ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބު މުޙައްމަދު ބިން ސަލްމާން އާލް-ސަޢުދު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ސަޢޫދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ގެސްޓް ޕެލަސްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމުގައާއި، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ވަލީޢަހުދުގެ ނައިބު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ދުނިޔޭގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ. ވަލީޢަހުދުގެ ނައިބު މުޙައްމަދު ބިން ސަލްމާން އާލް-ސަޢުދު، އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެއަކީ ސަރަޙައްދީ ތަރައްޤީގެ އެންމެ ބޮޑު ފައިދާއެއް ނެގޭނެ އެއް ޤައުމުކަން ފާހަގަކުރައްވާ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބަށް ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެމަނިކުފާނުގެ ސަރުކާރުން ރާވާ ކުރިއަށްގެންދިޔުމަށް ހމަޖެހިފައިވާ މަޝްރޫޢުތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ސަރަޙައްދީ ތަރައްޤީއާއި، ސަލާމަތީ ކަންކަމާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދުގެ ނައިބާއި މަޝްވަރާކުރައްވާފައެވެ. އަދި، އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ރާއްޖެ ތަރައްޤީކުރުންކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.