بســم اللّـه الرّحمـن الرّحيــم
       
                 اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، މިރެޔަކީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ރެއެއް. އަޅުގަނޑުމެންނާ ވަރަށް އަވަހަށް ރަމަޟާން މަސް ބައްދަލުކުރާއިރު، ހަމައެޔާއެކީ އަޅުގަނޑުމެންނަށް އިތުރު އުފާތަކެއް ހާސިލުވަމުންދާ ރެއެއްކަން ޝައްކެއްވެސްނެތް. އަޅުގަނޑަށް ދެންމެ މަޢުލޫމާތު ލިބުނުގޮތުގައި ވެއްޖިއްޔާ، އަޅުގަނޑުމެންގެ ޕޭޝަންސް ހުރެއްޖެ ކަމަށްވަންޏާ، ހަމަ މިރޭ މި އިމާރާތުގެ ހުރިހާ ޝީޓްޕައިލް ޑްރައިވްކޮށް ނިންމާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެންދާނީ ހަމަ ސްޓޭޓް އޮފް ދި އާޓް. އެންމެ މިޒަމާނުގެ ޑަޔަގްނޯސްޓިކް ސެންޓަރެއް ހިމެނޭ ހައުސްކުރާ އަދި އިތުރު އެތައް ވަސީލަތަކާއެކީ ފުރިހަމަވެގެންދާ ވަރަށްއުސް އިމާރާތެއް. ހަމައެކަނި އިމާރާތަކީ އިމްޕްރެސިވް އިމާރާތަކީވެސް ނޫން. ޝައްކެއްވެސްނެތް، މި އިމާރާތަކީ ދިވެހިރާއްޖޭގައި މިވަގުތު ރަމްޒުކޮށްދޭ އެންމެ އުސް އިމާރާތަކަށް ވެގެންދާނެ. ދެން އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިވާހަކަ ދަންނަވާއިރުވެސް ފިނޭންސް މިނިސްޓަރު މި ދަޢުވާ ކުރައްވާނެކަންވެސް. ފިނޭންސް މިނިސްޓްރީގެ އިމާރާތްވެސް ޖިހާދު ހަމަ ކުރިއަށް ގެންދަވާނެ. އެހެންނަމަވެސް، މިއިން އަޅުގަނޑުމެން ރަމްޒުކޮށްދޭން ބޭނުންވަނީ، އަޅުގަނޑުމެންގެ އެސްޕިރޭޝަން ފޮރ ބެޓަރ ލައިފް. ނޫނިއްޔާ ޞިއްޙީ ދާއިރާ އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވަނީ ކިހާ ހިސާބަކަށްތޯ؟ ރަމްޒުކޮށްދޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ އެންމެ އުސް އިމާރާތް މި ރަމްޒުކޮށްދެނީ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ހިމެނިގެންދާ ފުރިހަމަ އިމާރާތެއްގެ ގޮތުގައި.
 
މި ޖަލްސާއަށް އައުމުގެ މަގުމަތީގައި، ދާދި ކުޑައިރުކޮޅެއްގެ ކުރީގައި އަޅުގަނޑަށް ހަމަ ލިބުނު ޝަރަފަކަށް ވެގެންދިޔަ، އުފަލަކަށް ވެގެންދިޔަ އައި.ޖީ.އެމް.އެޗަކީ ހަމައެކަނި ހޮސްޕިޓަލެއް ނޫނޭ، މި އައި.ޖީ.އެމް.އެޗް.ގެ ތީމް ނޫނީ އައި.ޖީ.އެމް.އެޗް.ގެ އީކޯ ސިސްޓަމް ބަދަލުކުރަން ކުރާ މަސައްކަތް، ރައީސް އޮފީހުގެ ތެރޭގައި، އަޅުގަނޑުމެންގެ ސޯޝަލް ސެކްޓަރ ސަރވިސް ޑިޕާޓްމަންޓްގެ ޓީމާއެކީ އަޅުގަނޑު މަސައްކަތްކުރާތާ ދުވަސްތަކެއްވެއްޖެ. ޑިޕާޓްމަންޓް ހެޑް ކުރައްވަނީ ޣައްސާން. ހަމައެޔާއެކީ ހެލްތް މިނިސްޓަރުގެ އިރްތިޝާމްގެ ލަފާފުޅުވެސް އަޅުގަނޑުމެންނަށް ލިބެމުންދޭ. އަޅުގަނޑުމެން ބަދަލުކުރަން ބޭނުންވަނީ އައި.ޖީ.އެމް.އެޗަކީ ހަމައެކަނި ބަލިމީހުން ހައުސްކުރާ ތަނެއްގެ ބަދަލުގައި، އައި.ޖީ.އެމް.އެޗަކީ ހުރިހާ ފެންވަރެއްގެ، ހުރިހާ އުމުރުފުރައެއްގެ މީހުން ތަފާތު އެކިކަންކަމަށް ޒިޔާރަތްކުރާ ތަނެއްގެ ގޮތުގައި ބަދަލުކުރުމަށް. މުޅި އައި.ޖީ.އެމް.އެޗް.ގެ އެމްބިއަންސް ބަދަލުކުރަން ކުރާ މަސައްކަތްތަކެއް ކުރެވެމުން މިދަނީ. އެންމެ ޓްރެންޑީ ކޮފީޝޮޕްތައް، ނޫނީ ކޮފީ ކިއޮސްކްތައްވެސް އައި.ޖީ.އެމް.އެޗް.ގެ ތެރޭގައި ހިމެނުމަށް އަޅުގަނޑުމެން ޚިޔާލުކޮށްގެން، މިހާރު އެ މަސައްކަތްތައްވެސް އެހެރީ ފެށިފައި.
 
ހަމައެޔާއެކީ މާދަމާވެސް އަޅުގަނޑުމެން ބޭނުންވަނީ، އައި.ޖީ.އެމް.އެޗް.ގައި މިރޭ މި ހުޅުވިގެންދިޔަ ވަރަށް ހިތްގައިމު އަދި ސްޓޭޓް އޮފް ދި އާޓް ޓެކްނޮލޮޖީ ހިމެނޭ އޯޑިއޯ، ވީޑިއޯ ވިޜުއަލް ހުރިހާ ކަމެއް ހިމެނިގެންދާ ކޮންފަރެންސް ފެސިލިޓީގެ ބޭނުން، ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ވިޔަފާރިތަކުންވެސް ހިއްޕެވުމަށް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މާދަމާ ދޫކޮށްލާފައި އަނެއް ދުވަހު އިކޮނޮމިކް މިނިސްޓްރީގެ ކޮންމެވެސް ސެމިނާރއެއް މިތަނުގައި ބާއްވަވާގޮތަށް ދެންމެ ޔޫތު ހަމަޖެއްސެވި މިނިސްޓަރާ ވާހަކަފުޅު ދައްކަވައިގެން. އެހެންވީމާ، ސަޢީދަށް، މިނިސްޓަރަށް މަރްޙަބާވެސް ދަންނަވަން.
 
