"އެޓަރނީ ޖެނެރަލްގެ އޮފީސް" ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ޤާއިމުކުރެއްވުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ"ގެ ނަން މިއަދުން ފެށިގެން "މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ"އަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "އެޓަރނީ ޖެނެރަލްގެ އޮފީސް" އަކީ 1 ޖުލައި 2014 އާ ހަމައަށް ހިނގަމުންދިޔަ ފަދައިން، ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ޤާއިމުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތު ދާއިރާގެ ގޮތުގައި، ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ބެލެހެއްޓެވުމުގެ ކަންކަމާއި، އިންސާނީ ހައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާގުޅޭ އެންމެހައި ކަންކަން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އެޓަރނީ ޖެނެރަލްގެ އޮފީހުގެ  މަސައްކަތްތަކުގެ ލިޔުން މިދެންނެވުމާއެކު އެވަނީއެވެ.
 
އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް
އެޓަރނީ ޖެނެރަލްގެ އޮފީސް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. ބަންޑާރަނައިބަކީ ދައުލަތުގެ ޤާނޫނީ ވަކީލެވެ. ބަންޑާރަނައިބުގެ އޮފީހާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި އެވަނީއެވެ.
1. މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ދައުލަތުގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުން.
2. ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުން.
3. ސަރުކާރު އިދާރާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ ލަފާދިނުން.
4. ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
5. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަސްދީޤް ކުރުމާގުޅޭގޮތުން ސަރުކާރަށް ލަފާދިނުން.
6. ޤާނޫނު ހެދިފައިނުވާ ދާއިރާތައް ފާހަގަ ކުރުމާއި، ޤާނޫނު ހެދިފައިނުވާ ދާއިރާތަކާގުޅޭ ދިރާސާތައް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން ކުރުމާއި، އެ ދާއިރާތަކުގެ މަޝްވަރާއާއެކުގައި ޤާނޫނުގެ ދެލިކޮޕީ އެކުލަވާލައި، އެދާއިރާތަކަށް ހުށަހެޅުން.
7. ސަރުކާރުގެ އޮފީސްތަކުން އެކުލަވާލާ ގަވާއިދުތަކުގެ ދެލިކޮޕީތަކަކީ ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއެރުން ހުރި ގަވާއިދުތަކެއްތޯ ނުވަތަ ނޫންތޯ ބަލައި، އެގަވާއިދުތަކަށް ޢަމަލު ކުރަންފެށުމާބެހޭ ގޮތުން ޤާނޫނީ ލަފާދިނުން.
8. ސަރުކާރުގެ އިދާރާތަކުން އެކުލަވައިލަން ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީތައް އެކުލަވައިލުމުގައާއި، އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް އެކުލަވައިލުމުގައި އެ އިދާރާތަކަށް ބޭނުންވާ ލަފާދިނުން.
9. ސަރުކާރާ އެކިފަރާތްތަކާ ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަލަތަކާ ގުޅޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާ ދިނުން.
10. ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމަށާއި، ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، ޢާންމު މިނިވަންކަން ދިފާޢުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ހިންގައި ވިލަރެސްކުރުން.
11. ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާބެހޭ ގޮތުންނާއި، ދިވެހި ސަރުކާރާއި އެހެނިހެން ފަރާތްތަކާމެދު ކުރެވޭ އެއްބަސްވުންތަކާބެހޭ ގޮތުން ސަރުކާރަށް ޤާނޫނީ ލަފާދިނުން.
12. ސަރުކާރުގެ ފަރާތުން އެކިއެކި ރަސްމީ ލިޔުންތަކުގައި ސޮއިކުރައްވާ ބޭފުޅުންނަށް ދޭންޖެހޭ އިންސްޓްރޫމަންޓް އޮފް ފުލް ޕަވަރ އާގުޅޭ ގޮތުން ޤާނޫނީ ލަފާދިނުން.
13. ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް ނަގާ ލޯނުތަކުގެ ލޯނު އެގްރިމަންޓުތަކުގައި ސަރުކާރުން ސޮއިކޮށްފައިވާގޮތާއި، އެ އެގްރިމަންޓުތައް ތަންފީޛުކުރުމާގުޅޭ ގޮތުން މާލީ އިދާރާތަކަށް ދޭންޖެހޭ "ލީގަލް އޮޕީނިއަން" ދިނުން.
14. ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޤާނޫނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
15. ސަރުކާރުން ރާވާ މުހިންމު މަޝްރޫޢުތަކާއި އިޢުލާންކުރާ އަދި ވަޒަންކުރާ ބީލަންތަކާއި، ސަރުކާރުން ކުރާ ނެގޯސިއޭޝަންތަކާއި ކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހިމަނަންޖެހޭ ކަންތައްތަކުގައި، ޤާނޫނީ ވަކީލުން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ޤާނޫނީ ލަފާ ދިނުން.
16. ދައުލަތާ ގުޅުންހުރި ޤާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރުގެ އިދާރާތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.
17. ޒަމާނާ ނުގުޅޭ ނުވަތަ ރާއްޖެއަށް ބޭނުންނުވާ ޤާނޫނުތައް ހުރިނަމަ، އެކަން ފާހަގަކޮށް، އެ ޤާނޫނުތައް އުވާލުމަށް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކަށް މަޝްވަރާދިނުމާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭކަމަށް ފެންނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، ކަމާބެހޭ ސަރުކާރުގެ ދާއިރާތަކާގުޅިގެން ދިރާސާކޮށް، އެޤާނޫނުތައް އިޞްލާޙުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޤާނޫނުގެ ދެލިކޮޕީތައް ތައްޔާރުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް އެހީތެރިވެދިނުން.
18. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، އެކަމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ހުއްދައެއް ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއްގައި ބާޠިލުކުރުމާއި، ޤާނޫނީ ވަކީލުންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންނާބެހޭ ސުލޫކީ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މިނޫންވެސް ޤާނޫނީ ވަކީލުންނާބެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
19. އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތުތައް ވިލަރެސްކުރުން.
20. އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ "ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ރިޕޯޓު"ތައް ތައްޔާރުކުރުމާއި، އެ ރިޕޯޓުތަކާ ގުޅިގެން ރާއްޖެއިން ކުރަންޖެހޭ ކަންކަން ކުރުން.
21. ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތަކުގެ ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ވަކިކަމެއް ހުރިކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަން ނުވަތަ ބައިނަލްއަޤުވާމީ އިދާރާތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާތަކުން ސަރުކާރަށް ކަމެއް ހުށަހަޅައިފިނަމަ އެ ކަންތައްތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
22. އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި، އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގައާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤުކުރުމާގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާއި، ހުށަހަޅާ ހުށަހެޅުންތަކާގުޅިގެން ކުރަންޖެހޭ ކަންކަން ކުރުން.
23. އަލަށް އެކުލަވާލެވޭ، އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތައް އެކުލަވާލުމުގައި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން ދިނުން.
24. ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އިދާރީ އުސޫލުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި، ޙިމާޔަތްކުރުމާއި ދެމެހެއްޓުމުގެ ގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބައިނަލްއަޤުވާމީ އިދާރާތަކާއި، ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ސަރުކާރަށް ދޭ މަޝްވަރާއާއި ލަފާއާގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުން.
25. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުން ފޮތެއްގެ ގޮތުގައި އެކުލަވާލުމާއި، އެ ޤާނޫނުތައް ފަސޭހަކަމާއެކު ބެލޭނެ އަދި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމާއި، ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ޗާޕްކުރަމުން، އާކުރަމުން ގެންދިއުމާއި، އެކަށީގެންވާ އުސޫލެއްގެ މަތިން އަދި އެކަށީގެންވާ އަގަކަށް އެ ފޮތްބައި ޢާންމުކޮށް ލިބެން ހުންނާނެ އުސޫލެއް ހަމަޖެއްސުން.
26. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ތެރެއިން ތަރުޖަމާކުރެވޭ ޤާނޫނުތައް ޢާންމުކޮށް ލިބޭނޭގޮތް ހަމަޖެއްސުމާއި، ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުން.