ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ"ގެ ނަން "މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ"ގެ ނަމަށް މިއަދުން ފެށިގެން ބަދަލުކުރައްވައި،އެ މިނިސްޓްރީގެ މަސައްކަތު ދާއިރާގެ ގޮތުގައި، މިހާތަނަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ބަލަހައްޓަވަމުން ގެންދެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންކަން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިނގަމުންދިޔަ، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަކީ މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދާނީ ތިރީގައިވާ ތަންތަން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1. ކުޑަކުދިންގެ ހިޔާ
2. އަމާން ހިޔާ
3. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
4. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
 
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި  މަސައްކަތްތަކުގެ ލިޔުން މިދެންނެވުމާއެކު އެވަނީއެވެ.
 
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަސައްކަތްތައް
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ. މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1. އިޖުތިމާޢީ ޚިދުމަތްދޭ ތަންތަނަށް ހުއްދަދިނުމާއި، ހުއްދަ ބާޠިލުކުރުމާއި، މިފަދަ ޚިދުމަތްތަކާއި، ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުންދޭ ޚިދުމަތްތަކުގެ ފެންވަރާއި، ޚިދުމަތްދޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، މިފަދަ ޚިދުމަތްތަކުގެ އަގުތައް އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުން.
2. ރާއްޖޭގައި އިޖުތިމާޢީ ޚިދުމަތްދޭ މީހުން ރަޖިސްޓަރީކުރުމާއި، އެ މީހުންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމާއި، މިފަދަ މީހުންގެ ފެންވަރު ބެލުމާއި، ފެންވަރު ހިފެހެއްޓުމާއި، މަސައްކަތުގައި ގެންގުޅެންޖެހޭ ފަންނީ މިންގަނޑުތައް ކަނޑައަޅައި ބެލެހެއްޓުމާއި، މަސައްކަތުގެ އަޚްލާޤީ މިންގަނޑު ހިފެހެއްޓުމާ އަދި މިކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން. 
3. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމާ ދުޅަހެޔޮކަމަށް ބޭނުންވާސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
4. ޖެންޑަރ މެއިންސްޓްރީމް ކުރުމުގެ ސިޔާސަތުގެ ދަށުން ހުރިހާ ދާއިރާތަކެއްގައި ޢަމަލުކުރުމަށް ކަނޑައަޅާ ސިޔާސަތުތަކާއި، ގަވާއިދުތަކާއި، މަޝްރޫޢުތަކުގައި ޖެންޑަރގެ ނަޒަރަކުން ބެލިފައިވާ މިންވަރު މޮނިޓަރކޮށް، ހުރިހާ ދާއިރާތަކަކުން މި ސިޔާސަތު ދެމެހެއްޓުމަށް ބާރުއެޅުން.
5. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމް ޤާއިމުކުރުމާއި އެނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް އެ މަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
6. ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އަންހެނުން ކުރިއަރުވައި، އެ މީހުންނަކީ ހުރިހާ ރޮނގަކުން މުޖުތަމަޢަށް ފައިދާ ހޯދައިދޭ، ކުރިއަރަމުންދާ ބަޔަކަށް ހެދުމަށްޓަކައި ޙާލަތު އޮޅުންފިލުވައި، ގެންނަންޖެހޭ  ބަދަލުތައް ގެނައުމަށް މަސައްކަތްކުރުން.
7. ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމު ގާއިމުކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން.
8. އަންހެނުންނާއި، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން.
9. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެޙައްޤުތަކަށް ހުރަސްއެޅޭ އާ މައްސަލަތައް(އިމަރޖިން އިޝޫތައް) ދެނެގަނެ އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.
10. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ  ހައްޤުތައް ރައްކާތެރިކުރުމަށާއި، ދެޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އުފައްދައި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުން.
11. ވަކި ޖިންސެއްގެ މީހަކަށްވީތީ އެމީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ނުވަތަ އަނިޔާއެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި، އެ ޙައްޤަކަށް އުނިކަން ލިބުނު ފަރާތަށް ނަފްސާނީ އަދި އިޖްތިމާޢީ އަދި ޤާނޫނީ ޚިދުމަތް ނުވަތަ ޙިމާޔަތް ލިބޭނެމަގު ފަހިކޮށްދިނުން.
12. އެކިބާވަތުގެ ހާނިއްކަ (އެބިއުސް) ލިބިފައިވާ އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޢަމަލުކުރާނެ ގޮތުގެ   މިންގަނޑުތައް ކަނޑައަޅައި ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްކޮށް، މި މަސައްކަތް ވިލަރެސް ކުރުން.
13. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ، ބަލަހައްޓަންޖެހޭ  އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން ބަލަހައްޓާނެ މަރްކަޒުތައް ޤާއިމްކޮށް، އެ މަރްކަޒުތަކުގައި ބައިތިއްބައިގެން ނުވަތަ އަމިއްލަ ޖަމާޢަތްތައް މެދުވެރިކޮށްގެން އެމީހުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައި، މިކަންކަން ހިނގާނުހިގާގޮތް ބެލެހެއްޓުން.
14. ކުޑަކުދިންނާއި ޢާއިލާގެ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން.
15. އެކިއެކި ގޮތްގޮތުން އަނިޔާލިބޭ ކުދިންގެ މައްސަލަތައް ބަލައި، ދައުލަތުގެ  ބެލުމުގެ ދަށަށް ގެންނަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، އެ ކުދިން ބެލެހެއްޓުން.
16. ކުޑަކުދިންގެ ބެލެނިވެރިކަން ދައުލަތަށް ނެގޭ ކުދިން "ފޮސްޓަރިންގ މެކޭނިޒަމް"އެއްގެ ދަށުން ޢާއިލާތަކާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެގޮތުން ހަވާލުކުރެވޭ ކުދިންގެ ޙާލަތު މޮނިޓަރކޮށް ބެލެހެއްޓުން.
17. މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން އަޚްލާޤީ މައްސަލަތައް ހުންނަ ކުދިން، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކޮށްގެން، އެކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަނާއި، ތަޢުލީމާއި، ތަމްރީނާއި ތަރުބިއްޔަތު ދިނުން.
18. ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)އާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
19. ކުއްލި ނުރައްކާތަކާއި ކާރިސާތަކުގައި ނަފްސާނީ އަދި އިޖްތިމާޢީ ޚިދުމަތްތައް ފޯރުވައިދޭނެ ގޮތްތައް ރޭވުން.
20. އަނިޔާގެ ޝިކާރައަށްވެގެން ދައުލަތަށް ހުށަހެޅޭ އަންހެނުންނާއި އަންހެންކުދިންނަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯޓް ދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ކަންތައްތައް ފޯރުކޮށްދިނުން.
21. މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން. 
22. މިނިސްޓްރީގެ މަސައްކަތާ ގުޅުން ހުރި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިފަދަ ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމާއި، މިރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން.
23. މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމާއި، އެފަދަ ދިރާސާތައް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ދިރާސާތަކުގެ ފެންވަރާއި، އެތިކްސް ހިފެހެއްޓުމާއި، މި ދާއިރާގައި ދިރާސާކުރުމުގެ މާޙައުލެއް ކުރިއަރުވައި ދިރުވުން.
24. މިނިސްޓްރީގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ބޭނުންވާ ޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރުބަލައި، ނަތީޖާ ޙާޞިލުވާ މިންވަރު ދެނެގަތުން.
25. ދާއިރާގެ މަސައްކަތްތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމުގެ މިންގަނޑުތައް ކަނޑައަޅައި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ތަރައްޤީކޮށް، ޑޭޓާބޭސްތައް ޤާއިމްކޮށް، އެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކޮށް މަޢުލޫމާތު ހާމަކުރުން.
26. ހުރިހާ ދާއިރާއަކުން ތަފާސް ހިސާބު އެއްކުރުމުގައި އުމުރާއި، ޖެންޑަރ ޑިސްއެގްރިގޭޓަޑް އަދި އެނޫންވެސް އެހެނިހެން ޑިސްއެގްރިގޭޓަޑް ޑޭޓާ ނެގުމަށް ބާރުއެޅުން.
27. ދާއިރާގެ މަސައްކަތާ ގުޅޭ މަޢުލޫމާތާއި ރެކޯޑުތައް ބަލަހައްޓާނެ އުސޫލުތައް ކަނޑައަޅައި، އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޚަބަރުފަތުރާ ވަސީލަތްތަކާ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެ މަޢުލޫމާތުތައް ހާމަކޮށް، ޢަރުޝީފުކޮށް ބެލެހެއްޓުން.
28. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ އިދާރީ މިންގަނޑުތައް ކަނޑައަޅައި، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އެތަންތަނުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބަލައި، ވިލަރެސްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި އިދާރީގޮތުންނާއި ފަންނީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
29. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
 
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ،  މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުންނެވެ.
1. ކުޑަކުދިންގެ ހިޔާ
2. އަމާން ހިޔާ
3. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
4. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
 
