ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް މުޙަންމަދު ޒާހިރު ނަޞީރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި ބޭއްވި ތައުބީނުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މިޖަލްސާ ބާއްވާފައިވަނީ މިރޭ ދަރުބާރުގޭގައެވެ.
މުޙަންމަދު ޒާހިރު ނަޞީރަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި، ސަރުކާރުގެ ތަފާތު ފެންވަރުގެ އެކި މަގާމުތައް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. މުޙަންމަދު ޒާހިރު ނަޞީރުގެ އެންމެ ޚާއްޞަ ދާއިރާއަކީ، ކުޅިވަރުގެ ދާއިރާއެވެ. ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރު ދުވަހުގެ ތެރޭގައި، އެ ދާއިރާގައި ޢަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އެމަނިކުފާނުވަނީ އަދާކުރައްވާފައެވެ.
މިރޭގެ ޖަލްސާގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، އަލްމަރްޙޫމް މުޙަންމަދު ޒާހިރު ނަޞީރުގެ ނަންފުޅަކީ ޤައުމީ ޚިދުމަތްތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ރަން އަކުރުން ފާހަގަކޮށްލެވޭނެ ނަންފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީގެ ގޮތުގައި ސިފަކުރެއްވިއެވެ. އަލްމަރްޙޫމް މުޙަންމަދު ޒާހިރު ނަޞީރުގެ ހަޔާތްޕުޅުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެމަނިކުފާނުގެ ހަޔާތްޕުޅުން ހުރިހާ އެންމެންނަށްވެސް މުހިންމު ފިލާވަޅުތަކެއް ލިބިގެންދާ ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވިއެވެ. ޚާއްޞަ ގޮތެއްގައި ވަގުތަށް ކަމޭހިތމާއި، ނާކާމިޔާބީގައި މާޔޫސް ނުވުމުގެ މުހިންމު ސިފަ އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ޖަލްސާގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.