ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، 'ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1437' ޕްރޮގްރާމްގެ ގްރޭންޑް ފިނާލޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމްގެ ގްރޭންޑް ފިނާލޭ އޮތީ މިރޭ ޓީ.ވީ.އެމްގައި ކުރިޔައްދިޔަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޤުރުއާން ކިޔެވުމަކީ ވަކި އުމުރަކަށް ވަކި މީހަކަށް އޮތްކަމެއް ނޫންކަމުގައާއި، ދިވެހި ހުރިހާ ރައްޔިތުންވެސް ކުރަން ޖެހޭ ކަމެއް ކަމުގައެވެ. އަދި، އެމަނިކުފާނު އިލްތިމާސްކުރެއްވި ގޮތުގައި ހުރިހާ ބެލެނިވެރިން ގަދަ އަޅާ މަސައްކަތްކޮށްގެން ސްކޫލް ނިމޭ ހުރިހާ ކުދިންނަކީ ވެސް ރީތިކޮށް ޤުރުއާން ކިޔަވާ ބައެއްކަމުގައި ހެދުމަށާއި، އަޅުގަނޑުމެން އެންމެ ލޯބި ކުރާ، އެންމެ ބޮޑަށް ޢިބްރަތް ލިބިގަންނަ، އެންމެ ކިޔަވާހިތްވާ ފޮތަކީ ކީރިތި ޤުރުއާން ކަމުގައި ހެދުމަށެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެމަނިކުފާނު ޤުރުއާނުގެ ޢިލްމުގެ ދާއިރާގައި އުޅުއްވި ދުވަސްވަރުގެ ތަޖުރިބާތަކުގެ މައްޗަށް އަލި އަޅުއްވާ ލައްވާފައެވެ.

މިރޭ ބޭއްވުނު ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ 1 ވަނަ ބައިވެރިޔާކަމުގައިވާ އާދަމް ނަޞީމަށް 500،000 ރުފިޔާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ. މި މުބާރާތުން 2 ވަނަ އަށް ހޮވުނު ބައިވެރިޔަކީ އިބްރާހީމް އިމާޒެވެ. އަދި، 3 ވަނަ އަށް ހޮވުނު ބައިވެރިޔަކީ ޢަބްދުﷲ ޠާލިބެވެ.

މި ރަސްމިއްޔާތުގައި، ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމްކުރައްވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ ބާއްވާނެކަން އިޢުލާން ކުރެއްވުމާއި، ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޤުރްއާން މުބާރާތް ބާއްވާނެކަން ވަނީ އިޢުލާން ކުރައްވާފައެވެ.

ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާއިމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާއިމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.