بســم اللّـه الرّحمـن الرّحيــم
           
  السّلام عليــكم ورحـمــة اللّـه وبـركاتـه،
  
މާތްވެގެންވާ އިސްލާމްދީނަކީ މިނިވަންކަމުގެ ދީން ކަމުގައި ލެއްވި اللّـه سبحاـه وتعالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. ދުނިޔޭގައި އެންމެ ފުރަތަމަ މިނިވަން އިސްލާމީ ދައުލަތެއް ޤާއިމު ކުރެއްވި مُحَمَّدصلّىاللّـه عليـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން.
 
ދައުލަތުގެ މިނިސްޓަރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިން، މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޑައިގެންދެއްވި ބޭރުގެ ޢިއްޒަތްތެރިން، އަދި ޖަލްސާއަށް ވަޑައިގެންނެވި އެންމެހާ މެހްމާނުން؛
 
الســّلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ، މިހާރު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިނިވަންވިތާ ސޯޅަ އަހަރު ފުރުމުގެ  މުނާސަބަތު. ސަތާރަ ވަނަ މިނިވަން ދުވަސް. މި މުހިންމު މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ރާއްޖޭގެ އެންމެހައި އަޚުންނަށާއި އުޚުތުންނަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ރައްދުކުރުން.
 
އާދެ، ހަމައެއާއެކު އަޅުގަނޑުމެންގެ މިއުފަލުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްޓަކައި ރާއްޖެއިން ބޭރުން މާލެއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިންނަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރުން.
 
އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ތަފާތު ދުވަސްތަކެއް ކޮންމެ އަހަރަކު ފާހަގަކުރަމުން އެބަގެންދަމު. ތަފާތު މުނާސަބަތުތަކެއްގެ އިޙްތިފާލުތައް ބާއްވަމުން އެބަގެންދަމު. އެހެންނަމަވެސް، ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން އަދި ޤައުމީ ފެންވަރުގައި އަޅުގަނޑުމެން އެ ބާއްވާ އިޙްތިފާލުތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ދުވަހަކީ، މިނިވަންކަމަށް އަހަރުފުރޭ ދުވަސް. އަދި އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ އިޙްތިފާލަކީ، މިނިވަންކަމަށް އަހަރެއް ފުރިގެން އެކުރާ އިޙްތިފާލު. އޭގެ ސަބަބު ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. އާދެ، މިނިވަންކަމަކީ އަޅުގަނޑުމެންގެ ވުޖޫދާ ގުޅިފައިވާ ކަމެއް. ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މިދުނިޔޭގައި މިތިބޭ ތިބުމާ ގުޅިފައިވާ ކަމެއް، މިނިވަންކަން އެއީ. އެހެން އިޙްތިފާލުތައް އަޅުގަނޑުމެން ކުރަނީ މިފަދަ މުހިންމު ކަމަކާ ގުޅިގެނެއް ނޫން. އާދެ، މުހިންމު ކަންތައްތަކާ ގުޅިގެން، އެހެން އިޙްތިފާލުތައްވެސް ކުރަމުން ގެންދަނީ. މިސާލަކަށް، ޖުމްހޫރީ ދުވަހުގެ އިޙްތިފާލު. އަޅުގަނޑުމެންގެ ޤައުމީ ދުވަހުގެ އިޙްތިފާލު. އެހެން ނަމަވެސް، އެ އިޙްތިފާލުތައް އެއީ އަޅުގަނޑުމެންގެ ވުޖޫދާ މިހާ ބޮޑަށް ގުޅިފައިވާ އިޙްތިފާލުތަކެއް ނޫން. އެހުރިހާ ކަމެއްގެ ތެރެއިން އެންމެ ބޮޑަށް އަޅުގަނޑުމެން އުފާކުރާ، އެންމެ ބޮޑަށް ފާހަގަކުރާ ދުވަހަކީ މިނިވަންދުވަސް. ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި އުފާފާޅުކުރެވޭ ދުވަސްތަކުގެ ތެރެއިން ރަސްމީގޮތުން އެންމެ މުހިންމުކަންދެވޭ ދުވަހަކީ މިނިވަންދުވަސް.
 
އާދެ، މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން، އަޅުގަނޑުގެ ހިތުގައި އުފެދޭ ބައެއް ޝުޢޫރު، ތިޔަ ހުރިހާ ބޭފުޅުންގެ ހިތްޕުޅުތަކަށް ވާޞިލުކޮށްދެވޭތޯ ބެލުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. މިދިޔަ އަހަރުވެސް ހަމަ މިމުނާސަބަތުގައި، މިފަދަ ގޮތެއްގައި އަޅުގަނޑު ތިޔަބޭފުޅުންނާ މުޚާޠަބު ކުރިން. އަދި އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކެއް، ތިޔަބޭފުޅުންގެ އަރިހަށް ގެނެސްދެވޭތޯ މަސައްކަތް ކުރިން. އަޅުގަނޑު ދެކޭގޮތުގައި ސަރުކާރު ހިންގުމާ ޙަވާލުވެގެން ހުންނަ މީހާގެ ހިތަށް އަންނަ ޚިޔާލުތަކާއި، އެމީހާގެ ފިކުރުތަކާއި ޝުޢޫރުތައް އެއީ ރައްޔިތުންނާ ޙިއްޞާކުރަންޖެހޭނެ ޚިޔާލުތަކަކާއި ޝުޢޫރުތަކެއް. އާދެ، ވެރިކަން ހިންގާ ފަރާތާއި ރައްޔިތުންނާ، މިދެފަރާތުގެ ދެމެދުގައި ފިކުރާއި ޝުޢޫރާއި ޚިޔާލުގެ މުވާޞަލާތުގެ ހަރުދަނާ މަގުތަކެއް ބިނާވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއް. އެހެންވުމާއެކު، އަޅުގަނޑުގެ ހިތަށް މި މުނާސަބަތާ ގުޅިގެން ވަންނަ ބައެއް ޚިޔާލުތައް ތިޔަބޭފުޅުންނަށް ދަންނަވައިލެވޭތޯ މިރޭ ބަލާނަން. ހަމައެފަދައިން، އަޅުގަނޑުގެ އެދުމަކީ، ދިވެހިރާއްޖޭގެ ރައްޔިތުންވެސް އަޅުގަނޑު މިހާމަކުރާ ޝުޢޫރުތަކާ ދޭތެރޭގައި ވިސްނަވައި، ރައްޔިތުންނަށްވެސް އެކަންކަމާ ދޭތެރޭގައި ފެނިވަޑައިގަންނަވާ ގޮތްތައް ސަރުކާރަށް އެނގެމުންދާނެ ގޮތެއްގެ މަތިން ޢަމަލު ކުރައްވަމުން ގެންދެވުން.
 
އާދެ، އެންމެ ފުރަތަމަ އަޅުގަނޑުގެ ހިތަށް ވަންނަ ޝުޢޫރަކީ، އަޅުގަނޑުމެންނަކީ ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިގެންވާ ޤައުމެއްގެ ގޮތުގައި، މި އިޙްތިފާލު ކުރަމުންދާއިރު، މިނިވަންކަމުގެ ބޮޑު ނިޢުމަތް އަޅުގަނޑުމެންނަށް ރަނގަޅަށް ވަޒަން ނުކުރެވޭބާވައޭ، މިޝުޢޫރު ނުވަތަ މިޚިޔާލު. އެއްވެސް ޝައްކެއްނެތް، މިނިވަންކަމަކީ އިންސާނަކަށް މިދުނިޔޭގައި ލިބޭނެ އެންމެބޮޑު ނިޢުމަތް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ ފަހުން އަޅުގަނޑުމެން މުސްލިމުންނަށް اللّـه سبحـانـه وتعـالى ލައްވާނެއެންމެބޮޑު ރަޙްމަތް. އެހެންކަމަށްވުމާއެކު، މިބޮޑު ނިޢުމަތުގެ އަގު ވަޒަން ކުރުން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. މިނިވަންކަމުގެ ނިޢުމަތުގެ އަގު ވަޒަން ކުރުން، ވަރަށްބޮޑު ކަމެއް އެއީ.އެންމެ ފުރަތަމަ އަޅުގަނޑުމެން ފާހަގަކޮށްލަންވީ ކަމަކީ، މިނިވަންކަން ލިބުމަށްވުރެ، އެންމެ ފުރަތަމަ ޖިހާދުކޮށްގެން މިނިވަންކަން ޙާޞިލު ކުރުމަށްވުރެ، އެ މިނިވަންކަން ދެމެހެއްޓުމާއި އެމިނިވަންކަން ރައްކާތެރިކުރުން އެއީ މާބޮޑު ދަތިކަމަކަށްވެދާނޭ.
 
އާދެ، ބައެއް މީހުން ހީކުރޭ މިނިވަންކަން ލިބުމަކީ، ޖިހާދެއްގެ ނިމުން ކަމަށް. އެހިސާބުން އެބަޔަކު ޤައުމީގޮތުން އެކުރަމުންދިޔަ ޖިހާދު ނިމުނީ ކަމަށް. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ، މިނިވަންކަން ލިބުމަކީ އެއީ މުޅިން އައު ޖިހާދެއްގެ ފެށުން ކަމަށް. އާދެ، މިނިވަންކަން ލިބުމަކީ، އައު ޖިހާދެއްގެ ފެށުން. އެހެންވީމާ، އެ އައު ޖިހާދުގެ މަސްއޫލިއްޔަތުތައް އަޅުގަނޑުމެން ރަނގަޅަށް ދަންނަންވާނެ. އަޅުގަނޑުމެންގެ ޖިހާދުގެ އެއް ދައުރު ނިމިގެން، އަނެއް ދައުރު ފެށުމާއެކު ދެން އަޅުގަނޑުމެން ޢަމަލުކުރަންވީ ކިހިނެއްކަން، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަންވީ ކޮން ރޮނގުރޮނގަކުންކަން، އަޅުގަނޑުމެން ދެން އުފުލަންވީ މަސްއޫލިއްޔަތުތަކާއި ދެން އަދާކުރަންވީ ވާޖިބުތަކަކީ ކޮބައިކަން ފުރިހަމައަށް ދެނެގަތުން އެއީ އަޅުގަނޑު ހިތުން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ކޮންމެ މިނިވަން ޤައުމެއްގެ ރައްޔިތުންވެސް ކުރަމުންގެންދާ ކަމެއް.
 
އާދެ، މިނިވަންކަން އެއީ އެތައް ބާވަތަކަށް ހުރި އެއްޗެއް. މިރޭގެ މިއުފާވެރި ޖަލްސާގައިވެސް މިނިވަންކަމާބެހޭ ޚިޔާލުތައް އަޅުގަނޑުމެންނަށް ވަރަށް އެކަށީގެންވާ ފަރާތްޕުޅުތަކަކުން އިވިގެން ހިނގައްޖެ. ސިޔާސީ މިނިވަންކަން، އިޤްތިޞާދީ މިނިވަންކަން، އިޖްތިމާޢީ މިނިވަންކަން، ފިކުރީ އަދި ޘަޤާފީ މިނިވަންކަން، މިހިރީ ހައްތާވެސް މިނިވަންކަމުގެ ބާވަތްތައް. އަޅުގަނޑުމެން މިރޭ މިއުފާ ފާޅުކުރަނީ، އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަމަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި. ސިޔާސީ މިނިވަންކަމަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ބޭރު ޤައުމެއްގެ ނުފޫޒުގެ ދަށުގައި އަޅުގަނޑުމެން އެތަކެއް ޒަމާންތަކެއް ވޭތުކުރުމަށްފަހު، އެނުފޫޒުގެ ދަށުން މިނިވަންވީ މިނިވަންވުން. އޭގެއިތުރުން، އަޅުގަނޑު މިދެންނެވިކަހަލަ މިނިވަންކަމުގެ އެހެން ގޮފިތަކެއް އެބަހުރި. ސިޔާސީ މިނިވަންކަން ޙާޞިލު ކުރުމަށްވުރެ ބައެއްފަހަރަށް އިޤްތިޞާދީ މިނިވަންކަން ޙާޞިލު ކުރުން އެއީ މާ އުނދަގޫ ކަމަކަށްވެދާނެ. އަދި ސިޔާސީ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަން ޙާޞިލު ކުރުމަށްވުރެ ފިކުރީ މިނިވަންކަން ޙާޞިލު ކުރުން އަދި އެއަށްވުރެ އުނދަގޫ ކަމަކަށްވެދާނެ. އެހެންވީމާ، މިހުރިހާ ނުކުތާތަކަކާ ދޭތެރޭގައި މިކަހަލަ މުނާސަބަތެއްގައި ވިސްނަމުން ގެންދިޔުން އެއީ، މިނިވަން ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ ޤައުމުގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް.
 
