ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަށް މަގުކޮށްޓަވައިދެއްވި ހީވާގި ވިޔަފާރިވެރިންނަށާއި، ސިޔާސީ މުފައްކިރުންނަށާއި، ފަންނުވެރިންނަށާއި، ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި އުޅުއްވާ ފަރާތްތަކަށާއި އަދި މި ޞިނާޢަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ހީވާގި ހިންގުންތެރިންނަށާއި، އަދި މި ޞިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ހުރިހާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތައް ފާހަގަކޮށް، ޝުކުރު ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ.
 
        ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިޢާރުކަމަށް ކަނޑައަޅާފައިވާ، [ފަތުރުވެރިކަން - އެންމެނަށް ވާޞިލުވެވޭ ގޮތަށް ކުރިއެރުވުން] މި މުހިންމު ޝިޢާރަކީ، ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތާ ވަރަށް ގުޅުން ހުރި ޝިޢާރެކެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ކަމުގައި ގަބޫލުކުރެވެއެވެ. ފަތުރުވެރިކަން ފޯރުކޮށްދިނުމުގައި އެންމެނަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ވާހަކަދައްކާއިރު، ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާކަން، މި ފުރުޞަތުގައި އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކުރަމެވެ. މިގޮތުން މިކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިއަހަރު 4 ރިޒޯޓެއް ހުޅުވާފައިވާއިރު އިތުރު 9 ރިޒޯޓެއް މިއަހަރު ނިމުމުގެ ކުރިން ހުޅުވިގެންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެގެންދާއިރު، ރާއްޖޭގެ އެންމެބޮޑު އެއަރޕޯޓް ކަމުގައިވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢު، މި އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ފަށާފައިވާއިރު، މި މަޝްރޫޢު ނިމިގެންދާނީ، އިރާދަކުރެއްވިއްޔާ އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް މި ވައިގެ ބަނދަރުން ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ގޮތެއްގައެވެ.
 
          މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ރާއްޖޭގެ ފަތުރުވެރިކަން މިދަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެ ކުރިއަރަމުންނެވެ. ދިވެހިރާއްޖެއަކީ، ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި، މި ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން، މި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެއްވުމަށްޓަކައި، ދަތުރުފަތުރުކުރުމުގެ ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ ފަރާތްތަކަށް، ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ މަގު ފަހިކޮށްދިނުމަށް ބޭނުންވާ، ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްޤީ ކޮށްދެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް މި ފުރުޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ. މިފަދަ ވަސީލަތްތައް ޤާއިމުކުރެވުމުން، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިރާދަކުރެއްވިއްޔާ މިހާރަށްވުރެ އިތުރުވެ، އެކަމުގެ ފައިދާ ފެނިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.
 
ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށްޓަކައި، ސަރުކާރުން ފަހިކޮށްދެވެންހުރި ކަންކަން މިގެންދަނީ، ފަހިކޮށްދެމުންނެވެ. ފަތުރުވެރިކަމުން ސީދާގޮތެއްގައި ފައިދާ ލިބިދޭ ފަރާތްތައް އިތުރުކުރުމުގެ ގޮތުން އަމިއްލަ ފަރުދުންނަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވަނީ ފުރުޞަތުތަކެއް ހުޅުވައިލެވިފައެވެ. މިގޮތުން މެދު ފަންތީގެ ފަތުރުވެރިކަން "އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ދިވެހިރާއްޖެއަށް ތަޢާރުފުކޮށް ހިންގުމަށްޓަކައި، "މޯލްޑިވްސް އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިއަހަރުގެ އޮގަސްޓުމަހު އުފައްދާފައިވާކަން މި ފުރުޞަތުގައި އުފަލާއެކު ފާހަގަކުރަމެވެ. އަދި މީގެ އިތުރުންވެސް ތަފާތު ގިނަ މަޝްރޫޢުތަކެއް މުސްތަޤްބަލުގައި ތަޢާރުފުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިދަނީ ކުރަމުންނެވެ.
 
        ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އެންމެހައި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތް ކުރައްވައިގެންނެވެ. އަދި ޤައުމު ކުރިއެރުވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެންނެވެ.    
 
        އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުން ދެއްވައި، އެކަމުގެ ހެޔޮ ލާބައާއި މަންފާ، އެންމެހައި ދިވެހިންނަށް ލިބުމުގެ މަގު ފަހިކޮށްދެއްވުމެވެ. އަދި ރާއްޖެއަށް ފާގަތިކަމާއި އުޖާލާ މުސްތަޤްބަލެއް މިންވަރު ކުރެއްވުމެވެ. ދިވެހި ފަތުރުވެރިކަމުގައި އެންމެންނަށް ވާޞިލުވެވޭގޮތަށް ކުރިއެރުވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުމެވެ. އާމީން!