بســم اللّـه الرّحمـن الرّحيــم
           
  السّلام عليــكم ورحـمــة اللّـه وبـركاتـه،
  
މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ދިވެހިރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންނާ ބައްދަލުކޮށްލި ފަދައިން، މިއަހަރުވެސް ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލުމުގެ ބޭނުމުގައި. އާދެ، ކަންދިމާވިގޮތުން، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން މިއަދު ފުރާވަޑައިގެންފި. އެހެންނަމަވެސް، މިރެޔަށް މި ބައްދަލުވުން ކުރިއްސުރެ ހަމަޖެހިފައި އޮތުމާއެކުގައި މިރޭ މިކަން ބޭއްވުނީ. އާދެ، އަޅުގަނޑު ހިތާމަކުރަން، އެހުރިހާ ބޭފުޅުންނާ ބައްދަލުކޮށްނުލެވުނު ކަމަށްޓަކައި. އެހެންނަމަވެސް، ދަތުރުގެ ކަންތައްތައް ހަމަޖެހިގެން ދިޔައީ މުޅިން އަޅުގަނޑުމެން ނުވަތަ އަޅުގަނޑުމެންގެ ފަރާތުން މިދަތުރުގެ ކަންތައްތައް ރޭއްވެވި ބޭފުޅުން އެންމެކުރިއްސުރެ ގަސްދުކުރައްވައިފައިވާ ގޮތަކަށްނޫން. އެހެންވުމާއެކުގައި މިހެން ދިމާވީ.
 
 އާދެ، ކޮންމެއަކަސް އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެނީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމުގެ ފުރުޞަތު اللّـه سبحـانـه وتعـالى ތަނަވަސްކޮށްދެއްވި ކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުން. އޭގެފަހުގައި މި ބަރަކާތްތެރި މާތް ފުރުޞަތު ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ އަދާކުރުން.
 
 އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފަދައިން، ޙައްޖުގެ އަޅުކަމަކީ ވަރަށްމާތް، ވަރަށް ޚާއްޞަ އަޅުކަމެއް. އާދެ، ދީނުގެ ހުރިހާ ރުކުންތައް އެއީ އެޔާ ދޭތެރޭގައި، އެކަންކަމަކީ ދީނުގެ ރުކުންތަކެއްގެ ގޮތުގައި ބަލައިފިނަމަ، ހަމަހަމަވެގެންވާ ކަންތައްތަކެއް. މިދެންނެވީ ދީނުގައި އަޅުގަނޑުމެން އަދާކުރުން اللّـه سبحـانـه وتعـالى ފަރުޟު ކުރައްވައިފައިވާ ކަންތައްތަކުގެ ވާހަކަ. އާދެ، ނަމާދުކުރުން، ރޯދަހިފުން، ޒަކާތްދިނުން، ޙައްޖުވުން. މިކަންކަން މިއީ މިދެންނެވި ނަޒަރުން ބަލާއިރު ހަމަހަމަވެގެންވާ ކަންތައްތަކެއް. އެއިން ކޮންމެ ކަމެއް އެއީވެސް އަޅުގަނޑުމެންގެ މައްޗަށް اللّـه سبحـانـه وتعـالى ކަނޑައަޅުއްވައިފައިވާ ފަރުޟެއް. އެއިން ކޮންމެ ފަރުޟެއްވެސް އަޅުގަނޑުމެން އަދާކުރަންޖެހޭނެ. އަދާކޮށްފިނަމަ އެއިން އަޅުގަނޑުމެންނަށް ވަރަށްގިނަ ދަރުމަތަކެއް اللّـه سبحـانـه وتعـالى މިންވަރު ކުރައްވާނެ. އެއަށް ޘަވާބު ދެއްވާނެ. އެއިން ކަމެއް ނުކޮށް ދޫކޮށްލައިފިއްޔާ، އަޅުގަނޑުމެން ފާފަވެރިވާނެ. އަދި އެކަމަށް اللّـه سبحـانـه وتعـالى ކަނޑައަޅުއްވައިފައިވާ ޢުޤޫބާތެއް ލިބޭނެ. އެގޮތުން ބަލާއިރު ހުރިހާ ފަރުޟުތައް އެއީވެސް ހަމަހަމަވެގެންވާ ކަންތައްތަކެކޭ ދެންނެވިދާނެ. އެހެންނަމަވެސް، އެހެން ނަޒަރަކުން ބަލާއިރު، އާދެ، އެ އަޅުކަމެއް އަދާކުރަން ހަމަޖެހިފައިވާ ވަގުތަށް ނުވަތަ އެ އަޅުކަމެއް އަދާކުރުމުގައި ހޭދަކުރަންޖެހޭ ޒަމާނަށް، ވަގުތަށް ނުވަތަ އެކަމެއް ކުރަންޖެހޭ ތަނަށް ނުވަތަ އެކަމެއް ކުރުމުގައި އެކަންކުރާ މީހަކު އުފުލަންޖެހޭ ބުރައެއް، މިކަންކަމަށް ވިސްނާއިރު ދީނުގެ ޢިބާދާތުތައް ހުރީ ތަފާތު ގޮތްތަކަކަށް ހަމަޖެހިފައި. ނަމާދުކުރާއިރު އަޅުގަނޑުމެންނަށް އެކަން ކުރެވިދާނެ އަޅުގަނޑުމެންގެ ރަށުގައި ތިބެގެން. އަޅުގަނޑުމެންގެ ގޭގޭގައި ތިބެގެން. އަޅުގަނޑުމެންގެ އަނބިދަރިންގެ ކައިރީގައި ތިބެގެން. ހަމައެފަދައިން ރޯދަހިފާއިރުވެސް އެއީ އަޅުގަނޑުމެންގެ އަމިއްލަ ރަށުގައި، އަމިއްލަ ވަޒަނުގައި، އަމިއްލަ ގޭގައި އަޅުގަނޑުމެންގެ އަހުލުވެރިންގެ ކައިރީގައި ތިބެގެން އަދާކުރެވޭ އަޅުކަމެއް. ޒަކާތް ދިނުން އެއީވެސް ހަމަ އެފަދަ ކަމެއް. އެހުރިހާ ކަމަކާ ޚިލާފަށް ޙައްޖުގެ އަޅުކަން ހަމަޖެހިފައި އޮންނަނީ އަޅުގަނޑުމެންގެ އަމިއްލަ ރަށުގައި، އަމިއްލަ ވަޒަނުގައި، އަޅުގަނޑުމެންގެ ގޭގައި، އަޅުގަނޑުމެންގެ އަނބިދަރިންގެ ކައިރީގައި ތިބެގެން އަދާކުރެވޭ ގޮތަކަށެއް ނޫން. އަޅުގަނޑުމެން ދިރިއުޅެނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ކަމުގައިވިޔަސް ދަތުރުކޮށްފައި ދާންޖެހެނީ އެއްތަނަކަށް. އެތަނަށް ދާންޖެހެނީ އެއްވަގުތަކަށް އެއްދުވަހަކަށް. އެކަމުގައި ހޭދަކުރަންޖެހޭ ވަގުތުތަކާއި ކުރަންޖެހޭ ޚަރަދުތައް ވަރަށްބޮޑު.
 