އާދެ، އިޤްތިޞާދީ މިނިވަންކަމާ ދޭތެރޭގައި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ނުކުތާއެއް އެބައޮތް. އެއީ މުޠުލަޤް އިޤްތިޞާދީ މިނިވަންކަން ނުވަތަ އެންމެ ފުރިހަމަ އިޤްތިޞާދީ މިނިވަންކަމެއް އެއީ ދުނިޔޭގައި އޮތް އެއްޗެއްބާވައޭ. މިސުވާލު ކުރަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ބުނެވިދާނެ އަޅުގަނޑުމެން ބޭނުންވެޔޭ އަޅުގަނޑުމެން އިޤްތިޞާދީ ގޮތުންވެސް މިނިވަންވާން. އެހެން ނަމަވެސް، ދުނިޔޭގެ އިޤްތިޞާދީ ކަންތައްތަކާއި ސިޔާސީ ކަންތައްތަކާ މިހުރިހާ ކަމެއް ހަމަޖެހި ހިނގަމުން އަންނަގޮތުން، އެއްވެސް ޤައުމަކަށް، އެއީ އިޤްތިޞާދީގޮތުން މުޠުލަޤު މިނިވަންކަމެއް ނުވަތަ އެންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައިވާ ބައެއް ކަމަށް ދަޢުވާ ކުރެވިދާނެތޯއޭ، އަޅުގަނޑު ހިތުން އެއީ ކުރަން ވަރަށްދަތި ދަޢުވާއެއް. މިސާލަކަށް ދަންނަވާ ކަމަށްވަންޏާ، މިހާރު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އެންމެ މުއްސަނދި ޤައުމު، އެމެރިކާ އެއީ. އެހެން ނަމަވެސް، އެމެރިކާ އެއީ އިޤްތިޞާދީ ގޮތުން މުޠުލަޤް މިނިވަންކަމެއް ޙާޞިލުކޮށްގެން ތިބި ޤައުމެއްކަން އެއީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭއެއްޗެއްތޯ؟ މިސުވާލު އަޅުގަނޑުމެން އެބަ ކޮށްލަންޖެހޭ. ޝައްކެއްނެތް. އެމެރިކާ އެއީވެސް އިޤްތިޞާދީ ގޮތުން ފުރިހަމަ މިނިވަންކަން ލިބިފައިވާ ޤައުމެއް ނޫން. އޭގެ އެންމެބޮޑު ހެތްކަކީ، އެމީހުންނަށް މިހާރު ކުރިމަތިވެގެން މިއުޅޭ އިޤްތިޞާދީ ދަތިތައް. ތެލުގެ މައްސަލަ، މިސާލަކަށް: ތެޔޮ، އެމީހުން ތެޔޮ ހޯދަން މިޖެހެނީ އެހެން ޤައުމުތަކަކުން. ތެލުގެ އަގު ބޮޑުވަމުން ދިޔުމުން، އެމެރިކާގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ބުރޫތަކެއް އަރަމުންދޭ. އަދި އޭގެ ސަބަބުން އެމެރިކާގެ އުފެއްދުންތެރި ކަމަށާއި، މަސައްކަތްތެރިކަމަށާއި، އެހެނިހެން ވަރަށްގިނަ ކަންތައްތަކަށް ބަދަލު އަންނަމުންދޭ. އެހެންވީމާ، ޙަޤީޤަތަކީ އެމެރިކާ އެއީވެސް ފުރިހަމަ އިޤްތިޞާދީ މިނިވަންކަމެއް ލިބިފައިވާ ޤައުމެއް ނޫން. އެކަން އޮތީ އެހެން ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން މިނިވަންވާނީ ކިހިނެއްބާވައޭ އަޅުގަނޑުމެން ހިތަށް އަރުވަން އެބަޖެހޭ.
 
އާދެ، އަޅުގަނޑުގެ ޚިޔާލުގައި އިޤްތިޞާދީ މިނިވަންކަމަކީ ނިސްބީ އެއްޗެއް. އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން މިނިވަންވެވޭނެ ވަކި ދަރަޖައެއް އޮންނާނެ. ކޮންމެ ޤައުމަކަށްވެސް އިޤްތިޞާދީ ގޮތުން މިނިވަންވެވޭނެ ވަކިދަރަޖައެއް އޮންނާނެ. އެދަރަޖަ އެކި ޤައުމާ ގުޅިގެން ބަލާއިރު ތަފާތުވާނެ. އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންގެ ތެރޭގައި ހުންނަ އިޤްތިޞާދީ ކަންތައްތައް އެއީ ވަރަށްމަދު ކަންތައްތަކެއް. ޠަބީޢީ އެކިއެކި މުއްސަނދި ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ވަރަށްމަދު. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ތެލެއް ނެތް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އަގުހުރި އެކިއެކި ވައްތަރުގެ ގޭހެއް ނެތް. އަގުހުރި ޖަވާހިރެއް ނެތް. އެކިވައްތަރުގެ މަޢްދަންތަކެއް ނެތް. އަޅުގަނޑުމެންގެ އަތުގައި އޮތް އެންމެ ވަރުގަދަ އިޤްތިޞާދީ މުއްސަނދި ކަމަކީ މަސްވެރިކަން. އަޅުގަނޑުމެންގެ ކަނޑުތަކުގައި މިހުރި މަސް. އެހެންވީމާ، މިކަންކަމަށް ވިސްނާއިރު، އަޅުގަނޑުމެންނަކީ ދުވަހެއްގައިވެސް އިޤްތިޞާދީ ގޮތުން މުޠުލަޤް މިނިވަންކަމަކަށް ދެވޭނެ ބައެއް ކަމަކަށް ބެލުން އެއީ އަޅުގަނޑު ހިތުން ވާޤިޢީ ކަމެއްނޫން. އެކަމަކު އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް އެބައޮތް. އަޅުގަނޑުމެންގެ އަތުގައި ހުރި އުފެއްދުންތެރިކަމުގެ ވަސީލަތްތައް، އެ ވަސީލަތްތައް ބޭރުބައެއްގެ އަތްމަތީގައި އޮތުމުން، ދިވެހިރާއްޖެއަށް އެކަމުން ކުރާނެ ނޭދެވޭ އަސަރު، ވާނެގެއްލުން، އެކަމުން ނުކުންނާނެ ނަތީޖާތައް. އާދެ، ހިތާމައާއެކު ދަންނަވަން ޖެހެނީ، އަދިވެސް އެކަން އޮތީ އެހެންކަން.
 
 އާދެ، އަޅުގަނޑުމެންގެ އެންމެ އަގުހުރި މުދާ، މަސް އެއޮތީވެސް ބޭރުބައެއްގެ އަތްމަތީގައި. އަޅުގަނޑުމެން މަސް ބާނަނީ ނުވަތަ މަސް ހިފަނީ. އެ ބާނާ ނުވަތަ ހިފާ މަސް އަޅުގަނޑުމެން ވިއްކަނީ ބޭރުގެ ފަރާތްތަކަކަށް. ބޭރުގެ ފަރާތްތަކަކަށް އެ މަސް ވިއްކަން އަޅުގަނޑުމެންނަށް މަޖުބޫރުވެފައިވަނީ، އަޅުގަނޑުމެން އެންމެ ބޭނުންވާ ގޮތަކަށެއް ނޫން. ދުނިޔޭގެ ކާބޯތަކެތީގެ އަގާއި އެހެނިހެން ތަކެތީގެ އަގު އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދާވަރަށް މަހުގެ އަގު އަޅުގަނޑުމެންނަށް ބޮޑުކުރެވޭކަށެއް ނޯވޭ. އެއީ އަޅުގަނޑުމެންގެ ހަމައެކަނި މުއްސަނދިކަމަކީ މަސްކަމަށްވެފައި، އަޅުގަނޑުމެންނަކީ ދުނިޔޭގެ ސިޔާސީ ބާރަކަށްނުވާތީ. ދުނިޔޭގެ ބޮޑު ޢަސްކަރީ ބާރަކަށްނުވާތީ. އަޅުގަނޑުމެންދެކެ ޖެހިލުންވާ މާގިނަ ޤައުމުތަކެއް ނެތުމާއެކު، އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައިވާ ދައްޗެއް މިއީ. އެހެންވީމާ، އަޅުގަނޑުމެން ބާނާ މަސް ނުވަތަ ހިފާ މަސް، އަޅުގަނޑުމެން ބޭނުންވާ އަގަކަށް ބޮޑުކޮށްފިއްޔާ، އެ ގަންނާނެ ބަޔަކު ނުވާނެ. ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އިޙްސާސް ކުރެއްވޭނެ މިހާރު މިވިއްކާ އަގަށް ވެސް މަސްވިއްކުން މާރަނގަޅުވާނެ މާދަމާ އަޅުގަނޑުމެން މަހުގެ އަގު އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ބޮޑުކޮށްގެން އެ ނުވިކޭގޮތް ވުމަށްވުރެ. އެހެންވީމާ، އަޅުގަނޑުމެންގެ މިނިވަންކަން، އިޤްތިޞާދީ މިނިވަންކަން، އެއާ ދިމާއަށް ދަތުރުކުރާއިރު، މިކަހަލަ ނުކުތާތަކާ ދޭތެރޭގައި ވިސްނަން އެބަޖެހޭ. އެކަމަށް އެކަށީގެންވާ ހަމަޖެހޭ، ބުއްދި ޤަބޫލުކުރާ ޙައްލުތަކެއް ހޯދަން އެބަޖެހޭ.
 
