ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައި، ޢީދުގެ ސަލާން ކުރައްވައިފިއެވެ. ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 8:30 އިން 9:30 އަށް އިސްލާމީ މަރުކަޒުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޢީދުގެ ސަލާން ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދުގެ ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޙާޟިރުވިއެވެ.