ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސަޢީދު ޚަވާރު ޢަލީ ޝާޙް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއާއި ޕާކިސްތާނާއި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނުތާ 50 އަހަރު މިއަހަރުގެ ޖުލައި 26 ގައި ފުރޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ‏ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މަޝްވަރާ ކުރައްވާފައެވެ. މީގެތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާއާއި، ޞިއްޚީ ދާއިރާއާ ބެހޭގޮތުން ވެސް ދެބޭފުޅުން ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ފޮރިން ސެކްރެޓަރީ ޑރ. ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.