އާދެ، އަޅުގަނޑު  ކުރިންވެސް ދެންނެވި ފަދައިން، ސިޔާސީ މިނިވަންކަން، އިޤްތިޞާދީ މިނިވަންކަން، އިޖްތިމާޢީ މިނިވަންކަން، އަދި ފިކުރީ މިނިވަންކަން އެބައޮތް. އަޅުގަނޑު ދެކޭގޮތުގައި ފިކުރީ މިނިވަންކަމަކީ، މިދެންނެވި އެހެން މިނިވަންކަމުގެ ބާވަތްތަކަށްވުރެ މާ މުހިންމު އެއްޗެއް. ސަބަބަކީ އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީ ބިނާވެފައިވަނީ އަޅުގަނޑުމެންގެ ފިކުރުގެ މައްޗަށް ކަމަށްވާކަން. އަޅުގަނޑުމެން ކުރާ ޚިޔާލުގެ މައްޗަށް ކަމަށްވާކަން. އަޅުގަނޑުމެންގެ ފިކުރުތަކާއި ޚިޔާލުތައް އެހެން ގޮތަކަށް ބަދަލުވެގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ އުޞޫލުތައް ބަދަލުވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒުފަތްގަނޑުތައް ބަދަލުވެގެންދާނެ. އަޅުގަނޑުމެން މިޞްރާބުޖަހާ މިޞްރާބު ޖެހުންތައް ބަދަލުވެގެންދާނެ. އަޅުގަނޑުމެން ހިނގަމުންދާ ރާސްތާތައް، މަގުތައް ބަދަލުވެގެންދާނެ. އެހެންވީމާ، ފިކުރީ މިނިވަންކަން ލިބިގަތުމަށް ނުވަތަ އެމިނިވަންކަން އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްޗެއް ކަމަށްވާނަމަ، އެ މިނިވަންކަން ރައްކާތެރި ކުރުމަށް ވަރަށް ބޮޑަށް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. އެހެން ދަންނަވަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގެ އުސޫލުތަކާ ނުގުޅޭ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާ ނުގުޅޭ، އަޅުގަނޑުމެން ޤަބޫލުކުރާ އިޖްތިމާޢީ މާތް ހަމަތަކާ ނުގުޅޭ ބައެއްކަހަލަ ފިކުރުތަކާއި ޚިޔާލުތައް އަޅުގަނޑުމެންގެ ތެރެއަށް އަންނަމުންދާތީ. އެކަން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ. އެއީ، އެގޮތަށް އެޚިޔާލުތައް އެއްވެސް ހިފެހެއްޓުމެއްނެތި، އެއްވެސް ހުއްޓުމެއްނެތި ،އަޅުގަނޑުމެންގެ ތެރެއަށް އައިސް، އަޅުގަނޑުމެންގެ ޒުވާނުން އެޚިޔާލުތައް ޤަބޫލު ކުރަމުންދާ ކަމަށްވަންޏާ، މުސްތަޤްބަލުގައި ދިވެހިރާއްޖެ އެއީ މިހާރު މިއޮތްގޮތަށް މުސްތަޤިއްލު، މިނިވަން، ދިވެހިވަންތަ ދިވެހިރާއްޖެއަކަށް ނުވާނެ.
 
އާދެ، އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް މިނުކުތާއަށް ބާރުލައިފައި މިދަންނަވަނީ، އަޅުގަނޑުމެން މިހާރު އެންމެބޮޑަށް ވިސްނަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ފިކުރީ މިނިވަންކަން ހޯދުމަށޭ. އަދި އެ ފިކުރީ މިނިވަންކަން ހޯދުމަށްފަހު އެ މިނިވަންކަން ހިފެހެއްޓުމަށޭ. އާދެ، ފިކުރީ މިނިވަންކަން ނުހިފެހެއްޓޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވެގެންގޮސް، އަޅުގަނޑުމެންގެ ސިޔާސީ މިނިވަންކަންވެސް ގެއްލިގެން ހިނގައިދާނެ. އަދި އަޅުގަނޑުމެންނަށް އިޤްތިޞާދީ މިނިވަންކަމެއް ލިބިފައިވާނަމަ، އެމިނިވަންކަމަށްވެސް ބުރޫއަރަމުން ހިނގައިދާނެ.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އަނެއް ޚިޔާލަކީ، ނުވަތަ އަނެއް ޝުޢޫރަކީ، މިނިވަން ޤައުމަކަށްވުމުން، މިނިވަން ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދަންވާނެއޭ. އާދެ، އެހެން މިދެންނެވީ، ބައެއް މީހުންނަށް ޚިޔާލު ކުރެވިދާނެ ދިވެހިރާއްޖެ މިއީ ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިފައިވާ ޤައުމެކޭ، އެހެންވީމާ، ދިވެހިރާއްޖޭގެ މީހުންނަށް ފެންނަ ކޮންމެ ގޮތަކަށް ކޮންމެ ކަމެއްވެސް ކުރެވިދާނެއޭ. ދިވެހި ސަރުކާރަށް ފެންނަ ގޮތަކަށް ބައިނަލްއަޤްވާމީ ދާއިރާގައިވެސް ޢަމަލު ކުރަމުން ގެންދެވިދާނެއޭ. އަދި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ފެންނަ ގޮތަކަށް ބިދޭސީންނާމެދު އަޅުގަނޑުމެން ކުރާ ޢަމަލުތައްވެސް ކުރަމުން ގެންދެވިދާނެއޭ. އެހެން ނަމަވެސް، އެއީކީ މުޅިން ރަނގަޅު ޚިޔާލެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ބައިނަލްއަޤްވާމީ ގޮތުން އަޅުގަނޑުމެން ހިފަހައްޓަންޖެހޭ އުޞޫލުތަކާއި އަޅުގަނޑުމެން ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކޮށްފައިވާ އެއްބަސްވުންތަކާއި އަދި ބައިނަލްއަޤްވާމީ ގޮތުން އެހެން ޤައުމުތަކުން ޤަބޫލުކުރާ އުސޫލުތައް، އެ އުޞޫލުތަކަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށް ހިތަންވާނެ. މިދެންނެވި ހުރިހާ ކަންކަމަކަށް ޙުރްމަތްތެރިކޮށް ނުހިތާ  ކަމަށްވަންޏާ، އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއް ކަމުގައި އަޅުގަނޑުމެން އަމިއްލައަށް ދަޢުވާކުރި ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ ހަރުދަނާ ބައެއް  ކަމުގައެއް ބޭރު ޤައުމުތަކުން ނުދެކޭނެ. މިއަދުގެ ދުނިޔެއަކީ އެއްވެސް ޤައުމަކަށް އެކަނިމާއެކަނި އެހެން ޤައުމުތަކާ މުޅިން ދުރުގައި ދިރިއުޅެމުން ގެންދެވޭނެ ޤައުމެއް ނޫން. އަދި ޒަމާނެއް ނޫން. އަޅުގަނޑުމެން މިއުޅެނީ ބައިނަލްއަޤްވާމީ މުޖްތަމަޢެއްގެ ތެރޭގައި. އަޅުގަނޑުމެންނަކީ ބައިނަލްއަޤްވާމީ ޢާއިލާގެ (ވަރަށްބޮޑު ޢާއިލާއެއް،އެއީ. އެ ޢާއިލާގެ) މެންބަރެއް. އެހެންވީމާ، އަޅުގަނޑުމެންނަކީ ބައިނަލްއަޤްވާމީ ޢާއިލާގެ މެންބަރަކަށްވާތީއާއި، އަޅުގަނޑުމެން ހުރިހާ ކަމެއްގައިވެސް ބައިނަލްއަޤްވާމީ ދާއިރާއާ ގުޅި، އުޅެން ޖެހިފައިވާތީ، އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަންވާނީ، ބައިނަލްއަޤްވާމީ ގޮތުން އިޙްތިރާމް ކުރެވޭކަހަލަ ގޮތަކަށް.
 
އާދެ، އެހެންވީމާ، އަޅުގަނޑުމެން ގެންގުޅެންޖެހޭނީ ބޭރު ޤައުމުތައްވެސް އިޙްތިރާމްކުރާ ހަމަޖެހޭ ހަރުދަނާ ސިޔާސަތެއް.މިހާރު އަޅުގަނޑުމެން މިގެންދާ ސިޔާސަތަކީ އަޅުގަނޑު ވަރަށް އުފަލާއެކު މިދަންނަވަނީ، އެއީ މިދެންނެވި ކަހަލަ ސިޔާސަތެކޭ. މިއަދު ދިވެހިރާއްޖެއަށް ބޭރު ދުނިޔޭގައި ލިބެމުންދަނީ ރީތި ނަން، ތަޢުރީފް. އެއީ ކީއްވެގެންތޯ؟ އެއީ ބައިނަލްއަޤްވާމީ ދާއިރާގައި އަޅުގަނޑުމެން ކުޅެންޖެހޭ ދައުރު ކުޅެމުން މިގެންދަނީ މިދެންނެވި އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިތައިގެން ކަމަށްވާތީ. އަޅުގަނޑުމެންނަކީ މިނިވަން ޤައުމެކޭ ކިޔާފައި، ދުނިޔޭގެ އެހެން މީހުން ޤަބޫލުކުރާ އުސޫލުތަކާ ދިމާ ޚިލާފަށް އަޅުގަނޑުމެން އެއްވެސް ޢަމަލެއް ނުކުރަމު. ހުރިހާ ކަމެއްވެސް މިގެންދަނީ ބައިނަލްއަޤްވާމީ ގޮތުން ހަމަޖެހިފައިވާ ރީތި ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑުމެންގެ ސިޔާސަތަކީ، މިނިވަން ސިޔާސަތެއް ކަމުގައިވިޔަސް، އަޅުގަނޑުމެން ޤަބޫލުކުރަނީ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތު ކަމުގައިވިޔަސް، އަޅުގަނޑުމެން މުސްލިމް ޤައުމެއްގެ ގޮތުން، މުސްލިމް ޤައުމުތަކަށް ތާއީދު ކުރި ކަމުގައިވިޔަސް، އަޅުގަނޑުމެން މިހުރިހާ ކަމެއްގައިވެސް ޢަމަލުކުރަމުން މިގެންދަނީ ދުނިޔޭގެ ހުރިހާ އެންމެންވެސް ޤަބޫލުކުރާ އުސޫލެއްގެ މަތިން. އެހެންވީމާ، އަޅުގަނޑުމެންގެ ސިޔާސަތަކީ، ބައެއް އެހެން ޤައުމުތަކުގެ ސިޔާސަތާ ތަފާތު ސިޔާސަތެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ބަދުނާމެއް ހުތުރުނަމެއް ލިބެމުންނެއްނުދޭ. އަޅުގަނޑުމެންނަށް މިހާރު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ރީތިނަމާއި ތަޢުރީފު ބައިނަލްއަޤްވާމީ ދާއިރާގައި ލިބެމުން.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން އޮތް ޚިޔާލަކީ، ނުވަތަ ޝުޢޫރަކީ ޤައުމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއްގެ ގޮތުގައި، މިނިވަން ޤައުމެއްގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދާއިރު އަޅުގަނޑުމެން އަފްރާދުންގެ ގޮތުގައިވެސް މިނިވަން ޤައުމެއްގެ އަފްރާދުންގެ ވާޖިބުތައް އަދާކުރަމުން ގެންދަންވާނެއޭ. އާދެ، މިއީ ވަރަށް މުހިންމު ނުކުތާއެއް. އެއީ އަޅުގަނޑުމެންގެ އަފްރާދުން، އެމީހުން ޢަމަލު ކުރަމުން ގެންދާގޮތުން، ޤައުމަކީ ތަޞައްރުފު ފުދިފައިވާ މިނިވަން ޤައުމެއްކަން ނުވަތަ ނޫންކަން ބަޔާންވެގެންދާނެ. އަޅުގަނޑުމެންގެ ވިސްނުމާއި ސުލޫކާއި ޤައުމީ އަޚްލާޤު ހުންނަނީ މިނިވަން، އެހެން މީހުން އިޙްތިރާމްކުރާ ޤައުމެއްގެ އަފްރާދުންގައި ހުންނަންޖެހޭ ގޮތަށްކަން ނުވަތަ ނޫންކަން އެއީ އަޅުގަނޑު މިދެންނެވި ނުކުތާއަކީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ. އާދެ، މިހާރުވެސް އަޅުގަނޑުމެންގެ އަފްރާދުންގެ ޢަމަލުތަކަށް ވިސްނައިލާއިރު، ވަރަށްގިނަ ގޮތްގޮތުން އަޅުގަނޑުމެންގެ އަފްރާދުންގެ، ބައެއް އަފްރާދުންގެ މިދެންނެވީ. ޢަމަލުތަކާއި އެމީހުންގެ އަޚްލާޤާއި ސުލޫކު ހުންނަނީ މިނިވަން ޤައުމެއްގެ އަފްރާދުންގައި ހުންނަންވާފަދަ ގޮތަކަށް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ޤަބޫލުކުރެވޭ. އެހެންވީމާ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދާއިރާގައި މިދެންނެވި މަސްއޫލިއްޔަތު ފުރިހަމައަށް އިޙްސާސް ކޮށްގެން ފަރުދެއްގެ ގޮތުން އޭނާ އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންވާނެ. އެމީހަކީ ސަރުކާރުގެ ދާއިރާގައި އުޅޭ މީހެއް ކަމުގައިވިޔަސް، ނުވަތަ އަމިއްލަ މަސައްކަތަކުން ދިރިއުޅޭ މީހަކު ކަމުގައިވިޔަސް، އެމީހަކީ ޒުވާނަކު ކަމުގައިވިޔަސް، މުސްކުޅިޔަކު ކަމުގައިވިޔަސް، ކުޑަކުއްޖަކު ކަމުގައިވިޔަސް، އަދި އަންހެނަކު ކަމުގައިވިޔަސް، މިދެންނެވި މަސްއޫލިއްޔަތުން އެއްކިބާވެވޭކަށް ނޯންނާނެ. ކޮންމެ މީހަކުވެސް، ޤައުމުގެ ކޮންމެ ފަރުދަކުވެސް، މިދެންނެވި އަޚްލާޤީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަވެގެންދާ ކަމެއް ވައްކަންކުރުން، ޚިޔާނާތްތެރިވުން. މިކަހަލަ ކަންތައްތައް މިއީ ފަހަކަށްއައިސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ނޭދެވޭ ދަރަޖައަކަށް މައްޗަށް ގޮސްފައިވާ ކަންތައްތައް.
 
