ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޚާއްޞަ މަންދޫބު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދާއި، ޗައިނާގެ ސްޓޭޓް ކައުންސިލްގެ ވައިސް ޕްރިމިއަރ މިސްޓަރ ވާންގ ޔަންގ، "4 ވަނަ ޗައިނާ- ސައުތު އޭޝިޔާ އެކްސްޕޯ" މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މިއަހަރު ކުންމިންގް ފެއާގެ "ކަންޓްރީ އޮފް އޮނަރ" ގެ ގޮތުގައި ހަމަޖެހިފައިވަނީ ދިވެހިރާއްޖެއެވެ. މި ފެއާ ކުރިއަށްދާނީ މި މަހުގެ 12 އިން 17 އަށް ޗައިނާގައެވެ.

"4 ވަނަ ޗައިނާ- ސައުތު އޭޝިޔާ އެކްސްޕޯ" މިއަދު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާގައި ވާހަކަފުޅު ދައްކަވަމުން، މި ފެއާގެ ސަބަބުން ޗައިނާއާއި ދެކުނު އޭޝިޔާގެ އަވަށްޓެރި ޤައުމުތަކާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމުގެ މަގު ފަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ފާހަގަ ކުރެއްވިއެވެ. އަދި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް އެކި ގޮތްގޮތުން ދެމުންގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. މިގޮތުން ޚާއްޞަކޮށް ރާއްޖޭގައި ބިނާކުރަމުންދާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ މަސައްކަތާއި، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރާ ދެވަނަ ރަންވޭގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ފެއާއަކީވެސް އޭޝިޔާގެ މުސްތަޤްބަލު އާރާސްތުކުރުމަށް އިތުރު ހިތްވަރަކަށް ވުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓިނިވި ފާގަތިކަމަކާއި ކުރިއެރުން ހޯދުމަށް އެހީއަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.