އެޔާއެކީ ދެން ހުޅުވިގެން މިދިޔައީ އައި.ޖީ.އެމް.އެޗް.ގެ ކާޑިއެކް ސެންޓަރ، ކެތްލެބް. ދެން އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، ހަމަ މިހާރު ބޭނުންވާ ހުރިހާ އާދައިގެ ކާޑިއެކް ފަރުވާތައް ދެވޭވަރަށް އެހެރީ އެތަން ފިޓް ކުރެވިފައި، އިކްވިޕް ކުރެވިފައި. މި ރަމަޟާން މަހުގެ މެދާ ހިސާބަށްދާއިރު، ކާޑިއެކް ސެންޓަރ ކޮމިޝަން ކުރެވިގެން، ކާޑިއެކް ސެންޓަރުން ދިވެހި ރައްޔިތުންނަށް ލިބެންވާ ހުރިހާ ފަރުވާއެއް ލިބިގެންދާނެ. ދެން އަޅުގަނޑު ނުކުތް މަގުމަތީގައި، ދެން ހަމަ މިއީ ތަންކޮޅެއް ލައިޓް ހާޓަޑްލީ ދަންނަވާ ވާހަކައެއް. ފެނުނީ ހިތުގެ ކަންތައްތައް މޮނިޓަރ ކުރާ ޤައުމީ ސެންޓަރ. އަޅުގަނޑު ހަމަ ވަރަށް ހަމަ ކެޒްއަލީ އެ ދަފްތަރު ބަލައިލިން. ދަފްތަރު ބަލައިއިރު ރަޖިސްޓްރީ ކޮށްފައި އޮތް ގާތްގަނޑަކަށް ސަތޭކަވަރަކަށް މީހުންގެ ތެރޭގައި، ކޭން ޔޫ އިމޭޖިން؟ ނުވަދިހަ އަށް މީހުންނަކީ، ހިތުގެ ބަލިތަކުގައި އެޑްމިޓްވެފައި މިތިބީ ފިރިހެނުން. ޖަސްޓް ޓޫ ޕަރސަންސް، އަންހެން ސެކްސް އުޅެނީ. އެހެންވީމާ، ގެވެށި އަނިޔާއާއި، ހިތުގެ ބަލިތައް ފިރިހެނުންނަށް މި ލިބެންޖެހޭގޮތާ ދޭތެރޭގައި މިރޭވެސް ހަމަ ވިސްނާލުން ހަމަ އެޕްރޮޕްރިއޭޓްކަންނޭނގެ. އެއީ މިއަދުގެ އަޅުގަނޑުމެންގެ މާހެފުމުގެ ތެރޭގައިވެސް މި ޑިބޭޓްގެ ތެރޭގައި އުޅެފައި އަޅުގަނޑުމެން އައީ. ސޯ ކެރިންގ އޮން ވިތް ދަ ފީވަރ އިނގޭތޯ.
 
އެހެންނަމަވެސް، މި ކެތްލެބް ހުޅުވިގެން ދިޔައިމަ، އަޅުގަނޑަށް ހަމަ ޔަޤީން، ދިވެހިރާއްޖެއިން މިހާރު ބޭސްފަރުވާއަށް ބޭރަށް މިދާ އެތަކެއް އަޅުގަނޑުމެންގެ ދިވެހިންނަށް ހިތްހަމަޖެހުމާއެކީ ރާއްޖޭގައި ފެމިލީއާއެކީ، އަދި އެއަށްވުރެ ދުރު އެކްސްޓެންޑަޑް ފެމިލީއާއެކީ ތިބެގެން މިކަހަލަ ފަރުވާތައް ލިބުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ތެރަޕީގެ އެންމެބޮޑު އެއްބައި. ސަރޖަނުންގެ ހުޝިޔާރުކަމާއި، ގެންގުޅޭ ސާމާނު ތޫނުކަމާ، މިހުރިހާ އެއްޗެތި ހެވިންގ އޯލް އޮފް ދަޓް އެސައިޑް، ތެރަޕީ، ދެންމެ އަޅުގަނޑުމެންނަށް މިއިން ފެނިގެންދާއިރުވެސް، އެކަމުގެ އެމްބިއަންސާއި، އަޞްލުގައި އިކޮލޮޖީން ގެންނަ ބަދަލުތަކާއެކީ، މީހާގެ ހިތްހަމަޖެހުން ދޮގެއްތޯ އެންމެ ބޮޑަށް މީގައި ބޭނުންވަނީ؟ އެހެންވީމާ، މިހުރިހާ ކަންކަމަށް ފަރުވާ ލިބިގެންދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ، ކާޑިއެކް ސެންޓަރ ކޮމިޝަން ކުރެވިގެން، މަސައްކަތްތައް ފެށުނީމަ.
 
ދެން ހަމަމިޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ހަނދާނުގައި ހުންނަންވާނެ، އަޅުގަނޑުމެން ހަމައެކަނި މާލޭގައި ޑަޔަގްނޯސްޓިކް ސެންޓަރެއް ހަދާފައި، މިހިސާބުން ނިންމާލާކަށް ނޫން. މިރޭވެސް އަޅުގަނޑު ހަމަ މި ހަނދާންކޮށްލަދޭން ބޭނުންވޭ، ހަމަމިޔާއެކީ ޕެރަލަލްކޮށް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށިގެންދާނެ. އައްޑުއަތޮޅުގައި ހިތަދޫގައި އަޅުގަނޑުމެން ހިތަދޫގެ ހޮސްޕިޓަލް ބަދަލުކުރުމުގެ، މޮޑިފައި ކުރުމުގެ މަސައްކަތް ޓެންޑަރ ކުރެވިގެން ޢަމަލީ މަސައްކަތް ފެށިގެންދާނެ. ހަމައެޔާއެކީ ހަމަ މި ފެންވަރުގެ ޑަޔަގްނޯސްޓިކް ފެސިލިޓީ ހިމެނިގެންދާ ޑަޔަގްނޯސްޓިކް ސެންޓަރެއް ހަމަ އެތަނުގައިވެސް އެސްޓެބްލިޝް ކުރެވިގެންދާނެ.
 
އާދެ، ޝައްކެއްވެސްނެތްގޮތުގައި، ޞިއްޙީ ދާއިރާއަކީ މި ދާއިރާގެ ތަޢާރުފަކަށް، ނޫނިއްޔާ ކީއްވެގެންތޯ މިކަންކަން އަޅުގަނޑުމެން ކުރަނީ؟ މިއަކަށް އެއްވެސްކަހަލަ ދެބަސްވުމެއް، ބަޙުޘެއް އޮތް ކަމެއް ނޫން. ހަމައެކަނި އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައީސް އޮފީހުގައި އިޤްތިޞާދީ ކޮމިޓީއެއް އޮވެގެން، ނޫނިއްޔާ ވަޒީރުންގެ އިޤްތިޞާދީ ކައުންސިލެއް އޮވެގެން ހަމައެކަނި އަޅުގަނޑުމެން މިކުރަނީ، އިޤްތިޞާދީ ގޮތުން ރާއްޖެ ކުރިއަށް ގެންދަން ކުރާ މަސައްކަތެއް ނޫން. މިރޭވެސް މި ފެނިގެންދަނީ، މިއަށް އެންމެބޮޑު ތަރުޙީބެއް، އެންމެބޮޑު ސަޕޯޓެއް ދެއްވި ބޭފުޅުންގެ ތެރޭގައި، އަޅުގަނޑުގެ ކައުންސިލް އޮފް މިނިސްޓަރސްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އިޤްތިޞާދީ ދާއިރާގެ ހަމަ ހުރިހާ ވަޒީރުން މިއަށް ވަރަށް ތާއީދުކޮށްދެއްވި. މިއީ ރާއްޖޭގެ ފެންވަރުން ވެއްޖިއްޔާ، އަޅުގަނޑުމެން ހަމަ އިންތިޒާރު ކުރަމުން އައި ހުވަފެނެއްގެ ތެރޭގައި، ހަމަ އަޅުގަނޑުމެންގެ ޚިޔާލުގެ ތެރޭގައި ގެންގުޅުނު ކަމެއް. އެހެންނަމަވެސް، ﷲގެ ވާގިފުޅާއެކީ އަޅުގަނޑުމެން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކަންވެސް ހާސިލުކުރާނަމޭ. ހަމަ ދަންނަވާލިހެން އަޅުގަނޑުމެން ހަމަ ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލިނަމަ، މިތަނުގައި އެ 500 ޝީޓް ޕައިލްވެސް ޑްރައިވްކޮށް ނިމިގެން އިމާރާތްވެސް ހަމަ އެޅިގެންދާނެ. މިއީ އަޅުގަނޑުމެންގެ އުންމީދު ދޮގެއްތޯ؟ އުންމީދެއް އޮވެގެން ދޮގެއްތޯ؟ އުންމީދެއް އޮވެގެން، އިންސްޕިރޭޝަނެއް އޮވެގެން، ވިސްނުމެއް ހުރެގެން، ހުވަފެނެއް ފެނިގެން، އަޅުގަނޑުމެންނަށް ހުވަފެނުގައި ކުލަ ޖައްސަންވެސް އެނގޭނީ. އެހެންވީމާ، އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ޕްލޭނިންގ ޕްރޮސެސްތަކެއް ހިނގާފައި، ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް، އެންމެ ފަރުވާ، އެންމެ އަޅާލުންތެރިކަން ބޭނުންވާ ދާއިރާއެއް ގޮތަށް އަޅުގަނޑުމެންނަށް ފާހަގަމިކުރެވެނީ ޞިއްޙީ ދާއިރާ. ޞިއްޙީ ދާއިރާ ފާހަގަކުރެވޭތީ، އަޅުގަނޑުމެން ބޭނުންވަނީ ހަމަ ޞިއްޙީ ދާއިރާގައި މައިލް ސްޓޯންތަކެއް އެޗީވް ކުރުމަށްޓަކައި މިކަހަލަ އެތައް މަސައްކަތެއް ކުރަން.
 
