ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކަޒުމީ އެންޑޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ. މިއީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް ސަފީރެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަޕާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ޖަޕާން ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށްޓަކައި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ޖަޕާންގެ އެމްބެސީއެއް ރާއްޖޭގައި ޤާއިމް ކުރުމުގެ ސަބަބުން ދެޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖަޕާންގެ އާ ސަފީރު ކަޒުމީ އެންޑޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހުންނަ ޖަޕާންގެ ފުރަތަމަ ރެޒިޑެންޓް ސަފީރުގެ ގޮތުގައި ޚިދުމަތްކުރެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ފަޚުރެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި މި ސަރުކާރުން ދެއްވާ އަހަންމިއްޔައްތު ފާހަގަ ކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.