ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޜުއަލް" މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޜުއަލް އިފްތިތާޙުކޮށްދެއްވީ މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

"ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޜުއަލް" އަކީ، ޕަބްލިކް ސަރވިސް މީޑިއާ އިން ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ތައްޔާރުކޮއްފައިވާ އޯޑިއޯ ވިޜުއަލްއެއްކަން ފާހަގަކޮށްލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދުގެ ރަސްމިއްޔާތުގައި، "ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޜުއަލް" ތައްޔާރުކޮށްދެއްވުމުގައި މަސައްކަތްކުރެއްވި ޙާއްޞަ 2 ޚިދުމަތްތެރިން ކަމުގައިވާ ޑޮކްޓަރ މުޙައްމަދު ޙަނީފާއި، އަލްފާޟިލް ޢައްޔޫބް ޢަލީގެ އަގު ވަޒަންކުރައްވާ، އެކަމުގެ ހަނދާނީ ފިލާ އެބޭފުޅުނަށް އެރުއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒިޔާދާއި، ޕަބްލިކް ސަރވިސް މީޑިއާގެ ޗެއަރމަން އަލްފާޟިލް އިބްރާހީމް ޢުމަރު މަނިކާއި، ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޚަލީލު ބައިވެރިވެވަޑައިގެންނެވިއެވެ.