 އިރާދަކުރެއްވިއްޔާ މި އިމާރާތް ފުރިހަމަވެގެން ގޮސްފައި، މިތަނުގައި މަސައްކަތް ހިނގަން ފެށީމަ، އަޅުގަނޑު ދެކޭހިތްވަނީ ހަމަ މި ސަރަޙައްދުން ލިބެންހުރި ހަމަ ޓޮޕް ކޮލިޓީ ހެލްތް ކެއަރ، އިރާދަކުރެއްވިއްޔާ ހަމަ މާލެއިން ލިބިގެންދާނެ ކަމަށް. މިއީ އަޅުގަނޑުމެންގެ ޢަޒުމަކީ. އިރާދަކުރެއްވިއްޔާ، 2018 އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، ނޫނިއްޔާ އަޅުގަނޑުމެންނާ ވަކިވެގެންދާއިރު، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގައި މިދެންނެވި ކަންތައްތައް، މި އިމާރާތް ފުރިހަމަވެގެންދިޔުމާއެކީ، މި ފެންވަރަށް އަޅުގަނޑުމެންނަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން.
 
ކެތްލެބްގެ މަސައްކަތަށް ބެލިޔަސް، އަޅުގަނޑުމެންގެ ވިސްނުން މިކަމުގައި ހުރިގޮތް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ދިވެހި ކާޑިއެކް ސްޕެޝަލިސްޓުންނާއެކީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ އައުޓްސޯސްކޮށްގެން، މި ދާއިރާގެ ހުނަރުވެރި، މި ފަންނުގެ ހުނަރުވެރި ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން މަސައްކަތް ކުރަން. ކެތްލެބަކީވެސް އެގޮތުން ހަމަ ޖޭ.ވީ ކުންފުންޏެއްގެ ގޮތަށް، ހިނގާ ޑިޕާޓްމަންޓެއް ގޮތަށް މިހާރު މިއޮތީ. ނޫނީ އައުޓްސޯސް ކުރެވިގެން ބޭރުގެ ބަޔަކަށް ދޫކޮށްލެވިފައި މިއޮތީ. އަޅުގަނޑުމެންގެ ރާއްޖޭގައި ލިބެން މިވަގުތު ނެތް ކަންކަމުގައި އަޅުގަނޑެއް ބޭނުމެއްނުވޭ، ޞިއްޙީ ދާއިރާގައި އިންވެސްޓް ކުރާނަން. ހިއުމަން ރިސޯސް ޑިވެލޮޕް ކުރަން އިންވެސްޓް ކުރާނަން. އެކަމަކު އެ އެންމެން ތަމްރީނުވެގެން އަންނަންދެނެއް، ދިވެހިން މެއިންކުރާ ޑިޕާޓްމަންޓްތަކެއް ހުރުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ދިވެހިންގެ އެވަރުގެ ޕޭޝަންސެއް ނެތް. އެހެންވީމާ، ދެން ހޮސްޕިޓަލްގައި މިހެންހުރި އެކި ޑިޕާޓްމަންޓްތައް، އަޅުގަނޑުމެން މިހާރު ޚިޔާލުކޮށްފައި މިއޮތީ ބޭރުގެ ހަމަ މި ސަރަޙައްދުން ލިބެންހުރި އެންމެ ރަނގަޅު ކެއަރ ލިބޭނެގޮތަކަށް ހަމަޖެހިގެންދާން. އެހެންވީމާ، ފިޒިއޮތެރަޕީ ޑިޕާޓްމަންޓަކީވެސް ހަމަ ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެން ހިނގައިދާނެ، އެއީ ކޮންމެހެން ހަމައެކަނި ދިވެހިން ސްޓާފް ކުރާ ތަނެއް ނޫން. އެއީ ހަމަ ބޭރުގެ ކުންފުންޏަކާ ހަވާލުވެގެން ހިންގިދާނެ. އައި ޑޯންޓް ނޯ ނިއުރޯ. ދެން އަޅުގަނޑުމެންނަކީވެސް ނިއުރޮޓިކް މީހުންކަންނޭނގެ. އެއީ ވަރަށް ޚާއްޞަ ކެއަރ ބޭނުންވާ ދާއިރާއެއް. އެ ދާއިރާވެސް ހަމަ ނިމިގެންދާއިރު، ހަމަ ބޭރުގެ ޑިޕާޓްމަންޓަކާ، ހޮސްޕިޓަލަކާ ހަވާލުވެގެން ދިޔުމަކީ ހަމަ އެކަށީގެންވާ ކަމެއް.
 
