އެއްބައިވަންތަކަމަކީ ޞުލްޙަވެރިކަމާ ތަރައްޤީގެ ތަޅުދަނޑި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔާ މެލަޔޫ ދުނިޔާ އިސްލާމް (ޑީއެމްޑީއައި)ގެ ދިވެހި ޖަމްޢިއްޔާ އިފްތިތާޙް ކުރުމަށް މިއަދު ހަވީރު ބަނޑޮސް އައިލަންޑް ރިސޯޓުގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޑީއެމްޑީއައިގެ ޖަމްޢިއްޔާއެއް ރާއްޖޭގައި ޤާއިމުކުރުމުގެ މަޤްޞަދަކީ ރާއްޖެއާ މެލޭޝިޔާއާ ދޭތެރޭގައި ހުރި އެއްގޮތް ކަންކަން ކުރިއެރުވުމެވެ.

މިހާރު ގިނަ ޢަދަދެއްގެ ދިވެހި ކިޔަވާ ދަރިވަރުން މެލޭޝިޔާގައި ދިރިއުޅެމުންދާކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ މެލޭޝިޔާ ސަރުކާރުން ކެނޑިނޭޅި ވެދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް މެލޭޝިޔާގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވިގޮތުގައި، ޤައުމެއް ތަރައްޤީ ވުމަށް އަމިއްލަ ވިޔަފާރިތަކާ ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓުތަކާ އެންޖީއޯ ތަކުން މުހިންމު ދައުރެއް އަދާ ކުރާކަމަށެވެ.

މިއަދުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައިވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.