ކޮމަންވެލްތުގެ ޚާއްޞަ މަންދޫބު ޑޮކްޓަރ ވިލީ މުޓުންގާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ ކޮމަންވެލްތުގެ ޚާއްޞަ މަންދޫބަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ޚާއްޞަ މަންދޫބުގެ މަޤާމު ޤަބޫލުކުރެއްވުމުން އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރާއްޖެއާ ކޮމަންވެލްތާ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ކޮމަންވެލްތުގެ ޚާއްޞަ މަންދޫބު މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛާ ޢައިޝަތު އާޒިމާ ޝަކޫރުއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.