بسم الله الرحمن الرحيم 

އެންމެހައި ނިޢުމަތްތައް މިންވަރު ކުރެއްވި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުގެ އާލުންނާއި ޞަޙާބީން ޝާމިލުކުރަމުން.  

ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ދެކަނބަލުން، ނައިބު ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރީން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ލޮބުވެތި ދިވެހި ރައްޔިތުން. 

السّلام عليــكم ورحـمــة اللّـه وبـركاتـه؛ 

ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ތާރީޚުން ފެންނަން އޮތް އެންމެ އެވޭލާ ޒަމާނުއްސުރެވެސް މިއީ އަމިއްލަވަންތަ ސިފަތަކެއް ލިބިފައިވާ މިނިވަން ވަޒަނެއް. ދުނިޔޭގެ އޮއިވަރަށް އެކި ޒަމާންތަކުގައި އައި އެކި ބަދަލުތަކުގައި ދިވެހީން އަބަދުވެސް ދިޔައީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަމުން. މިނިވަންކަން ނަގާލުމަށް މި ޤައުމާ ތޮޅޭ ކޮންމެ ނުފޫޒަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަމުން. 

މިނިވަން ދިދައެއްގެ ހިޔާދަށުގައި، ހިނިތުންވެ ތިބެ، މިނިވަން ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، މި ޤައުމުގެ ރައްކާތެރިކަމަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި [މަތިވެރިވި ދިވެހި އަޖްދާދުންނަށް މަތިމައްޗަށް] ސާބަހާއި އައްސަރިބަސް ރައްދުކުރަމުން، އެބޭފުޅުންގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން. އަދި ޚާއްޞަކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސަލާމަތަށްޓަކައި ދިވެހި ފުލުހުންނާއި ސިފައިން ކުރައްވާ ބުރަ މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކޮށް ޝުކުރު ދަންނަވަން. 

ސައްތައިންސައްތަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތީތީ، އެކަމާ ޙަސަދަވެރިވާ އެކި ފަރާތްތައް މިއަދު މަދެއް ނޫން. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ، އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދޭން ސަރުކާރަށް ޕްރެޝަރ ކުރާ ދުވަހެއް. އިސްލާމީ ޝަރީޢަތް މި ޤައުމުގައި ހިންގާތީއާއި، މަދަރުސާތަކުގައި އިސްލާމްދީން ކިޔަވައިދޭތީ، ދިވެހީންނަށް ދަތިކުރާނެކަމުގެ އިންޒާރުތައް އޮހެމުން އަންނަ ދުވަހެއް. ރާއްޖޭގައި އޮތް ޞުލްޙަވެރިކަމާއި، ރާއްޖޭގެ ރީތިކަމާއި، ކުރިއެރުން ނަގާލުމަށް މި ޤައުމުގެ މައްޗަށް ފާވެ، ޙަސަދަވެރިވެފައި ތިބި ޚިޔާނާތްތެރީންތަކެއް އެބަތިބި.

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ތަމަޅައިންގެ ބަޔަކު ގޮވައިގެން ރާއްޖެއަށް އެރީވެސް ހަމަ މިފަދަ ދިވެހިންތަކެއް. އަވަށްޓެރި ސްރީލަންކާއަށް ގޮސް، އެޤައުމުގައި އޭރު ހަނގުރާމަ ކުރަމުންދިޔަ ޓެރަރިސްޓް ޖަމާޢަތަކަށް އެމީހުން ދިން ޔަޤީންކަމަކީ، ޓެރަރިސްޓުންގެ ހާއްޔެއް ރާއްޖޭގައި އުފައްދައިދޭނެކަމުގެ ވާހަކަ. 

ތާރީޚަކީ އިޢާދަވާ އެއްޗެކޭ ބުއްދިވެރިން ބުނަނީ މި ސަބަބުތަކަށްޓަކައި. މިއަދުވެސް އަމިއްލައަށް އަރުވައިލެވިގެން، ފަރަންޖީ ދައުލަތްތަކުގެ ހިމާޔަތް ހޯދައިގެން، ދިވެހިންގެ ބަޔަކު ރެޔާދުވާލު ކުރާތީ ފެންނަނީ މި މަސައްކަތް. ރާއްޖޭގެ ޓުއަރިޒަމް ހުއްޓުވުން. ރާއްޖެއަށް ލިބޭ އިންވެސްޓްމަންޓްތަކާއި މާލީ އެހީތަކަށް ހުރަސްއެޅުން. ދިވެހި ރައްޔިތުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން. ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ވެއްދުން. އިސްލާމީ އުސޫލުތަކަށް ޢަމަލުކުރުން ހުއްޓުވުން.  

2000 ވަނަ އަހަރުން ފެށިގެން މިވޭތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގައި ކަންހިނގާދިޔަގޮތް އަޅުގަނޑުމެންގެ ހަނދާނުގައި އެބަހުރި.

މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ޙަވާލުވުމުގެ ކުރީން، ވޭތުވެދިޔަ ދިހަވަރަކަށް އަހަރު މި ޤައުމުގެ ތަރައްޤީ އޮތީ ހުއްޓިފައި. އިޤްތިޞާދީ އާ މަސައްކަތްތަކެއް ނުކުރެވޭ. ޤައުމީ ރިޒަރވް އިތުރެއްނުވޭ. މަގުތަކުގައި އޮތީ މުޒާހަރާ. ދިވެހި ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބޭނެ ހަމަ އެއްވެސް ކަމެއް ނުހިނގާ. މި ޤައުމުގެ ތަރައްޤީ ދިޔައީ އަހަރުތަކެއް ފަހަތަށް. ކުރީން ކުރި ބިނާތައްވެސް ފެނުނީ އާބާތުރަ ފިލުވާނެފަދަވެސް ނެތި ވީރާނާވަމުން ދިޔަތަން. 

އެހެންކަމުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ އެޖެންޑާއަކަށްވީ ޤައުމު އާރާސްތުކުރުން. މި ފަސްގަނޑުގެ ކަރާމަތަށްޓަކައި ލޭ އޮހޮރުވާލި އެތަކެއް މުވާޠިނުންގެ ޤުރުބާނީއަކީ، ގެއްލިގެންދިޔަ އެއްޗެއް ކަމުގައި ނުވާނޭ ގޮތެއްގެ މަތިން ޤައުމުގެ ކަންކަން ރާވައި ބައްޓަންކުރުން.

އަޅުގަނޑު އޭރުވެސް މިހާރުވެސް ދަންނަވަމުން މި އަންނަނީ، މި ސަރުކާރު ވެރިކަންކުރަން މިއައީ ސިޔާސީ ކަންކަމުގައި ވާދަކުރާކަށް ނޫނޭ. މަގުމަތިން ކުރިމަތިލައި ހަނގާކުރާކަށް ނުމެނޫނޭ. އަޅުގަނޑު މި ވާދަކުރަނީ މި ޤައުމުގައި ހުރި މައްސަލަތަކާ. ދިވެހި ޤައުމުގެ ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން އަޅުގަނޑުގެ ޢަޒުމަކީ، ދިވެހި ރައްޔިތުންނަށް އުފާފާގަތި، ތިޔާގި، އަމާން، މިނިވަން ޤައުމެއް ހޯދައިދިނުން. 

ޤައުމުގެ މިނިވަންކަން ދިފާޢުކުރުމާއި އަދި ކާބަފައިންގެ ޖިހާދުގެ އަގު ވަޒަންކުރުމާއި، ޤައުމު ރައްކާތެރިކުރުމުގެ ވާހަކަތަކަކީ، ސިޔާސީ އެކި ފަރާތްތަކުން ވަރަށް ފަރިތަކަމާއެކު ދައްކާ ވާހަކަތަކެއް. އަދި  މިފަދަ ކޮންމެ ދުވަހަކާ ގުޅިގެން މި އަޑުތައް ގަދަވަމުންދޭ. އެހެނަސް، މި ބަސްތަކުގެ ފުރިހަމަ މާނައިގައި އެވާހަކަ ދެކެވެނީ ކިތައް ފަހަރުތޯ ނުވަތަ ކިތައް ފަރާތުންތޯ؟ މިއަދު ކޮށްލަން މިއީ ހަމަ ރަނގަޅު ސުވާލެއް.  

