ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިރޭ އިފްތިތާޙްކުރެވުނު ސްޓްރެޓީޖިކް ޕްލޭންގައި 3 އަމާޒަކަށް 5 ދާއިރާއަކުން 21 ލަނޑުދަނޑިވަނީ ހިމަނާލެވިފައެވެ. މިރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުނު ރަސްމިއްޔާތުގައި އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އިސްލާމިކް ފޯރަމް އޮފް އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯއާ ދެމެދުވެވޭ އެއްބަސްވުމުގައިވަނީ ސޮއެކުރެވިފައެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޢަމާޒަކީ 2020ވަނަ އަހަރާ ހަމައަށް ޔުނިވަރސިޓީއިން 400އަށް ވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށްގެން ދަސްވެނިވުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިހާރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ހިންގަމުންދާ ޢިމާރާތަކީ ޖާގައިގެ ދަތިކަން ދިމާވެފައިވާ ތަނެއްކަމަށާ މި ސަރުކާރުން މަސައްކަތްކުރަމުން ގެންދަވަނީ މި ޔުނިވަރސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން މިހާރު މިސްރާބު ޖަހަނީ އިސްލާމިކް ޔުނިވަރސިޓީއެއް ޤާއިމުކުރެވިފައިހުރުމުން، ޔުނިވަރސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރާނެ ޔުނިވަރސިޓީއަކަށް ހެދުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިސްލާމީ ތަޢުލީމަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ، މިފަދަ ޔުނިވަރސިޓީއެއް ޤާއިމްކޮށްދެއްވާ މި ޔުނިވަރސިޓީއަށް ބޭނުންވާ މުވައްޒަފުންނާ ވަސީލަތްތައް ފޯރުކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. މީގެ އިތުރުން، ސްޓްރެޓަޖިކް ޕްލޭން އެކުލަވާލުމަށްފަހު އޭގަ ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، މި ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ކަންކަމަށް މިކަމުގެ އުޅުއްވާ ބޭފުޅުން ފަރުވާކުޑަނުކުރަށްވާ މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވަމުން، މި ސަރުކާރުން މިކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ އިސްލާމިކް ފޯރަމް އޮފް އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯއާ ދެމެދުވެވޭ އެއްބަސްވުމުގައިވަނީ ސޮއެ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އިސްލާމިކް ފޯރަމް އޮފް އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ އެމުއައްސަސާގެ ރައީސް ޑޮކްޓަރ ފައުޒީ އައުޞިއްދީޤެވެ. މިރޭގެ ރަސްމިއްޔާތުގައި އިސްލާމިކް ފޯރަމް އޮފް އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯގެ ފަރާތުން ދެއްވާ ޚާއްޞަ އަށްޑަނައެއްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ހުސެއިންއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ޗާންސެލަރުންނާއި، އެ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ ޑީންއުންނާއި، ކައުންސިލް މެންބަރުންނާއި، ޕްރޮފެސަރުންނާއި ކިޔަވާދެއްވާ ލެކްޗަރަރއިންނާއި ކިޔަވާ ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.