އާދެ، އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވިފަހުން ޤާނޫނީގޮތުން ގެނެވުނު ބައެއް ބަދަލުތަކާ ގުޅިގެން، އަދި ވައްކަންކޮށް ޚިޔާނާތްތެރިވެ، ސަރުކާރުގެ މުދާތަކުން ގަވާއިދާ ޚިލާފަށް ބޭނުންކޮށް، މިބާވަތުގެ ކަންތައްތައް ކުރާ މީހުންނަށްދޭ ޢުޤޫބާތު ލުއިކޮށްނުދޭގޮތަށް ހަމަޖެއްސުމާ ގުޅިގެން، ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ވައްކަން ކުރުން ހިސާބަކަށް ދަށަށްދިޔަ. އެހެން ނަމަވެސް، އެކަން އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ނޭދެވޭ ދަރަޖައަކަށް އެބައޮތް. ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި ތެދުވެރިވުން، އަމާނާތްތެރިވުން އެއީ މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން އެންމެ މުހިންމުކަންދޭންޖެހޭނެ ކަންތައް. ސަރުކާރުގެ ދާއިރާގައި ދޭތެރެ ދޭތެރެއިން މިކަހަލަ މައްސަލަތައް ޖެހެމުންދާ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އެކަންތައްތައް ހުއްޓުވޭތޯ ވަރަށް މަތިވެރި ދަރަޖައަކަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދޭ. އެހެން ނަމަވެސް، އެކަން ހުއްޓުވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޟަމީރު އެމީހަކަށް މަޖުބޫރު ކޮށްގެން. އެމީހެއްގެ ހިތުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމަށް އެއްވެސްކަހަލަ މަގާމެއް ދެވިފައި ނުވާ ކަމަށްވަންޏާ، ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެކަން ކާމިޔާބެއް ނުވާނެ.އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން، ހުރިހާ އަފްރާދުން މިކަމުގައި ސަރުކާރާ އަތާ އަތް ގުޅައިލެއްވުން. އަދި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ބެހެއްޓެވުން.
 
މިދެންނެވި ރޮނގުގައި ހިނގަމުންދާ ބައެއް ކަންތައްތަކަކީ، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށް، އަޅުގަނޑުމެންގެ ޤައުމުގެ ތަނަވަސްކަމަށް، ވަރަށް ބޮޑެތި ގެއްލުންވެސް ލިބެމުންދާ ކަންތައްތައް. އޭގެ އެއްމިސާލެއްގެ ގޮތުން، އަޅުގަނޑު ދަންނަވައިލާނަން. މިދޭތެރެއިން މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން ރާއްވަވައިގެން ކުރިއަށް ގެންދެވި މަޝްރޫޢެއް. މިހާރުވެސް އެކަން ކުރިޔަށް އެބަގެންދަވާ. އެއީ، އޮއިވާލި ކަހަލަ ގޮތަކަށް ހެދިފައި ހުންނަ ކަނދުފަތިތަކެއް ކަނޑުގައި ބެހެއްޓެވުން. އޭގެ ބޭނުމަކީ، އޭގެ ކައިރިޔަށް މަސް ގެނައުން. ބޭރުގެ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކުރައްވަމުން ގެންދެވި ކަމެއް. މިހާތަނަށް އެމަޝްރޫޢަށް ޢަމަލު ކުރެވެމުންދިޔަ ގޮތަށް ވިސްނާއިރު، އެއީ ވަރަށް ކާމިޔާބު ކަމެއް ކަމުގައި ވެދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. ވަރަށް ގިނަ ތަންތާނގައި އެ އޮއިވާލިތަކުގެ ވަށައިގެން މަސްއުޅޭތަން ވަރަށް ގިނަ އަދަދަކަށް އެބަފެނޭ. ބައެއް ތަންތަނުން މަސް ބޭނެމުންވެސް އެބަދޭ. އެހެންވީމާ، އެކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށާއި، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ފައިދާހުރި ކަމެއް. އަމިއްލަ ދިރިއުޅުމަށޭ މިދަންނަވަނީ، އެ އޮއިވާލިތަކުގެ ކައިރިން މަސްބޭނުމަކީ، ހަމަ ކޮންމެ ފަރުދެއްގެވެސް ޙައްޤަކަށްވާތީ. ހަމަ އަޅުގަނޑަށްވެސް ދެވިދާނެ. ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ވަޑައިގެންނެވިދާނެ. އެ މަސް އެއީ އަޅުގަނޑުމެންނަށް ލިބެންއޮތް އެއްޗެއް. އެހެންވީމާ، އެއިން ފައިދާކުރަނީ އަޅުގަނޑުމެންނަށް. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ މަސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށްވަންޏާ، އެމަހަށް ލިބޭ އެއްޗެއްވެސް ދާނީ އިތުރުވަމުން. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމީ އިޤްތިޞާދަށްވެސް އެއިން ވަރަށްބޮޑު ފައިދާއެއް ކުރާނެ. އެކަމަކު ހިތާމައަކީ އެންމެ ފުރަތަމަ ފިޝަރީޒް މިނިސްޓްރީން އެ ބެހެއްޓެވި ނުވަތަ އެ ހަރުކުރެއްވި ކަނދުފައްޗަށްވީގޮތް ތިޔަބޭފުޅުން އައްސަވާނެ. ކޮންމެވެސް ބަޔަކު އައިސް އޭގައިހުރި ފީފާތައް ކަނޑައިލައިގެން ވަގަށް ގެންދިޔައީ. އޭރު ރޭޑިޔޯގެ ޛަރީޢާއިން ފިޝަރީޒް މިނިސްޓްރީން އެކަން އިޢުލާނު ކުރައްވައި، މިއީ މިވެނި މުހިންމު ބޭނުމަކު ކުރައްވާ ކަމެއްކަން، އަނެއްކާ އެއިން އެއްވެސް އެއްޗެއްގެ ކައިރިއަށް ނުދިޔުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރައްވާ. އޭގައި ބޮޑުއަކުރުން ލިޔެފައި ހުންނާނެ އެއީ ފިޝަރީޒް މިނިސްޓްރީގެ އެއްޗެކޭ. ދިދައެއްވެސް ހުންނާނެ. އެއްވެސް ހާލެއްގައި މީހަކަށް އޮޅިގެން އެ ނުވެއް ގެންދެވޭނެ. އެކަމަކު ކަންވީގޮތަކީ އެއީ. އެހާ ނޭދެވޭ ކަހަލަ ޢަމަލެއްވެސް ބަޔަކު މީހުން ކޮށްފި. އެކުރި ޢަމަލުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށްވެސް އެތައް ގެއްލުންތަކެއް ލިބޭނެ. އަދި އެހެން ރައްޔިތުންގެ ދިރިއުޅުމަށްވެސް އޭގެ އަސަރުތައް ފޯރާނެ. ހަމައެޔާއެކު ބޭރު ޤައުމުތަކުގެ ކުރިމަތީގައި އަދި ޚާއްޞަކޮށް އެކަމަށް އައިސްހުރި ބޭރުގެ ތަޖުރިބާކާރުގެ ކުރިމަތީގައި އަޅުގަނޑުމެންގެ އަގުވެސް ވެއްޓިގެންދާނެ. އެހެންވީމާ، މިދެންނެވިކަހަލަ ކަންތައްތައް މިއީ ވަރަށް ނޭދެވޭ ކަންތައްތަކެއް. އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭނީ ހަމައެކަނި ސަރުކާރު ހިންގުމާ ހަވާލުވެހުރި މީހާއެއް ނޫން. އޭގެއިތުރަށް ސަރުކާރުގެ ހުރިހާ ފަރާތްތަކެއްވެސް އަދި ޢާންމުންގެ ހުރިހާ ފަރާތްތަކެއްވެސް މިކަހަލަ ކަންތައްތައް ހުއްޓުވުމަށް ބާރުއަޅުއްވަން ޖެހޭނެ. މަސައްކަތް ކުރައްވަމުން ގެންދަވަން ޖެހޭނެ.
 