ރާވެރިބެޔާއި ޢަލިރަސްގެފާނު ފުރާނައިން ޤުރްބާންވެވަޑައިގަތީ މިކަންކަން ދިފާޢުކުރެއްވުމަކަށް ނޫންތޯ؟ މިއީ ނޫންތޯ، އުތީމު ތިން ބެއިންނާއި ދަނޑެހެލުގެ ޖިހާދުގެ ލަނޑުދަނޑިއަކީ؟ ދޮންބަންޑާރައިންގެ ޤުރްބާނީގައި މިނޫން އެހެން މަޤްޞަދެއްވޭބާ؟ އިބްރާހީމް ނާޞިރު، އިނގިރޭސިންގެ އިސްތިޢުމާރުން އަދި ވޯރާ ވިޔަފާރިވެރިންގެ ނުފޫޒުން ދިވެހި ޤައުމާއި ދިވެހި އިޤްތިޞާދު މިނިވަންކުރެއްވީ 21 ވަނަ ޤަރުނުގައި އަލުން މިފަދަ އިސްތިޢުމާރީ ބާރަކުން ބަސްކިޔުމަށް ޖާގަދެއްވުމަށްބާ؟

ޝަހީދު ޙުސައިން އާދަމް، އޭނާގެ ފުރާނަ ދޫކޮށްލެއްވި މައިދާނުގައި މިނިވަންދުވަހު އެއްވެ ތިބޭއިރު، މިއީ އަޅުގަނޑުމެން އަމިއްލަ ނަފްސުތަކާ ކުރަންޖެހޭ ސުވާލުތަކެއް. އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހަކުމެ، އެމީހެއްގެ އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލެއް. އަޅުގަނޑަށް ގަބޫލުކުރެވޭ ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް އެންމެ ފުރިހަމަގޮތުގައި، މި އަމާނާތަށް ރައްކާތެރިވެވިފައިވާނަމަ، ނޮވެންބަރު 3 ގައި އޮނަވިހި ދިވެހިންގެ ލޭ، މި ބިމަށް އަދި މި މައިދާނަށް އޮހޮރިގެން ނުދިޔައީސްކަން. 

މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ މަގުތަކަކީ އަޅުގަނޑުމެންގެ އަންހެނުންނާއި ކުޑަކުދިންނަށް، ކީއްކުރަންތޯ، ބޮޑެތި ފިރިހެނުންނަށްވެސް އަމާން ތަނަކަށްނުވާކަން. ރައްޓެހިކަމުގައި ވެވޭ ޒުވާބަކުން އަޅުގަނޑުމެންގެ ސާދަ ފަނަރަ އަހަރުގެ ކުދިން، ވަޅިއާއި ކަނޑީގެ ހަނގުރާމަ އިޢުލާނު ކުރާކަން. މިކަންކަން ހުއްޓުވަންވެއްޖެ. 

ދިވެހި ދައުލަތަކީ ގިނަ ދުވަސްތަކެއް ވެފައިވާ ދައުލަތެއް ކަމުގައިވީނަމަވެސް، މި ދައުލަތަކީ، ދައުލަތެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ބިނާވެފައިވާ ދައުލަތެއް ކަމުގައި ބުނުން ވަނީ ދަތިކަމަކަށް. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ އަދި މިވީ ހަމަ އެންމެ 51 އަހަރު. ލިޔެވިފައިވާ އުސޫލުތަކެއްގެ މަތިން ރާއްޖޭގައި ވެރިކަން ކުރަން ފެށިތާ މިވީ 84 އަހަރު.  

ދައުލަތް ބިނާކުރުމަށް އަޅުގަނޑު މިކުރާ މަސައްކަތުގައި މުޅި ދިވެހި ދައުލަތް ހިނގާނޭގޮތުގެ ގޮތްތައް ރާވައި އެކުލަވައިލުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. ޤައުމާއި ދައުލަތް ބިނާކުރުމުގައި ދުނިޔޭގައި ޢިލްމީ ދިރާސާކުރާ ފަރާތްތަކާއެކު މިފަދަ މަސައްކަތްތައް މިގެންދަނީ ކުރަމުން. މިފަދަ ފަރާތްތަކުން ފާހަގަކުރާގޮތުގައި، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުން ޑިމޮކްރަސީއާ ކުރިމަތިލާފައިވަނީ، އެ ޤައުމުތަކުގެ ދައުލަތް ބިނާކުރުމަށްފަހުގައި. އެހެނަސް ދިވެހިރާއްޖެއިން، ޑިމޮކްރަސީ ގެނައުމުގެ މަސައްކަތް ފަށާފައިވަނީ، ދިވެހި ދައުލަތް، ދައުލަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ މިންވަރަށް ބިނާކުރުމުގެ ކުރިން.  

އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، 2004 ވަނަ އަހަރުން ފެށިގެން މިދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ޤައުމުގެ ތަރައްޤީން ވަރަށް ގިނަ ވަގުތުތަކެއް ގެއްލިފައިވާކަން.   