"ކުޑަކުދިންގެ ހިޔާ" ގެ މަސައްކަތްތައް
1. އުފަންވާ ވަގުތުން ފެށިގެން އުމުރުން 18 އަހަރު ނުފުރޭ ފިރިހެންކުދިންނާއި އަންހެންކުދިންގެ ތެރެއިން ތިރީގައިމިވާ ޙާލަތްތައް ދިމާވެފައިވާ ކުދިން މަރުކަޒުގައި ބައިތިއްބައިގެން ބެލެހެއްޓުން.
· މަންމައާއި ބައްޕަ ދުނިޔޭގައި ނެތް އަދި ބަލާނެ އެއްވެސް މީހަކު ނެތް ކުދިން.
· މަގުމަތިން ނުވަތަ އެހެންވެސް ޢާންމު ތަނަކުން ހޮވޭ ކުދިން (އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ހޯދައި އެމީހުންނާ އެކުދިން ހަވާލުކުރެވެންދެން).
· މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް އިހުމާލުވާކަން އެނގުމުން އެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަސޭހަތްތެރިވެ ޢަމަލުތައް އިސްލާހުކުރުމަށް އިރުޝާދު ދިނުމުންވެސް އިޞްލާޙުނުވުމުން މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ވަކިކުރެވޭ ކުދިން.
· މައިންބަފައިން އެކަށީގެންވާވަރަށް ނުބެލެހެއްޓުމުގެ ސަބަބުން އެކުދިންނަށް ލިބެންޖެހޭ ޒަރޫރީ ޚިދުމަތްތައް ލިބެމުންނުދާ ކުދިންނާއި، އެކުދިންގެ މުސްތަޤުބަލު ގެއްލިގެން ހިނގައިދާނެކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޤަބޫލުކުރެވޭ ކުދިން.
· ކުދިންނަށް އަނިޔާކޮށް ނުވަތަ ބޮޑެތި އިހުމާލުވެގެން މައިންބަފައިން ނުވަތަ ބެލެނިވެރިން ހައްޔަރުކުރަންޖެހޭ ޙާލަތްތަކުގައި ކުދިން ބަލާނޭ އެއްވެސް މީހަކުނެތް ކުދިން.
· މައިންބަފައިން ނުވަތަ ބެލެނިވެރިން ޖަލަށްލުމުން ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
· ބެލެނިވެރިޔާ ބުއްދި ގޯސްވެ ބަލާނެ އެހެން އެއްވެސް މީހަކު ނެތް ކުދިން.
2. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ޘަޤާފަތާ އެއްގޮތްވާ ގޮތުގެ މަތިން ތަރުބިޔަތުކޮށް، އެކުދިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާ ޙައްޤުތައް، މަރުކަޒުގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ލިބިދިނުން.
3. މަރުކަޒުގެ ބެލުމުގެ ދަށުގައިތިބޭ ކުދިންނަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަށް ކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން.
 
"އަމާން ހިޔާ" ގެ މަސައްކަތްތައް
1. އަނިޔާ ލިބިގެން ގެނެވޭ އަންހެނުންނާއި ކުދިންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުން.
2. އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ، އިންސާނީ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނޭ ފަދައިން ރައްކާތެރިކަން ފޯރުކޮށްދީ ޢާންމު ޙާލަތައް ރުޖޫޢަވުމަށްޓަކައި މަގުފަހި ކޮށްދިނުން.
3. އަމާންހިޔާތަކަށް ނެގޭ އަންހެނުންނާއި ކުދިންގެ ތެރެއިން ސައިކޯ ސޯޝަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން.
 
ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މަސައްކަތްތައް
1. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަތޮޅުގައި ޤާއިމުކުރާ ނިޒާމުގެދަށުން ރަށުފެންވަރުގައި ދެވޭ ޚިދުމަތްތައް ބަލައި، މޮނިޓަރކުރުމާއި، އެފަދަ ތަންތަން ހިންގަން ހެދިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ހިނގާތޯ ބެލުން.
2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ގޮތުން ކުރެވޭ ކަންތައްތަކުގެ ތަފާސް ހިސާބުތަކުގެ ޑޭޓާބޭސްއެއް އަތޮޅު ފެންވަރުގައި ޤާއިމުކޮށް ބަލަހައްޓައި، އެކަން ހިނގާ ނުހިނގާގޮތް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ގަވާއިދުން ރިޕޯޓްކުރުން.
3. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީމީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަކުގައި ނަފްސާނީ އަދި އިޖުތިމާޢީ ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދިނުން.
4. އެކިބާވަތުގެ ހާނިއްކަ ލިބިފައިވާ  އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށްޓަކައި މިނިސްޓްރީން ކަނޑައަޅާފައިވާ   މިންގަނޑުތަކާ އެއްގޮތަށް ކަމާގުޅޭ އެހެން ދާއިރާތަކުން މަސައްކަތްކުރާ މިންވަރު އަތޮޅު ފެންވަރުގައި ބަލައި ވިލަރެސްކުރުމާއި، އެމަސައްކަތުގެ ރިޕޯޓް ގަވާއިދުން މިނިސްޓްރީ އަށް ހުށަހެޅުން.
5. އަންހެނުންނަށް އިހާނެތިކޮށް ހިތުމާއި އަނިޔާވެރިވުންފަދަ ނޭދެވޭ އަމަލުތައް ނައްތާލުމަށް އެކަށައެޅޭ ޝަރުޢީ އަދި ޤާނޫނީ އޮނިގަނޑު އަތޮޅު ފެންވަރުގައި ހިންގުމަށް އެހީތެރިވުން.
6. ޢާއިލީ ގުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެފަދަ ކަންކަން ނައްތާލުމަށް ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތައް އަތޮޅު ފެންވަރުގައި ތަންފީޒުކުރުމަށް ލަފާދީ ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް މަސައްކަތްކުރުން.
7. އަތޮޅުގެ ތަރައްޤީގެ ކަންކަމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާބެހޭ ގޮތުންނާއި، ދެޖިންސުގެ މީހުންގެ ހަމަހަމަކަން ޤާއިމުކުރުމާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން.
8. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށް އެހީތެރިވުން.
9. އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މިފަރާތްތައް ބާރުވެރިކުރުމަށް ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
10. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ދެމުންގެންދާ ޚިދުމަތްތައް ލާމަރުކަޒީ ޢުޞޫލުން ދިނުމަށްޓަކައި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން މިނިސްޓްރީން ފޯރުކޮށްދެމުންދާ ޚިދުމަތްތައް އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.
 
