ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އަޙްމަދު އަލް-އިއްސާ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރިޔާޟްގެ ކިންގް ސަޢުދު ގެސްޓް ޕެލެސްގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކިޔަވާ ކުދިންނަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތުތައް އިތުރު ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ފަންނީ ދާއިރާތަކުން ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ރާއްޖޭގެ ކިޔަވާ ކުދިންނަށް ސަޢޫދީ ޢަރަބިއްޔާއިން 300 ސްކޮލަޝިޕް ފުރުޞަތު ދިނުމަށް ނިންމަވާފައިވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވިއެވެ. އަދި، މިކަންކަން އަވަސް މުސްތަޤްބަލެއްގައި ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު ސަޢޫދީ ޢަރަބިއްޔާގެ ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުކުރެއްވުމުގައި ޚިޔާލު ބަދަލު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.