ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުޅުމާލޭގައި ގާއިމް ކުރެވޭ "ފިފްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލޭ ސިނާއީ ސަރަހައްދުގައެވެ.

50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ މި މަޝްރޫޢަކީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފުރިހަމަވުމުން މާލެ، ހުޅުލެ، އަދި ހުޅުމާލެ ސަރަހައްދަށް މި ޕަވަރ ޕްލާންޓުން ކަރަންޓު ފޯރުކޮށްދެވޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ވާންގ ފުކާންގއާއި، ދައުލަތުގެ ބައެެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.