ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ހައްދުންމަތީ މުންޑޫއަކީ، މީހުންދިރިނޫޅޭ ރަށެއްކަމުގައި ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރައްވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ކައުންސިލް އިންތިޚާބުކުރަންޖެހޭ ރަށްރަށް ކަނޑައެޅުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، އެކި އެކި ސަބަބުތަކާހުރެ، އެހެން ރަށްރަށަށް މީހުން ބަދަލުކޮށްފައިވާ އެހެންނަމަވެސް، ޤާނޫނީ ގޮތުން މީހުން ދިރިނޫޅޭ ރަށްތައް ކަމަށް ކަނޑައަޅުއްވާފައިނުވާ ރަށްރަށުގެ މަޢުލޫމާތު ހޯދިއިރު، ހައްދުންމަތީ މުންޑޫއަކީ އެފަދަ ރަށެއްކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާ ބޭސްގައި ހިމެނިފައިވާކަމަށް އެ ޑިޕާޓްމަންޓުން މިއޮފީހަށް މަޢުލޫމާތު ދެއްވާފައިވާތީއެވެ. އަދި މިފަދަ ކަންކަމުގައި ގެންގުޅޭ އިޖުރާއީ އުޞޫލުތަކުގެ ތެރެއިން، މި މަޢުލޫމާތު ދެވަނަ ފަހަރަށް ޗެކްކުރެވުނުއިރުވެސް، ހައްދުންމަތީ މުންޑޫއަކީ، މީހުން ދިރިނޫޅޭ ރަށެއްކަމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ފަހުންވެސް މަޢުލޫމާތު ދެއްވާފައިވެއެވެ.
ނަމަވެސް، މި ޤަރާރު ނެރުއްވި ފަހުން، ލިބުނު ޝަކުވާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުގައި ދަންނަވައިގެން، އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސްގައި ހުރި މަޢުލޫމާތު އަލުން ޗެކްކުރިއިރު، ހައްދުންމަތީ މުންޑޫއަކީ، އެހެން ރަށްރަށަށް މީހުން ބަދަލުކޮށް ނިމިފައިވާ ރަށެއްކަމުގައި އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސްގައި ބެލިފައިވަނީ އޮޅުމަކުން ކަމުގައި އެ ޑިޕާޓްމަންޓުން މި އޮފީހަށް މަޢުލޫމާތު ދެއްވުމާގުޅިގެން ހައްދުންމަތީ މުންޑޫ އަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން ރައީސުލްޖުމްހޫރިއްޔާ ބާޠިލުކުރެއްވީއެވެ.
މި މައްސަލައިގައި ކަން ހިނގައިދިޔަގޮތާމެދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައްދުންމަތީ މުންޑޫގެ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތެއް ބައްލަވައި، މި ފަދަ ކަންތައްތައް ތަކުރާރު ވިޔަނުދިނުމަށްޓަކައި، މިކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުއްވުމަށް މިއޮފީހުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަސްޖިޓްރޭޝަންގައި ވަނީ ދަންނަވާފައެވެ.