި، އަޅުގަނޑުމެންގެ ފުދުންތެރިކަމާއި، ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުވެގެން ދިޔައިމަ، ޞިއްޙީ ފަރުވާއާއި، އަޅުގަނޑުމެންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެގެން ދިޔައިމަ، އެކަމަށް މަރްޙަބާ ކިޔުން. ފުވައްމުލަކުންވެސް އަޅުގަނޑަށް އަންނަނީ އެތަކެއް އިލްތިމާސް.

އަޅުގަނޑު ވާހަކަކޮޅު ހަމަ ނިންމާލާނީ، ހަމަ ތިޔަ ހުރިހާ ކަމަކަށް ލައްބައެކޭ ދަންނަވަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

والسّلام عليــكم ورحـمــة اللّـه وبـركاتـه.