ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އެންޑޯމެންޓްސް، ދަވާ، އެންޑް ގައިޑެންސް، އައްޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒު ބިން މުޙަންމަދު އާލް-ޝައިޚް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ސަޢޫދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ގެސްޓް ޕެލަސްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި، ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އިސްލާމީ ތަޢުލީމު ކުރިއެރުވުމަށް އެއްބާރުލުން ދިނުމާއި ބެހޭގޮތުންނާއި، ދެޤައުމުގެ އިސްލާމީ ތަޢުލީމު ދޭ މަރުކަޒުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް އަދި ދެނެގަތުމަށް ޝައުގުވެރިވާކަން ފާޅުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާއަށް، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޞީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ، ދިވެހިރާއްޖެއާއި، ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ މެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.