ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ‏ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު އެމަނިކުފާނަށް ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ‏ރަސްގެފާނުގެ ޝާހީ ގަނޑުވަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޝާހީ ގަނޑުވަރަށް ވަޑައިގަތުމުން ‏ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އެމަނިކުފާނަށް މަރްޙަބާ ވިދާޅުވުމަށްފަހު ދެ ބޭފުޅުން ޑަޔަސްއަށް އަރާވަޑައިގަތެވެ. އަދި އެއަށްފަހު ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ރޯޔަލް ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. އެއަށްފަހު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، ‏ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދަށް ތަޢާރުފުކޮށް އެރުވުންވެސް އޮތެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު، އެމަނިކުފާނުގެ ޝަރަފުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު ޖާފަތެއް ބޭއްވެވިއެވެ. މި ޖާފަތް އޮތީ މިއަދު މެންދުރުފަހު، ‏ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދު‏ގެ ޝާހީ ގަނޑުވަރުގައެވެ.

‏މި ފަރިއްކޮޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ޝާހީ އާއިލާގެ އިސް ބޭފުޅުންނާއި، މިނިސްޓަރުން އަދި ‏ސަޢޫދީ ‏ސަރުކާރުގެ އިސް ވެރިން ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.‏