ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢާދިލް އާލް-ޖުބެއިރް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރިޔާޟްގެ ކިންގް ސަޢުދު ގެސްޓް ޕެލެސްގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މުހިންމު އެކިއެކި މައްސަލަތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. މިގޮތުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތައިލުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުން ސާބިތުކަމާއެކު މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާއި، ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ދެއްވިއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެމުން ގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.