މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި މިމަހު 28 އިން 30 އަށް މާފަންނު ޓްރެކް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު" ފެށްޓުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މިއަހަރުގެ މިއުޒިކީ ޢީދު އިންތިޒާމު ކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ.

މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބަލް އަޙްމަދު ޡުހޫރެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.