ރާއްޖޭގެ އެތެރޭގަޔާއި، ރާއްޖެއިން ބޭރުގައި މިހާރު އެންމެ ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންދާ މައްސަލައަކީ، މަރުގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ. މި މައްސަލައިގައި އެކި ފަރާތްތަކުން ފާޑުކިޔަމުންދަނީ އެކި ސަބަބުތަކަށްޓަކައި.

މަރުގެ އަދަބު "އަލުން" ރާއްޖޭގައި ތަންފީޛު ކުރުމަކީ، ދުނިޔޭގެ ބައެއް ޤައުމުތަކުން ނުރުހޭ ކަމަކަށްވާއިރު، ބައެއް އެހެން ފަރާތްތަކުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންގެންދަނީ، ރާއްޖޭގެ ފަނޑިޔާރުގެއާ ބެހޭގޮތުން ހުރި ކަންބޮޑުވުންތަކެއްގެ ސަބަބު ދައްކަމުން. އަދި ބައެއް އެހެން ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ އޭގެ ތެރެއިން އެއް މައްސަލައިގައި ވާރިސުން، މަރުގެ ޙުކުމް ލަސްކުރުމަށް އެދިފައިވާތީ.

އިސްލާމީ ޝަރީޢާއާއި، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ހަމަޖެހިފައިވާގޮތުން، މިކަމަކީ މި ވަގުތު ޤައުމުގެ ވަލިއްޔުލްއަމްރުގެ ބާރުގެ ދަށުގައިވާ ކަމެއް ނޫން. އިސްލާމްދީނުގައި، ޤަޞްދުގައި މީހަކު މަރާލާ މައްސަލަތަކުގައި ޤާތިލަށް ކަނޑައެޅިފައިވާ ޙުކުމަކީ މަރު. މިއީ، ސީދާ ކީރިތި ޤުރުއާނުގެ ސާފު ނައްސުން ބަޔާންކުރެވިފައިވާ ކަމެއް. އެހެންކަމުން، ޤާނޫނީ އޮނިގަނޑު ތަންފީޛުކުރުމަށްޓަކައި މަރުގެ އަދަބު ތަންފީޛު ކުރުމަކީ ކުރަންޖެހިފައި އޮތްކަމެއް.

އަޅުގަނޑުމެން، އެހެން ޤައުމުތަކުގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމްކުރާ ފަދައިން، އެހެން ޤައުމުތަކުންވެސް އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭ. އަދި އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ޤައުމުތަކުން ވަންނަނަމަ، މިއީ އަޅުގަނޑުމެން ހީނުކުރާވަރުގެ ބޮޑެތި ނުފޫޒުތަކަށް ޤައުމު ހުޅުވައިލުމުގެ ޖާގަދެވޭނެ ކަމެއް.  

ސީރިޔާއަށް ދިވެހިންގެ ތެރެއިން މަދު ނަމަވެސް ބަޔަކު ދާ ދިޔުމަކީ އަދި، ދުނިޔޭގައި ހިނގާ ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވުމަކީ، އެއިން ކޮންމެ ޢަމަލަކުން ދިވެހި ޤައުމުގެ ރައްކާތެރިކަމުގެ ކޯއްޓޭގައި ފޫއަޅުވައިލެވޭ ބާގަނޑެއް. ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުށުގައި ބައިވެރިވުމަށް ދިވެހިން ގިރާކުރާ ގިރާކުރުމެއް. ޤައުމަށް އެހެން މީހުންގެ ނުފޫޒު އެތެރެކުރުމަށް ދެވޭ ވަރުގަދަ ދަޢުވަތެއް.  

މިއީ، އަމިއްލައަށް ފަރުދީ ހައިސިއްޔަތުން ކުރާ ކަމެއް ކަމުގައި ބަޔަކު ޤަބޫލުކުރިނަމަވެސް، މިއީ، މުޅި ދިވެހި އުންމަތް އެކަމުގެ ނަތީޖާގައި ޝާމިލުވާ ކަންކަން. އެހެންކަމުން، ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިޔުމުގައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭކަމަށް ފެންނާތީ، މިކަމަށް ޚާއްޞަ މުއައްސަސާއެއް އުފައްދައިގެން، އަވަށްޓެރި ޤައުމުތަކާއެކު އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން މިހާރު ވަނީ އިސްވެ މަސައްކަތްތަކެއް ކުރަން ފަށާފައި. އަދި މި މައްސަލައިގައި އިތުރަށް އަޅަން ފެނިވަޑައިގަންނަވާ ފިޔަވަޅުތަކާމެދު ރައްޔިތުންގެ މަޖިލީހުން ބަޙުޘްކޮށް، ގޮތެއް ނިންމަވައިދެއްވުމަށް އެދި ސަރުކާރުން މިހާރުވާނީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހަޅާފައި.  