 މިހުރިހާ ކަމެއްގެ ބޭނުމަކަށްވަނީ އައި.ޖީ.އެމް.އެޗް. އަޅުގަނޑުމެން ގަބޫލުކުރަން، އައި.ޖީ.އެމް.އެޗް.ގެ މެނޭޖްމަންޓަށް މިހާރު އައިސް މިއޮތް ރަނގަޅު ބަދަލާއެކީ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތުގެ ލީޑަރޝިޕަށް އަޅުގަނޑު ހަމަ ވަރަށް މަރުޙަބާ ދަންނަވަން. މި އައިސްފައި އޮތް ރަނގަޅު ބަދަލާއެކީވެސް އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެން މި ދާއިރާގެ މި ކުރު މުއްދަތުގެ ތެރޭގައި މިކުރާ މަސައްކަތަކީ، ދިވެހި ރައްޔިތުންނަށް ކޮންފިޑެންސާއެކީ، ޞިއްޙީ ނިޒާމަށް ކޮންފިޑެންސާއެކީ، ޓްރަސްޓް ކުރެވޭވަރުގެ ނިޒާމެއް އެސްޓެބްލިޝް ކުރުމަށްޓަކައި ކުރާ މަސައްކަތް. ހޮސްޕިޓަލްގައި ކުރީގައި ހުރި އެތަކެއް ޝަކުވާތައް މިހާރު އެހެރީ ޙައްލުވެފައި. އަބަދުވެސް މަސައްކަތް މި ކުރެވެނީ، އައި.ޖީ.އެމް.އެޗް.ގެ ގަވަރނިންގ ބޯޑުގެ ލަފަޔާއެކީ ކަންކަން ރަނގަޅު ކުރުމަށް. އައި.ޖީ.އެމް.އެޗް.ގެ ގަވަރނިންގ ބޯޑުގެ އެކްޓިންގ ޗެއަރ ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފަށްވެސް ހަމަ މަރްޙަބާ ދަންނަވަން. އެޔާއެކީވެސް އަދި ބޯޑު އެހެން މެންބަރުންނަށް މަރްޙަބާ ދަންނަވާއިރުވެސް، އަޅުގަނޑުމެން ދަންނަވަން ބޭނުންވަނީ، އައި.ޖީ.އެމް.އެޗް. އިން މިކުރާ މަސައްކަތްތަކުގައި، ހެލްތް މިނިސްޓްރީގެ ޕްރޮފެޝަނަލުންގެ އެސިސްޓެންސް، ނޫނިއްޔާ ކޮންސަލްޓަންސީ ލިބިވަޑައިގަންނަވާނެ. މިނިސްޓަރުގެ އެހީތެރިކަންވެސް ހަމަ ލިބިވަޑައިގަންނަވާނެ. އެހެންނަމަވެސް، ބޭނުންވަނީ ވީހާ މިނިވަންކަމާއެކީ ޞިއްޙީ ދާއިރާގެ ކަންތައްތައް، ނޫނިއްޔާ އެޓްލީސްޓް ވީހާ މިނިވަންކަމާއެކީ ބޭސްފަރުވާ ކުރުމުގެ ކަންތައްތައް ހަމަޖެހިގެންދިޔުން. މިއީކީ އޭގެ ޒާތުގައި މެނޭޖްމަންޓްގައި އެކި ފައިލްތައް އިންވޯލްވެގެންނެއް ނޫން، ބޭހާ ހަމަޔަށް، ފަރުވާޔާ ހަމަޔަށް ދެވެންވާނީ. ފަރުވާއަކީ ޑޮކްޓަރާ ފަސޭހައިން ބައްދަލުވުމާއެކީ، ފަރުވާޔާ ހަމަޔަށް ފޯރުކުރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެން ގެނައި ބަދަލެއް.
 
މިކަންކަން ކުރުމުގެ ބޭނުމަކީ ހަމަ ޙަޤީޤަތުގައިވެސް، މުޅި ދިވެހި ދައުލަތުގެ ބަޖެޓަށް ބަލާކަމަށްވަންޏާ، ހަމަ ރައިޓްލީ ސޯ، އެންމެބޮޑު އެއް ދާއިރާ ހޭދަކުރާ، އެންމެބޮޑު އެއް ދާއިރާއަކީ ޞިއްޙީ ދާއިރާ. ކުރިއަށް އޮތް ތަނުގައިވެސް އެކަން އޮންނާނީ އެހެންކަންނޭނގެ. އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން މިކަން ކުރާއިރުވެސް މިކަން އޮންނާނީ މިހެންކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުޑަކުރެވިފައި، އަދި އިންޝުއަރެންސް ޕްރިމިއަމްގެ އަގުވެސް ކުޑަކުރެވޭނެ، އަޅުގަނޑުމެންނަށް މި ފެސިލިޓީޒް، ނޫނީ މި ޚިދުމަތްތައް ރާއްޖެއިން ލިބޭކަމަށްވަންޏާ. ރާއްޖެއިން ބޭރަށް ދަތުރުކުރުމާ، މިކަންކަމަށް ދެން އެ އޮންނަ ޑިމާންޑް ކުޑަވެގެންދާނެ. އެހެންވީމާ، އެންސްޕާރ އާއި، އާސަންދައަށްވެސް ލިބިގެންދާނެ ރަނގަޅު މެސެޖަކަށްވާނީ، އިރާދަކުރެއްވިއްޔާ މި 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމިގެން، މި ފެންވަރުގައި، އަޅުގަނޑުމެން ވިސްނާ ފެންވަރުގައި ޚިދުމަތްތައް ދެވިގެންދާއިރު، ދައުލަތަށް އެހެންގޮތްގޮތުން ކުރަންޖެހޭ ހޭދަ ވަރަށްބޮޑުތަން ކުޑަވެގެންދާނެ. އަޅުގަނޑުމެން މި 25 ބުރީގެ އިމާރާތުން ކޭޓަރ ކުރަން މިއުޅެނީ ހަމައެކަނި މާލެއަކު ނޫން. މި ކޭޓަރ ކުރެވިގެންދަނީ. މި އިމާރާތް ނިމި، އިމާރާތުގެ ހުރިހާ ޑިޕާޓްމަންޓްތަކެއް އޮޕަރޭޝަނަލައިޒްވެގެން، ކޮމިޝަން ވެގެންދާއިރު، އިރާދަކުރެއްވިއްޔާ ބްރިޖްވެސް ނިމި، ހުޅުމާލޭގައި އެއޮތް އަޅުގަނޑުމެންގެ އެކްސްޓެންޑަޑް ޕޮޕިއުލޭޝަނާއި، މާލޭގައި މިހާރު މިއުޅޭ ޕޮޕިއުލޭޝަނާއެކީ، މިނިމަމް ގާތްގަނޑަކަށް ހަމަ އެއްލައްކަ ތިރީސްހާސް މީހުންނަށް ކޭޓަރ ކުރެވޭވަރުގެ ފެސިލިޓީޒަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އެހެންވެގެން 25 ބުރީގެ އިމާރާތަކަށް އެހާބޮޑު ސަމާލުކަމެއް ދޭންޖެހެނީ.
 
މި ހޮސްޕިޓަލަކީވެސް ފުރަތަމަ ޑިޒައިން ކުރެވިގެން، ހޮސްޕިޓަލް ނިމުނުއިރު ހޮސްޕިޓަލްގެ ކެޕޭސިޓީ ކުޑަވެފައި އޮތް ތަނެއް. ދެންމެ އަޅުގަނޑުމެން އައި މަގުމަތީގައިވެސް ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފް އަޅުގަނޑުމެންނަށް އެކަން ހަނދާންކޮށްދެއްވި. އިމާރާތް ނިމުނުއިރު، އިމާރާތް އޯލްރެޑީ ފުލްވެފައި. އެހެންވީމާ، ޑިޒައިނިންގ މަސައްކަތުގައި އަޅުގަނޑުމެން މިކުރާ ކަމަކީ 25 ބުރީގެ އިމާރާތެއް އެޅުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ކޭޓަރ ކުރަން މިއުޅެނީ ކިހާވަރެއްގެ އާބާދީއަކަށްތޯ، ކިހާވަރެއްގެ ޕޮޕިއުލޭޝަނަކަށްތޯ ވިސްނައިގެން ކުރެވޭ މަސައްކަތްތައް. އިރާދަކުރެއްވިއްޔާ، މި އިމާރާތަކީ ކާމިޔާބު އިމާރާތަކަށް ވެގެންދާނެ. މި މަޝްރޫޢަކީ 2018 ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ހަމަ އޮޕަރޭޝަނަލައިޒް ވެގެންދާނެ މަޝްރޫޢަކަށްވާނެ.
 