 އެހެންވީމާ، އެގޮތުން ބަލާއިރު، ޙައްޖަކީ ވަރަށް ޚާއްޞަ އަޅުކަމެއް. ޙައްޖަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވައިފައިވާ އަޅުކަމެއް. އެކަން އެހެން އޮތުމުގެ ސަބަބުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ، الحجُّ المبرور ليس له جزاءٌ اِلَّا الْجَنَّة. ހެޔޮގޮތުގައި ކުރެވޭ ޙައްޖަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެޔޭ. ހަމައެފަދައިން ޙަދީޘް ކުރައްވައިފައިވޭ، ޙައްޖުގެ އަޅުކަން ފުރިހަމަޔަށް އަދާކުރާ މީހާ އަދި ޙައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސްކަހަލަ ނޭދެވޭ ޢަމަލެއްނުކޮށް اللّـه سبحـانـه وتعـالى އަންގަވައިފައިވާ ގޮތުގެ މަތިން ޙައްޖުގެ ހުރިހާ ކަމެއް އަދާކުރާ މީހާ، އޭނާ ޙައްޖުގެ އަޅުކަން އަދާކުރުމުން އޭނާ ކޮށްފައިވާ ހުރިހާ ކުށްފާފަތަކުން ސާފުވެ ޠާހިރުވެގަނެއޭ، އޭނާ އެ ޙައްޖުގެ އަޅުކަން އަދާކުރުމުން ހުންނާނީ ކުޑަކުއްޖާ އޭނާގެ މަންމަ ވިހާއިރު ހުރިހާ ކުށްފާފަތަކަކުން ޠާހިރުވެފައިވާފަދަ ގޮތެއްގައޭ. އާދެ، އެހެންވީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ ޙައްޖުގެ މާތްކަން. ޙައްޖުގެ ބަރަކާތްތެރިކަން. އެކަމުން اللّـه سبحـانـه وتعـالى އެކަން ކުރާ ބަޔަކަށް މިންވަރު ކުރައްވާ ހެޔޮ ރަޙްމަތާއި ދަރުމައާއި ޘަވާބު.
 
 އާދެ، އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ވާޖިބަކަށްވާންވާނެ، އަޅުގަނޑުމެންނަށް މި ލިބުނު މަތިވެރި ފުރުޞަތުގެ ބޭނުން ފުރިހަމައަށް ހިފޭތޯ ބެލުން. އާދެ، އަޅުގަނޑު މިހެން މި ދަންނަވަނީ ޙައްޖުގެ އަޅުކަމަކީ ވަރަށް ޚާއްޞަ އަޅުކަމަކަށްވެފައި، އޭގެ ސަބަބުން ވަރަށްގިނަ އަސަރުތަކެއް އަޅުގަނޑުމެންނަށް ކުރަންޖެހޭނެތީ. ޙައްޖުގެ އަޅުކަން އަދާކުރުމުން އެމީހަކަށް ދީނީގޮތުން، ރޫޙާނީގޮތުން އެ ކުރަންޖެހޭ ފުން އަސަރު ކުރަންވާނެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމަށާއި އަޅުގަނޑުމެންގެ އަޚުލާޤަށާއި އަޅުގަނޑުމެންގެ ސުލޫކަށް އަންނަންޖެހޭ އިޞްލާޙުތައް އަންނަންވާނެ. މިދެންނެވި ބަދަލުތައް، އިޞްލާޙުތައް ނާންނަ ކަމަށްވަންޏާ، އެއީ ހެޔޮގޮތުގައި އަދާކުރެވުނު ޙައްޖަކަށްވުން އެއީ އަޅުގަނޑު ހިތުން އެޔާ ދޭތެރޭގައި ޝައްކު ކުރެވިދާނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެންގެވެސް ވާޖިބަކަށްވާންވާނެ، މި މަތިވެރި އަޅުކަން އަދާކުރަމުން ގެންދާއިރު، އެކަމުން އަޅުގަނޑުމެންނަށް ލިބެންވާ ހުރިހާ ރޫޙާނީ އަދި އިޖުތިމާޢީ ފިލާވަޅުތަކެއް ލިބިގަތުން. އެކަމުން އަޅުގަނޑުމެންގެ ނަފްސުތަކަށް ލިބެންވާ ޢިބްރަތްތަކެއް ލިބިގަތުން. އަޅުގަނޑުމެންގެ ހިތަށް ކުރަންޖެހޭ އަސަރުތަކެއް ކުރުން. މި މަތިވެރި އަޅުކަން އަދާކުރުމުން، އަޅުގަނޑުމެންގެ ދިރިއުޅުމަށާއި އަޅުގަނޑުމެންގެ ވިސްނުމަށް، އަޅުގަނޑުމެންގެ އަޚުލާޤަށާއި އަޅުގަނޑުމެންގެ ސުލޫކަށް އަންނަންޖެހޭ ރަނގަޅު ބަދަލުތައް އައުން.
 
 އާދެ، އަޅުގަނޑުމެން އެންމެންވެސް ޙައްޖުގެ އަޅުކަން މި އަދާކުރަނީ اللّـه سبحـانـه وتعـالى އަށް ހިތް ނިޔަތް ޚާލިޞްކޮށްގެން. އެކަލާނގެ ރުއްސެވުމަށް އެދިގެން. އެކަލާނގެ ރަޙްމަތާއި ޘަވާބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދިގެން. އަޅުގަނޑުމެން ޙައްޖުގެ އަޅުކަން މި އަދާކުރަނީ އެއްވެސް ދުނިޔަވީ ބޭނުމެއްގައެއް ނޫން. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެންގެ ހިތަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރަންވާނެ. އަޅުގަނޑުމެން ޙައްޖަށް މިދަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި އަޅުގަނޑުމެން މިތިބީ ޙައްޖުވެފައި ތިބި ބައެއްގެ ގޮތުގައި ބެލޭގޮތްވުން އެއީ އަޅުގަނޑުމެން އެދޭގޮތަކަށްވާތީއެއް ނޫން. ޙައްޖަކީ އަޅުކަމެއް. އެހެންވީމާ، އެ އަޅުކަން އަދާކުރެވެންވާނީ އެކަން ކަނޑައަޅުއްވައިފައިވާ ގޮތުގެ މަތިން. އެހެން އެއްވެސް ދުނިޔަވީ ބޭނުމެއް އޭގައި އެކުލެވިގެންނުވާ ގޮތަކަށް.
 
