ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހުވަދުއަތޮޅު އުތުރުބުރި ގެމަނަފުށީ އޯކިޑުމާގޭ އާދަމް ޛާލިފާއި، މާޅޮސްމަޑުލު އުތުރުބުރި އަލިފުށީ ނިއޯލައިން މަރްޔަމް ރިޝްފާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން މި ދެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި، އާދަމް ޛާލިފާއި، މަރްޔަމް ރިޝްފާ ކުރެއްވިއެވެ.