ދެން މި ރަނގަޅު ޚަބަރުތަކާއެކީވެސް އަޅުގަނޑުމެން ރަމަޟާން މަހަށް މަރްޙަބާ ކިޔާއިރު، ތިޔަ ހުރިހާ ބޭފުޅުންނަށް [ރަމަޟާން ކަރީމް] ދަންނަވަމުން، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން އުފާވެރިކަމުގެ ވަގުތުގައި މިވަގުތު ތިބި ކަމުގައިވިނަމަވެސް، އަޅުގަނޑުމެން ހަމަ މިއަދުވެސް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، އިއްޔެކަންނޭނގެ އަޅުގަނޑުމެންނާ ދުނިޔެއިން ވަކިވެގެން އެދިޔައީ ހަމަ ޒުވާނުން. އަދި އެމީހުންގެ އެޑަލްޓް ލައިފް އެއުޅެނީ ނުވެސް ފަށްޓާ. އެހެންވީމާ، އަޅުގަނޑުމެންގެ ސޮސައިޓީގައި ޓޮލަރަންސް ހުރި މިންވަރާއި، އަޅުގަނޑުމެން ޓްރެސްޕާސް ކުރަން ބޭނުންވާ އެހެން މީހުންގެ ޙައްޤުތައް، ޓްރެސްޕާސް ކުރާއިރު، ކިހާވަރެއްގެ ފެންސެއްތޯ، ކިހާ ތިރި ފެންސެއްތޯ މި ހުންނަނީ. ނޫނީ ސެކިއުރިޓީ ދެވިގެންދާއިރު، ކިހާވަރަކަށްތޯ މީހަކަށް، އޭނަގެ ގޭގެ ކޮމްފަރޓްގެ ތެރޭގައި ހުންނައިރު، އޭނައަށް އެ ލިބޭ ސެކިއުރިޓީ ލިބިގެންދަނީ؟ މިއީ އަޅުގަނޑުމެން ހަމަ މިރޭވެސް ހިތާހިތާ ޚިޔާލުކޮށްލަންޖެހޭ ކަމެއް. މި އަންނަ ރިޕްޒައިލްގެ ތެރޭގައި، އެކަކު ކަމެއް ކުރީމަ، އޭގެ ބެކްލޭޝްއެއްގެ ގޮތުގައި މި އަންނަ ރިޕްލައިޒްގެ ތެރޭގައި މިދާ ކަންތައްތަކަކީ، މުޅި ޤައުމު، މުޅި ޤައުމަށް، މުޅި ދިވެހި އުންމަތަށް އެއިން ހިތްދަތިކަން ގެނެސްދޭ ކަންކަން.
 
ސަރުކާރަށް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ. ސަރުކާރުން މަސައްކަތްތަކެއް ކުރޭ. ފުލުހުންގެ މުއައްސަސާއިން މަސައްކަތްތަކެއް ކުރޭ. ތަޙުޤީޤުތަކެއް ކުރޭ. ޝަރީޢަތުގެ މަޖިލީހުން، ނޫނިއްޔާ ޝަރީޢަތުގެ މަރްޙަލާތަކުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވޭ. އެހެންނަމަވެސް، މިހުރިހާ މަސައްކަތެއް އަވަސްވެގެން، ތަންފީޒީ ހިސާބަކަށް އަޅުގަނޑުމެންނަށް މިކަންކަން ގެންދެވިގެން ނޫނިއްޔަކާ، މި ހިނގާ ބޮޑެތި ޖިނާއީ ކަންތައްތަކެއް އަޅުގަނޑުމެންނަކަށް ޑިޓަރއެއް ނުކުރެވޭނެ. އެހެންވީމާ، މިއަދުވެސް އަޅުގަނޑު ކުރި މަސައްކަތުގެ ތެރޭގައި، އަޅުގަނޑު އެޝުއަރެންސީ ކުރިން، ހޯދިން. އަދި އެޝުއަރެންސް އަޅުގަނޑަށް ލިބުނު. ސުޕްރީމް ކޯޓާ ހަމަޔަށް މިހާރު އައިސްފައި އެހެރަ މަރުގެ މައްސަލަތައް، އިރާދަކުރެއްވިއްޔާ، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ކަށަވަރުކަން އަޅުގަނޑަށް ލިބިފައި އޮތީ. ހަމައެޔާއެކީ ޖިނާއީ ކޯޓަށް ހުށަހެޅިފައި ހުރި މަރުގެ މައްސަލަތައް މިހާރު ހިނގަން ފަށާނެ. މިކަންކަމަކީ ރައީސް ބުނެގެން ކުރަންޖެހޭ ކަންކަމެއްވެސް ނޫން. މިކަންކަމަކީ މުޅި ރައްޔިތުންގެ ޙައްޤުގައި، އެކަމެއް ބެލުމުގެ ޒިންމާ އުފުލަންޖެހޭ މުއައްސަސާއަކުން އެ ޒިންމާ އުފުއްލަވަންޖެހޭ ކަންކަން. އަޅުގަނޑުމެންގެ ތެރެއިން ހިތާމަޔާއެކީ ހަމަ ފާހަގަކުރަންޖެހެނީ، މިކަންކަމާ ދޭތެރޭގައި، މިއޮންނަ މަރްޙަލާ ދިގުލައިގެން ދިޔައިމަ، މިކަހަލަ ކަންކަމަށް އަރައިގަތުން، ނޫނީ މިކަހަލަ ކުށްތަކަށް އަރައިގަތުން އިތުރުވެގެން މިދަނީ. އަޅުގަނޑުމެންގެ ސަރުކާރުން ކޮމިޓްމަންޓާއެކީ ރައްޔިތުންނަށް ދަންނަވައިފީމު، އަޅުގަނޑުމެންގެ ސަރުކާރަކުން ޓޮލަރޭޓެއް ނުކުރާނަން، މީހުންގެ ޙައްޤުތަކަށް މިދެންނެވި ކަހަލަ ޖިސްމާނީ ބޮޑެތި އަނިޔާ ލިބޭ ޙައްޤުތަކަށް އަރައިގަންނާކަށް، އަޅުގަނޑުމެންގެ ސަރުކާރުން ޓޮލަރޭޓެއް ނުކުރާނަން. އަޅުގަނޑުމެންގެ ސަރުކާރުން ޓޮލަރޭޓް ނުކުރި ކަމުގައިވިނަމަވެސް، އަޅުގަނޑުގެ ސަރުކާރުގައި އޮތް ޓެމްޕޯއާއެކީ އެބަ ހިނގަންޖެހޭ. ޢަދުލު އިންޞާފާ ހަމަޔަށް މި ދެވެނީ ނިޒާމުތަކެއްގެ ތެރެއިން. ތަޙުޤީޤަކާއި، ބަޔާންތަކެއް ނެގުމާއި، ޝަރީޢަތަށް ފޮނުވުމާއި، ޝަރީޢަތުން ގޮތްތައް ނިމުމާއި، އިސްތިއުނާފްގެ މަރްޙަލާތައް ނިމުން. ދަ ލޯންގް ވާރކް އޮފް ޖުޑީޝަރީ. މިކަންކަން ނިމިގެން އަޅުގަނޑުމެންނަށް މިކަންކަން ޑިޓަރ ކުރެވެން މި އަންނަނީ. ފުލުހުންގެ ތެރޭގައި ތަޙުޤީޤުތައް ނިންމާ އެބަ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް މައްސަލަތައްވެސް އެބަ ފޮނުއްވާ. އެކަމަކު އެޔާއެކީ ޝަރީޢަތުގެ މަރްޙަލާތަކުގައި މިހިރަ މައްސަލަތައް، އޭގެ އަވަސްމިނުގައި ހިނގައިގެން، މިކަންކަން ތަންފީޛުވެގެންދާ ހިސާބަށް ދިޔައިމަ، ދިވެހިންނަށް ގަބޫލުކުރެވެނީ، ނޫނީ މި ކުށްތަކަށް، މި ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށް ގަބޫލުކުރެވެނީ، ދިވެހި މުޖުތަމަޢު މިހާރު މިކަންކަމަށް އިނަފް އިޒް އިނަފްއޭ ބުނެފިކަން. އެކަން އަޅުގަނޑު ބޭނުންވޭ، އަޅުގަނޑުމެންގެ ސަރުކާރު، މި ތަންފީޛު ކުރަން ބޭނުންވޭ.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަންކަން މިކުރަނީ، ހަމަ މިރޭވެސް ދަންނަވާލަން ބޭނުންވޭ، އުފާވެރިކަމުގެ ފިޔަވަޅެއްގެ މަތީގައި ހުންނައިރުވެސް، އަޅުގަނޑުމެން ހިތްދަތިކަމަކާއެކީ ރަމަޟާންމަހާ އަޅުގަނޑުމެން މި ކުރިމަތިލަނީ. މީހެއްގެ ފުރާނަ ދިޔުމަކީ އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވިސްނާލަންޖެހޭ ކަމެއް. ދިވެހިރާއްޖޭގައި ޢާންމުވާކަށް އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން މިއީކީއެއް. އެހެންވީމާ، މިކަން އެބަ ހުއްޓުވެންޖެހޭ. އެހެންވީމާ، މިރޭވެސް އަޅުގަނޑު ހަމަ ތަކުރާރުކުރަން ބޭނުންވޭ. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ދެމިއޮތްހާ ހިނދަކު، މަރުގެ ޙުކުމް ތަންފީޛު ކުރާނެ. މިކަމާ ދޭތެރޭގައި ދެވަނަ ވިސްނުމެއް، ދެވަނަ ޚިޔާލެއް، މި ކުށްތަކަށް އަރައިގަންނަ މީހުން މިރޭވެސް ދެވަނަ ޚިޔާލެއްގައި ތިބި ކަމަށްވަންޏާ، އެ ޚިޔާލު ދޫކޮށްލާ. ކުށްތައް ކުރުން ހުއްޓާލާ. އެކަހަލަ ޖިނާއީ ބޮޑެތި ކަންތައްތައް ކުރުން ހުއްޓާލާ. އަޅުގަނޑުމެންގެ ޙައްޤެއް ނޫން، އެހެން މީހުންގެ ފުރާނަޔަކީ. އެހެންވީމާ، އެކަންކަން ކުރުން، އެކަހަލަ އެވަރުގެ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް މި ލިބޭ ހިތްވަރު އެބަޖެހޭ ކަރބް ކުރަން. އެބަޖެހޭ ހުއްޓާލަން.
 