ދިވެހި ލޮބުވެތި ރައްޔިތުން؛

ޤައުމުގެ މިނިވަންދުވަހު އަޅުގަނޑުމެން ވިސްނަންޖެހޭ އެންމެ މުހިންމު ދާއިރާއަކީ، ޤައުމުގެ އިޤްތިޞާދީ މިނިވަންކަމުގެ ދާއިރާ. ދިވެހިންގެ ފުދުންތެރިކަން ހުރި މިންވަރުގެ ވާހަކަ. އެހެން ބަޔަކަށް ސަލާން ނުޖަހާ އުޅެވިގެން ނޫނީ، ދިވެހި ޤައުމުގެ ފުރިހަމަ މިނިވަންކަން ލިބިއެއްނުގަނެވޭނެ.  

މި 21 ވަނަ ޤަރުނުގައި، އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު ބިނާވެފައި މިވަނީ ފަތުރުވެރިކަމަށް. ފަތުރުވެރިކަމަކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ އަތުގައި އެ ޞިނާޢަތުގެ ބާރު އޮތް ޞިނާޢަތެއް ނޫން.  

ހަމައެއާއެކު، އަޅުގަނޑުމެންގެ ޤައުމުގެ ޢުމްރާނީ ވަސީލަތްތަކުގެ ނާޒުކުކަމަކީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންކަން. އެހެންކަމުން، އިޤްތިޞާދު ފުޅާކޮށް، އެހެނިހެން  ވިޔަފާރިތަކާއި، އިންވެސްޓްމަންޓްތަކާއި މަސައްކަތްތައް އިތުރުކުރުމުގެ މަސައްކަތަކީ، މިއަދު ހުއްޓުމެއްނެތި ކުރަންޖެހިފައި އޮތް މަސައްކަތެއް. އަދި ވަޒީފާގެ ފުރުޞަތު އިތުރުކޮށްގެން، އިޤްތިޞާދުގެ ލަގަން ދިވެހިންގެ އަތްމައްޗަށް މިއަދު ގެންނަން އެބަޖެހޭ. މިކަމަށްޓަކައި، ކެނޑިނޭޅި މަސައްކަތްކުރަން އެބަޖެހޭ. އަދި ރާއްޖެ އޮތް ސަރަޙައްދާއި ޓައިމްޒޯންގެ ގޮތުން ދިވެހި ޤައުމުގެ އިޤްތިޞާދު ފަހިކުރުމަށް ކުރަންޖެހޭ މަސައްކަތް ހުއްޓާނުލައި ކުރަން އެބަޖެހޭ. މިކަންކަމަށް އަތުކުރި އޮޅައިލުމަށް ދިވެހި ޤައުމުގެ މަސައްކަތްތެރިންނަށާއި އަދި ޒުވާނުންނަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑުމެންނާއެކު ބައިވެރިވުމަށް އަޅުގަނޑު ދަޢުވަތު އަރުވަން. އަދި ކޮންމެ ކުއްޖަކުވެސް މަތީ ތަޢުލީމު ހާސިލުކުރުމަށް ނުވަތަ ވަޒީފާއެއް އަދާކުރުމަށް ހުޅުވައިލަދޭންޖެހޭ ދޮރުތައް މިގެންދަނީ އަވަސްކަމާއެކު ހުޅުވައިދެމުން.  

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މިހާރު 24 ގަޑިއިރު ކަރަންޓް ލިބޭނެ. 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް، މި ސަރުކާރުން ކަށަވަރުކޮށްދޭނެ. ރަށްތައް ގޮނޑުވެ، ކުނި ގިނަވުން ޙައްލުކުރުމަށް މާލެ ސަރަޙައްދާއި އަތޮޅުތެރެއަށް އަމާޒުކޮށްގެން، އެއްހާސް މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުއެއް ފެށުމަށް މިހާރުވަނީ ނިންމާފައި.  