 މިހެން ދަންނަވާއިރު، ފަހަކަށްއައިސް އިސްލާމީ ގައުމުތަކުގައި އޮންނަ އާދައެއް، ޙައްޖުވާ މީހުންގެ ނަމަށް [އަލްޙާއްޖު] އެހެން އިތުރުކުރުން، ފިރިހެނަކަށްވަންޏާ. އަންހެނަކަށް ވަންޏާ [އަލްޙާއްޖަ] އެ ލަޤަބް އިތުރުކުރުން. އެހެންނަމަވެސް ދީނީ ނަޒަރަކުން ބަލާއިރު އެއީ އެއްގޮތަކަށްވެސް އެދެވޭ ކަމަކަށްވާނެހެނެއް ހީއެއްނުވޭ. ސަބަބަކީ ޙައްޖުވާ މީހާ ޙައްޖުވަނީ اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް. އެކަލާނގެ ޙަޟްރަތަށް ހުރިހާ ކަމެއް ޚާލިޞްކޮށްގެން. އެކަމުން ލަޤަބެއް ލިބިގަންނާކަށެއް ނޫން. [އަލްޙާއްޖު] އޭގެ މާނަޔަކީ ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފިރިހެނާ. [އަލްޙާއްޖަ] އޭގެ މާނަޔަކީ ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ އަންހެނާ. އަޅުގަނޑުމެންގެ ތެރެއިން ނަމާދުކުރާ މީހާއަށް އެއީ ނަމާދުކުރާ މުޙައްމަދޭ، ނުވަތަ ނަމާދުކުރާ ފާޠިމަތޭ، އެހެން ނުބުނާނެ. އެހެން ބުނުމުގެ މާނައެއްވެސް ނޯންނާނެ. ހަމައެފަދައިން އަލްޙާއްޖު މުޙައްމަދު ނޫނީ އަލްޙާއްޖަ ފާޠިމަތު، އެހެން ކިޔުމުގެ މާނައެއްވެސް ނޯންނާނެ. މިކަންކަން އަޅުގަނޑުމެންގެ ތެރެއަށް އައިސްގެން މިއުޅެނީ ދީނުގެ ކަންތައްތައް އަޅުގަނޑުމެންނަށް އޮޅިގެންދިޔަ ޒަމާނެއްގައި. އަޅުކަން އަދާކުރާ މީހާއަށް އެ އަދާކުރާ އަޅުކަމެއްގެ ލަޤަބް ލިބޭގޮތްވުން އެއީ މާފަހުން މުސްލިމުންގެ ތެރޭގައި ފެށިގެން އުޅޭ އާދައެއް. އެންމެ ކުރީ ޒަމާނުގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެންމެ ފުރަތަމަ އެ ލަޤަބް ޙައްޤުވެގެންވާ ކަމަށްވަންޏާ، ޙައްޤުވެގެންވާނީ ކީރިތި ރަސޫލާއަށް. އޭގެފަހުގައި އަޞްޙާބު ބޭކަލުންނަށް. އޭގެފަހުގައި އޭގެފަހުން އުޅުއްވި ތާބިޢީންނަށް. އެހެންވީމާ، އެއިން އެއްވެސް ބޭކަލަކަށް ނިސްބަތްކޮށް، އަޅުގަނޑުމެން އަލްޙާއްޖު ނުވަތަ އަލްޙާއްޖަ ކިޔައެއް ނޫޅެން. އެހެންވީމާ އެއިންވެސް އެނގޭ، އެއީ އެޒަމާނުގައި އޮތް ކަމެއް ނޫންކަން. މާފަހުން އަޅުގަނޑުމެންގެ ތެރެއަށް އައިސްގެން އުޅޭ ބިދުޢައެއްކަން. އެކަހަލަ ކަންތައްތަކަށް ރައްކާތެރިވުން އެއީ އަޅުގަނޑު ހިތުން މިކަހަލަ މުނާސަބަތެއްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ނުކުތާއެއް.
 
