މުޖުތަމަޢު ބިނާ ކުރުމުގައި ކޮންމެ ކުއްޖެއްގެވެސް ދައުރެއް އޮތްކަން ޤަބޫލުކުރުމަށާއި، އެ ދައުރަކީ މުޖުތަމަޢު ބިނާ ކުރަނިވި ކަންތައް ކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2015 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދެއްވުމަށްޓަކައި، މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްކޫލް ނިންމާ ކުދިންނަކީ ލާމަސީލު ޝަހުސިއްޔަތުތަކެއްގެ ގޮތުގައި އެހެން މީހުންނަށް ނަމޫނާ ދައްކައިދޭ ބަޔަކަށް ވާން އެބަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، ކިޔަވާ ކުދިންގެ ފަރާތުން ދިވެހިރާއްޖެއަށް އަބަދުވެސް ބޭނުންވަނީ، ދިވެހިރާއްޖޭގެ އުއްމީދީ، ތަޢުލީމީ ދަންމަރު ހިފައިގެންދާނެ ޖީލެއް އޮތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކިޔަވާ ކުދިން ވިސްނަންވީ މުހިންމު ތިން ކަމެއް ފާހަގަ ކުރެއްވިއެވެ. މިގޮތުން، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަމިއްލަ ހުނަރު ދެނެގަތުމަށާއި، ކުރާ ކޮންމެ ކަމެއްގައި ކާމިޔާބާ ހިސާބަށްދާން ވަރުގަދަ އަޒުމަކާއެކު އިންތިހާއަށް މަސައްކަތްކުރުމަށާއި، ތަޢުލީމު އުނގެނުމަށްފަހު އޭގެ ބޭނުން އަމަލީގޮތުން ހިފައި މުޖުތަމަޢުގައި ބޭނުން ހިފޭ ކުއްޖަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގަތެވެ. މީގެ އިތުރުން، އިހުތިރާމް ލިބޭނީ އިހުތިރާމް ކުރަން ދަސްކޮށްގެން ކަމުގައި ވިދާޅުވެ، ކޮންމެ ކުއްޖަކީވެސް އަނެކާއަށް އިހުތިރާމްކުރަން އާދަވެފައިވާ ކުއްޖަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.
ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވެ 8 މާއްދާއިން އޭ ފާސް ހޯދައިގެން އެއްވަނައަށް އައި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ސާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން އެހެނިހެން ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދައުލަތުގެ ވަޒީރުންނާއި، ޖަލްސާގެ ޚާއްޞަ މެހެމާނުންނެވެ.