ބައިނަލްއަޤްވާމީ ދުނިޔޭގައި، ޙާއްސަކޮށް ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އ.ދ.ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.)އިން އެއްބާރުލެއްވުން ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔޫ.އެން.ޑީ.ޕީ. އަށް 50 އަހަރުފުރުން ފާހަގަކުރުމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ހަވީރު ބޭއްވެވި ޚާއްޞަ ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޔޫ.އެން.ޑީ.ޕީ. އިން މެދުކެނޑުމެއް ނެތި 50 އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮށްދެއްވަމުން ގެންދެވި އަގުހުރި މަސައްކަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަރުޙަބާ ދެންނެވިއެވެ. އަދި، އެމަނިކުފާނު ވަނީ ވޭތުވެދިޔަ 38 އަހަރު ރާއްޖޭގެ ތަރައްޤީއަށް، ޔޫ.އެން.ޑީ.ޕީ. އިން ސަރުކާރުގެ މިނިސްޓްރީތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރަމުންގެންދެވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޔޫ.އެން.ޑީ.ޕީ. އިން އެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި، ފަގީރުކަން ނައްތާލުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސުލްޙަވެރި މުޖުތަމަޢެއް ޤާއިމްކުރުމަށާއި، ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ފުޅާ ދާއިރާއެއްގައި ފައިސާގެ އެހީތެރިކަމާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެން.ޑީ.ޕީ. އަކީ ނާޒުކު ޙާލަތްތަކުގައިވާ ޤައުމުތަކަށް، ތަރައްޤީގެ މަގުގައި އެހީތެރިކަން ފޯރުކޮށްދޭ ބައިވެރިންނަށް ފެންނަން ހުރި ލާމަސީލު މިސާލެއް ކަމުގައި ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެއާއި ޔޫ.އެން.ޑީ.ޕީ. އާ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔައީ މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްސް ގެ 8 ލަނޑުދަނޑީގެ ތެރެއިން 5 ލަނޑުދަނޑި ޙާޞިލްކުރުމަށް ދެފަރާތުން ގުޅިގެން ކުރި މަސައްކަތްތަކު ތެރޭގައިކަން ފާހަގަކުރެއްވިއެވެ. އަދި، މިދަނޑިވަޅުގައި ޔޫ.އެން.ޑީ.ޕީ. ގެ ފަރާތުން ރާއްޖެއަށް މި ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އެން.ޑީ.ޕީ. އަށްޝުކުރު ދެންނެވިއެވެ.

މީގެ އިތުރުންވެސް، ރާއްޖެއިން މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްސްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ގިނަ ފިލާވަޅުތަކެއް ލިބިއްޖެކަމަށާއި، ރާއްޖޭގެ ތަރައްޤީގައި މި ފިލާވަޅުތަކުގެ ބޭނުން ހިފޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް އެސިސްޓަންޓް ފްރޭމްވޯރކް (ޔޫ.އެން.ޑީ.އޭ.އެފް) 2016-2020 ވަނަ އަހަރަށް ޤައުމީ ފެންވަރުގައި އިސްކަންދީގެން ރަނގަޅުކުރުމަށް ކަނަޑައަޅުއްވާފައިވާ ދާއިރާތަކުގެ މައްޗައް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވިދާޅިވިގޮތުގައި، ރާއްޖެއާއި، ޔޫ.އެން.ޑީ.ޕީ. އާ ދެމެދުގައިވާ ގުޅުމުގެ ސަބަބުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގިނަ ފައިދާ ކޮށްފިކަމަށާއި، ރާއްޖޭގެ ލާބަޔާއި މަންފާޔަށްޓަކައި ކުރިއަށް އޮތްތާނގައިވެސް ޔޫ.އެން.ޑީ.ޕީ. އާއިއެކު ރާއްޖެއިން މަސައްކަތްކުރުމަށް ތައްޔާރަށް ތިބި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޒް ޝޯކޯ ނޯޑާ މި ޙަފްލާގައި ވާހަކަފުޅުދެއްކެވިއެވެ.

ބައެއް ކެބިނެޓް މިނިސްޓަރުންނާއި، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޒް ޝޯކޯ ނޯޑާ، މިޙަފްލާގައި، ބައިވެރިވެވަޑައިގެންނެވިއެވެ.