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިހާރުވަނީ ވަރަށްގިނަ ފިޔަވަޅުތައް އަޅާފައި. ކޮންމެ ރަށެއްގައި މިހާރު އާސަންދަ ލިބޭ ބޭސްފިހާރައެއް ހުންނާނެ. ކޮންމެ ރަށެއްގައި ޑޮކްޓަރުން ޚިދުމަތް ކުރައްވާނެ. ބޮޑެތި ބަލިތަކުގައި އަދި ކުއްލި ޙާލަތުގައި ހަސްފަތާލުތަކާ ހަމަޔަށް ދަތުރުކޮށްދޭނެ ސީއެމްބިއުލާންސްގެ ޚިދުމަތް މުޅި ރާއްޖެއިން މިހާރު ލިބޭނެ. އަދި ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގެ ހޮސްޕިޓަލްތަކުން ލިބޭނެ މަގު މިދަނީ ތަނަވަސްކޮށްދެމުން. ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ނުހޯދޭ، ވަރަށް ސީރިއަސް ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު މިހާރުވާނީ ފަހިކޮށްދެވިފައި. 

ހުޅުމާލޭގައި ފުރަތަމަ މީހުން އާބާދުވިތާ 12 އަހަރުން ބިނާކުރެވުނީ ދެހާހެއްހާ ފްލެޓް. މި ސަރުކާރުގެ ފުރަތަމަ 5 އަހަރު ތެރޭ އިރާދަކުރެއްވިއްޔާ 16000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ހުޅުމާލޭގައި ބިނާކުރަން ޚިޔާލުކުރެވޭ. އޭގެ ސަބަބުން، އަމިއްލަ ހިޔާވަހިކަމުގެ ޔަޤީންކަން، ގިނަ ޢަދަދެއްގެ ޢާއިލާތަކަށް ލިބިގެންދާނެ. 

ރާއްޖޭގެ ފަތުރުވެރިކަން މިހާރު މިދަނީ މުޅީން އާ ހަރުފަތަކަށް. ރަށްތަކުގައި ގެސްޓްހައުސްތައް އިތުރުވެ، ފަރުދުންނަށް ލިބޭ މަންފާ ދަނީ ބޮޑުވަމުން. ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ނަންހިނގާ ގިނަ ކުންފުނިތަކުން ރާއްޖޭގައި ދަނީ އިންވެސްޓް ކުރަމުން. ޓޫރިޒަމްގެ ޤާނޫނަށް އެންމެފަހުން ގެނެވުނު ބަދަލުތަކާއެކު، ރާއްޖޭގައި ރިޒޯޓް ބިނާކުރުން އިތުރުވެގެންދާނެ ކަމަށް ސަރުކާރަށް ކަށަވަރުކުރެވޭ.  

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، ހުޅުލެއާއި މާލެ ގުޅައިދޭ ބްރިޖާއެކީ ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުން އަގުކުރެވޭއިރު، ހުޅުމާލެ ޔޫތުސިޓީގެ މަޝްރޫޢަށްވެސް މިވަރުގެ ހޭދައެއް މި 5 އަހަރުގެ ތެރޭގައި ކުރެވޭނެ. 

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، ތިލަފުށީގައި ސަރަޙައްދީ ފެންވަރުގެ ތަނަވަސް ޕޯޓެއް އެޅުމަށް ނިންމައި، ސްޓްރެޓެޖިކް ޕާޓްނަރުންނާއެކު މިހާރު ދަނީ މަސައްކަތް ކުރަމުން. ތިލަފުށީ ޕޯޓާއެކު މިފެންވަރުގެ ޕޯޓަކަށް ބޭނުންވާ އެންމެހަނި ވަސީލަތްތަކާއި ޚިދުމަތްތައް، މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވި، މުދާ ރައްކާކުރުމާއި، ލޮޖިސްޓިކްސް އަދި ޑިސްޓްރިބިޔުޝަން ނެޓްވަރކް ފުޅާވެ، މުދަލާއި ޚިދުމަތުގެ އަގަށް ހެޔޮބަދަލުތަކެއް އައިސް، އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއަށް އޭގެ މަންފާ ލިބިގެންދާނެ.

 

މި މަޝްރޫޢުގެ ދަށުން ޓްރާންސްޝިޕްމަންޓް ޚިދުމަތާއި، ފްރީ ޒޯން އަދި ވެލިޔު އެޑިޝަންގެ މަސައްކަތުގެ އިތުރުން، ގުޅީފަޅު ތަރައްޤީ ކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެންދާނެ. 

