ބެލެނިވެރިންގެ އުންމީދަކީ މަތީ ތަޢުލީމު ޙާޞިލު ކުރުމަށްފަހު ކޮންމެ ކުއްޖަކީވެސް ހޯލްސަމް ޕަރސަން އަކަށް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2015 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ވަނަތައް ޙާޞިލު ކުރާ ކުދިންނާ ދޭތެރޭ އެހެން މީހުންނާ މުޅި ދައުލަތުން އަދި ދައުލަތުގެ މަސްޢޫލުވެރިން ކުރާ އުންމީދުތައް އިތުރުވެގެންއަންނަ ކަމަށް ވިދާޅުވިއެވެ.
މިގޮތުން، ތަޢުލީމު އުނގެނެންވާ ދާއިރާ ދެނެގަތުމާ އަދި އެކުދިންގެ އެޕްޓިޓިއުޑް އެންމެ ރަނގަޅަށް އެނގުމަކީ މިހާރުގެ ކިޔަވާ ކުދިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެކުއްޖެއް ކުރިއަށް ދާން ބޭނުންވަނީ ކޮން ދާއިރާއަކުންތޯ ނުވަތަ ކޮން ޢިލްމީ ރޮނގަކުންތޯ ޚިޔާރު ކުރުމުގަ އެކުދިންގެ އިނަރ އިންޓިއުޝަން އެކުދިންގެ ޤާބިލުކަން ހުރީ ކޮންދިމާލެއްގަތޯ ބުނެދޭނެކަމަށެވެ. މިގޮތުން، އެކުދިންގެ ކޯޗުންނާ އަދި ކައުންސިލަރުންނާ ވާހަކަ ދައްކައިގެން އެކުދިންގެ އެޕްޓިޓިއުޑް، އިންކްލިނޭޝަން، އިންޓްރަސްޓް އަދި އެންތުސިއާޒަމް ހުރީ ކޮން ދާއިރާއަކުންތޯ ބެލުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަތީ ޘާނަވީ ތަޢުލީމު ނިންމާ ކުދިންނަކީ މިހާރު ކުޑަކުދިން ނޫންކަމަށް ވިދާޅުވަމުން އެކުދިން މިހާރު ހޭލަންވީ ހަޤީގީ ދުނިޔެއަށް، މިހާރު ހޭލަންވީ ޒިންމާ އުފުލާ ދުނިޔެއަށް، މިހާރު ހޭލަންވީ މަސައްކަތް ކުރަން، މިހާރު ހޭލަންވީ އެހެން މީހުންނަށް އެހީތެރިވާން، މިހާރު ހޭލަންވީ ޤައުމު ގޮވާ ކަންކަމަށް އިޖާބަދީ ޤައުމީ ޚިދުމަތަށް، މިހާރު ހޭލަންވީ ޢާމްދަނީ ހޯދައިގެން ޒަވާޖީ ހަޔާތެއް ފަށަން ބޭނުން ކަމަށް ވަންޏާ ޒަވާޖީ ހަޔާތެއް ފެށުމާއެކީ ދަރިން ތަރުބިއްޔަތު ކުރުމަށް ރަނގަޅު ޖީލެއް އުފައްދަން ހޭލަންވީ އުމުރުގައި ތިބި ކުދިންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، އެކުދިންނަކީ މިހާރު ރާއްޖޭގަ ހިނގާ އޮއެވަރާ ދޭތެރޭ ވިސްނާ، މި އޮއެވަރަށް ބަދަލުގެނެވޭނެ ޤާބިލުކަން ހުރި ކުދިންތަކަކަށް ވީތީވެ މި ޙާލަތު ބަދަލުކުރުމުގެ ފުރުޞަތު އެކުދިންނަށް ލިބިފައިވާކަން އެކުދިން އަމިއްލައަށް ޤަބޫލުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރަކީ އެކުދިންގެ ސެލްފް ކޮންފިޑަންސް ބިލްޑް ކުރުމަށް އެންމެ މުހިންމު ވަގުތުކަމަށެވެ.

މިރޭގެ ޖަލްސާގައި، މަތީ ޘާނަވީ އިމްތިޙާނުގައި ބައިވެރިވެ 5 މާއްދާއިން އޭ ގްރޭޑް ހޯދައިގެން އެއްވަނައަށްއައި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް އެވޯޑާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެއްވާ ޓްރޮފީ އަދި ހަނދާނީ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލު ކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިރޭގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމްއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ތަޢުލީމީ ދާއިރާގެ އެކިފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.