  އާދެ، ހަމަ އެޔާއެކުގައި އަޅުގަނޑުމެން ވިސްނަންޖެހޭ އެހެން ނުކުތާއެއް، ޙައްޖުގެ އަޅުކަން އަދާކުރުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. އޭގެތެރޭގައި ވަރަށްގިނަ ބުރަތައް ހިމެނިގެންވާނެ. ވަރަށްގިނަ ތަކުލީފުތައް އަޅުގަނޑުމެން އުފުލަންޖެހޭނެ. އެހެންވީމާ، އެއްވެސް މީހަކު ޙައްޖަށް ދާ ދިޔުމުގައި ފުރައިގެންދާއިރު އެއްގޮތަކަށްވެސް ހީކޮށްގެން ނުވާނެ، ތިމަންނާ މިދަނީ ވަރަށް ފަސޭހަކަމެއް ކޮށްލާށޭ. ހުރިހާކަމެއްވެސް ވަރަށް އޮމާންކޮށް، ވަރަށް ހަމަޖެހޭގޮތަކަށް އެއްވެސް އުނދަގުލެއްނެތި ނިމިގެންދާނޭ. އެހެން ހީކުރުން އެއީ ރަނގަޅު ގޮތެއް ނޫން. އެއީ މި އަޅުކަން ރޭވިފައި އޮތީ ނުވަތަ ކަނޑައެޅިފައި އޮތީ އޭގައި ބުރަތަކެއް ހިމެނޭގޮތަށް. އޭގައި ތަކުލީފުތަކެއް ހިމެނޭގޮތަށް. މިކަންވެސް އަޅުގަނޑުމެން ވަރަށް ރަނގަޅަށް އިޙްސާސް ކުރަންޖެހޭނެ. އެއީ ބައެއްފަހަރަށް ދިމާވާގޮތަކީ އަޅުގަނޑުމެންގެ ތެރެއިން ޙައްޖަށްދާ މީހުން ގޮސްފައި އައިސްފައި އެކިބާވަތުގެ ޝަކުވާކުރާތަން އަންނާނެ. މިވެނި އެއަރޕޯޓެއްގައި މިތައް ގަޑިއިރު ތިބެންޖެހުނޭ. މިވެނި ތަނަކުން މިވެނި ތަނަކަށް ދިޔައިރު ފޮށިތަންމަތިވެސް އުފުލަންޖެހުނީ ތިމަންނަމެންނަށޭ. މިވެނި ދުވަހެއްގެ ސައި ލިބުނީ މިހާ ލަހުންނޭ. މިކަހަލަ ވާހަކަތައް ހުންނާނެ. އަޑުއިވޭ. އެއީ އެކަމަކު އެކަން ވާންވީގޮތެއް ނޫން. ނިކަން ވިސްނަވައިބައްލަވާ، ކުރީ ޒަމާނުގައި، ކީރިތި ރަސޫލާގެ ޒަމާނުގައި، އަޞްޙާބު ބޭކަލުންގެ ޒަމާނުގައި އަދި އޭގެފަހުން އެތައް ޤަރްނެއް ވަންދެން މިބާވަތުގެ ކަންތައްތައް ހުރިލެއް އުނދަގޫކަން. އެޒަމާނުގައި މައްކާއަށް ދަތުރުކޮށްފައި ދިޔުމަކީ މިހާރު އަޅުގަނޑުމެން މިދާހެން މާދަމާ މަތިންދާބޯޓަށް އަރައިގެން 48 ގަޑިއިރު ފަހުން ޖިއްދާއަށް ދެވޭގޮތަށް ހަމަޖެހިފައި އޮތް ކަމެއް ނޫން. އޭރު އެއްގަމުގައިނަމަ، ދަތުރުކޮށް އުޅެނީ އެކިއެކި ސަވާރީތަކުގެ މައްޗަށް ސަވާރުވެގެން. އެންމެ ގިނައިން ގެންގުޅެނީ ޖަމަލު، ނޫނީ އަސް. އެއިން އެއްޗަކަށް ސަވާރުވެގެން އެތައް ދުވަހެއްގެ ދަތުރަކަށްފަހު، ބައެއްފަހަރަށް އެއްމަސް ދުވަސް، ދެމަސްދުވަސް، ތިންމަސް ދުވަހުގެ ދަތުރަކަށްފަހު، ފުރަތަމަ މައްކާއަށް ދެވެނީވެސް. އަދި ދަތުރުކުރާއިރު ކަޑައްތު ކުރަންޖެހެނީ ހަނަފަސް ޞަޙަރާތަކެއް. އެއްވެސް ހިޔަލެއް ފިނިކަމެއް ނެތް އަވީގެ ގަދަހޫނުގައި. ކާއެއްޗަކަށް ގެންގުޅެނީ ގެރިމަސް. ގެރި ނުވަތަ ބަކަރި ކަތިލައިފައި، އެ މަސް އަވީގައި ބަހައްޓައިގެން ހިއްކައިގެން އެއިން މަސްކޮޅެއް ކައިލައިގެން، ފެންފޮދެއް ބޮއިލައިގެން، ނޫނީވިއްޔާ ހިކި ކަދުރުކޮޅެއް ހިފައިގެން ދަނީ. ކަދުރުކޮޅެއް ކައިލައިގެން، ފެންފޮދެއް ބޮއިލައިގެން ނޫނީ ކިރުފޮދެއް ބޮއިލައިގެން، މިދެންނެވި އުނދަގޫ އަދި ދިގު ދަތުރުކޮށްފައި އެޒަމާނުގެ މުސްލިމުން ޙައްޖަށް ގޮސްއުޅުނީ. އަދި އޭގެ މާފަހުންވެސް އަޅުގަނޑުމެންގެ ރާއްޖެއިން ޙައްޖަށްދިޔަ މީހުންވެސް، ކަނޑުމަގުންދިޔަ މީހުން މިދެންނެވީ. އެމީހުން ރާއްޖެއިން ފުރަންޖެހޭ، ޙައްޖު މޫސުމް އައުމުގެ އެތައް މަސްދުވަހެއް ކުރިން. ހަމަސްދުވަސް ކުރިން، ފަސްމަސްދުވަސް ކުރިން. ފުރައިގެން ގޮސް ކިރިޔާ ޛުލްޙައްޖު މަހަށް މައްކާއަށް ދެވޭވަރުވަނީ.
 
އެހެންވީމާ، ދާދިފަހާ ޖެހެންދެންވެސް އެކަން އޮތް އުނދަގޫކަމާއި، އެކަމުގައި އުފުލަންޖެހޭ ބުރަތަކާއި ތަކުލީފުތައް އަޅުގަނޑުމެންނަށް ރަނގަޅަށް ވިސްނެންވާނެ. މިހާރު އެއާ ޚިލާފަށް، މިދެންނެވި ދުވަސްތަކާ ޚިލާފަށް، ހުރިހާ ކަމެއްވެސް ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައި. އެންމެ ފުރަތަމަ، ވަގުތުގެ ގޮތުން ބަލާއިރު، ކުރިން އެތައް މަސްދުވަހެއް ހޭދަކުރަންޖެހޭ ކަމެއް، މިހާރު އަޅުގަނޑުމެންނަށް ދެދުވަހުގެ ތެރޭގައި اللّـه سبحـانـه وتعـالىގެ ހެޔޮ ރަޙްމަތްފުޅުން މާލެއިން ފުރައިގެން ޖިއްދާއަށް އެބަ ދެވޭ. އަދި ޖިއްދާއިން މައްކާއަށް ދާން އޮންނަނީވެސް ކާރުގައި ނުވަތަ ބަހުގައި. ވަރަށް ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ދެވޭ، މައްކާއިން ޢަރަފާތުގެ ބިމަށް. ދެން ޢަރަފާތުގެ ބިމުން ދެންވެސް ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދާންޖެހޭ ތަންތަނަށް ވަރަށް ފަސޭހައިން ދެވޭ ގޮތްތައް އޮންނަނީ ހަމަޖެހިފައި. އެހެންވީމާ، މިހާރު އަޅުގަނޑުމެން އެއްވެސް ބުރައެއް ހަޤީޤަތުގައި އުފުލާކަށެއްނުޖެހޭ. އަދި އަޅުގަނޑުމެން ރަނގަޅަށް ވިސްނަންޖެހޭނެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހެއްގެ ކަންތައް އެމީހަކު ކުރާގޮތަށް އޮންނަންޖެހޭނެ. އަޅުގަނޑުމެން މިދަނީ އަމިއްލަޔަށް. ކޮންމެ މީހަކުވެސް އަމިއްލަޔަށް، މިދެންނެވީ ނޯކަރަކު ގޮވައިގެންނެއް ނޫން، އެމީހާޔަށް ޚިދުމަތްކޮށްދޭނެ އެހެން މީހަކު ގޮވައިގެންނެއް ނޫން ދަނީކީ. އެހެންވީމާ، ތިމާ އަމިއްލަ ކަންތައްވެސް ހަމަ ތިމާ ކުރަންޖެހޭގޮތަކަށް އޮންނާނީ. އަދި އޭގެއިތުރަށް އެހެން މީހުންނަށް އެހީވެދޭންވެސްޖެހޭނެ. އަޅުގަނޑުމެންނަކީ މުސްލިމުން، އަޚުން. ޙައްޖުގެ އެންމެ މަތިވެރި އެއް ފިލާވަޅަކީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި ލޯބި އުފެދުން. އެކަކު އަނެކަކަށް އެހީތެރިވުން. އެކަކު އަނެކަކަށް ހުރިހާ ކަމެއްގައިވެސް ކަމޭހިތައި ހެޔޮކޮށްހިތައި އިޙްތިރާމްކޮށް، ވީހާ ރަނގަޅަކަށް ކަންތައް ކުރުން.
 