މިއިން ކޮންމެ މަޝްރޫޢެއް ފެށުނީއްސުރެ، ވަޒީފާތައް އިތުރުވެ، މަސައްކަތްތައް އުފެދި، ރައްޔިތުންގެ ފުދުންތެރިކަން އަންނާނީ އިތުރުވަމުން. 

އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލާއި ފުދުންތެރިކަމާމެދު މިއަދަކު ނާއުންމީދުކަމެއް ނެތް. އެހެންނަމަވެސް ހަމައެކަނި އިޤްތިޞާދު ކުރިއަރާ ވާހަކަދައްކައިގެން އަޅުގަނޑުމެންނަށް ފަރުޖެއްސޭކަށް ނެތް. ވަރުގަދަ ބިނާތަކާއި ބޮޑު ތިޔާގިކަމެއް ޤައުމަށް ގެނައުމުގެ ޙަޤީޤީ މަންފާ ފެންނާނީ، އިޖުތިމާޢީ ބަލިތަކަށްވެސް ފަރުވާކޮށްގެން. އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އުޅުންހުރި، ގޮތްހުރި މުޖުތަމަޢެއް ބިނާކުރެވިގެން.

 އެކަމަށްޓަކައި ސަރުކާރުން ކުރާ އެއްކަމަކީ، ވަކިމީހަކަށް ބެލުމެއްނެތި ޤާނޫނު ތަންފީޒުކުރުން. ދައުލަތް ހިންގުމުގެ ނިޒާމު މިހާރު އޮތްގޮތުން ޝަރުޢީ ދާއިރާއަކީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒު ނުފޯރާ މިނިވަން ބާރެއް. ސަރުކާރުން ޝަރުޢީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތަކީ، އެ ދާއިރާ ފުރިހަމަކުރުމުގެ ގޮތުން، ތަނަވަސްކޮށްދެވެން ހުރި ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދިނުން. ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ޙިމާޔަތްކުރެވޭނެ ޤާނޫނީ ނިޒާމެއް ޤާއިމްކޮށްދިނުން. އާބިޓްރޭޝަން މަރުޙަލާ ޝަރީޢަތުގައި އުފެދިގެންދިޔުން. ޝަރީޢަތްތައް ލަސްނުވެ ހިނގުން. ބައިނަލްއަޤްވާމީ ޖަޖުންނާއި، ޤާނޫނީ މާހިރުންގެ ބައިވެރިވުމާއި އެހީތެރިކަން ރާއްޖޭގެ ޖުޑިޝަރީއަށް ފޯރުކޮށްދިނުން. 

މި ސަރުކާރަށް މިވީ ދޭއްބައި އަހަރުގެ ތެރޭގައި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމު ހަރުދަނާކުރުމަށް ހެޔޮބަދަލުތަކެއް މި ސަރުކާރުން ގެނެސްދީފީމު. ޒަމާނާ ގުޅޭ ޤާނޫނުލްޢުޤޫބާތެއް އަޅުގަނޑުމެންވާނީ ގެނެސްދީފައި. ޖިނާއީ އިޖުރާތާބެހޭ ޤާނޫނު އެވަނީ ތަޞްދީޤު ކުރެވިފައި. ޝަރުޢީ ނިޒާމް ޢާންމުންނާ ގާތްކުރުމުގެ ގޮތުން ހައިކޯޓުގެ 2 ގޮތްޕެއް އުތުރާއި ދެކުނުގައި އެވަނީ ޤާއިމުކުރެވިފައި.  

ދިވެހި ލޮބުވެތި ރައްޔިތުން؛  

މިނިވަންކަމުގެ ޙަޤީޤީ މާނައަކީ އެމީހަކު ހިތުހުރިގޮތަކަށް އުޅުމެއް ނޫން. ކިތަންމެ ކުރިއަރާފައި އޮތް ޤައުމަކަސް، ކިތަންމެ ތަނަވަސް ޤައުމަކަސް، ހަރުކަށި ޢަމަލުތައް ގިނަވެ، ޤާނޫނު މުގުރައި، މަގުތައް ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދާނަމަ، މި ޙާލަތަށްދާނެ. ޤައުމުގެ އިޤްތިޞާދަށާއި ކުރިއެރުމަށް ލޮޅުންއަރާނެ. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް މިކަހަލަ ކަމެއްގެ އަސަރާއި ނިކަމެތިކަން މާބޮޑުވާނެ. 

