ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ގަލޮޅު އަލިފުށީގޭ އަޙްމަދު ނާޝިދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
އަޙްމަދު ނާޝިދު މި ދުނިޔެ ދޫކުރެއްވުމަކީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް، ޚާއްޞަކޮށް، ދިވެހިވަންތަ މިއުޒިކަށް ލިބިގެންދިޔަ ވަރަށްބޮޑު ހީނަރުކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ. އަދި ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި އަޙްމަދު ނާޝިދު ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، ރާއްޖޭގެ ޒުވާނުންނަށް، ޚާއްޞަކޮށް، މިއުޒިކުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ފަރާތްތަކުން އެކަމުގެ އަގު ވަޒަންކުރައްވާ ޚިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.
އަޙްމަދު ނާޝިދު މިއުޒިކުގެ ދާއިރާއަށް ވެދެވަޑައިގަތީ މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުގައެވެ. އޭރުއްސުރެ ފެށިގެން ނާޝިދު ފާހަގަކުރެވެމުން އައިސްފައިވަނީ މިއުޒިކުގެ ދާއިރާއަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވައި، އަދި އެ ރޮނގުން ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
އަޙްމަދު ނާޝިދަށް މިއުޒިކުގެ ރޮނގުން 1990 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އަޙްމަދު ނާޝިދަކީ، ރާއްޖޭގެ މިއުޒިކުގެ ދާއިރާއަށް އާ ޚިޔާލުތައް ގެންނަވައިގެން، ދިވެހި ޘަޤާފަތާއި، ދިވެހި އާދަކާދަ ހިމެނޭގޮތަށް އެ ދާއިރާގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. [ޒީރޯ ޑިގްރީ އެޓޮލް] ބޭންޑް އުފައްދަވައި، އެ ބޭންޑްގެ މަސައްކަތުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދިޔައީ، 1990 ވަނަ އަހަރު ނެރުނު [ދޯނި] އަލްބަމެވެ. މިއީ ރާއްޖޭގައިވެސް އަދި ރާއްޖެއިން ބޭރުގައިވެސް ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ އަލްބަމެކެވެ. މިއުޒިކުގެ ގިނަ ޝޯތަކެއް ރާއްޖެއިން ބޭރުގައިވެސް އަޙްމަދު ނާޝިދު ހުށަހަޅުއްވައިދެއްވައި، ބައިނަލްއަޤްވާމީ ކާމިޔާބީތައް އޭނާ ވަނީ ހޯއްދަވާފައެވެ.