ޗައިނާގެ ސޫޖޯ ސިޓީގެ މޭޔަރު ހިޒް އެކްސެލަންސީ މިސްޓަރ ކޫ ފޫޝިއަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާ ޗައިނާއާއި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނުތާ 44 އަހަރު މިއަހަރު ފުރޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވާ ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރިއާއި، ތަޢުލީމު އަދި ޞިއްޚީ ދާއިރާ ކުރިއެރުވުމަށްޓަކައި ދެޤައުމުންވެސް ގުޅިގެން މަސައްކަތްކުރުމާމެދު މި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށް ފާހަގަކުރައްވަމުން ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭ ފްލައިޓްތަކުގެ ޢަދަދު ގިނަކުރެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި ދަތުރުކުރާ ފްލައިޓްތަކުގެ ޢަދަދު ގިނަވުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގިނަވެގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރައްވިއެވެ. މޭޔަރުގެ ވާހަކަފުޅުގައި، 2014 ވަނަ އަހަރާ 2015 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ ޢަދަދު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ، މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުއާ ޗައިނާގެ ސޫޖޯ ސިޓީގެ މޭޔަރުވަނީ ދިވެހިރާއްޖޭގެ ތިމާވެށްޓަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތަކާމެދު ވާހަކަފުޅު ދައްކަވާ، މި މައްސަލަތައް ހައްލުކުރުމަށް ދެޤައުމުން މަސައްކަތްކުރުމުގެ މުހިންމުކަމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އަލްފާޟިލާ ފާތިމަތު އިނާޔާއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.