ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމަށް ޢަބްދުﷲ ޖިހާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނުކުރައްވައިފިއެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ ހުވާ ކުރެއްވުމަށްފަހު، ހުވާގެ ލިޔުމުގައި ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވަނީ ވަރަށް ދިގު މުއްދަތަކަށް ސަރުކާރުގައި ޚިދުމަތް ކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު އަދާކުރައްވާފައިވާ ބައެއް ވަޒީފާތަކުގެ ތެރޭގައި ސަރުކާރުގެ ބަޖެޓު ސެކްރެޓަރީކަން (ޑިޕާޓްމަންޓް އޮފް ފިނޭންސް)، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބަޖެޓު އެނަލިސްޓުގެ މަޤާމާއި، އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމާ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމު ހިމެނެއެވެ. އަދި ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑިރެކްޓަރގެ މަޤާމާ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމްވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މޯލްޑިވްސް މަނިޓަރި އޮތޯރިޓީގެ ވައިސް ގަވަރނަރުގެ މަޤާމާއި ގަވަރނަރުގެ މަޤާމު އަދާ ކުރައްވާފައެވެ.
އެމަނިކުފާނު އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ދައުރުގައާއި ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ދައުރުގައިވެސް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމްވެސް އަދާކުރައްވާފައެވެ.