މިވަގުތު ރާއްޖެއަށް އެންމެ ބޮޑަށް އަޅާލުންތެރިކަން ބޭނުންވާ އެއް ދާއިރާގެ ގޮތުގައި ޞިއްޙީ ދާއިރާ ފާހަގަ ކުރެވިފައިވުމާއެކީ، އަދުގެ ސަރުކާރުގެ ޢަމާޒަކީ ޞިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ބޮޑެތި އެތައް މަސައްކަތްތަކެއް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ޑަޔަގްނޯސްޓިކް ސެންޓަރުގެ ބިންގާ އެޅުމާއި، ނޭޝަނަލް ކާޑިއެކް ސެންޓަރ އަދި އައި.ޖީ.އެމް.އެޗް. ކޮންފަރެންސް ފެސިލިޓީ އިފްތިތާޙްކުރުމަށްޓަކައި، މިރޭ އައި.ޖީ.އެމް.އެޗް.ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މުޅި ދިވެހި ދައުލަތުގެ ބަޖެޓަށް ބަލާއިރު، ދައުލަތުން އެންމެބޮޑު ހޭދައެއް ކުރާ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާކަމަށާއި، މިރޭ ބިންގާ އެޅުނު 25 ބުރީގެ ޢިމާރާތުގެ މަސައްކަތް ނިމިގެން، ޚިދުމަތްތައް ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވެން ފެށުމުން، ދައުލަތުން އެހެންގޮތްގޮތުން ކުރަންޖެހޭ ހޭދަ ވަރަށްބޮޑުތަން ކުޑަވެގެންދާނެ ކަމުގައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް ނިމޭއިރު ހުޅުމާލެއާއި މާލޭގެ އާބާދީގެ އެއް ލައްކަ ތިރީސް ހާހެއްހާ މީހުންނަށް ފަރުވާ ދެވޭނެ ވަރުގެ ތަނަކަށް އައި.ޖީ.އެމް.އެޗް. ވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި، މި ސަބަބައްޓަކައި ސަރުކާރުން މި މަޝްރޫޢަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި މާރާމާރީގެ ހިތާމަވެރި ޙާދިޘާތަކުގައި ދުނިޔެއިން ވަކިވެގެން ދިޔަ ޒުވާނުންގެ ސަބަބުން މުޅި ޤައުމަށް، މުޅި ދިވެހި އުންމަތަށް އެއިން ހިތްދަތިކަން ގެނެސްދީފިކަމަށާއި، މިފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް ޝަރުއީ ދާއިރާގެ ތަންފީޒީ މަރްޙަލާތަކަށް ގެންދެވިގެން ނޫނިއްޔާ، މި ހިނގާ ބޮޑެތި ޖިނާއީ ކުށްތައް ނުހުއްޓުވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭ ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.ޖީ.އެމް.އެޗް ކޮންފަރެންސް ފެސިލިޓީއާއި، ނޭޝަނަލް ކާޑިއެކް ސެންޓަރު އިފްތިތާޙްކޮށްދެއްވާ، ނޭޝަނަލް ޑަޔަގްނޯސްޓިކް ސެންޓަރު ޢިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، މި ރަސްމިއްޔާތުގައި އައި.ޖީ.އެމް.އެޗް. ގަވަރނިންގ ބޯޑުގެ ވައިސް ޗެއަރޕަރސަން ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފާއި، ސިންގަޕޫރުގެ ޗެންގ ހުއާ ކުންފުނީގެ ފަރާތުން، ސިންގަޕޫރުގެ ސީ.ޕީ.ޖީ. ކޯފަރޭޝަންގެ ޕްރިންސިޕަލް މެޑިކަލް ޕްލޭނަރ ފްރޭންކީ ލިމް ވާހަކަފުޅު ދެއްކެވިމެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.