ސަރުކާރުގެ ބޭނުންފުޅަކީ ދިވެހި ރައްޔިތުންނަކީ އުފާ ފާގަތި ކަމާއެކީ އެމީހުންގެ އަމިއްލަ ގެދޮރުގައި އުޅެވޭނެ ބަޔަކަށްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެޕޯލޯ ހޯލްޑިންގްސް ގެ ފަރާތުން ހުޅުމާލޭގައި އަޅާ ހައުސިންގ ޔުނިޓް "ދަ އެޕޯލޯ ޓަވަރސް" ތަޢާރަފް ކުރުމަށްޓަކައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރޭ ދަރުބާރުގޭގައި އޮތް މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލު ކުރެއްވުމަށްޓަކައި ސަރުކާރުން ވައުދުތަކެއްވެ، އެ ވައުދުތައް ފުއްދަވަމުން ދާކަން ފާހަގަ ކުރެއްވިއެވެ. އަދި ބޮޑެތި ހޭދަތަކެއްކޮށް ސަރުކާރުން ތަފާތު މަޝްރޫޢޫތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވި ނަމަވެސް، އެ ކަންކަމުގެ ހަގީގީ މަޤްޞަދު ހާސިލްވާނީ ދިވެހި ރައްޔިތުން އުފަލުގައި، ގުޅިގެން އުޅޭ ކަމުގައިވާނަމަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެއްރައްޔިތަކާއި އަނެއް ރައްޔިތަކާ އޯގާތެރިވެ، އެކަކު އަނެކަކަށް މަދަދުވެރިވެ، ލޯތްބާއި އިހްތިރާމް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ އާބާދީއަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ކުޑަ އާބާދީއެއްކަން ފާހަގަ ކުރައްވައި، މިސަރުކާރުގެ އެދުންފުޅަކީ މި ކުޑަ އާބާދީ އެކުވެރިކަމާއެކީ އުޅޭތަން ފެނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.