އެހެންވީމާ، އަޅުގަނޑު މިރޭވެސް ހަމަ މި ފިޔަވަޅުން ވަކިވާއިރުވެސް އިލްތިމާސް ކޮށްލަން ބޭނުންވޭ، ޝަރުޢީ ދާއިރާގައި މިހިރަ މައްސަލަތައް އަވަސްކޮށްދެއްވުމަކީ، މުޅި ދިވެހި އުންމަތް އެކަމަށް އެދިއެދި ތިބި މައްސަލަތައް. އެ މައްސަލަތައް ނިމިގެން ނޫނިއްޔާ، އަޅުގަނޑުމެންނަކަށް މިކަންކަން ތަންފީޛެއް ނުކުރެވޭނެ. އަޅުގަނޑުމެންނަކީ މީހުންނަށް އަދަބުދޭހިތްވާ ބައެއް ނޫން. އެހެންނަމަވެސް، އަދަބު ދިނުމަކީ، ނޫނީ އެ ކުށުގެ އެނަޓަމީ އެނަލައިޒްކުރާއިރު، ކްރިމިނަލް ޕްރޮސީޖަރސް ހިމެނިގެން އަދަބު ދިނުމަކީ އެއީ މިއަދު ކުރާ ކަމެއް ނޫން. މިއީ ޤަދީމީ ޒަމާނުއްސުރެ މިކަން އޮންނަގޮތް. އެހެންވީމާ، މިއަދަކު ވަކި ތަފާތު ފޯމިއުލަރއެއް މިކަމަކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. އަޅުގަނޑުމެން ބޭނުންވާ ހުރިހާ އިޙްސާންތެރިކަމާއެކީވެސް މިކަންކަން ހުއްޓުވުމަށްޓަކައި ދޭންޖެހޭ އަދަބުވެސް އެބަ ދޭންޖެހޭ. އެހެންވީމާ، މިރޭވެސް އަޅުގަނޑުމެންގެ ސަރުކާރުން މި ތަކުރާރު ކުރަނީ، މި ނޮންސެންސްއަކީ، ނޫނިއްޔާ މިކަހަލަ ކަންކަމަކީ އަޅުގަނޑުމެން ޓޮލަރޭޓް ކުރަން ބޭނުންވާ ކަންކަމެއް ނޫނޭ. އެހެންނަމަވެސް، އެޔާއެކީވެސް އަޅުގަނޑުމެން ކަންކަން ކުރާއިރު، އިޙްސާންތެރިކަމާއި، ޤާނޫނުގެ ތަރަޙައިގެ ތެރެއިން ކަންކަން ކުރުމާއި، އަދި ކައުންސެލިންގ ދިނުމާ، މިކަހަލަ ހުރިހާ މަރްޙަލާތަކެއް ހިމެނިގެން، ހޮލިސްޓިކްކޮށް މިކަން ކުރެވޭތޯ އަޅުގަނޑުމެން ބަލާނީ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އައި.ޖީ.އެމް.އެޗަށް މި އަންނަ ކުރިއެރުމާއެކީ، އަޅުގަނޑަށް ޒިންމާތަކެއްވެސް އެބަ އުފުލަންޖެހޭ. އެ ޒިންމާތަކުގެ ވާހަކަވެސް ދަންނަވާލާނަން. އެއީ މި ދާއިރާއަކީ އަޅުގަނޑުމެންގެ ސަރުކާރުން އެންމެ ބޮޑަށް ތަރައްޤީ ކުރަން ބޭނުންވާ ދާއިރާކަމާ ދޭތެރޭގައި އައި.ޖީ.އެމް.އެޗް.ގައި މަސައްކަތް ކުރައްވާ އެއްވެސް ޕްރޮފެޝަނަލަކު ޑައުޓް ނުކުރައްވާ. އެހެންވީމާ، ޑޮކްޓަރުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ނަރުހުންގެ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ޤާނޫނު ތަންދޭ މިންވަރަކުން އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ، އައި.ޖީ.އެމް.އެޗް.ގެ ޕްރޮފެޝަނަލް ސްޓާފުންނަށް އެންމެ ދަތިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ އިސްކަމެއްގެ ގޮތުގައި މިއޮތީ ހައުސިންގގެ މައްސަލަ. މި މައްސަލަ އައި.ޖީ.އެމް.އެޗް.ގެ ސީ.އީ.އޯ.ވެސް އަޅުގަނޑާ ހަމަޔަށް ގެންނެވި. އަދި މިނިސްޓަރުވެސް އަޅުގަނޑާ ހަމަޔަށް ގެންނެވި. އެހެންވީމާ، ޤާނޫނުން ޖާގަ ލިބޭ މިންވަރަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ހައުސިންގ ސްކީމްތަކުން އޭގެ ބެނެފިޝަރީޒް، ނޫނިއްޔާ ހައުސިންގ ސްކީމްތައްދާ ފަރާތްތަކުގެ ތެރޭގައި އައި.ޖީ.އެމް.އެޗް.ގެ ޕްރޮފެޝަނަލުން ހިމަނަން މިރޭ އަޅުގަނޑުމެން ސަރުކާރުން މި ނިންމީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެ ފުރަތަމަ ސްކީމް ހުޅުވިގެންދާއިރު، އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނަށާއި، އައި.ޖީ.އެމް.އެޗް.ގެ ނަރުހުންނަށް އަޅުގަނޑުމެންނަށް މިމަގު ތަނަވަސްކޮށްދޭނެ. އެކަމަކު މިއީ ހަމަ ލޯސް ޕަރމިޓިންގ. ހަމަ ޤާނޫނުތައް އަޅުގަނޑުމެންނަށް ތަންދޭ މިންވަރަކުން އަޅުގަނޑުމެން އެކަން ކުރާނީ. ދިވެހި ރައްޔިތުންގެ ތެރޭގައި ތަފާތުކުރުމަކީ ނެތް ކަމެއްގެ ގޮތަށް ވަކާލާތުކުރާއިރު، ހަމަ ޢަދުލުގެ ނިޒާމުގެ ތެރޭގައިވެސް ތަފާތުކުރުމެއް ނޯވޭ. ކޮންސެޝަންސާއި ސަރުކާރުން ލިބޭ ޢިނާޔަތްތައް ދިނުމުގައިވެސް ތަފާތުކުރުމެއްނޯވޭ. ރަމަޟާން މަހުގެ ޢިނާޔަތްވެސް، ކުންފުނިތަކެކޭ، ސަރުކާރުގެ އޮފީސްތަކެކޭ، މުސާރަ ކުޑަ މީހެކޭ، މުސާރަ ބޮޑު މީހެކޭ، އެއްވެސް ތަފާތެއްނެތި، އެއް އުޖޫރައެއް، ނޫނިއްޔާ އެއް ޢިނާޔަތެއް ލިބިގެންދިޔަ ފުރަތަމަ އަހަރުކަންނޭނގެ މި އަހަރަކީ. އެހެންވީމާ، ހަމަހަމަކުރުމުގެ ތެރޭގައިވެސް ހުންނާނެ، ހަމަހަމަކުރުން އިސްކަންދިނުމާއެކީ، ހަމަހަމަކުރުން. އަޅުގަނޑުމެން އަންހެނުން މެއިން ސްޓްރީމް ކުރަން ވާހަކަ ދައްކާއިރު، ކިހިނެއްތޯ ހަމަހަމަކުރާނީ؟ އަޅުގަނޑަކަށް ނުދެންނެވޭނެ، ޝީޓް ޕައިލް ޑްރައިވް ކުރާކަށް އިރްތިޝާމް ވަޑައިގަންނަވާކަށް ދޮގެއްތޯ؟ އެހެންވީމާ، ހަމަހަމަކުރުމުގެ ތެރޭގައިވެސް މެއިން ސްޓްރީމް ކުރާއިރު، އިސްތިސްނާތަކެއް ހުންނާނެ.
 
އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް މިއަދު އެންމެ ބޮޑަށް ބޭނުންވާ އެއް ވަސީލަތުގެ ތެރޭގައި ޞިއްޙީ ދާއިރާ ހިމެނޭތީއާއެކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ، ހަމަ ޤާނޫނުން ޖާގަ ލިބޭ މިންވަރަކުން. އަޅުގަނޑުމެންގެ މިދެންނެވި ކަހަލަ ބެނެފިޓްތަކެއް، ޚާއްޞަކޮށް، ގެދޮރުވެރިކަމުގެ ސްކީމްތަކުގެ ތެރޭގައި، އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނަށާއި އަދި އައި.ޖީ.އެމް.އެޗް.ގެ ނަރުހުންނަށް އަޅުގަނޑުމެންނަށް އިސްކަންދޭނަން.
 
ދެން އަޅުގަނޑު ހަމަ ބޭބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވޭ، ސަރުކާރުން މިދިޔަ އަހަރުތަކުގައި ހަމަ ބޮޑެތި އަދަދުގެ ފައިސާ އިންވެސްޓްކޮށްފި، ހިއުމަން ރިސޯސް ޑިވެލޮޕް ކުރަން މި ދާއިރާއަށް. ސަރުކާރުގެ ބަޖެޓްވެސް އޮންނާނީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަންވާނީ މިހެންކަންނޭނގެ. އެކަމަކު އަޅުގަނޑުމެން މި ބޮންޑިންގ އުސޫލު ދޫކޮށްލީމަ، ނޫނިއްޔާ ކޮންޓްރެކްޓް އުސޫލު ދޫކޮށްލީމަޔާއެކީ، ޑްރާފްޓިންގ ދޫކޮށްލީމަޔާއެކީ، އޭރު ހަމަ ވަރުގަދަ ނުފޫޒުތަކެއް އައިސްގެންނާއެކީ މިކަންކަން ދޫކޮށްލީ. އެކިއެކި މައްސަލަތައް އައިމަ. އަޅުގަނޑުމެންގެ ތެރޭގައި ހަމަ ވަރަށް ބޮޑަށް، މިދެންނެވީ އިންވެސްޓްކޮށްގެން، ކިޔަވައިދީގެން ސްޕެޝަލައިޒް، ނޫނީ ސުޕަރ ސްޕެޝަލިސްޓުން، ރާއްޖޭގެ ފެންވަރުން ނެރެފައި ތިބި ޑޮކްޓަރުންވެސް އަޅުގަނޑުމެންނާ ވަކިވެގެން މިދަނީ. އަޅުގަނޑުމެން އިންވެސްޓް ކުރާނީ. ދެން އެއަށްވުރެ ފަރޓައިލް ޕާސްޗަރސް ފެނުނީމަ، އެއަށްވުރެ ފަރޓައިލް ގްރައުންޑްސް އަށް ދަތުރުކުރާނެ. އެއީ ދެން ހަމަ އެ ޠަބީޢަތަކަށް ބަދަލެއްނުގެނެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެންމެކުޑަމިނުން ރެކޮމްޕެންސް ކޮށްގެން ރިޓެއިން ކުރެވޭނެ ގޮތަކަށްވާނީ ހައުސިންގ ފެސިލިޓީޒް، ނޫނިއްޔާ ހައުސިންގ ސްކީމެއްގެ ދަށުން މިކަންކަން ކޮށްދިނުންކަންނޭނގެ. ދެން އަޅުގަނޑު ޤާނޫނުން ޖާގަހޯދާ ވާހަކަ މިދެންނެވީވެސް ހަމަ މި ވާހަކަ ދައްކަން ޕްރިލިއުޑެއްގެގޮތުން މި ވާހަކަ ދެންނެވީ. މިކަންކަން މިހެން އޮތީމަޔާއެކީ، އަޅުގަނޑަށް ގަބޫލުކުރެވޭ، ޤާނޫނުން އަޅުގަނޑުމެންނަށް ޖާގަ ލިބޭނެކަން. މިހާ ހެވިލީ އިންވެސްޓްކޮށްގެން، ދިވެހި ދައުލަތުގެ ފައިސާ އިންވެސްޓްކޮށްގެން، ޓްރެއިންކޮށްގެން ނުކުންނަ މީހުން، އަޅުގަނޑުމެން ބޭނުންވާނެ، ދެން ދޭންޖެހޭ އެޑަޑް ބެނެފިޓްސް، ނޫނީ އިންސެންޓިވްސް ދީގެން ހަމަ މި ދާއިރާގައި، އައި.ޖީ.އެމް.އެޗް.ގައި ރިޓެއިންކޮށްގެން، އެބޭފުޅުންގެ ޚިދުމަތް ދިވެހި އުންމަތަށް ލިބެން އަޅުގަނޑުމެން ބޭނުންވާނެ. އަޅުގަނޑުމެންނަކަށް ހަމަ ހުރިހާ ޕްރައިވެޓް ސެކްޓަރުގެ ހޮސްޕިޓަލްތައްވެސް އަންނާނެ. މިތަންތަނަށް ބޭނުންވާ ނަރުހުންވެސް ތިބެންވާނެ. މިތަންތަނަށް ބޭނުންވާ ޑޮކްޓަރުންވެސް ތިބެންވާނެ. އެބޭފުޅުންވެސް އިންވެސްޓް ކުރައްވާނެކަންވެސް އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، އަޅުގަނޑުމެން މިހާރު ހެލްތް މިނިސްޓްރީއާ ވާހަކަ ދައްކާއިރު އަދި އެޑިޔުކޭޝަނާއެކީ މަސައްކަތް މި ކުރެވެނީ، ތަންކޮޅެއް ލާޖް ސްކޭލެއްގައި ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރުގެ ތެރޭގައި ހިންގުމަށް. އެއީ ޓްރީޓޮޕް ހޮސްޕިޓަލާއި، އަދި އޭ.ޑީ.ކޭ.އަށާއި، ދެންވެސް ހަދާ ހޮސްޕިޓަލްތަކަށް ބޭނުންވާ ނަރުހުންވެސް އަޅުގަނޑުމެން ތަމްރީނު ކުރުމަށްޓަކައި.
 
މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑު ބޭނުންވޭ، ސަރުކާރުގެ ފައިސާގައި އިންވެސްޓް ކުރެވިގެން ޓްރެއިންވެފައި މިތިބަ ޑޮކްޓަރުންނާއި ނަރުހުން، އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެން އައި.ޖީ.އެމް.އެޗް.ގައި ރިޓެއިން ކުރަން. އައި.ޖީ.އެމް.އެޗް.ގެ މުޅި މެނޭޖްމަންޓް ބަދަލުވެގެން މިދިޔައީ، އައި.ޖީ.އެމް.އެޗް. އިން ލިބޭ ބެނެފިޓްސް ބަދަލުވެގެން މިދިޔައީ. އައި.ޖީ.އެމް.އެޗް ގައި ހުރި ވަސީލަތްތަކާއި، އައި.ޖީ.އެމް.އެޗުން ޕްރޮފެޝަނަލުންނަށް، ޕްރޮފެޝަނަލުންގެ ދާއިރާގައި ކުރިއަށް ދިޔުމުގެ ފަސޭހަކަން ލިބިގެން މި ދިޔައީ. މިސާލަކަށް، ހާޓް ސްޕެޝަލިސްޓުންނަށް، ކެތްލެބެއް ޤާއިމުކުރެވިގެން ދިޔައިމަޔާއެކީ، އެބޭފުޅުންގެ ދަސްފުޅުކުރައްވާފައި ހުރި ހުނަރެއް އެކްސަރސައިޒް ކުރުމުގެ ފުރްޞަތު ލިބިގެން މިދިޔައީ. އެހެން ނޫން ކަމަށްވަންޏާ، އެ ފުރްޞަތު އެބޭފުޅުންނަށް ނެތި މިއޮތީ. އެހެންވީމާ، އައި.ޖީ.އެމް.އެޗަކީ މިހާރު މިކަހަލަ އިންސެންޓިވްސްއާއެކީ އެބޭފުޅުންގެ ދާއިރާއިން މަސައްކަތް ކުރެއްވުމަށް ހަމަ ރާއްޖެއިން ލިބެންހުރި އެންމެ ރަނގަޅު ވަސީލަތް ޤާއިމުކުރެވިގެންދާނެ ހޮސްޕިޓަލަކަށް ހަދަން އަޅުގަނޑުމެންގެ ސަރުކާރުން އެބަ ވަޢުދުވަން.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ޑޮކްޓަރުންނަށްވެސް، ދެން މިހާރު އަނެއްކާ ދެވަނަ ވިސްނުމަކަށް ވަޑައިގަތުން ހަމަ ރަނގަޅުވާނޭ. އައި.ޖީ.އެމް.އެޗް.ގައި އަނެއްކާވެސް ވަޑައިގެން ޖޮއިން ކުރައްވައިފި ކަމަށްވަންޏާ، އެންމެގިނަ ދިވެހި ރައްޔިތުންނަށް، އެންމެ މަޤްބޫލު ޞިއްޙީ ޚިދުމަތެއް، ނޫނިއްޔާ ކެއަރ ދެވޭނެ ތަނަކަށް އައި.ޖީ.އެމް.އެޗް ބަދަލުވެގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ހަމަގައިމު ޝައްކެއްނުކުރަން. އައި.ޖީ.އެމް.އެޗް.ގެ ހަމަ ކޮމިޓަޑް ސްޓާފަށް މިރޭވެސް މި މުނާސަބަތުގައިވެސް ހަމަ އަޅުގަނޑު ވަރަށް އިޙްތިރާމާއެކީ ޝުކުރު ދަންނަވަން، ކުރައްވާ މަސައްކަތްޕުޅަށް. ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ ހޭންގިންގ ފޮރ އަ ލިޓްލް ލޯންގަރ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ބެނެފިޓް ޕެކޭޖަސް ހަމަ އެކްސްޓެންޑް ކުރަމުން، ފުޅާކުރަމުން ގެންދާނީ.
 
އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާ ރައްޔިތުން ބޭނުންވާ ހިސާބަކަށް އަޅުގަނޑުމެންނަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ނިޒާމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ އަދި މި ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރު އޮތް ނިޒާމަކަށް ބަދަލުވެގެންދިޔުން. އިރާދަކުރެއްވިއްޔާ، މިހުރިހާ ކަމެއްގައި މާތްﷲގެ ވާތްގާއި ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި!
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަނެއްކާވެސް ހަމަ އަޅުގަނޑުމެން ހުރިހާ އެންމެން ބަސްއަހައިގެން، މާދަމާ މިއީ ފުރަތަމަ ރޯދަހިފާ ދުވަސް ކަމުގައި ހަދަމުން، މި ރަމަޟާން މަހުގެ ހިދާޔަތާއި، ރަމަޟާން މަހުގެ ދަރުމަޔާއި ޘަވާބު އަޅުގަނޑުމެންނަށް ލިބުމަށް މާތްﷲ މިންވަރުކޮށްދެއްވުމަށް އެދި ތިޔަ ހުރިހާ ބޭފުޅުންގެ މައްޗަށްވެސް އަޅުގަނޑު މި ދުޢާކުރަން.
 
އިރާދަކުރެއްވިއްޔާ މި ބަރަކާތްތެރި މައްސަރަކީ އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް އަމާން، ފާގަތި އަދި މި މައްސަރަށްފަހު އަޅުގަނޑުމެން މިދެންނެވި ކަހަލަ ބައެއް ބޮޑެތި ކަންތައްތަކަށް އަރައިގަންނަ މީހުންވެސް މި މައްސަރުގެ، ރަމަޟާން މަހުގެ ރޯދައަށްފަހު، އަލުން އެމީހުން ރި-އޮރިއެންޓްވާން، ނޫނިއްޔާ އެމީހުން ދަސްކޮށްފައި ހުރި އެއްޗެއް އަންލާރން ކޮށްގެން، މުޖުތަމަޢުގައި ކޮންޝިއެންސަސް މީހުންގެ ގޮތުގައި ހިމެނުމުގެ ހެޔޮ ތައުފީޤުވެސް މާތްﷲ މިހުރިހާ ފަރާތްތަކަށް މިންވަރުކުރެއްވުން އެދި އަޅުގަނޑު ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
 
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه