ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ވޯޓަރ އެންޑް އެގްރިކަލްޗަރ، ހިޒް އެކްސެލެންސީ ޢަބްދުއްރަޙްމާން ބިން ޢަބްދުލް މުޙްސިން އަލް ފަޛްލީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ސަޢޫދީ ޢަރަބިއްޔާގެ ކިންގް ސަޢުދު ގެސްޓް ޕެލަސްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ދަނޑުވެރިކަން ފުޅާކުރުމާއި، މަސްވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ތަނަވަސްކުރުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.