މިދޭތެރެއިން ދިމާވި ކަމެއް. ތިޔަބޭފުޅުން އައްސަވާނެ މިދިޔަ އަހަރު މިނިވަންދުވަހުގެ މުނާސަބަތުގައި އަޅުގަނޑުދެއްކި ވާހަކައިގައި، ޒުވާނުންގެ އަހަންމިއްޔަތުގެ މައްޗަށް ވާހަކަ ދައްކައި، އަދި އޭގެފަހުން ޒުވާނުންގެ މަޖިލީހެއް އުފައްދައި، އެމަޖިލީހުގެ ޚިދްމަތްތައް ރާއްޖޭގެ ޒުވާނުންނަށް ލިބިދެވޭގޮތަށް ހަމަޖެހިގެންދިޔަ. މިހާރު ޒުވާނުންގެ މަރްކަޒެއްވެސް ޤާއިމުވެފައި އެބަހުރި. އެމަރްކަޒަށް ކޮންމެ ދުވަހަކު ވަރަށްގިނަ އަދަދަކަށް ޒުވާނުންގޮސް އެކިއެކި ކުޅިވަރުކުޅެ، އެމީހުން ބައްދަލުވެ، އިޖްތިމާޢީ ވަރަށްގިނަ ފައިދާތަކެއް އެކަމުން ނުކުންނަމުން އެބަދޭ. އެޒުވާނުން މުނިފޫހިފިލުވުމަށްޓަކައި އެތަނަށް ޓެލެވިޜަން ސެޓެއްވެސް ސަރުކާރުން ފޮނުވައިދިން. އަދި އެކިއެކި ފިލްމު ދައްކަން ވީ.ސީ.އާރެއްވެސް ފޮނުވައިދިން. ކަންވީގޮތަކީ، ވަރަށްފަހުން އެ ވީ.ސީ.އާރު ގެއްލިއްޖެ. ވަގަށް ގެންދިޔައީ. މިކަހަލަ ކަންތައް އެހެން ހުރީމާ، އަޅުގަނޑުގެ ވާހަކައަކީ ކިހިނެއްތޯއޭ، އަޅުގަނޑުމެން ކަންތައްތައް ކުރިއަށް ގެންދާނީ. ބޭރުމީހުންގެ ކުރިމަތީގައިވެސް އަޅުގަނޑުމެންގެ ޤަދަރު ހިފަހައްޓާނީ. ޒުވާނުންނަކީ އެހާ އަގުހުރި ބައެއް ކަމަށް ސަރުކާރުން ދެކިގެން ޒުވާނުންގެ ކަންތައް ކުރިއެރުވުމަށްޓަކައި މަރްކަޒެއް ތައްޔާރުކޮށްދީ، ވަރަށް ބޮޑެތި ޚަރަދުތަކެއްކޮށް، ވަރަށް އަގުހުރި އެއްޗެތިތަކެއް ހޯދައިދީ، އެތަނަށް ފޮނުވީމާވެސް ވާގޮތަކީ އެއީ. އާދެ، އަޅުގަނޑުވެސް އެއްބަސް. މިއީ ހުރިހާ ޒުވާނުންގެ ގޮތެއް ނޫން.  ހަމައެކަނި އެންމެ މީހެއްގެ ދެމީހެއްގެ މަސައްކަތް ކަމަށް ވެދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އެހިސާބަށް ހުއްޓުނީކީ ނޫނޭ އަޅުގަނޑު މިދަންނަވަނީ. އަޅުގަނޑުމެންޖެހޭނެއޭ އެކަހަލަ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރަން. މިއަދު އެ ވީ.ސީ.އާރު ގެއްލުނުކަމަށްވަންޏާ، މާދަމާ އެއަށްވުރެ މާ އަގުބޮޑު އެއްޗެއް ގެއްލިދާނެ. އަދި ވަރަށް އާދަޔާ ޚިލާފު ކަންތައްތައްވެސް މިހެންވެފައި އެބަހުރި. މިދެންނެވީ ހިތަށް ގެންނަން ދަތިކަހަލަ ކަންތައްތައްވެސް ވެފައި އެބަހުރި. މިސާލަކަށް، ބައެއް މިސްކިތް މިސްކިތުގައި ހުންނަ ގަޑި ވަގަށް ގެންދިޔުން. ނޫނީ ލައުޑްސްޕީކަރ ސިސްޓަމް ވަގަށް ގެންދިޔުން. މިކަހަލަ ހިތަށް ގެންނަން ދަތި ކަންކަން އެބަ ހިނގާ. އަޅުގަނޑުމެން މުސްލިމުން ކަމަށްވީތީވެސް ލަދުގަންނަންޖެހޭ ވަރަށްގިނަ ކަންތައްތައް ހިނގަމުންއެބަދޭ. އެހެންވީމާ، މިކަހަލަ ކަންތައްތައް މިނިވަން ޤައުމެއްގެ އަފްރާދުންގެ ގޮތުގައި ތިބެގެން އަޅުގަނޑުމެން ކުރަމުންދާކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް އެ މިނިވަންކަމުގެ މަސްއޫލިއްޔަތު އިޙްސާސް ނުކުރެވެނިއްޔޭ އަޅުގަނޑު މިދަންނަވަނީ.
 
އާދެ،  ދެން ހަމަ މިނުކުތާއާ ގުޅިގެން އަޅުގަނޑަށް ދަންނަވަންޖެހެނީ، މިހާރު އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް ކުރިއަރަމުންދާ ގޮތުން ވަރަށްގިނަ އިޤްތިޞާދީ މަސައްކަތްތައް ދިވެހިންނާއި ބިދޭސީންނާ ބައިވެރިވެގެން ކުރިއަށް އެބަ ގެންދެވެއޭ. ޓުއަރިޒަމްގެ މަސައްކަތް، ވިޔަފާރީގެ މަސައްކަތް، މިހެންގޮސް ވަރަށްގިނަ ތަފާތު ކަންތައްތައް އަޅުގަނޑުމެން މިހާރު އެބަކުރަމު، އަފްރާދުންގެ ގޮތުގައި، އަދި ސަރުކާރުގެ ގޮތުގައިވެސް. ސަރުކާރު ބައިވެރިވެގެން ކުރާ ބޭރުގެ މިދެންނެވި ބާވަތުގެ މަސައްކަތްތައްވެސް އެބަހުރި. ހަމައޭގެއިތުރަށް އަޅުގަނޑުމެން އަމިއްލަ އަފްރާދުންގެ ގޮތުގައި ބޭރުމީހުންނާ ގުޅިގެން ކުރިއަށްގެންދާ މިބާވަތުގެ ކިތަންމެ މަސައްކަތްތަކެއްވެސް އެބަހުރި. މިކަންކަމުގައިވެސް އަޅުގަނޑުމެން ވަރަށް ފުރިހަމައަށް ތެދުވެރިވާންޖެހޭނެ. ހިތާމައަކީ އެހެން ނުވެވޭކަން. ބޭރުގެ ވަރަށްގިނަ ފަރާތްތަކުން ދިވެއްސަކާ ގުޅިގެން އަހަރު ދުވަސް ވަންދެން، ދެއަހަރު ދުވަސް ވަންދެން މަސައްކަތް ކޮށްފައި ބުނާނީ ފައިސާކޮޅު ގެންގޮއްސިއޭ. އަނެއް ކަމެއްވެއްޖޭ، މިހެންވެއްޖޭ، ދެން ދިވެހިންގެ އިތުބާރު އެމީހުންގެ ކުރިމަތީގައި ކެނޑެމުންދަނީ. އެހެންވީމާ، ނަތީޖާއަކަށްވަނީ، އަޅުގަނޑުމެންނަށް ކުރެވޭކަހަލަ މަސައްކަތްތައްވެސް އަޅުގަނޑުމެންނަށް ނުލިބުން. ފިހާރަތަކުގައި އެތިބޭ އާދައިގެ މީހުން، މުދާ ވިއްކަން ތިބޭ މީހުންގެ ތެރޭގައިވެސް ދިވެހިން މަދުވަމުން ދިޔުން. އެއީ ބޭރުގެ މީހަކު އިތުބާރެއް ނުކުރޭ، ދިވެއްސަކު ބަހައްޓައިގެން، ހަމަޖެހޭ ގޮތަކަށް ކަންތައްތައްދާނެ ކަމަކަށް. ކޮންމެވެސް ދުވަހަކުން، ކޮންމެވެސް ގޯހެއް ހިނގައިފާނެ ކަމަށް، އޭނައަށް ހީވެފައި އޮންނަނީ. އެހެންވީމާ، ދިވެހިންގެ އިތުބާރު ކެނޑުމާ ގުޅިގެން އެކަހަލަ ކަންތައްތައް އެހެންވަމުންދަނީ.
 
ހަމައެފަދައިން، އަޅުގަނޑުމެންގެ ބޯޓުފަހަރު ދުއްވުމުގެ ދާއިރާގައިވެސް މިކަހަލަ، ޤާނޫނާއި ގަވާއިދާ ޚިލާފު ކަންތައްތައް ހިނގަމުން އެބަދޭ. އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ބޯޓުފަހަރު ދުއްވުން އެއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޭނުންތެރި ކަމެއްކަން. އޭގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ފައިދާގެ އިތުރަށް އަޅުގަނޑުމެންގެ އެތަކެއް ޢާއިލާތަކަކަށް އިތުރު އާމްދަނީތަކެއް ލިބެމުންދާކަން. އެއިން ކޮންމެ މީހަކު، ބޯޓުގައި އުޅޭ ކޮންމެ މީހަކު އޭނާގެ ޢާއިލާއަށް ފައިސާ ފޮނުވާ. ނުވަތަ ތަކެތި ފޮނުވާ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއަށް ވަރަށްބޮޑު ދިރުމެއް އިޤްތިޞާދީ ކުރިއެރުމެއް ލިބޭ ކަމެއް ބޯޓުފަހަރު ދުއްވުން އެއީ. އެކަމަކު ބޯޓުފަހަރުގައި ހަޅުތާލުކޮށްގެން، އަނެއްކަމެއް ކޮށްގެން މައްސަލަޖެހޭ އަބަދުވެސް. އެތައްބަޔަކު ގެންނަން އެބަޖެހޭ. ޝަރީޢަތް ކުރަންޖެހޭ. ޖަލަށްލާންޖެހޭ. އަރުވާލަންޖެހޭ. އެއެއްނޫން މިދަންނަވާ ނުކުތާއަކީ. މިދަންނަވާ ނުކުތާއަކީ، އެހެންވުމުގެ ސަބަބުން އަޅުގަނޑުމެން ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ރީތިނަން، ބޭރު ދުނިޔޭގައި ހުތުރުވަމުންދަނީ. އެގޮތަށް އެންމެބަޔަކު ބޭރުގެ ކޮންމެވެސްކަހަލަ ޖަމާޢަތަކާ ގުޅިގެން ހަޅުތާލުކޮށްގެން ނުވަތަ ބޮޑު މުސާރައެއް ހޯދައިގެން މިކަހަލަ ކަމެއް ކުރުމުން، އެކުރާ ކަމެއްގެ ބަދުނާމު ރައްދުވަނީ ދިވެހި ރައްޔިތުންނަށް. ދިވެހިރާއްޖޭގެ ހީވާގި ތެދުވެރި މަސައްކަތްތެރިންނަށް. އެފުރުޞަތު އެ ގެއްލިގެންދަނީ އަޅުގަނޑުމެންގެ މިދެންނެވި ކަހަލަ ހީވާގި ތެދުވެރި އަމާނާތްތެރި މަސައްކަތްތެރިންނަށް. އެ އުނިކަން އިޙްސާސް ކުރަން ޖެހެނީ އެމީހުންގެ ޢާއިލާތައް. އެހެންވީމާ، އެކުރާ ޢަމަލަކީ އެއްވެސް ޙާލެއްގައި ފަރްދީ އެކަނިވެރި ޢަމަލެއް ނޫން. އެކުރާ އަމަލަކީ މުޅި ޤައުމަށް އޭގެ ގެއްލުން ރައްދުވާނެ ޢަމަލެއް. އެހެންވީމާ، މިކަހަލަ ކަންތައްތައް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އިތުރަށް ރައްޔިތުންގެ އެއްބާރުލެއްވުމާ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ.
 
