ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޔާރގަން މޯހާޑް ‏‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ފަތުރުވެރިކަމާ އުމްރާނީ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމަށް ހިޒް އެކްސެލެންސީ ޑޮކްޓަރ ޔާރގަން މޯހާޑް ‏‏ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާވަނީ ޖަރުމަނުގެ ފަރާތުން ދިވެހިރާއްޖޭގެ ތިމާވެށި ތަރައްޤީ ކޮށްދިނުމަށްޓަކައި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ޖަރުމަނުގެ ސަފީރުގެ ވާހަކަފުޅުގައި، މި އަހަރަކީ ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ޙާރިޖީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވަމުން ދެޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެވުނެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދެބޭފުޅުންވެސްވަނީ ދިވެހިރާއްޖެއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދަން ކުރެވިދާނެ މަސައްކަތްތަކާމެދުވެސް މަޝްވަރާ ކުރައްވާފައެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް ޖަރުމަނުގެ އިންވެސްޓަރުން ހޯދުމުގެ މުހިންމުކަމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ދިވެހިރާއްޖެއަށް ހޯދަން ކުރެވޭ މަސައްކަތްތަކާ ސަރުކާރުގެ ފަރާތުން ގެންގުޅުއްވާ ސިޔާސަތުތައް ޖަރުމަނުގެ ސަފީރާ ޙިއްޞާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގުމާ ހަވާލުވެ ހުންނެވި ޑޮކްޓަރ މުޙައްމަދު ޝައިނީއާ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.