މިނިވަންކަމުގެ 51 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވެވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްލަވާލައްވައިފިއެވެ. މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާ ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމުން، އެމަނިކުފާނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބަލް އަޙްމަދު ޡުހޫރެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމާއެކު، އެމަނިކުފާނަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

އެއަށްފަހު، ބޭއްވުނު ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވި ސްކޫލްތަކަކީ، އިސްކަންދަރު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ކަލާފާނު ސްކޫލާއި، ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި، ޢިމާދުއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އަދި ދަރުމަވަންތަ ސްކޫލެވެ.

މީގެ އިތުރުން، ވ. ފުލިދޫ ބްލޫސްޓާރ ކްލަބުންވަނީ ޘަޤާފީ ކުޅިވަރެއް ހުށަހަޅައިދެއްވާފައެވެ. އަދި، 120 ބެރުވެރިންނާއެކު ބޮޑުބެރުގެ އައިޓަމެއްވެސް ވަނީ މިރޭގެ ޕްރޮގްރާމްގައި ހުށަހަޅައިދެއްވާފައެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްފާޟިލާ ރާފިއަތު ރަމީޒާއާއި، އަލްފާޟިލް ޙުސައިން ޙަމްދޫނާއި، އަލްފާޟިލާ އަނާނާ މުޙައްމަދުއާއި، އަލްފާޟިލާ ލައިޝާ ޖުނައިދުއާއި އަލްފާޟިލާ ޚަދީޖާ މުޙައްމަދުވަނީ މިރޭގެ ކުޅިވަރު ޕްރޮގްރާމްގައި ވަކި ވަކިން ލަވަ ހުށަހަޅައިދެއްވާފައެވެ.