ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ މި މޭ މަހުގެ 31 އިން ޖޫން މަހުގެ 2 އަށް މެލޭޝިޔާގައި ބޭއްވެވި "ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ" އިފްތިތާޙު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރާވެސް ވަނީ ބައްދަލުކުރައްވަވާފައެވެ. އަދި، ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ވަނީ ތަޤްރީރުކުރައްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގަތުމާއެކީ، ސަރުކާރުގެ ބައެއް އިސް ވެރިންނާއި، ޢާންމު ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.