ރާއްޖެއަށް އަންނަ އިޤްތިޞާދީ ފުދުންތެރިކަމާއެކު ތަހުޒީބު މުޖްތަމަޢެއް ބިނާކުރުމަށްޓަކައި މި ޚިޔާލާއި ފިކުރު، ރައްޔިތުންގެ ހިތްތަކުގައި ގޮވާން ކުރަންޖެހޭ.  ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ތިބި އަޚްލާޤީ ޖީލެއް ބިނާކުރުމުގައި ސަރުކާރުން އެންމެ އިސްކަންދޭ ކަމަކީ، ކީރިތި ޤުރުއާނާއި އިސްލާމްދީން އުނގަންނައިދިނުން.

މި ސަރުކާރުން ވާނީ ޕްރައިމަރީ މަރުޙަލާގައި ކީރިތި ޤުރުއާނަކީ، މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤައުމީ މަންހަޖުގައި ކަނޑައަޅާފައި. ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ، ޕްރައިމަރީ މަރުޙަލާ ނިންމާ ކޮންމެ ދަރިވަރަކީވެސް، ޤުރުއާން ޚަތިމުކުރާ ކުއްޖެއްގެ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން، އާދެ، މިއަންނަ އަހަރުން ފެށިގެން ހެދުން.  

ކީރިތި ޤުރުއާނާއި އިސްލާމީ ތަޢުލީމު، ދިވެހި މުޖްތަމަޢުގައި ވަރުގަދަކުރުމަށް އަޅުގަނޑު އެޅި އެއް ފިޔަވަޅަކީ، އިސްލާމީ ޔުނިވަރސިޓީއެއް ރާއްޖޭގައި ޤާއިމްކުރުން. އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެ ޔުނިވަރސިޓީގައި ޕީ.އެޗް.ޑީ ފެންވަރަށް ކިޔަވައިދޭން ފެށޭނެ. 

ﷲގެ ރަޙްމަތްފުޅާއެކު އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައި މިވާ ތަރައްޤީއާއި ތަމައްދުންގެ ބިންގާތައް ރާއްޖޭގައި އެޅިއްޖެނަމަ، އެ ދުވަހު މި ރާއްޖެ އޮންނާނީ، މި ސަރަޙައްދުން އެންމެ ރީތި، އެންމެ ނަލަ ޤައުމުގެ ގޮތުގައި. އެންމެ ތިޔާގި ޤައުމުގެ ގޮތުގައި. އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާހިތްވާ، އެންމެ ހިތްގައިމު މަންޒިލެއްގެ ގޮތުގައި. ދިރިއުޅުން އެންމެ އުފާވެރި، ޚިދުމަތްތައް އެންމެ ފުރާ ފުރިހަމަ ފަސްގަނޑުގެ ގޮތުގައި. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛ 

މި ސަރުކާރުގެ އަމާޒަކީ، ފަރުދުންގެ ތަނަވަސްކަމާއި، ވަޒީފާގެ ފުރްޞަތުތަކާއި، ވިޔަފާރީގެ ފުރްޞަތުތައް އިތުރުކޮށްދީ ފުޅާކޮށްދިނުން.  

ފަރުދުންގެ ތަނަވަސްކަމާއި ހަމަޖެހުމާއެކު، މިނިވަންކަމުގެ އަގު ވަޒަންކުރުން، އެތައް ތަނެއް ފަސޭހަވެގެންދޭ.  

ޤައުމުގެ ތަނަވަސްކަމާއެކު، މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރަން ފަސޭހަވެގެންދޭ.  

ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު، ޤައުމުގައި ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ޤާއިމުކުރުމަށް ފުރްޞަތު ފަހިވެގެންދޭ.  

މި އުފާވެރިދުވަސް މި ޤައުމަށާއި އަޅުގަނޑުމެންގެ ދަރީންނަށް ހޯދައިދިނުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ހެޔޮ ވިސްނުން މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! ކެހިވެރި ރޭވުންތަކާއި، ފިތުނައާއި، އެންމެހާ ނުރައްކާތަކުން ދިވެހީންގެ ވަޠަން އަބަދުގެ އަބަދަށް ސަލާމަތް ކުރައްވާށި! ދިވެހިދިދަ މިނިވަންކަމާއި މަޖްދާއި ޝަރަފުގައި ވިހުރެމުން ދިޔުމުގެ ހެޔޮ ނަސީބު އަބަދުމެ މިންވަރު ކުރައްވާށި! އާމީން.

والسّلام عليكم ورحمة الله وبركاته.