އެހެންވީމާ، މިދަތުރަށް ފެށުނު ވަގުތުން ފެށިގެން އެނބުރި އަޅުގަނޑުމެންގެ ވަޠަނަށް އާދެވެންދެން އަދި އޭގެފަހުގައިވެސް އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ މިދެންނެވި ފަދަ އުޚުއްވަތްތެރިކަމާއި އެކުވެރިކަމާއި ލޯބި. އެއްވެސް ޙާލެއްގައި ދެމީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް އުފެދުމަކީ މިފަދަ ދަތުރަކާ ވަރަށް ނުގުޅޭ ކަމެއް. އަނެއްކާ ޙައްޖުގެ ދުވަސްތައް، އެ މާތް މުޤައްދަސް ބިމުގައި ހޭދަކުރަމުން ގެންދާއިރު، އަޅުގަނޑުމެން ތިބެންޖެހޭނީ ދުނިޔަވީ ހުރިހާ ކަމަކުން މުޅިން ދުރުހެލިވެގެން. އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެންގެ ޢަމަލުތަކާއި، އަޅުގަނޑުމެންގެ ވާހަކަތައް ޚާއްޞަ ކުރެވިފައި އޮންނަންވާނީ އެ އަދާކުރަމުން ގެންދާ މަތިވެރި މާތް އަޅުކަމަށް. މިހެން ދަންނަވަންޖެހެނީވެސް، ބައެއްފަހަރަށް އެކިއެކި އަޑުއަޑުއިވޭ، ޙައްޖަށްދާ މީހުން، އެ ދަތުރުމަތީގައިވެސް ނުވަތަ މައްކާގައި އުޅޭއިރު އަދި ޢަރަފާތުގެ ބިމުގައި ތިބޭއިރުވެސް، އެމީހުންގެ ފަރާތުން ހިސާބަކަށް ނޭދެވޭ ބައެއްކަހަލަ ކަންތައްތައް ފެންނަމުންދާ ވާހަކަ. އެއީ އެއްގޮތަކަށްވެސް އެކަންވާންވީ ގޮތެއް ނޫން. އެހެން އެވަނީވެސް އެ ޙައްޖުގެ އަޅުކަމުގެ މަތިވެރިކަން އިޙްސާސް ކުރެވޭލެއް ކުޑަކަމުން. ތިމާއަށް މިހުރެވެނީ ކޮންތަނެއްގައިކަން ތިމާއަށް ނުވިސްނޭތީ. ތިމާ މިކުރަނީ ކޮންކަމެއްކަން ތިމާގެ ހިތަށް ނުވަންނާތީ. ތިޔަ ހުރިހާ ބޭފުޅުންވެސް މާލެއިން ފުރާވަޑައިގަތީއްސުރެ ތިއްބަވާނީ އަޅުކަމެއްގެ ތެރޭގައި. އެއީ އަބަދުވެސް ހަނދުމަފުޅު ކުރައްވަންވީ ނުކުތާއަކީ. އަޅުގަނޑުމެން ނަމާދުކުރަންވެސް اللّـه سبحـانـه وتعـالىގެ ޙަޟުރަތުގައި ހުއްޓި ޙަރަމް ބަނުމަށްފަހު، އެ ނަމާދުން ވަކިވެއްޖައުމަށް ދާންދެން ތިބެންޖެހެނީ ވަރަށް ޚާއްޞަ ގޮތެއްގައި. ހުރިހާ ވިސްނުމަކާއި ހިތުގެ ހުރިހާ ޝުޢޫރެއް اللّـه سبحـانـه وتعـالى އަށް ޚާއްޞަކޮށްގެން. ދުނިޔަވީ އެއްވެސް ކަމަކާ ދޭތެރޭގައި ނުވިސްނައި، ހުރިހާ ކަމަކުން ވަކިވެގެން ހަމައެކަނި اللّـه سبحـانـه وتعـالى އަށް ހުރިހާ ކަމެއް ޚާއްޞަކޮށްގެން. އެހެންވީމާ، ޙައްޖަށްދާ މީހުންވެސް އެމީހުންގެ ވަޠަނުން ފުރީއްސުރެ އެމީހުންގެ ވަޠަނަށް އެނބުރި އަންނަންދެން ތިބެންޖެހޭނީ މިދެންނެވި ފަދަ ޙާލެއްގައި. އަޅުކަމެއްގެ ތެރޭގައި. އަޅުކަމެއްގެ ތެރޭގައި ތިބޭ ބަޔަކު އެބައެއްގެ ފަރާތުން އަޅުގަނޑު މިދެންނެވި ކަހަލަ ނޭދެވޭ ކަންތައްތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ނޫން. އާދެ، އަޅުގަނޑު ޔަޤީންކުރަން، ތިޔަ ހުރިހާ ބޭފުޅުންވެސް މިނުކުތާތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވައި، އެގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް. އަޅުގަނޑު މިވާހަކަތައް މި ދަންނަވަނީ ފަހަރެއްގައިވެސް ތިޔައިން ބޭފުޅެއްގެ ފަރާތުން އެކަހަލަ ކަމެއް ވެދާނެއޭ ހީވާތީއެއް ނޫން. އެހެންނަމަވެސް، އެއީ ބައެއްފަހަރަށް ބައެއް މީހުންގެ ފަރާތުން އެކަހަލަ ކަންކަން ވެފައި ހުންނާތީ ހަނދުމަފުޅުކޮށް އެރުވުމުގެ ގޮތުން.
 
 އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން އަދިވެސް ދެތިންބަހެއް ދަންނަވައިލަން އެބަޖެހޭ. އާދެ، އެއް ވާހަކައަކީ މިރޭ މިތަނަށް ތިޔަ ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ޙައްޖަށް ތިޔަ ވަޑައިގަންނަވަނީ ތިޔަބޭފުޅުންގެ އަމިއްލަ ޚަރަދުގައި. ޙައްޖަށް ދިޔުމަކީ އެންމެ ޅައިރުއްސުރެ، އެންމެ ކުޑައިރުއްސުރެ ކޮންމެ މުސްލިމަކުވެސް ކުރާނެ އެންމެ ފޮނި އަދި އެންމެ ލޮބުވެތި އުންމީދު. އާދެ، މި މާތް އަޅުކަން އަދާކުރުމަށްޓަކައި ޚަރަދުކޮށްގެން ދާ މީހުންނަށް ވަރަށް މަތިވެރި ޘަވާބު ހުންނާނެކަން ކަށަވަރު. ދެން މިތަނަށް މިރޭ ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ދެން ތިއްބެވި ބޭފުޅުންނަކީ ސަރުކާރުގެ އެހީގައި ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން. ކޮންމެ ބޭފުޅަކުވެސް ޙައްޖަށް އެ ވަޑައިގަންނަވަނީ، އެބޭފުޅެއްގެ އަމިއްލަ ޚަރަދުގައި ކަމުގައިވިޔަސް، އަދި ސަރުކާރުގެ އެހީގައި ކަމުގައިވިޔަސް، އެއިން ކޮންމެ ބޭފުޅަކުވެސް އެންމެ ފުރަތަމަ ޙަމްދާއި ޝުކުރު ކުރައްވަންވީ اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް. އެއީ މި މަތިވެރި މާތް ފަރުޟު އަދާކުރެއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދެއްވި ކަމަށްޓަކައި. އެހެން އެއްވެސް ފަރާތަކަށް ޝުކުރެއް އަދާކުރައްވާކަށެއް ނުޖެހޭނެ.
 
 އާދެ، ދެން ސަރުކާރުގެ ފަރާތުން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުންނަށް އެހީ ލިބިފައިވަނީ ދެފަރާތަކުން. އެއްފަރާތަކީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެމް.އެސް.އެލް.ގެ ފަރާތުން. މިދިޔަ އަހަރު އެމް.އެސް.އެލް.ގެ ފަރާތުން ވެދެއްވި އެހީގައި ކަނޑުމަގުން ޙައްޖަށް ދިވެހިންގެ އެތައް ބަޔަކަށް ދެވޭގޮތް މެދުވެރިވި. މިއަހަރު އޭގެ ބަދަލުގައި އެމް.އެސް.އެލް.ގެ ފަރާތުން ހަމަޖެއްސެވީ ވައިގެ މަގުން. ވަކި ޢަދަދަކަށް ދިވެހިންގެ ތެރެއިން ސަރުކާރުން ހޮވާ ބަޔަކު ޙައްޖަށް ފޮނުވާގޮތަށް. އާދެ، އެކަމަށްޓަކައި އެމް.އެސް.އެލަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން އެބަޖެހޭ. އަޅުގަނޑު އެ ވާޖިބު މި އަދާކުރަނީ އިޚްލާޞްތެރިކަމާއެކު. އެމް.އެސް.އެލް.ގެ ދައުރު މިހާރަކަށްއައިސް މުޅިން ބަދަލުވެއްޖެކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. މީގެކުރިން އެމް.އެސް.އެލް ހިމެނިފައިވަނީ ހަމައެކަނި ވިޔަފާރީގެ މަސައްކަތްކުރާ ތަނަކަށް. ފައިސާގެ ތަނަވަސްކަމެއް ހޯދަން މަސައްކަތްކުރާ ތަނަކަށް ވެފައި އޮންނަނީ. އެކަމަކު މިހާރު އެކަން އޮތީ އެހެންނެއް ނޫން. އާދެ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް އަދާކުރަމުންދާތަނެއް އެމް.އެސް.އެލް އެއީ. ވަރަށްގިނަ ފައިދާތައް އެމް.އެސް.އެލް.ގެ ފަރާތުން ސަރުކާރަށް ލިބޭ. އޭގެއިތުރަށް ވަރަށްގިނަ އިޖުތިމާޢީ، އިޤްތިޞާދީ، އަދި ދީނީ ކަންތައްތަކުގައިވެސް މިހާރު އެމް.އެސް.އެލް.ގެ ފަރާތުން ގިނަގުނަ ޚިދުމަތްތަކެއް އަޅުގަނޑުމެންގެ ރާއްޖެއަށް ލިބެމުން އެބަދޭ. އާދެ، އެ ބަދަލު އެއައީ އެމް.އެސް.އެލް.ގެ ހިންގުމަށް ގެނެވުނު ވަރަށްބޮޑު އިޞްލާޙަކާ ގުޅިގެން. އެމް.އެސް.އެލް.ގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލަކާ ގުޅިގެން. ކުރިން ހިނގަމުންދިޔަ ގޮތަކަށެއް ނޫން، މިހާރު އެމް.އެސް.އެލް ހިނގަމުންދަނީ. މިހާރު އެމް.އެސް.އެލް ހިންގާ ޑިރެކްޓަރުންގެ ބޯޑެއްވެސް އޮވޭ. ސަރުކާރުން އެމް.އެސް.އެލް.ގެ ސިޔާސަތު ރާވަނީ. ސަރުކާރުން ހަމަޖައްސަވާ ގޮތެއްގެ މަތިން އެމް.އެސް.އެލް.ގެ ހުރިހާ ކަމެއްވެސް ހިނގަމުންދަނީ. އެހެންވީމާ، މިއަދު އެމް.އެސް.އެލް.ގެ ފަރާތުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބެނީ ހަމައެކަނި މާއްދީ ފައިދާތަކެއް ނޫން. މާއްދީ ފައިދާތަކުގެ އިތުރަށް އިޖުތިމާޢީ ވަރަށްގިނަ ކަންތައްތައްވެސް މިހާރު އެމް.އެސް.އެލް.ގެ ފަރާތުން ދަނީ ކުރައްވަމުން. އެހެންވީމާ، އެކަން މިރޭ އަޅުގަނޑު ފާހަގަކޮށްލަނީ ވަރަށްބޮޑު ހިތްހަމަޖެހުމަކާ އެކުގައި.
 
 އާދެ، ދެވަނަ ފަރާތަކީ އަޅުގަނޑުމެންގެ ވަރަށް އެކުވެރި މުސްލިމް ޤައުމެއް ކަމުގައިވާ ލީބިޔަން އެރެބް ޖަމާހިރިއްޔާ. އެޤައުމުގެ ފަރާތުން އަޅުގަނޑުމެންނަށް މިއަހަރުވެސް ވަރަށްބޮޑު އެހީއެއް ވެދެއްވައިފި، މިކަމުގައި. އާދެ، އެއީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން މިދިޔަ އަހަރުވެސް އަދި އޭގެކުރިންވެސް ކޮންމެ އަހަރަކުވެސް ލީބިޔާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ސަރުކާރުން ކަނޑައަޅާ، ސަރުކާރުން އިޚްތިޔާރުކުރާ ބަޔަކަށް ޙައްޖަށް ދިޔުމުގެ ފުރްޞަތު ދެއްވާ. އެހެންވީމާ، އެ އެކުވެރި ރަޙްމަތްތެރި ޢަރަބި އިސްލާމީ ޤައުމަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން. އެ ޤައުމުގެ ސަރުކާރަށް، ޤައުމުގެ ރައްޔިތުންނަށް، އަދި އެ ޤައުމުގެ ހުރިހާ ކަމެއް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި الأخ العقيد معمّر القذّافىއަށް. އާދެ، ކޮންމެއަކަސް އަޅުގަނޑުމެންނަށް ލީބިޔާގެ ފަރާތުން ވަރަށްގިނަގުނަ އެހީތައް އެކި ދާއިރާތަކުގައި ލިބެމުންދޭ. އޭގެތެރެއިން އެއްދާއިރާ، ޙައްޖަށްދާ މީހުންނަށް ވެދެއްވާ އެހީ އެއީ.
 
 އާދެ، ދެން ސަރުކާރުގެ ފަރާތުން މިފަހަރު ޙައްޖަށް ފޮނުވާ މީހުން އިޚުތިޔާރުކުރި އުސޫލާ ދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް ދަންނަވައިލަން އަޅުގަނޑަށް އެބަޖެހޭ. އެމީހުންގެ ތެރެއިން ބޮޑުބަޔަކީ ޤުރުޢަތުން ހޮވުނު މީހުން. ރައީސް އޮފީހުން އިޢުލާނުކުރި އިޢުލާނު ކުރުމާ ވިދިގެން އޮފީހަށް ވަރަށްގިނަ މީސްމީހުން ސިޓީ ފޮނުވި. އެ އިޢުލާނުގައިވެސް އޮފީހުން ވަކި ޝަރުޠުތަކެއް ހަމަޖައްސައިފައި އޮވޭ. ޢުމުރާ ބެހޭގޮތުން އަދި އެމީހެއްގެ އަމިއްލަ ތަނަވަސްކަމާ ބެހޭގޮތުން. ކުރިން ޙައްޖަށް ގޮސްފައިވޭތޯ ނުވަތަ ނޫންތޯ. މިކަހަލަ ޝަރުޠުތަކެއް ވަނީ އެ އިޢުލާނުގައި ކަނޑައެޅި ބަޔާންކޮށްފައި. އެހެންވީމާ، އެ އިޢުލާނުގައި އޮތް ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޓީ ފޮނުވައިފައި ތިބި މީހުންގެ ތެރެއިން ޤުރުޢަތުން ހޮވުނު ބައެއް، މީގެތެރެއިން އެންމެގިނަ މީހުންނަކީ. އެ ޤުރުޢަތުން ހޮވީ ކޮމިޓީއެއްގެ ފަރާތުން. ސިޓީލީ އެއްވެސް މީހަކީ ކާކުކަން، އެއްވެސް އެހެން މީހަކަށް ނޭނގޭނެ. އެކަން ދިޔައީ ވަރަށް ހަމަޖެހޭ ވަރަށް ރަނގަޅު އުސޫލެއްގެ މަތިން. ޤުރުޢަތުން ހޮވުނު މީހުންނަށް އެ ފުރުޞަތު އެ ލިބުނީ ހަމަ اللّـه سبحـانـه وتعـالى އެމީހަކަށް އެކަން އިރާދަކުރައްވައިގެން. އެހެން އެއްވެސް ފަރާތެއްގެ ބެހުމެއް އެކަމުގައިނެތި.
 
 އާދެ، ދެން ސަރުކާރުގެ ފަރާތުން ހޮވީ ދިވެހިރާއްޖެއަށާއި އަދި ތިމާމެން ދިރިއުޅޭ ޖަމާޢަތަށް ތަފާތު ޚިދުމަތްތައް ކުރައްވައިފައި ތިއްބެވި ބޭކަލުންގެ ތެރެއިން، ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން. އާދެ، އަޅުގަނޑުމެން ޙައްޖަށް ފޮނުވަން ބޭނުންވާ ޢަދަދަށް އެކަން ކުރެވެން ނޯންނާތީ ކޮންމެވެސް ހަމައެއްގެ މަތިން އެބޭފުޅުންވެސް އިޚުތިޔާރުކުރީ. އޭގެތެރޭގައި ޖަމާޢަތަށް އެކިއެކި ޚިދުމަތް، ވޭތުވެދިޔަ ތާނގައި ކުރައްވައިފައި ތިއްބެވި ތިއްބެވުމުގެ ސަބަބުން ކަމުވޮށިކަމުގެ ދަރަޖަ ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހިމެނޭ. އެބޭފުޅުން އިޚްތިޔާރު ކުރުމުގައި އެންމެ ބޮޑަށް ބެލިފައިވަނީ ޢުމުރަށް. އާދެ، އެއީ ޢުމުރުން ތަންކޮޅެއް ދުވަސްވީ ބޭފުޅުން މިފަހަރު ހިމަނާގޮތަށް. އާދެ، އެއްފަހަރަކާ ހުރިހާ ބޭފުޅުންނަކަށް ފުރުޞަތެއް ނޭރުވޭނެ. އެހެންވީމާ، މިއަހަރު މިގޮތަށް ފަށައިގެންފައި ސަރުކާރުން ގަސްދުކުރަނީ ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ އެހެން ބޭފުޅުންނަށްވެސް އެ ފުރުޞަތު ލިބިވަޑައިގަންނަވާ ގޮތަކަށް ހަމަޖައްސަން.
 
 އާދެ، މިދެންނެވި ބޭފުޅުންގެ އިތުރަށް އެކިގޮތްގޮތުން އެކި ރޮނގުރޮނގުން ދިވެހި ޤައުމަށާއި ސަރުކާރަށް އަދި ދިވެހި މުޖުތަމަޢަށް ޚިދުމަތް ކުރައްވައިފައި ތިއްބެވި ބައެއް އެހެން ބޭފުޅުންވެސް މިބޭފުޅުންގެ ތެރޭގައި ހިމެނޭ. ސަރުކާރަށް އެންމެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ޚިދުމަތް ކޮށްފައިވާ މީހަކު ފޮނުވުމަށްވެސް މިފަހަރު ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދިން. މެދުކެނޑުމެއްނެތި އެންމެގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކޮށްފައިވާ އަދި މިހާތަނަށްވެސް ސަރުކާރުން ވަކިނުވެ އެމީހުންގެ މަޤާމުތަކުގައި ތިބި މީހުންގެ ލިސްޓެއް ނަގައިގެން ބެލި. ބަލައިގެން އެންމެ ފުރަތަމަ އެ ލިސްޓުގައި އޮތް ބޭކަލަކަށް އެ ފުރުޞަތު ދެވޭތޯ ބެލީ. އެހެންނަމަވެސް، ޞިއްޙީ ޙާލު ހުރިގޮތުން އެބޭކަލަކަށް ޙައްޖަށް ދުރުވެވެން ނެތުމާއެކު، އެލިސްޓުގައި ދެވަނައަށް އޮތް ބޭކަލަކަށް އެ ފުރުޞަތު ދެވޭތޯ ބެލީ. ކަންދިމާވިގޮތުން ދެވަނައަށް އޮތީވެސް ޞިއްޙީ ޙާލު ހުރިގޮތުން މިއަހަރު އަދި ދުރުވެވެން ނެތްކަހަލަ ބޭކަލެއް. އެހެންވީމާ، ދެން ލިސްޓުގައި ތިންވަނައަށް އޮތް ބޭފުޅަކު މިފަހަރު ހޮވުނީ. އަޅުގަނޑުގެ ވާހަކައަކީ، މިހާރު ސަރުކާރުން ބަލަމުން ގެންދަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ޚިދުމަތްކުރާ މީހުންނަށް އެކިއެކި ޢިނާޔަތް ސަރުކާރުން ދޭގޮތަށް ހަމަޖެހިފައި އޮތްކަން ހާމަކޮށްދިނުން. އާދެ، ކުށްކުރާ މީހުންނަށް އަދަބުދެވޭ. އޭގެ މުޤާބިލުގައި އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރާ މީހުންނަށް އިނާމުދިނުން އެއީވެސް އޮންނަންޖެހޭނެ ކަމެއް. އެ ދެބައި އޮވެގެން މުޖުތަމަޢު އިޞްލާޙުވާނީ. އަޅުގަނޑުމެންގެ ކަންތައްތައް އަޅުގަނޑުމެން އެދޭގޮތަށް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން ދާނީ. އެހެންވީމާ، މިދެންނެވި އުސޫލުގެ މަތިން ހެޔޮކަންތައް ކުރާ މީހުންނަށް ހެޔޮ ޖަޒާ ދިނުމުގެ ގޮތުން ނުވަތަ ގިނަދުވަހު ތެދުވެރިކަމާއެކު ޚިދުމަތްކުރާ މީހުންނަށް، އެމީހުންގެ ޚިދުމަތް ސަރުކާރުން އޭގެ އަގު ވަޒަންކުރާކަން އެމީހުންނަށާއި އަދި އެހެން މީހުންނަށްވެސް ހާމަކޮށްދިނުމުގެ ގޮތުން އަދި އެކަމުގެ އިނާމެއްގެ ގޮތުން، މިދެންނެވި ގޮތަށް ސަރުކާރުން ހަމަޖައްސައިގެން އެ އުސޫލުން މިއަހަރު ބައެއް ބޭފުޅުން ޙައްޖަށް ފޮނުވާގޮތަށް ހަމަޖެއްސީ.
 
 އާދެ، ދެން އަޅުގަނޑުގެ ވާހަކަ ނިންމައިލަނީ. މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެ. އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ، اللّـه سبحـانـه وتعـالى މި މާތް ބަރަކާތްތެރި ޝަޢީރާ އަދާކުރުމުގެ ފުރުޞަތު، ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވީތީ، އެ ފުރުޞަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި اللّـه سبحـانـه وتعـالى ރުއްސަވައިވޮޑިގެންވާ ގޮތުގައި އިސްލާމްދީނުގައި ކަނޑައެޅިގެންވާ ގޮތުގައި އަދާކުރެއްވުމުގެ ފުރިހަމަ ތައުފީޤު اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވުން. އަދި މިދެންނެވި ގޮތުގެ މަތިން، اللّـه سبحـانـه وتعـالى ރުއްސަވައިވޮޑިގެންވާ ގޮތުގެ މަތިން މި ބަރަކާތްތެރި މާތް ފަރުޟު އަދާކުރުމުގެ ސަބަބުން ތިޔަ ހުރިހާ ބޭފުޅުންނަށް  ލިބިވަޑައިގަންނަވަން އިރާދަކުރައްވާ ހެޔޮ ރަޙްމަތާއި ދަރުމަ اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އެ މަތިވެރި ފަރުޟު އަދާކުރުމުގެ ސަބަބުން ތިޔަބޭފުޅުންގެ ޢަމަލުފުޅުތަކަށާއި، ވިސްނުންފުޅަށާއި، އަޚުލާޤަށާއި ހުރިހާ ކަމަކަށްވެސް އެދެވޭ ރަނގަޅު އިޞްލާޙުތަކެއް އައުން.

                   والسّلام عليكم ورحمـة اللّـه.