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ 53 ވަނަ މާއްދާގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.
1. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޛުކުރުން.
2. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތައް ހިންގާނެގޮތުގެ ހަމަތައް ކަނޑައެޅުން.
3. ކަމާގުޅުންހުރި އެންމެހައި މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމުގެ ސިޔާސަތާއި ޕްރޮގްރާމްތައް ހިންގާނެގޮތް ކަނޑައެޅުން.
4. ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ހުރި، އޮތޯރިޓީގެ މަރުކަޒުތަކުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމާޒުތަކަށާއި އުސޫލުތަކަށް ތަބާވުން ލާޒިމުކުރުން.
5. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ހިންގުމަށާއި ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކާއެކު އެއްބަސްވުންތައް އެއްބަސްވުމާއި، އެފަދަ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގުން.
6. އެކަށީގެންވާ މުވައްޒަފުންނާއި އެކަށީގެންވާ ވަސީލަތްތައް ހުރެގެން، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބުނު ފަރާތަށް ވަގުތީ ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާނެ މަރުކަޒުތައް އުފައްދައި، އެ ތަންތަނުން ދޭނެ ޚިދުމަތްތައް ކަނޑައަޅައި، އެ ޚިދުމަތްތައް، އެ ތަންތަނުން ދެމެހެއްޓެނިވި ގޮތެއްގައި ދެމުންގެންދިޔުން.
7. ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރުފުކުރަންޖެހޭ މިންގަނޑުތަކާއި އުޞޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
8. ގެވެށި އަނިޔާގެ ޢަމަލު ރާއްޖޭގައި ފެތުރިފައިވާ ނިސްބަތާއި އެފަދަ ޢަމަލުތައް ހިނގަމުންދާ ނިސްބަތާއި ސަބަބާއި ޒާތާއި ވައްޓަފާޅިއާ ގުޅޭގޮތުންނާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހޯދަންޖެހޭ ތަފާސްހިސާބުތައް ހޯދުމާއި، އޭގެތެރެއިން ޝާއިޢުކުރަންޖެހޭ ކަންކަން ޝާއިޢުކުރުން.
9. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާމެދު ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާޢީ ޚިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައަޅައި ތަންފީޛުކުރުން.
10. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާ އެހެން ފަރާތްތަކަށް އެހީތެރިވުމާއި، އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރކުރުން.
11. ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެގޮތުން އެންގަރ މެނޭޖްމަންޓް ތެރަޕީއާއި ކައުންސިލިންގެ ޚިދުމަތްދިނުން.
12. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިވާ މުއައްސަސާތަކާއި، އެފަދަ ޚިދުމަތްދޭ ހުރިހާ މުއައްސަސާތަކުގެ ޢަމަލުތައް ބަހައްޓަންޖެހޭ މިންގަނޑުތަކާއި، އެމީހުންނަށް ދޭންޖެހޭ އިޖްތިމާޢީ ޚިދުމަތްތަކުގެ ވައްތަރާއި ބާވަތާއި ނިސްބަތާއި މިންގަނޑުތައް ކަނޑައެޅުން.
13. އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުސޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓް ކަނޑައެޅުމާއި، އެ ކޯޑާ ޚިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެމީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން.
14. ޤާނޫނާއި ގަވާއިދު ހަދާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގެވެށި އަނިޔާގެ ކަންކަމުގައި ލަފާއާއި މަޢުލޫމާތުދިނުން.
15. ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމަށް މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި އަދި އެފަދަ މަރުކަޒުތަކުން ދެވޭ ޚިދުމަތްތަކުގެ ފެންވަރުބެލުން.