ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާ ގުޅިގެން، އެކުގައި މަސައްކަތް ކުރައްވާނެ ކަމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ހަންގޭރީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ގަޔުލާ ޕެތޯ ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެރުވުމަށްފަހު، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަންގޭރީގެ އާ ސަފީރުގެ ވާހަކަފުޅުގައި، ހަންގޭރީން ރާއްޖެއަށް ސިއްޙީ ދާއިރާއިންނާއި އެހެނިހެން ފަންނީ ދާއިރާތަކުން ތަޢުލީމީ ފުރުޞަތުތައް ފަހި ކޮށްދޭނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ރައްކާތެރި ބޯފެން އުފެއްދުމުގައި އެ ޤައުމުން އެހީތެރިވެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއެކު މަޝްވަރާ ކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ހަންގޭރީގެ އާ ސަފީރު ފަތްކޮޅު އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ހަންގޭރީގެ އާ ސަފީރާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.