ދެން މިއާގުޅިގެން އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އަނެއް ނުކުތާއަކީ، ޤާނޫނާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތުން އެއީ، މިނިވަން ތަޞައްރުފް ފުދިފައިވާ ޤައުމެއްގައި ހުންނަންޖެހޭނެ އެންމެ ފުރަތަމަ ސިފައޭ. ކޮބައިތޯ ޖަމާޢަތެއް ތަހުޒީބުވެއްޖެ ކަމުގެ ހެތްކަކީ. ދަލީލަކީ. އެއްވެސް ޖަމާޢަތެއް އެއީ ތަހުޒީބު ވެފައިވާ ޖަމާޢަތެއް ކަމުގެ އެންމެ ވަރުގަދަ ހެތްކަކީ، އެންމެ އަލިގަދަ ދަލީލަކީ، އެޖަމާޢަތުގެ އަހުލުވެރިން، ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލެނބުން. ޙުރްމަތްތެރިކޮށްހިތުން. ހުރިހާ ޤާނޫނުތަކާއި ގަވާއިދުތަކެއް ހެދިފައި މިހުންނަނީ އެންމެންގެ ފައިދާއަށް. އެންމެންގެ ރައްކަލަށް. އެހެންވީމާ އެއްވެސް ޤާނޫނެއް މުގުރައިލާ މީހަކު އެއީ މިދެންނެވި ފައިދާ، މުޖްތަމަޢުގެ  ފައިދާއަށް ގެއްލުމެއް ދޭން މަސައްކަތްކުރާ މީހެއް ކަމުގައި ނުވެ ނުދާނެ. ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްނުހިތާ މީހާ، ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރަމުން ގެންދާ މީސްމީހުން އެއީ މުޖްތަމަޢުގެ ހަލާކު. އެކަހަލަ މީހުންނާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައި އެއްވެސް ކަހަލަ ހަމްދަރުދީއެއް އޮވެގެނެއް ނުވާނެ. އެހެން މިދަންނަވާ ސަބަބަކީ ޤާނޫނީ ބޮޑެތި ކުށްކުށް ބައެއް މީހުން ކޮށްފާނެ. ކޮށްގެން މައްސަލަ ގެންދަންޖެހޭ އުޞޫލަކުން ގެންގޮސްގެން ޝަރީޢަތަށް ގޮސްގެން ނިމިދާނެ. ދެން އަނެއްދުވަހު ސިޓީލާނެ. ސިޓީލާން ފަށައިފާނެ، މަޢާފުކޮށްދޭންއެދި. އެގޮތަށް ޢަމަލުކުރާ މީހެއްގެ މައިންބަފައިންވެސް ސިޓީލާނެ. ގާތްތިމާގެ މީހުން ލާނެ. އަދި އެހެން މީހުންވެސް އެމަސައްކަތް ކޮށްދޭނެ. ދެން އޭނާވެސް އެއީ އިންސާނެކޭ. އިންސާނުންނަކީ ކުށްކުރާ ބަޔެކޭ. އެހެންވީމާ ދެން މަޢާފުކޮށްދޭށޭ. މިއީ އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ އުޞޫލެއް ނޫނޭ. ޤައުމެއްގެ ގޮތުގައި، މިނިވަން ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ތަރުބިއްޔަތުވެގެން، މިނިވަން ޤައުމެއްގެ މަސްއޫލިއްޔަތު އަޅުގަނޑުމެން އުފުލާ ކަމަށް ވަންޏާ، ޣައިރު ޤާނޫނީ ޢަމަލުކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅެންވާނެ. ފިޔަވަޅު ނޭޅޭ ކަމަށްވަންޏާ، ޤައުމު ހަލާކުވެގެންދާ ދިޔުމަށް އަޅުގަނޑުމެންނަށް އެ ބާރު އެޅެނީ.
 
އާދެ، ހަމައެފަދައިން އަޅުގަނޑުމެންގެ އަފްރާދުންގެ ހިތްތަކުގައި މަސައްކަތަށް ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް އޮންނަންވާނެ. އެހެން ދަންނަވަންޖެހޭ ސަބަބަކީ އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުންކަންނޭނގެ އަޅުގަނޑުމެންގެ މިޒާޖު ހަމަޖެހިފައިވާ ގޮތުންކަންނޭނގެ، އަޅުގަނޑުމެން ތަރުބިއްޔަތު ވެގެން އައި މާޙައުލުގެ ގޮތުންކަންނޭނގެ. ކޮންމެވެސް ސަބަބަކަށްޓަކައި އެއްމަސައްކަތެއްގައި ގިނަދުވަހު ހީވާގިކަމާއެކު މަސައްކަތް ކުރުން އެއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ނުވެފައި އޮންނަ ކަމެއް. މަސްދުވަހު، ދެމަސްދުވަހު އެއްމަސައްކަތެއްގައި އުޅެފައި ފޫހިވެދާނެ. ދެންދާނީ އެހެން މަސައްކަތަކަށް. ނޫނީ އަހަރު ދެއަހަރު އުޅެފައި ދެން ދާނީ އެހެން މަސައްކަތަކަށް. އެހެންވީމާ ވާގޮތަކީ، އެއްވެސް މަސައްކަތެއްގައި އަޅުގަނޑުމެން ހަރުލާގޮތެއްނުވޭ. އެއްވެސް މަސައްކަތެއްގައި ކުރިއެރޭގޮތެއްނުވޭ. އަނެއްކާ އަޅުގަނޑު ދެންމެ މިދެންނެވިހެން، ބޭރުމީހުންނާ ގުޅިގެން މިހާގިނަ ކަންތައްތައް އަޅުގަނޑުމެން ކުރަމުން ގެންދާއިރު، ބޭރުމީހުންވެސް ދެކެނީ އަޅުގަނޑުމެންނަކީ ހަރުދަނާކަމެއްނެތް ބައެއް ކަމަށް. ހަމަ ދެތިންދުވަހަކު އެމީހާގެ މަސައްކަތަށް ގޮއްސައި ދެން ސަލާންވެސް ނުބުނެ، ނައިސް ހިނގައިދާނެ އެތައް ޒަމާނެއް ވަންދެން. ނޫނީ ކެނޑިގެން ހިނގައިދާނެ. އެއްވެސްކަހަލަ ޝައުޤުވެރިކަމެއް އެމީހާގެ މަސައްކަތަކަށް، މިދެންނެވިފަދަ މީހުންގެ ކިބައިގައި ނުހުރޭ. އާދެ، އަޅުގަނޑު ވަރަށް މަޢާފަށް އެދެން އިނގޭތޯ. މިދަންނަވަނީ އެންމެންގެ ވާހަކައެއް ނޫން. މިދަންނަވަނީ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ދިރިއުޅޭ ވަރަށްމަދު ބައެއްގެ ވާހަކަ. ކޮންމެއަކަސް އެކަހަލަ އެފަދަ މަދުބައެއް އަޅުގަނޑުމެންގެ މުޖްތަމަޢުގައި ދިރިއުޅެމުން ދިޔުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ ހުތުރުނަން އެއީ ވަރަށްބޮޑު އެއްޗެއް. އެހެންވީމާ، މިހުރިހާ ކަމަކާ ދޭތެރޭގައި ޚިޔާލު ކުރުން އެއީ، މިކަހަލަ މުނާސަބަތެއްގައި މިނިވަން ޤައުމެއްގެ ގޮތުން އަޅުގަނޑުމެން އިޙްތިފާލުކުރާ މުނާސަބަތުގައި ވަރަށް ބޭނުންތެރި ކަމެކޭ އަޅުގަނޑު މިދަންނަވަނީ.
 
އާދެ، ދެން މިރޭގެ ޖަލްސާއާ ދޭތެރޭގައިވެސް ދެތިން ބަހެއް ދަންނަވައިލަން އަޅުގަނޑުގެ ހިތަށް އެބައަރާ. އެއީ މިރޭގެ މިޖަލްސާ މިއީ ކުރިންވެސް ތިޔަބޭފުޅުން އައްސަވައިފައިވާ ފަދައިން، އަދި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިނިވަންދުވަހުގެ އިޙްތިފާލުތަކުގެ ތެރެއިން ހިނގަމުންދާ ޖަލްސާއެއް. މިޖަލްސާގައި އެންމެ މުހިންމު އެއްކަމަކަށް އޮތީ ޢާންމު ޚިދްމަތުގެ އިނާމު ސަރުކާރުން، ދައުލަތުން އެކިފަރާތް ފަރާތަށް ރައްދުކުރުން.
 
ޢާންމު ޚިދްމަތުގެ ވާހަކަ ވަރަށް ފުރިހަމަކޮށް މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން ދެންމެ ދައްކަވައިފި. އެހެންވީމާ އެކަމާ ދޭތެރޭގައި ގިނަވާހަކަތަކެއް ދައްކާކަށް އަޅުގަނޑު ގަސްދެއް ނުކުރަން. ކޮންމެއަކަސް ޢާންމު ޚިދްމަތް އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުން އެއްޗެކޭ ދަންނަވައިލަން އަޅުގަނޑު ބޭނުންވޭ. އާދެ، މިނިވަން ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ތިބެވޭނީ، އަޅުގަނޑުމެންގެ ޤައުމު ބިނާކޮށްގެން. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކޮށްގެން. އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެގެން. އަޅުގަނޑުމެންގެ ޤައުމު ބިނާކުރެވޭނީ، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރެވޭނީ، އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭނީ ޢާންމު ޚިދްމަތް ކުރާ ބައެއް އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން. އެބައެއް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންގޮސްގެން.
 
އާދެ، ވަރަށް މަޢާފާއެކު އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިންގެ އަރިހުން އަޅުގަނޑު އެދެން، އަޅުގަނޑު މިދަންނަވާ ނުކުތާއަށްޓަކައި އެއްޗެކޭ ހީފުޅުނުކުރެއްވުން. އާދެ، ޒާހިރު ވިދާޅުވީ ޖަމާޢަތުގެ ރޫޙު، ޤައުމީ ރޫޙު އަޅުގަނޑުމެންގެ ހިތުގައި އުފެދެންފެށީ މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައޭ. އެވިދާޅުވި ސަބަބު އަޅުގަނޑަށް ރަނގަޅަށް ވިސްނޭ. އެހެން ނަމަވަސް ޙަޤީޤަތަށް ވިސްނާއިރު އަޅުގަނޑަށް ހީވަނީ ޖަމާޢަތުގެ ރޫޙު، އަޅުގަނޑުމެންގެ ޤައުމީ ރޫޙު އެއީ އަޅުގަނޑުމެންގެ ހިތުގައި އެތަކެއްހާސް ދުވަސް ކުރިންވެސް އުފެދެމުން އަންނަ އެއްޗެކޭ. އެއީ އެއްގޮތަކަށްވެސް މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ނުވަތަ ތިންއަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ހިތުގައި އުފެދުނު އެއްޗެއް ނޫން. އަޅުގަނޑުމެންގެ ތާރީޚު، އެއަށް ވިސްނަވައިފިއްޔާ އެންމެ ފުރަތަމަ ދިވެހިރާއްޖެ، ދިވެހިރާއްޖެއެއްގެ ގޮތުގައި ދުނިޔޭގައި ޤާއިމުވީއްސުރެ މިހާތަނަށް ފެންނަންހުރި ހުރިހާ އެއްޗަކުންވެސް ދޭހަވަނީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މެދުގައި ޤައުމީ ރޫޙެއް، ޤައުމީ ލޯބި ވަރަށްމަތީ ދަރަޖައަކަށް އަށަގެންފައިވާ ބަޔެއްކަން. އަދި އަޅުގަނޑުމެންގެ މެދުގައި ޢާންމު ޚިދްމަތުގެ ރޫޙު އެއީ އަބަދުވެސް ހީނަރުކަމެއްނެތި އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގޮސްފައިވާ ރޫޙެއްކަން. އާދެ، ޒާހިރު އެވިދާޅުވި ވާހަކައަކީ މިމަތިވެރި ރޫޙަށް، ޖަމާޢަތުގެ ރޫޙަށް، ޤައުމީ ރޫޙަށް މިދޭތެރެއަކުން ވަރަށްބޮޑު ނިކަމެތިކަމެއް އައޭ. އައިއްސާ އޭގެފަހުން އަނެއްކާ މިހާރު އޭގެ ކުރިތައް ފޮޅެން ފަށައިފިއޭ. އާދެ، އެކަމާ އަޅުގަނޑުވެސް އެއްބަސް. އަޅުގަނޑުމެން އެކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ. އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޢާންމު ޚިދްމަތް އެއީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމު އެއްޗަކަށް ވެގެން ނޫނީ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށެއް ނޯންނާނެ. ސަރުކާރަކުން ހުރިހާ ކަމެއް ނުކުރެވޭނެ. އެއްވެސް ސަރުކާރަކުން ހުރިހާ ކަމެއް ކުރާކަށް ނުވެސް އުޅޭނެ. އެއީ މޮޔަކަމެއް. ޤައުމު ކުރިއަށް ދާނީ ސަރުކާރުން ރާވާ މަޝްރޫޢުތަކާއި އަދި އަމިއްލަ މީސްމީހުންކުރާ މަސައްކަތްތަކާއި ޖަމާޢަތުގެ ފަރާތުންކުރާ މަސައްކަތްތަކާ މިހުރިހާ އެއްޗެއް އެކުވެގެން. އެހެންވީމާ، ސަރުކާރުން ޚިދްމަތްކުރާ ރޮނގުތަކެއް އޮންނާނެ. ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކެއް ހުންނާނެ. ކުރިއަށްގެންދާ ކަންތައްތަކެއް ހުންނާނެ. އޭގެއިތުރަށް އަމިއްލަމީހުން މަސައްކަތްކުރަން ޖެހޭނެ. ޖަމާޢަތުގެ ފަރާތުން އެދެވޭ މަސައްކަތްތަކެއް ކުރަން ޖެހޭނެ. އެހުރިހާ ކަމެއް އެކުވެގެން އެއްވެސް ޤައުމަކަށް ކުރިއަށް ދެވޭނީ. އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވަކި މިދެންނެވި އުޞޫލަކުން އިސްތިސްނާއެއް ނުވާނެ. އެހެންވީމާ މިދެންނެވީ އެރޫޙު، އެއީ އެއްހާސް އަހަރުގެ ކުރިން ނުވަތަ އޭގެވެސް ކުރިން އަޅުގަނޑުމެންގެ ހިތުގައި އުފެދިގެން އަންނަ ރޫޙެއް. އެއަށް ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ނިކަމެތިކަމެއް ލިބިފައިވުމުގެ ސަބަބުން އެރޫޙު އަލުން ދިރުވޭތޯ ކުރާ މަސައްކަތެއްގެ ގޮތުން ސަރުކާރުން ނުވަތަ ދައުލަތުން ޢާންމު ޚިދްމަތުގެ ޝަރަފްވެރި ކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދެމުން މިގެންދަނީ.
 
