މަސްތުވާތަކެތީގެ މައްސަލައަށް ޙައްލެއް ހޯދޭނީ އިސްލާމީ ރިވެތި އަޚުލާޤަށް ރުޖޫޢަވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ހަނގުރާމައެއް ކަމަށް ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަށް މިހަނގުރާމަ ކާމިޔާބު ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ އަފުރާދުންނާއި ހުރިހާ ކުންފުނިތަކާއި އަމިއްލަ ޖަމާޢަތްތައް ގުޅިގެން މަސައްކަތްކުރިވެގެން ކަމަށެވެ. މިގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތް އެންމެ ފުރަތަމަ ފަށަން ޖެހޭނީ މައިންބަފައިންގެ ހިސާބުންކަމަށް ފާހަގަކުރައްވާ ވިދާޅުވީ އެބައެއްގެ ކުދިން ދަނީ ކޮންތަނަކަށްކަމާއި އެކުދިންނާ އެކީ އުޅެނީ ކޮންބައެއްކަން މައިންބަފައިން ބެލުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހުގައި، މި ޖަލްސާގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯ އަލްފާޟިލް ހުސެއިން ޝަހީލުއާއި ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ޗެއަރޕަރސަން ލެފްޓިނަންޓް ކާނަލް ޑރ. އަޙްމަދު ޝާހިދު މުޙައްމަދާއި ވަޒީރުންގެ މަޖިލިހުގެ ބޭފުޅުންނާ ނޭޝަނަލް ޑްރަގް ކައުންސިލްގެ މެމްބަރުންނާއި ނޭޝަނަލް ޑްރަގް އެޖެންސީގެ އެކި ފެންވަރުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.