بســم اللّـه الرّحمـن الرّحيــم
     
        السّلام عليــكم
 
ހިޖުރީ އާ އަހަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ތަހުނިޔާއާއި ހެޔޮއެދުންތައް މި ފޮނުވަނީ، ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމާއެކު. މި ފެށޭ އާ އަހަރަކީ، ރާއްޖެއަށް އިތުރު ތަނަވަސްކަމާއި ބާއްޖަވެރިކަން އަދި އިތުރު ތަރައްޤީއާއި ތަމައްދުން ގެނެސްދޭނެ އަހަރެއް ކަމުގައިވާނެކަމުގެ އުންމީދާއެކު.
 
މި މުނާސަބަތުގައި، ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑު ކުރާ އިލްތިމާސަކީ، ވާޖިބަށް ޙުރްމަތްތެރިކޮށް ހިއްތެވުން. ދީނީ ވާޖިބުތަކަށާއި، ޤައުމީ ވާޖިބުތަކަށް. އިޖްތިމާޢީ ގޮތުން ހުރި ވާޖިބުތަކަށާއި، އަފްރާދުންގެ ގޮތުން ހުންނަ ވާޖިބުތަކަށް. ޝައްކެއްނެތް، ކޮންމެ މީހަކު އެމީހެއްގެ ވާޖިބު ތެދުވެރިކަމާއެކު ފުރިހަމައަށް އަދާކުރަމުންދަނީނަމަ، ޤައުމުގެ މުސްތަޤްބަލް އަބަދުވެސް އޮންނާނީ އަލިކޮށް، އުޖާލާކޮށް. ޤައުމު އަބަދުވެސް ދާނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް.
 
ވަކިން ޚާއްޞަކޮށް، މި މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލާނީ، އަޅުގަނޑުމެންގެ ދީނަށާއި ޤައުމިއްޔަތަށް ޙުރްމަތްތެރިކޮށްހިއްތެވުމަށް. އިސްލާމްދީނުގެ މާތް އުޞޫލުތަކުގައި ހިފެހެއްޓެވުމަށް. އަޅުގަނޑުމެންގެ އަމިއްލަ ބަހަށާއި، ފަޚްރުވެރި ތާރީޚަށް، އަދި އަޅުގަނޑުމެންގެ އަގުހުރި ޘަޤާފަތަށް ރައްކާތެރިވެވަޑައިގަތުމަށް. ހަމައެއާއެކު، ތަފާތު އެކި ރޮނގު ރޮނގުން ރާއްޖެ ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގައި އެއްބާރުލެއްވުމަށް.
 
އަދި ހަމަ މި މުނާސަބަތުގައި، ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ، އެންމެހާ މުސްލިމުންނަށްވެސް މި އާ އަހަރުގެ ތަހުނިޔާތައް ފޮނުވުމަށް އަޅުގަނޑު މި ފުރްޞަތުގެ ބޭނުންކުރަން.
 
އަޅުގަނޑުގެ ދުޢާއަކީ، މި ފެށޭ އާ އަހަރަކީ، މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުން. އަދި، މި އާ އަހަރުގެ ތެރޭގައި، މިވަގުތު ބައެއް އިސްލާމީ ޤައުމުތަކަށާއި ޖަމާޢަތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ނުރައްކާތަކުން ސަލާމަތްވުމުގެ ހެޔޮ ތައުފީޤު މާތްﷲ އިސްލާމީ އުންމަތަށް ދެއްވުން.
 
1399 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށް ފާގަތި އަދި ތިޔާގި އަހަރެއް ކަމުގައި ލައްވާށި! އެންމެހާ މުސްލިމުންނަށް ރަޙްމަތާއި ނިޢުމަތުގެ އަހަރެއް ކަމުގައި ލައްވާށި! އާމީން!
 
        والسّلام عليــكم ورحـمــةاللّـه وبـركاتـه.