އާދެ، މިއީ ދެފެންވަރެއްގެ އިނާމެއް. "ޝަރަފްވެރިކަމުގެ އިނާމު" އެއީ، ކޮންމެ ރޮނގެއްގައިވެސް އެންމެމަތީ އިނާމު. އެ އިނާމު ދައުލަތުގެ ފަރާތުން ދެނީ ކޮންމެވެސް ޚިދްމަތެއް ވަރަށް ފުރިހަމަ ދަރަޖައަކަށް ވަރަށްގިނަދުވަހު އަދާކުރެއްވި ކަމަށް ދައުލަތަށް ފެންނަ މީހުންނަށް. "ހިތްވަރުދިނުމުގެ އިނާމަކީ" އެއަށްވުރެ ތަންކޮޅެއް އާދައިގެ އިނާމެއް. އެއިނާމު ދެވެނީ އެމީހެއްގެ ސަބަބުން މިރޮނގުގައި ފާހަގަކުރެވޭ ކަހަލަ ޚިދްމަތްތަކެއް ކޮށްފައި އަދި އެމީހަކު ކުރިއަށްއޮތް ތާނގައިވެސް އެފަދަ ޚިދްމަތްތައް ކުރިޔަށް ގެންދާނެ ކަމުގެ އުންމީދު ދައުލަތަށް އޮތީމާ ހިތްވަރުދީގެން އެކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި. އާދެ، އޭގެ ވަރަށް އަލިގަދަ ދެމިސާލު މިރޭ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. 1979 ވަނަ އަހަރު ތާރީޚަށް ޚިދްމަތް ކުރެއްވުމުގެ އިނާމު އަލްފާޟިލް ޙަސަން އަޙްމަދު މަނިކަށް ލިބިވަޑައިގެންނެވި. ހަމައެފަދައިން، ޅެންވެރިކަމުގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު އަލްފާޟިލް ޔޫސުފް މުޙަންމަދުފުޅަށް ލިބިވަޑައިގެންނެވި. އެބޭފުޅުން އެކުރެއްވި މަސައްކަތްތަކަށް އެއްވެސްކަހަލަ ހުއްޓުމެއް ނާރުއްވައި އިތުރަށް މަސައްކަތް ކުރައްވަމުން ގެންދެވިކަމުގެ ސަބަބުން މިއަހަރުވެސް އެދެބޭފުޅުންނަށް، ހަމަ އެދެއިނާމު އެލިބިވަޑައިގަތީ. އެހެންވީމާ މިއިނާމުތައް ދިނުމުގެ ބޭނުމަކީ، ޢާންމު ޚިދްމަތުގެ ރޫޙު ދިރުވުން.
 
 އާދެ، ޚިދްމަތޭ ބުނީމާ އަޅުގަނޑުމެން ވިސްނައިލަންޖެހޭ ނުކުތާއެއްވެސް އެބައޮތް. އެއީ ވިޔަފާރިއެއްގެ ގޮތުގައި އަމިއްލަ ފައިދާއަށްކުރާ މަސައްކަތެއް އެއީ ޚިދްމަތުގެ ތެރޭގައި ނުހިމެނޭނެކަން. އާދެ، އަޅުގަނޑުވެސް އެއްބަސް. ޢާންމު ޚިދްމަތުގެ ގޮތުންވެސް ދިރިއުޅުމުގެ ގިނަދުވަސްތަކެއް، ވަކި މަސައްކަތެއްގައި ހޭދަކުރަމުންދާ ކަމަށްވަންޏާ، ނުވަތަ ދުވާލުގެ ގިނަވަގުތުތަކެއް އެމަސައްކަތުގައި ހޭދަކުރަމުންދާ ކަމަށްވަންޏާ، އެއިން އެއްޗެއް ނުލިބޭގޮތަށް މަސައްކަތް ކުރުމަކީ، އެކަށީގެންވާ ކަމަކަށްނުވެ ހިނގައިދާނެ. އެއީ އަޅުގަނޑުމެންނަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔެއް. މާ މުއްސަނދި ބަޔެއް ނޫން. އެތައް މުދާތަކެއް ވާރުތަވެގެން ތިބި ބައެއްވެސް ނޫން، ގިނަމީހުންނަކީ. އެހެންވީމާ ކޮންމެވެސް ކަހަލަ މަސައްކަތެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރުމަށްޓަކައި. އަޅުގަނޑުމެން ދިރިއުޅުމަށްޓަކައި. އެހެން ނަމަވެސް އެގޮތަށް އެކުރާ މަސައްކަތުގެ ސަބަބުން ވިޔަފާރިއެއް ކޮށްގެން ވިޔަފާރީގެ އުޞޫލުން މުއްސަނދިކަން ޙާޞިލު ކުރުމަށް ކުރާ މަސައްކަތެއް ކަމުގައި ވެގެންނެއް، މިދެންނެވި ޚިދްމަތް އެއީ ޢާންމު ޚިދްމަތެއް ކަމުގައި ނުބެލޭނެ. އެއާ ޚިލާފަށް އެކުރާ މަސައްކަތެއްގެ ސަބަބުން އަދި އާމްދަނީ ލިބުނު ކަމުގައިވިޔަސް، އެ އާމްދަނީއަކީ އެމީހަކު ދިރިއުޅުމަށްޓަކައި އެހާގިނަ ވަގުތުތައް އެހެން ކަމެއްގައި ހޭދަކުރުމުގެ ސަބަބުން އާމްދަނީ ލިބޭނެ އެހެން މަގެއް ނުވަތަ އެހެން މަސައްކަތެއް ކުރެވެން ނޯންނާނެތީ ލިބޭ އެއްޗަކަށްވުން، އެއީ އެންމެ ރަނގަޅު ކަމެއް.
 
ކޮންމެއަކަސް، ދައުލަތުން މިހާރު ކޮންމެ އަހަރަކު އެއްފަހަރު ޢާންމު ޚިދްމަތުގެ އިނާމު ދެމުން މިގެންދަނީ އެއްގޮތަކަށްވެސް މިނިވަންކަމުގެ ދުވަސް، ނުވަތަ މިނިވަންދުވަސް ފާހަގަކުރަމުން ގެންދާއިރު އެޕްރޮގްރާމްގައި އޮންނަ އައިޓަމެއްގެ ގޮތަކުންނެއް ނޫން. އެޕްރޮގްރާމްގެ ނަންބަރެއް ފުރިހަމަކުރުމުގެ ގޮތަކުންނެއް ނޫން، ދައުލަތުން މިއިނާމު ދެމުން މިގެންދަނީ. މިއިނާމު ދެމުން މިގެންދަނީ، ވަރަށް ފުރިހަމަ ވަރަށް މަތިވެރި މަޤްޞަދެއްގައި. އެއީ އަޅުގަނޑު ކުރިން މިދެންނެވީ. އާދެ، އޭގެ ހެތްކަކީ ދާދި މިދާކަށްދުވަހު އަޅުގަނޑުމެން ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް އެ ދަތުރުކުރެއްވީ ޢާންމު ޚިދްމަތުގެ އިނާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އަލްމަރްޙޫމް ޢަބްދުﷲ ވަޙީދު މަންދު. މިދިޔަ އަހަރު ނޫސްވެރިކަމުގެ އިނާމު އޭނާއަށްވަނީ ދައުލަތުން ދީފައި. ނޫސްވެރިކަން ތަރައްޤީ ކުރުމުގެ ގޮތުން ވޭތުވެދިޔަ އެތަކެއް އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުރެއްވި އިޚްލާޞްތެރި މަސައްކަތް ސަރުކާރުން ވަޒަން ކުރުމުގެ ގޮތުން. އެހެންވީމާ، އޭނާ ނިޔާވުމާ ގުޅިގެން އޭނާގެ ޢާއިލާއަށް ސަރުކާރުން ދާއިމީ ގޮތެއްގައި އެހީވެދޭ ގޮތަށް ހަމަޖެއްސި ހަމަޖެއްސުން އެއީ އަޅުގަނޑު މިދެންނެވި ބަހުގެ ދަލީލެއް. އެއީ ޢާންމު ޚިދްމަތުގެ އިނާމު ލިބޭ ފަރާތަކީ އެމީހެއްގެ ޚިދްމަތް ރަސްމީގޮތުން ސަރުކާރުން ޤަބޫލުކުރާ ފަރާތެއް ކަމުގައި ހަމަޖެހިގެން ދިޔުމުގެ ސަބަބުން. އެހެންވީމާ، އެޚިދްމަތް އެއީ ހަމައެކަނި އެންމެ ދުވަހަކަށް ނުވަތަ ދެދުވަހަކަށް ސަރުކާރުން ޤަބޫލުކުރާ ޚިދްމަތެއް ނޫން. އެއީ ކުރިއަށް އޮތް ހުރިހާ ދުވަސްތަކަކަށްވެސް ސަރުކާރުން ޤަބޫލުކުރާނެ ޚިދްމަތެއް. އެގޮތުން އަލްމަރްޙޫމް ޢަބްދުﷲ ވަޙީދުގެ ޢާއިލާގެ މެންބަރުންނަށް ސަރުކާރުން ދާއިމީ އެހީއެއް ވެދޭގޮތަށް ހަމަޖެއްސީ.
 
އާދެ، ކޮންމެއަކަސް ކޮންމެ އަހަރެއްގައިވެސް ޖުލައިމަހުގެ 26 އަންނަން ކައިރިވީމާ އިނާމުދޭނެ ފަރާތްތަކާ ދޭތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް ވިސްނަންޖެހޭ. ކަމަށް އެކަށީގެންވާ، ވަރަށް ބޮޑަށް އެކަށީގެންވާ ޤާބިލިއްޔަތު ހުރި ބޭފުޅުންގެ މަޖިލީހަކުން އިނާމުދޭނެ ފަރާތްތައް ނިންމަނީ. މިފަހަރު މިހޮވުނު ހުރިހާ ފަރާތެއްވެސް ފާސްވެފައި ވަނީ އަޅުގަނޑު މިދެންނެވި މަޖިލީހުގެ އިއްތިފާޤުން. ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވައިގެން މިއިނާމުތައް މިގޮތަށް ހަމަޖެއްސިފައި މިވަނީ. މަޖިލީހުގެ ފަރާތުން އިނާމު ޙައްޤުވާ ފަރާތްތަކާ ދޭތެރޭގައި ވިސްނާއިރު ވަރަށްބޮޑު ދަތިތަކެއް ކުރިމަތިވަމުންދޭ. އެއީ ވަރަށްގިނަ ރޮނގުތަކުން އިތުރު މަސައްކަތެއް ކުރެވިފައި ހުންނަތަން ފެންނަން ނޯންނާތީ. އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިރޭ މި އިނާމު އެރުވުނު ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަކީ ވަރަށް ގިނަ ޒަމާން ވަންދެން އެބޭފުޅެއްގެ ރޮނގުގައި ޚިދްމަތް ކުރައްވައިފައިވާ ފަރާތްތަކެއް. ރުއްގަސް އިންދެވުން. ނުވަތަ ދިވެހި ބޭސްވެރިކަން. ނިޔަމިކަން. މިޔުޒިކް. މިގޮތުން ބައެއް ކަންތައްތައް އެއީ 30 އަހަރު ވަންދެން، 40 އަހަރު ވަންދެން، 50 އަހަރު ވަންދެން އެބޭފުޅުން ކުރައްވައިފައިވާ ކަންތައްތަކެއް. އެހެންވީމާ، އެމަސައްކަތްތައް އެއީ ދަތިކަމެއްނެތި ފާހަގަކުރެވިގެންދާ ކަމެއް. އެކަމަކު ބައެއްކަހަލަ ކަންތައްތައް އެބަހުރި ފަހަކަށްއައިސް އޭގެ އުފެއްދުންތެރިކަން މާބޮޑަށް ނުފެންނަ ކަންތައް. އެކަންވަނީ ވަރަށްބޮޑު ދައްޗަކަށް.
 
އެހެންވީމާ، މިހާރު ސަރުކާރުން ގަސްދުކޮށްފައި ވަނީ، މިހާރު އިނާމު ދެވެމުންމިދާ ރޮނގުތައް އަދި އިތުރު ރޮނގުތައް ހުރި ކަމަށް ވަންޏާ، އެރޮނގުތަކަށްވެސް މިހާރުއްސުރެ ފަށައިގެން ކުރިއަށް އޮތް އަހަރު ތެރޭގައި ވިސްނަމުން ގެންދަން. އެއްވެސް ފަރާތަކުން މިރޮނގުތަކުންކުރެ ރޮނގެއްގައި ފާހަގަކުރެއްވޭ ކަހަލަ ޚިދްމަތެއް ކުރައްވަމުން ގެންދަވާ ކަމަށްވަންޏާ، އެޚިދްމަތެއް ސަރުކާރުގެ ފަރާތުން ނޯޓް ކުރަމުން ގެންދާގޮތަށް. ކުރިއަށް އޮތް އަހަރުގެ ތެރޭގައި މިގޮތަށް ސަރުކާރުން ޢަމަލު ކުރަމުން ގެންދާނެ. އެއީ އެރޮނގަކީ އަދަބީ ރޮނގު ކަމުގައިވިޔަސް، ތަޢުލީމީ ރޮނގު ކަމުގައިވިޔަސް، އިޤްތިޞާދީ ރޮނގު ކަމުގައިވިޔަސް، ދަނޑުވެރިކަމާބެހޭ ރޮނގު ނުވަތަ މަސްވެރިކަމުގެ ރޮނގު ކަމުގައިވިޔަސް، ނުވަތަ ކުރެހުންތެރިކަމާ މިބާވަތުގެ ކަންކަމުގެ ކޮންމެވެސް ވަރެއްގެ، ފުދޭވަރެއްގެ ލިސްޓެއް މަޖިލިސްގެ ކުރިފުޅުމަތީގައި އޮންނާނެ. އެލިސްޓަށް ބައްލަވައިގެން އެއަހަރުގެ ތެރޭގައި ކުރެވިފައިހުރި ޚިދްމަތްތަކަށް މިއަންނަ އަހަރުންފެށިގެން އިނާމުދޭން ފެށޭނެ. މިހާތަނާ ޖެހެންދެން އަޅުގަނޑުމެންނަށް އިނާމު ދެވިފައި މިހުރި ގިނަ ފަރާތްތަކަށް ވިސްނާއިރު، ވޭތުވެދިޔަ އެތައް އަހަރެއްގެ މައްޗަށް ބަލައިފައި، 20 އަހަރުގެ މައްޗަށް، 30 އަހަރުގެ މައްޗަށް، 40 އަހަރުގެ މައްޗަށް ބަލައިފައި. އެކަމަކު އަހަރަކު އެއްފަހަރުދޭ އިނާމަކަށްވަންޏާ، ވާންޖެހޭނެ ގޮތަކީ ކޮންމެ އަހަރަކު އެއްފަހަރު އެއަހަރެއްގެ ތެރޭގައި އެކުރެވުނު ޚިދްމަތަކަށް އިނާމުދޭ ގޮތަކަށް އޮތުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަހަރުން ފެށިގެން މިދެންނެވި ގޮތަށް ސަރުކާރުން މިކަންކަން ނޯޓްކުރަމުން ގެންދާނެ. އެހެންވީމާ، މިޚިދްމަތް ކުރައްވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުކުރާ އިލްތިމާސަކީ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކުރައްވާ ޚިދްމަތްތައް އިތުރުކުރެއްވުން. އެއީ ހަމައެކަނި އިނާމެއް ހޯއްދެވުމުގެ ބޭނުމެއްގައެއް ނޫން. އެއީވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށްމަތިވެރި ޝަރަފެއް. ދެންމެ މިތާނގައި ޢަބްދުﷲ ޢަލީ އެވިދާޅުވިފަދައިން، އެއީ މުޅި ޢުމުރަށް ދެމިހުންނާނެ ކަމެއް. އެހެންވީމާ، ހަމައެކަނި އެގޮތަކުންނެއްވެސް ނޫން. މުޖްތަމަޢަށް އެއިން ލިބޭނެ ފައިދާއަކަށްޓަކައި އެމަސައްކަތްތައް ކުރިއަށް ގެންދިޔުން އެއީ ވަރަށް ބޭނުންތެރި ކަމަކަށްވާތީ.
 
އާދެ، މިރޭ މިއިނާމުތައް ދެވުނު ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް ބޭފުޅުންވެސް ހިމެނޭ. އަމިއްލަ މަސައްކަތްކުރައްވާ ވަރަށްގިނަ ފަރާތްތައްވެސް ހިމެނޭ. ޒުވާނުންވެސް ހިމެނޭ. އަދި ތަންކޮޅެއް ދުވަސްވީ ބޭފުޅުންވެސް ހިމެނޭ. އެހެންވީމާ، މީގައި ބެލިފައި އޮންނަނީކީ ހަމައެކަނި އެއްވެސް ޙާލެއްގައި ވަކި ސަރުކާރުގައި އުޅޭ ފަރާތަކަށް ނޫން. މީގައި ބަލަނީ ޚިދްމަތުގެ އަގަށް. އެފަރާތަކުން އެކުރައްވާ ޚިދްމަތް އެއީ މުޖްތަމަޢަށް ފައިދާހުރި ޚިދްމަތަކަށްވޭތޯ ނުވަތަ ނޫންތޯ. އެޚިދްމަތް ކުރައްވާ ފަރާތް އެއީ އަދި ސަރުކާރުގެ ފަރާތަކަށްވިޔަސް ނުވަތަ މުޅިން އަމިއްލަ ފަރާތަކަށްވިޔަސް، މާލޭގެ މީހަކަށްވިޔަސް، ރާއްޖެތެރޭގެ މީހަކަށްވިޔަސް އެއްވެސް ތަފާތެއްނެތް. އެއްވެސް ފަރަޤެއްނެތް. ބަލާ އެއްޗަކީ ހަމައެކަނި ޚިދްމަތް.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމައިލެވެން އަންނަނީ، މިރޭގެ މިއިނާމު ދިން ފަރާތްތަކުގެ ތެރޭގައި އަންހެން ބޭފުޅުން މަދުކަމުން، އެކަމާ އަޅުގަނޑު ހިތާމަކުރާ ވާހަކަ ދަންނަވަމުން. އަޅުގަނޑު ދެންނެވި މަޖިލީހުގެ ފަރާތުން ވަރަށް ބޮޑަށް ވިސްނެވި، މިރޮނގުތަކުގެ ތެރޭގައި އިނާމު ދެއްވޭނެ އަންހެން ބޭފުޅުން ތިއްބެވިތޯ. އެހެން ނަމަވެސް އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އެފަދަ މަސައްކަތްތެރިން މަދުކަމުން ނުވަތަ މިރޮނގުތަކުގައި ފާހަގަކުރެވޭ ޚިދްމަތްތައް ފެންނަންހުރިލެއް މަދުކަމުން، އިތުރު އަންހެން ބޭފުޅަކަށް ދެވޭގޮތަކަށް ހަމަނުޖެހުނީ. މިހާރުގެ ސަރުކާރުގެ މަޤްޞަދެއް، އަންހެނުންނަށް ހިތްވަރުދިނުން. އަންހެނުންގެ މަސައްކަތް ތަރައްޤީ ކުރަމުން ގެންދިޔުން. ހުރިހާ ރޮނގެއްގައިވެސް އަންހެނުންނަށް އެހީތެރިވަމުން ގެންދިޔުން. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، މިއަންނަ އަހަރުގެ ލިސްޓުގައި މިއަހަރަށްވުރެ ގިނައަދަދަކަށް އަންހެން ބޭފުޅުންވެސް ހިމެނޭނެ ކަމަށް.
 
އާދެ، މިހާރުވެސް އަޅުގަނޑުގެ ވާހަކަ ވަރަށް ބޮޑަށް ދިގުވެގެން ހިނގައްޖެ. އެހެން ނަމަވެސް، ދުވަހުގެ ގޮތުންނާއި މުނާސަބަތުގެ ގޮތުން އަޅުގަނޑަށް ތަންކޮޅެއް ދިގުކޮށް ވާހަކަ ދެއްކުނީ. ކޮންމެއަކަސް ވާހަކަކޮޅު ނިންމައިލަމުން އަޅުގަނޑު އެދެނީ، މިނިވަންކަމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އިޙްސާސް ކުރުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން. މިނިވަންކަމުގެ މަސްއޫލިއްޔަތު އެއީ ކޮންއެއްޗެއްކަން އެނގުމާއެކުގައި މިނިވަންކަމުގެ ވާޖިބުތައް އަދާކުރުމުގެ ހެޔޮ ތައުފީޤުވެސް اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން. އަދި މިހުރިހާ ކަމެއްގެ އަޞްލު ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ ފައިތިލަ ވަރަށް ހަރުދަނާކަމާއެކުގައި ސާބިތުކުރުމުގެ ހެޔޮ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވުން.
 

                      والسّلام عليكم ورحمـة اللّـه وبركاته.