ދިވެހިރާއްޖޭގައި އުކާލާ ޕްލާސްޓިކާއި، ފަރުތަކާއި، މޫދު ސާފުކޮށްގެން ނަގާ ޕްލާސްޓިކް ބޭނުންކޮށްގެން ދުނިޔޭގެ ނަން މަޝްހޫރު "އެޑިޑާސް" ކުންފުނިން ފަރުމާ ކޮށްފައިވާ ފުރަތަމަ ހޭންޑްމޭޑް 100 ބޫޓުގެ ތެރެއިން ބޫޓެއް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. މި ބޫޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމެއްގައި، ބަޔޯޑައިވަރސިޓީ އެޑިޔުކޭޝަން އެންޑް އެވެއާނަސް (ބީމް) ގެ ފައުންޑިންގ މެންބަރ ޝާހީނާ ޢަލީ އާއި، ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ޕާލޭ" ގެ ފައުންޑިންގ މެންބަރ ސިރިލް ގުޝްސްއެވެ.

މިގޮތުން ރާއްޖޭގެ ގޮނޑުދޮށްތަކުން ނަގާފައިވާ ފަސް މިލިޔަން ހަ ސަތޭކައަށްވުރެ ގިނަ ޕްލާސްޓިކް ފުޅި މިހާތަނަށް އެޑިޑާސް ކުންފުންޏަށް ފޮނުވާފައިވާކަމަށް "ޕާލޭ" ގެ ފައުންޑިންގ މެންބަރ ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ. އަދި، ތިމާވެށި ހިމާޔަތްކުރުމުގެ މި ފަދަ މުހިންމު މަޝްރޫޢެއްގައި ރާއްޖެއިން ޢަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވިއެވެ.