ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 'ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި'ގެ އެންމެ މޮޅު 5 ބައިވެރިންނާއި މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މުލިއާގޭގައި ކުރިޔައްދިޔަ ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމުގެ ގަދަ ފަހެއް ކަށަވަރު ކުރި ބައިވެރިންނަކީ އިބްރާހީމް މުޙައްމަދު، ޢަބްދުﷲ މުފީދު، އިބްރާހީމް އިމާޒު، އާދަމް ނަޞީމް އަދި ޢަބްދުﷲ ޠާލިބުއެވެ.

ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ. މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާއިމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާއިމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.