ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2016 ވަނަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބޭއްވެވި ޙަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ. މި ޙަފްލާ ބޭއްވެވީ ކުރުނބާ މޯލްޑިވްސް ރިޒޯޓުގައެވެ.

މިރޭ އޮތް މި ޙަފްލާގައި، 2017 ވަނަ އަހަރު ނިމޭއިރު ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްއަކަށްވުމަށް ކުރާ މަސައްކަތުގައި ފަތުރުވެރިކަމުގެ ސިނާޢަތުން ބައިވެރިވުމަށް ފަށައިގަންނަވާތީ އެކަމުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާއަށް، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ހަނދާނީ ފިލައެއް އެރުއްވިއެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރެވެ.

މި ޙަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު ނަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސް ވެރިންނާއި، ޓޫރިޒަމް ދާއިރާގެ އެކި ފަންތީގެ ބޭފުޅުން މި ޙަފްލާގައި ބައިވެރިވެވަޑައިގަތެވެ.